ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންވެސް ސިޔާސީ ކަންކަމުގެ ތެރެއަށް ވެދެވަޑައިނުގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ބޭފުޅުންނަށް، ރައީސުލްޖުމްހޫރިއްޔާ މިއިލްތިމާސް ކުރެއްވީ، އެމަނިކުފާނު މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ނަރުދުއަށް ވަޑައިގެން، ނަރުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ސުޕަވައިޒަރުންނާއި، ޓީޗަރުންނާއި އަދި ކިޔަވާ ކުދިންވެސް، ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަކީ، އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫނެވެ. އަދި ސްކޫލްތަކުގެ ވެރިންވެސް މަސައްކަތް ކުރައްވަންޖެހޭނީ، ކުދިންގެ މެދުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ޤައުމީ ލޯބި އިތުރުކުރުމަށް ކަމަށާއި، ހަމައެހެންމެ، އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރެއްވުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޅަދަރިން ބޮޑެތިވަމުން އަންނައިރު، އެކުދިންނަށް ނޭދެވޭ ކަންކަން ފެނުމަކީ، ވަރަށްދެރަ ކަމެއް ކަމަށާއި، ތަޢުލީމު ޙާޞިލު ކުރަމުންދާ ސްކޫލްގެ ތެރެއިންވެސް މިފަދަ ކަންކަން އެކުދިންނަށް ފެނިގެން ނުވާނެ ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ތަޢުލީމީ ދާއިރާގެ އިސްބޭފުޅުންގެ ޢަމަލުތައް ބަހައްޓަވާގޮތް އިރާދަކުރެއްވިއްޔާ އެމަނިކުފާނު ވަރަށް ގާތުން ބައްލަވަމުން ގެންދަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ނަރުދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ތަނެއްގައިވެސް އަމަންއަމާންކަމާއި ޞުލްޙަމަސްލަޙަތު ޤާއިމުވެފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ސިޔާސީ ސަބަބުތަކާހުރެ، އެއްވެސްކަހަލަ ހަމަނުޖެހުމެއް އުފެދިގެން ނުވާނެ ކަމަށާއި، އަޅުގަނޑުމެން އެންމެންވެސް މަސައްކަތް ކުރަމުންދާންވާނީ، އެއް ރޫޙެއްގައި ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނަރުދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު މެންދުރެއްހާއިރު މަރޮށްޓަށް ވަޑައިގެންފިއެވެ. މަރޮށީ ރައްޔިތުންނާ މިއަދު މެންދުރުފަހު ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.