بســم اللّـه الرّحمـن الرّحيــم

މިނިސްޓަރ އޮފް ހޯމްއެފެއާޒް އަދި އެމިނިސްޓްރީގެ އެންމެ ބޭފުޅުންނާއި، ދެވަނަ ފުރްޞަތު ޕްރޮގްރާމްގެ ކޯޑިނޭޓަރުންނާއި، ޕްރޮގްރާމް ހިންގާ އެންމެހާ ބޭފުޅުންނާއި އަދި ވަކިން ޚާއްޞަކޮށް، މިއަދުގެ މި މަޢުރަޒު އަޅުގަނޑުމެންނަށް ހުށަހަޅައިދޭ ޤައިދީންނާއި އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّـلام عليـكم

އާދެ! ކުޑަކުޑަ މަޢްލޫމާތެއް، އަޅުގަނޑުވެސް ތިޔަބޭފުޅުންނަށް އަރުވަން އެބަޖެހޭ، މި ޕްރޮގްރާމަށް ވެގެންދިޔަ ގޮތަކާ ގުޅޭގޮތުން. ނަޢީމް ދުރުވަނިކޮށް، ވަރަށްބޮޑު އެކްސިޑެންޓެއްވެ، ނަޢީމް ވަރަށް ބޮޑަށް ވޭނުގައި ހުންނެވީ. އެހެންވީމާ، ވާހަކަ ނުދެއްކެވިގެން، އެ އައިޓަމް ނަޢީމް ދޫކޮށްލެއްވީ. އެހެންވީމާ، އަޅުގަނޑު ހުރީ ތިޔަބޭފުޅުންނަށް ހަމަ އެ މަޢްލޫމާތު އަރުވާނަމޭ ހިތަށްއެރީ. އެހެން ނަމަވެސް، ނަޢީމް އެބަހުންނެވި ހަމަ ވަރުގަދަކޮށް އިނގޭތޯ.

އަޅުގަނޑު ދައްކާން ހުރި ވަރަށްގިނަ ވާހަކަ، ދެންމެގެ ވީޑިއޯ ކްލިޕްގައި ތިޔަބޭފުޅުންނަށް ފެނިގެން އެދިޔައީ. ޖަލަށް ޙުކުމް ކުރެވޭ މީހުނަކީ އަލުން އަނބުރާ މުޖްތަމަޢަށް އެމީހުންގެ ކުށްތަކުންނާއި އަދި އެފަދަ ޢަމަލުތަކުން ސަލާމަތް ކުރެވި، ބަދަލުކުރެވިގެން ގެނެވޭނެ މީހުންނަށް ހެދުމަކީ، ކޮންމެ މުޖްތަމަޢަކުންވެސް ނުހަނު މަސައްކަތް ކުރަންޖެހޭނެ ކަމެއް. ޙަޤީޤަތުގައި ޤައުމެއްގެ ސީދާ ފޭރާމެއް ފެނިގެން އަޅުގަނޑަށް ފެންނަ ތަނުގައިދާ އެއްކަމަކީ، އެ ޤައުމެއްގެ، އެ ސަރުކާރެއްގެ، އެ ރަށެއްގެ، އެ ރައްޔިތެއްގެ ތެރޭގައި، ކުށްވެރިންނާ ގުޅޭގޮތުން ޢަމަލުކުރާ ގޮތްތައް. އަޅުގަނޑުމެންގެ ލޯމައްޗަށް ފެންނާން ނެތް އަދި ނުތިބޭ މީހުންނާ ގުޅޭގޮތުން އަޅުގަނޑުމެން ގެންގުޅޭ އުޞޫލުތަކާއި ހަމަތައް.

