ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ށ. ފުނަދޫ ކަރަންޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ޢަމަލީ ގޮތުން ފަށްޓަވައިދެއްވައިފިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފުނަދޫ އިންޖީނުގެއަށް އިތުރުކުރެވޭ ބައިގެ ބިންގާ އަޅުއްވައި ދެއްވާފައެވެ.

މިކަމަށްޓަކައި ފުނަދޫ އިންޖީނުގޭ ސަރަހައްދުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ފުނަދޫއަށް ކަރަންޓްގެ ޚިދުމަތް ފޯރުވައިދިނުމަށްޓަކައި އެރަށުގެ ރައްޔިތުންނާއި ކައުންސިލަރުން ކޮށްދެއްވާފައިވާ ބޮޑެތި ޚިދުމަތްތައް ފާހަގަކުރައްވައި، އެފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފުކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން މިހާރު ގެންދަވަނީ، ޔޫޓިލިޓީ ކުންފުނިތައް ރޭވިފައިވާގޮތް މުރާޖަޢާ ކުރައްވަމުން ކަމުގައި ވިދާޅުވެ، އެކިއެކި ރަށްރަށުގައި އަމިއްލަ ގޮތުން ހިންގަމުން ގެންދާ އިންޖީނުގެތަކަށް، ކުރިއަށް އޮތް ތަނުގައި ދައުލަތުގެ ފަރާތުން އެހީތެރިކަމެއް ފޯރުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.