ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން، ވަޒީރުންގެ މަޖިލީހަށް 7 ބޭފުޅަކު ޢައްޔަން ކުރައްވައި، އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ. އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު 11.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި ބޭފުޅުންނާއި، އެބޭފުޅުން ހަމަޖެއްސެވި މަގާމުތައް މިދަންނަވަނީއެވެ.

- އެޓަރނީޖެނެރަލް ކަމަށް، މާފަންނު އާސްތާނާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު.
- މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ކަމަށް، ހެންވޭރު ވެހެލި ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު.
- މިނިސްޓަރ އޮފް އެޑިޔުކޭޝަން ކަމަށް، ގަލޮޅު ވިލާޑިލައިޓް ޑޮކްޓަރ ޢާޞިމް އަޙްމަދު.
- މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކަމަށް، ގަލޮޅު އުފާ އަލްފާޟިލް އަޙްމަދު މުޙަންމަދު.
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް، ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ މާވެޔޮދޮށުގޭ ޑޮކްޓަރ އަޙްމަދު ޝަމްހީދު.
- މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސް ކަމަށް، މާފަންނު ކޮތަންމާގޭ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް.
- މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ކަމަށް، ހެންވޭރު ސާމަރާ އަލްފާޟިލް އަޙްމަދު އަދީބް ޢަބްދުލްޣަފޫރު.

މިބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށްފަހު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ވަޒީރުންގެ މަޖިލީހަށް މިއަދު ޢައްޔަން ކުރެއްވި ބޭފުޅުންނަކީ، ދިވެހި ޤައުމަށް ވަރަށް ފުރިހަމަ، ވަރަށް އަގުހުރި ޚިދްމަތްތަކެއް ކޮށްދެއްވިދާނެ، ޤާބިލިއްޔަތާއި ތަޢުލީމު ހުރި ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއީ މުޅި މި ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއެރުވުމަށްޓަކައި ކުރައްވާ މަސައްކަތުގެ ތެރެއިން އެކުލަވައިލެއްވި މަޖިލީހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ވަޒީރުންގެ މަޖިލީސް އެކުލަވައިލެއްވުމުގައި، އެކިއެކި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ޚާއްޞަކޮށް، އެ ޕާޓީތަކުގެ ވެރިންނާ ވަރަށް ފުރިހަމައަށް މަޝްވަރާ ކުރައްވާފައިވާނޭ ކަމަށާއި، އެބޭފުޅުންގެ އޯގާތެރި، ހިތްހެޔޮ އެހީތެރިކަން ލިބިވަޑައިނުގެންނެވިނަމަ، މިމަސައްކަތް ނުކުރެއްވުނީސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރު މި އުފެދެނީ، ޤައުމުގައި ޞުލްޙަމަސްލަޙަތު ޤާއިމްކޮށް، އެކުވެރިކަން ބަދަހިކޮށް، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ޤައުމު ކުރިއަރުވައި، ޤައުމުގެ ސިޔާސީ މަސްރަޙުގައި އުފެދިފައިވާ ފުން ވަޅުގަނޑުތަކުން ސަލާމަތްވެ، ސިޔާސީ މަސްރަޙަކީ، އޮމާން ތަނެއް ކަމުގައިވެ، ޤައުމަށް ކުރިއެރުން ގެނައުމަށްޓަކައި ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއްޕާޓީ ކަމަށްވާ، އެމް.ޑީ.ޕީ.ގެ ބައިވެރިވުން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ޤައުމުގައި ޞުލްޙަ ޤާއިމްކޮށް، ޤައުމު ވެއްޓިފައިވާ ބޮޑު، އިޤްތިޞާދީ އަދި ސިޔާސީ ވަޅުގަނޑުން ޤައުމު ނަގައިގެން، އަޅުގަނޑުމެންގެ ދަރިންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދޭން މިއަދު ވަނީ ބޭނުންވެފައެވެ. މި މަޤްޞަދުގައި މަސައްކަތް ކުރުމަށް އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލައިގެން މިތިބީ، ސާބިތުކަމާ އެކީގައެވެ.

މިއަދު ޢައްޔަން ކުރެއްވި ވަޒީރުންނާ، ރައީސުލްޖުމްހޫރިއްޔާ މުޚާޠަބު ކުރައްވަމުން، ވީހާވެސް އިޚްލާޞްތެރިކަމާ އެކީގައި، ހިންމަތާ އެކީގައި، އެބޭފުޅެއްގެ ދާއިރާގެ ކަންތައްތައް ކުރިއަށް ގެންގޮސްދެއްވުމަށާއި، އެ ދާއިރާތަކަށް ކުރިމަތިވެފައިވާ މައްސަލަތައް އަވަހަށް ޙައްލު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށާއި، ޤާނޫނުއަސާސީއަށް ފުރިހަމައަށް ޙުރްމަތްތެރިކޮށް ހިއްތެވުމަށް ރައީސުލްޖުމްހޫރިއްޔާ ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.

މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ހުވާގެ އިޤްރާރުގައި އެބޭފުޅުން ސޮއިކުރެއްވިއެވެ.