ދެންމެ ތިޔަބޭފުޅުންނަށް ފެނިގެންދިޔަ އެ ވީޑިއޯ ކްލިޕުންވެސް ސާފުވާނެ ފަދައިން، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ޖަލުތަކުގައި އައީ ޤައިދީންނަށް ނުހަނު އަނިޔާ ކުރެވެމުން. އެ އަނިޔާތައް ދެމުން އައީކީއެއް އެއްވެސް ހާލެއްގައި ކުށްވެރިން ކުރާ ކުށަކާ ގުޅިގެނެއް ނޫން. އަދި އެ ކުށުގެ ޙައްޤު އަދަބުގެ ގޮތުގައެއްވެސް ނޫން. އަނިޔާ ކުރުމުގެ އެންމެބޮޑު ބޭނުމަކީ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން. ސަރުކާރާ ގުޅޭގޮތުން ފާޑު ކިޔުމާއި އަދި ސިޔާސީ އެއްވިސްނުމެއް ވިސްނައި، އެފަދަ ފިކުރެއްކޮށް، ވެރިކަމަށް ކުޑަވެސް ލޮޅުމެއްއަރާފާނެ ކަމެއް މީހެއްގެ ހިތުގައި ނުވަތަ މީހެއްގެ ޢަމަލަކުންވެސް، އިޝާރާތަކުންވެސް ފެނުނަ ނުދިނުން. އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަށް އަނިޔާކުރީކީއެއް އަދި ކުރަނީކީއެއް އޭރުގައި އަޅުގަނޑަށް އަނިޔާ ކުރުމުގެ ނިޔަތެއްގައެއް ނޫން. އޭގެ ބޭނުމަކީ، އަޅުގަނޑު ކަހަލަ، އަޅުގަނޑުމެން ކަހަލަ އެހެން އެންމެނަށް ފިލާވަޅެއް ދިނުން.

ޖަލު، ރާއްޖޭގައި ރަނގަޅު ކުރެވޭން ފެށުނީ، ވެރިކަމުގެ ނިޒާމު ބަދަލުކުރެވުނީތީ. ޑިމޮކްރަސީ މި ރާއްޖެއަށް ތަޢާރުފް ކުރެވުނީތީވެ. ޤާނޫނުއަސާސީ އިޞްލާޙު ކުރެވުނީތީވެ. މިއަދު އަޅުގަނޑުމެން ޢަމަލުކުރަމުންމިދާ ޤާނޫނުއަސާސީ އިޞްލާޙު ކުރަން ދިމާވި އެންމެބޮޑު ސަބަބަކީ ގާމާދޫ ޖަލުގައި ހިނގި އީވާން ނަސީމް މަރާލުމުގެ ޙާދިޘާ. އެއަށްފަހު، އެ ޖަލުގަޔާއި އަދި މާލޭގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ދިވެހިންގެ ހިތްތަކުގައި ވަރަށް ވަރުގަދަ ރޫޙެއް އުފެދިގެންދިޔަ، އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުން. ޤާނޫނުއަސާސީ އުފެދިގެން އައީ، ޤާނޫނުއަސާސީ އެކުލަވައިލެވުނީ، މިދެންނެވި ޙާދިޘާއަށްފަހުގައި ދެން ހިނގައިގަތް ކަންތައްތަކުގެ ތެރެއިން. އެންމެ މުހިންމު ގޮތެއްގައި ޤާނޫނުއަސާސީ އުފެދިގެން އައި އަނެއް ސަބަބަކަށް އަޅުގަނޑުމެންނަށް އަބަދުވެސް ފާހަގަވެފައި އޮތީ، ސިޔާސީ ޕާޓީ ހެދުމަށް ޖާގަ ނުދިނުމަށްޓަކައި. އެއީ ޙުއްޖަތެއްގެ ގޮތުގައި ސިޔާސީ ޕާޓީ ރާއްޖޭގައި އުފެއްދުމަކަށް، ރާއްޖޭގެ ޤާނޫނުއަސާސީ ޖާގައެއްނުދޭ. އެހެންވީމާ، ޤާނޫނުއަސާސީ އިޞްލާޙުވީމައޭ، ސިޔާސީ ޕާޓީ އުފެއްދޭނީ. އެވާހަކަ އެގޮތަށް ދައްކަމުން ގެންދިޔުމަށްޓަކައި. އެހެން ނަމަވެސް، ކަންތައްތައް ދިމާކުރިގޮތުން، ޤާނޫނުއަސާސީ ހެދުން މިފަހަރު 17 އަހަރަށް ދެމިގެން ނުދާނެކަހަލަ ގޮތަކަށް، އެމަސައްކަތް ފެށިގޮތަށް ގެންގޮސް ވަރަށް ޖޯޝާއެކީގައި އެމަސައްކަތް ނިންމުނު.

އަޅުގަނޑުމެންނަށް މިރޭ މިކަހަލަ މާޙައުލެއްގައި، ޤައިދީންނާ އެކުގައި މި ޙަފްލާ މިބޭއްވެނީ، ސިޔާސީ ޕާޓީއެއް މި ރާއްޖޭގައި އުފެދުނީތީވެ. ވެރިކަން ކުރުމުގައި، ފާޑުކިޔުމާއި އަދި ދެފުށް ފެންނަ ގޮތަށް ކަންތައްތައް ކުރުމަށް އަޅުގަނޑުމެންނަށް މަޖުބޫރުވާތީ. އަދި އަޅުގަނޑުމެން މި ޤަބޫލުކުރާ އުޞޫލުތައް، އެގޮތަށް ކަނޑައެޅިފައި އޮތީތީވެ. އަޅުގަނޑުމެން ޢަމަލު ކުރަމުން ގެންދާން ޖެހޭނީ، ހުރިހާ ފަރާތަކަށްވެސް ލާއިންސާނީ އެއްވެސް ކަމެއް އަދި އެފަދަ އެއްވެސް އަނިޔާއެއް، އެއްވެސް ރައްޔިތަކަށް ނުލިބޭ ގޮތަށް. ރާއްޖޭގެ ޤާނޫނުތައް، އެއްވެސްއިރެއްގައި ހުއްދައެއް ނުކުރޭ، ދެންމެ މިތަނުގައި އަޅުގަނޑުމެންނަށް އަޑުއިވިގެންދިޔަ އަދަބުތައް ނުވަތަ އަނިޔާތައް ރައްޔިތުންނަށް ދިނުމަކަށެއް. މި ޤާނޫނުއަސާސީވެސް އަދި އޭގެ ކުރީގައި އޮތް މޫންލައިޓް ޤާނޫނުއަސާސީވެސް އަދި އެހެން ޤާނޫނުއަސާސީއެއްވެސް، ރާއްޖޭގައި 1932 ވަނަ އަހަރުއްސުރެ ފެށިގެން އެކުލަވައިލެވުނު އެއްވެސް ޤާނޫނުއަސާސީއެއް ޖާގައެއްނުދޭ، ރައްޔިތުންނަށް އަނިޔާކުރާކަށް. އިސްލާމްދީނެއް ޖާގައެއްނުދޭ، ރައްޔިތުންނަކަށް ނުޙައްޤު އަނިޔާކުރާކަށް.

އެހެންވީމާ، އަޅުގަނޑުމެންނަށް މިއަދު މި ޖަލުތަކުގެ ކަންކަން ރަނގަޅަށް ހުރުމަށް މިޞްރާބު މިޖެހެނީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ޤާނޫނުއަސާސީގެ އިޞްލާޙު އަދި ޤާނޫނެއް ވަކިން ޚާއްޞަކޮށް ދިޔުމުގެ ސަބަބުންނެއް ނޫން. ސިޔާސީ ޕާޓީތައްވެސް އެކުލެވުނީތީވެ. އަދި ކަން ދިމާކުރިގޮތުން، އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީ އުފެއްދިފައި އޮތީ، އަނިޔާއާ އިދިކޮޅުގެ ރޫޙުގައި ކަމަށްވާތީވެ، އެ ޕާޓީގެ އެންމެ މައިގަނޑު ފަލްސަފާއަކީ، އެ ޕާޓީ ހިތުގެ އަޑީން، ހުރިހާ މެންބަރުންގެ ތެރޭގައި އެއް ވިންދަކަށް، އެއް ރާގަކަށް ގަބޫލުކުރާ އެންމެ މުހިންމު އެއް އުޞޫލަކީ، ލާ އިންސާނީ އަނިޔާ ރައްޔިތުންނަށް ނުދިނުން.

އަޅުގަނޑު މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އަދިވެސް ސާފު، ޔަޤީން، ޖަލުތަކުގައި ވާން ނުވާ ކިތަންމެ ކަމެއްވާނެ. ހިނގައިގެން ނުވާނެ ކިތަންމެ ކަމެއް ހިނގާނެ. އެހުރިހާ ކަމެއް ގާތުން ބަލައި ހެދުމަކީ ބޭނުންތެރިކަމެއް. އެހެންނަމަވެސް، މިއަދު ޖަލު ބެލެހެއްޓުމާ ޙަވާލުވެ ހުންނެވި ބޭފުޅާ، އަޅުގަނޑުމެންގެ ސްޓޭޓް މިނިސްޓަރ ނަޢީމް އެކުރައްވާ މަސައްކަތްޕުޅުތަކަށް ނުހަނު ޝުކުރު ދަންނަވަން. އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީއިރުގައި، ވަރަށްބޮޑު ބިރުވެރިކަމެއްގެ ގޮތުގައި ޖަލު ފެނިފައި އޮތީ. މާދަމާވެސް މުޅި ޖަލު ރޯކޮށްލައި، ޖަލުގެ ހުރިހާ އެންމެން މިހެން ހަދާ، އެހެން ހަދާ، އެތައް އެތައް ގޮތެއް ހަދާފާނެ ކަމުގެ ކިތަންމެ ވާހަކަތަކަކާއި އަދި އެބާވަތުގެ އެކިއެކި ރިޕޯޓްތަކާ އެކުގައި ސަރުކާރު، 2008 ވަނަ އަހަރުވެސް އަދި 2009 ވަނަ އަހަރުވެސް ހިނގަމުން އައީ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އެންމެ ފުރަތަމަ ހޯމް މިނިސްޓަރު ކަންބޮޑުވެލައްވައިގެން އުޅުއްވީ، އޭގެ އަނެއް ދުވަހު ޖަލު ރޯކޮށްލައި، މުޅި މާލެވެސް ޖަލު މީހުން އައިސް އަންދާލަފާނެތީ.

އަޅުގަނޑު އަބަދުވެސް ދަންނަވަން، އަޅުގަނޑުވެސް ދަންނަ ތަނެކޭ ތިއީ، އަޅުގަނޑުމެންނަށް އެ ޖަލު މީހުންގެ ކަންކަން ބަދަލުކުރެވޭނެއޭ، ބެލެހެއްޓޭނެއޭ. މިކަމާ އަޅުގަނޑުމެން ކަންބޮޑުވެގެން ހަދާނެގޮތެއް ނެތިގެން، ހޭހުސްވެ އުޅޭކަށް ނުވާނެއޭ. ކުއްލިއަކަށް އެއްވެސް ކަމެއް ޙަޤީޤަތުގައި ޖަލާ ގުޅޭގޮތަކުންނެއް، 2008 ވަނަ އަހަރަކުވެސް ސަރުކާރަކަށް ނުކުރެވުނު. 2009 ވަނަ އަހަރުވެސް ސަރުކާރަކަށް ރަނގަޅު ހެޔޮ މަސައްކަތެއް ޖަލާ ގުޅޭގޮތަކުން ނުކުރެވުނު. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ޖާގަ ލިބުނު އެންމެ ފުރަތަމަ ފުރްޞަތުގައި، އެއީ ބަޖެޓްގެ ޖާގަވެސް އަދި ސިޔާސީ ގޮތުން ސަރުކާރަށް މި ލިބިފައިވާ، މިހާރު ލިބިފައިވާ އަޣްލަބިއްޔަތާއި އިތުބާރު ބޮޑުވަމުން ދިޔުމުގެ ސަބަބުން، ސަރުކާރަށް ފަސޭހަވީ މިހާރު މިހިންގާ ސިޔާސަތުތައް ހިންގާން ފެށުމަށް.

އަޅުގަނޑުމެންނަށް މިހާރު މިވަނީ ޤާނޫނީ ހަމަ ވަރަށް ރަނގަޅަށް، މި ދެވަނަ ފުރްޞަތުގެ އުޞޫލުތަކުގެ ތެރެއަށް ގެނެވިފައި. ދެވަނަ ފުރްޞަތުގެ ތެރޭގައި ޑްރަގްގެ ކުދިންގެ އިތުރުން އަދި އިތުރު އެހެން ޖަލުގޭގައި އުޅޭ މީހުންވެސް ހިމެނޭ. އެހެން ނަމަވެސް، ޖަލުގައި ތިބި ގިނަ މީހުންނަކީ ޑްރަގްގެ ކަންކަމާ ގުޅިގެން ޖަލަށްލެވިފައި ތިބި މީހުން. އެމީހުން ފިޔަވައި އެހެން މީސްމީހުންނަށް ދެވަނަ ފުރްޞަތު ހިންގުން އެއީ، ކޮންމެހެން ބޭނުންތެރިކަމެއް. އެހެންވީމާ، ދެވަނަ ފުރްޞަތު ނުހުއްޓި ކުރިއަށްދާނެ. ދެވަނަ ފުރްޞަތުގެ ތެރޭގައި ހިމެނޭ ޑްރަގާ ގުޅޭ މަސައްކަތްތައް މިހާރު އަލަށް އެކުލެވިފައި އޮތް ޑްރަގާ ގުޅޭ ޤާނޫނުގެ ތެރެއިން ރަނގަޅަށް އިރާދަކުރެއްވިއްޔާ ހިނގަމުން ގެންދެވޭނެ.

މިތަނުގައި މިއަދު ފެންނާން މިހުރި އެއްޗިއްސަކީ، ފޫހި ކަށީގައި ހިފައިގެން ގޮސް ހަދާފައި ހުރި އެއްޗެހި. އަޅުގަނޑުމެން ޖަލަށްލާ އެކަކީވެސް އުފަލުގައި އުޅޭ މީހެއް ނޫން. އަދި އެތަނުގައި ހުންނަ ހިތުން ހުންނަ މީހެއްވެސް ނޫން. ހުންނަން ބޭނުންވާ މީހެއްވެސް ނޫން. ދެން އަބަދުވެސް އެދޭނެ، އަޅުގަނޑަށް ޔަޤީން، ހުރިހާ ޤައިދީންވެސް، ވީހާވެސް އަވަހަކަށް ޢާއިލާއާ އެކީގައި އުޅެވޭނެ ގޮތެއްވާން. އުޅެވޭއިރަށް، އުޅެވޭނެ އިރާދަކުރެއްވިއްޔާ. އުޅެވޭއިރަށް އުޅެވޭނެ ގޮތެއް ހޯދައިދިނުމަކީ، އަޅުގަނޑަށް ފެންނަ ގޮތުގައި، ސަރުކާރުގެ ވާޖިބެއް.

މި މަޢުރަޒު ހުށަހަޅައިދެނީ، ޖަލުގޭގެ ތިބި މީހުންނަށް ރަނގަޅު ދިރިއުޅުމެއް ހޯދިދާނެކަން. އެމީހުންނަށް އަލުން އަނބުރާ އައިސް ޢާންމު މުޖްތަމަޢަށް އަޅުގަނޑުމެންނާ އެކުގައި އުޅެވިދާނެކަން.

އަޅުގަނޑު މިތަކެތި ހަދާފައިވާ ހުރިހާ ފަރާތްތަކަށް ނުހަނު މަރްޙަބާ ކިޔަން ބޭނުން. އަދި އަޅުގަނޑު ދަންނަވަން ބޭނުން، މި އަންނަ މަޢުރަޒެއްގައި މި ހައްދަވާ އަތްތެރިކަމުގެ އެއްޗެހި ކޮންމެހެން ހަދަންޖެހޭބާއޭ ހަމައެކަނި މިބާވަތުގެ ކަންކަން. އެ މަޢުރަޒަކަށް ފުދޭނެ ކިތަންމެ ކިތަންމެ ވިސްނުމެއް ނެރެވިދާނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް އެދެން، ދެން އެހެން ވިސްނުންވެސް ނެރެގެން މިކަން ގަވާއިދުން ކުރިއަށްދާނެ ގޮތެއް ހޯދުން. އެހެން ނަމަވެސް، އެންމެ ބޮޑަށް އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންނަށް ޖަލުން ނުކުމެވޭނެ ގޮތެއް ހޯދުން. އަދި ޖަލުން ނުކުމެ، ޢާއިލާއާ އެކީގައި ރަނގަޅަށް އުޅެވޭނެ ގޮތެއް ހޯދުން.

ރަނގަޅަށް އުޅުމަކީ ދަންނަވަންތޯ، އަޅުގަނޑަކަށް ނުފެނޭ އެއްވެސް ކޮޅަކަށް ގޮސް ހައްދުފަހަނަޅައެޅުން ކަމަކަށް. އެއީއަކީއެއް އަދި މާބޮޑު ރަނގަޅެއް ނޫން. ރަނގަޅަކީ ހަމަ، ހަމަ ބުއްދީގައި ރަނގަޅަށް، ކޮންމެހެންނުޖެހޭ ކުރީގައި ނެތް މީހާއަށް އަދި މާދަމާވާކަށް. ހަމަ ވަތް މީހާވެސް ރަނގަޅު. އޭނާގެ ޢަމަލުތަކުގެ ތެރޭގައި ހުރި ބައެއް ނޭއްގާނި، ނޭދެވޭ ކަމެއްހުރި. އެހެންނަމަވެސް، އޭނާއެއް ނުޖެހޭ ބަދަލުވާކަށް އެހާބޮޑަކަށް. އޭނާގެ ކިބައިގައި ހުރި ބައެއް ކަންކަން ބަދަލުކޮށްލައިގެން ނުކުމެ އާދައިގެ މީހެއްގެ ގޮތުގައި އުޅެލަންވީ އިނގޭތޯ. އެއްވެސް ގޮތަކަށް ގޮސް ގެއްލި ދިޔުމަކީ، އަޅުގަނޑަކަށް ނުފެނޭ ރަނގަޅުވުން ކަމަކަށެއް.

އަޅުގަނޑު ހުރިހާ ޤައިދީންނަށްވެސް މަރްޙަބާ ކިޔަން. އަޅުގަނޑު ޖަލުގޭގެ ހުރިހާ އެންމެންނަށްވެސް ހެޔޮއެދުން ފޮނުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم