بســماللّـهالرّحمـنالرّحيــم

السّـلام عليـكم
 
މިއަދު އަޅުގަނޑުމެން ތިޔަބޭފުޅުންނާ މި ބައްދަލުވަނީ، އެނގިވަޑައިގަންނަވާނެ، މި ރާއްޖޭގައި އުފެދުނު، މި ރާއްޖޭގައި ފަށައިގަނެވުނު އެންމެ ފުރަތަމަ ޓުއަރިސްޓް ރިޒޯޓުން، ކުރުނބާ ވިލެޖުން. ވިހަމަނާފުށްޓަކީ، ރާއްޖޭގެ ޓުއަރިޒަމްގެ ފެށުން ފާހަގަވެގެން އައި ރިޒޯޓް. އަދި އަޅުގަނޑުމެން ރާއްޖޭގައި މިއަދު މި އުޅެމުން މިގެންދާ ދިރިއުޅުން، އަޅުގަނޑުމެންނަށް އުޅެވެމުން މިގެންދަނީ، އަޅުގަނޑު ފާހަގަކުރަން ތަކުރާރުކޮށް ބޭނުން، މި ޞިނާޢަތް ފުރިހަމަކޮށް، ތަރައްޤީކޮށް، އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެ ރައްޔިތުންނަށް، މި ޞިނާޢަތުގެ ފައިދާ ފޯރުކޮށްދެވޭނޭ އިންތިޒާމްތަކެއް ރޭވިފައި އޮތީތީވެ.
 
މިދެންނެވި ޞިނާޢަތް، ޓުއަރިޒަމަކީ، ހަރުކަށި އުޞޫލުތަކާއި، ހައްދުފަހަނައެޅި ގޮތްތަކުން އެއްކިބާވެގެން ނޫނިއްޔާ، މި ރާއްޖޭގައި ދިރުވެން ނެތް ޞިނާޢަތެއްކަން،  މި ޞިނާޢަތުގެ ހުރިހާ މާހިރުންވެސް އަދި އަޅުގަނޑަށް ޔަޤީން، ރާއްޖޭގެ އެންމެ ރައްޔިތުންވެސް ޤަބޫލު ކުރާނެ، ދެކޭނެ. ހަރުކަށި އުޞޫލުތަކާއި އަދި އެ އުޞޫލުތައް މި ރާއްޖޭގައި ޤާއިމް ކުރުމަށް ގޮވާލާ ގޮވާލުންތަކާއި، އެކަމުގައި އުފުލޭ އަޑު، މުޅި ދުނިޔެއަށް އިވިގެންދާނީ، އަޅުގަނޑުމެން އަބަދުވެސް އެދޭހާ މިންވަރަކަށެއް ނޫން. އެދޭ ގޮތަކަށެއް ނޫން.
 
މަސާޖް ޕާލާއެއް ބަންދުކުރަން ގޮވީމާ އެއީ، ތުރާކުނުގައި ހުރި ތަނެއްތޯ ނުވަތަ މާލޭގައި ހުރި ތަނެއްތޯ ނުވަތަ ހަތްތަރީގެ މުޅި ދުނިޔެއަށް މަޝްހޫރު މި ރާއްޖެ، ސްޕާ ކެޕިޓަލް، މިތަނުގެ ކޮންތާކު ހުރި ތަނެއްތޯއެއް، ރާއްޖެއަށް އަންނަ ފަތުރުވެރިޔާއެއް ނުއެއްބަލާނެ. ފެތުރިގެންދާނީ، މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް، މިދެންނެވި ގޮވާލުންތަކަށް އަސަރުކުރާ އުޞޫލުން އަސަރުކުރާ ގޮތަށް.
 
ވަކި ޤައުމެއްގެ ރައްޔިތުންނަކީ، ވަކިބަޔަކީ، މި ރާއްޖެއަށް ނާދެވޭނެ ބައެއްގެ ގޮތުގައި، ވަކި އެއަރލައިނަކީ މި ރާއްޖެއަށް ނުޖެއްސޭނެ އެއަރލައިނެއްގެ ގޮތުގައި ފާހަގަކުރަން ފަށައިފިނަމަ، އަޅުގަނޑުމެންގެ ހަނި ވިސްނުމާއި، މި ރާއްޖޭގައި ކަންކަމަށް، މި ރާއްޖޭގެ އުޞޫލުތައް ޖާގަނުދޭ މިންވަރު ކަމަށް، ބޭރުގެ ފަރާތްތަކުން ދެކޭނެކަމީ، މިއަދުގެ ދުނިޔޭގެ ވަރަށް ސާފު ޙަޤީޤަތެއް. އަޞްލު މިހެންވީއިރު، އަޅުގަނޑުމެންނަށް، 23 ޑިސެމްބަރ ވަނަ ދުވަހު ފެނިގެންދިޔައީ، ވަރަށް ބޮޑަށް، އަޅުގަނޑަށް ދެންނެވޭނީ، އަޅުގަނޑުމެންގެ ޢާންމު އުޞޫލުތަކާ ޚިލާފު ގޮތްގޮތަށް ދީނުގެ ފަތުވާ ނެރެމުން އަންނަ ޖަމާޢަތްތަކާއި އަދި އެ ޖަމާޢަތްތަކާ އެކުވެގެން، ގިނަ ޢަދަދެއްގެ މައި ސިޔާސީ ޕާޓީތަކާއެކުގައި، އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި މާލޭގައި ކުރެވުނު މުޒާހަރާ.
 
ސިޔާސީ ބޭނުމަކަށް ދީން އެއަށްވުރެ ބޮޑަށް ބޭނުންކުރިތަނެއް އަޅުގަނޑު ހިތުން މި ރާއްޖޭގެ ރައްޔިތުންނެއް ނުދެކޭނެ. އޭގެ ސަބަބުން، އަޅުގަނޑުމެންނަށް ލިބުނު ގެއްލުން ނުހަނު ބޮޑު. އަޅުގަނޑުމެންނަށް ސާފުވެގެންދިޔައީ، ބަޔަކު އަޑުއުފުލަމުން މިގެންދަނީ، ޒަމާނުއްސުރެ ފެށިގެން އަޅުގަނޑުމެން މި ރާއްޖޭގައި އިސްލާމްދީން ދެކެމުން އައި އުޞޫލުތަކާއި ގޮތްތައް ދޫކޮށް، މުޅިން އެހެން ގޮތްތަކެއްގައި އެކަން ދެކުމަށް އެދިގެންކަން. އެހެންވެ، ސަރުކާރުން އަދި އަޅުގަނޑު ނިސްބަތްވާ ސިޔާސީ ޕާޓީން އަޅުގަނޑުމެން އެދެނީ، މެދުމިނުގެ ސިޔާސަތުތަކެއް ކަމަށް، ތަކުރާރުކޮށް އަޑު އުފުލަމުން އަޅުގަނޑުމެންވެސް އެދުވަހު އެއްވީމު. އެއަށްފަހުގައި، އެހެންނަމަވެސް، ސަރުކާރުގެ މައްޗަށް، އެއްވި ވަރަށްގިނަ ޢަދަދެއްގެ ފަރާތްތަކުން ލާޒިމް ކުރަމުން އައީ، އަދި ގޮވާލަމުން އައީ، ސަރުކާރަށް އެ ގޮވާލާ ގޮވާލުންތައް، ސަރުކާރުން   އެ ގޮވާލުންތަކަށް އިޖާބަ ދިނުމުގެ ގޮތުންނާއި އަދި އެކަންކަމާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުންނަށް ކަން އޮތްގޮތް ސާފުކޮށްދިނުމުގެ ނިޔަތުގައިވެސްމެ އެކުގައި، ސަރުކާރުން ނިންމީ، ސްޕާތައް ހިންގާ ހިންގުމަށް ހުއްޓުމެއް ގެނައުމަށް. އަދި އެތަންތަން ބަލައި، އެތަންތަން ހިނގާ ގޮތްތަކަކީ ކޮބައިތޯ ދެނެގަނެ، އެއަށްފަހު އެތަންތަން ހުޅުވުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް.
 
ހަމައެއާއެކުގައި ސަރުކާރުން ބޭނުންވީ، ރާއްޖޭގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި އެވާ އުޞޫލުތަކަކީ ކޮބައިތޯ އެބަ ދެނެގަންނަންޖެހޭ ކަމަށް. އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނޭ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީ މިބުނަނީ، އަޅުގަނޑުމެންގެ ކަންތައްތައް ހިންގާން މިޖެހެނީ. އެހެންވީމާ، އެ އުޞޫލުތަކަކީ ކޮބައިތޯ ދެނެގަތުމަށް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަންޖެހޭ. ސުޕްރީމް ކޯޓަށް ސަރުކާރުންވާނީ، އެ އުޞޫލުތައް ސާފުކޮށްދެއްވުމަށް އެދި މައްސަލައެއް ހުށަހަޅާފައި. ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާއި، އޫރުމަހާއި، އޫރުމަހުން އުފައްދާ ތަކެއްޗާއި އަދި ޣައިރު މުސްލިމުން އެދޭ ބައެއް ޚިދްމަތްތައް އެއީ މިސާލަކަށް، ކެސީނޯގެ ޚިދްމަތް އަދި އެހެން ނޫނިއްޔާ، އެހެންވެސް ބާވަތުގެ ޚިދްމަތްތައް ދިނުން އެއީ ރާއްޖޭގެ ޤާނޫނުއަސާސީއާއި، ރާއްޖޭގެ ޤާނޫނުތަކާއި، ރާއްޖޭގެ ޤަވާޢިދުތަކާ ޚިލާފު ކަމެއްތޯ ނުވަތަ ނޫންތޯ، ވަރަށް ސާދާކޮށް، ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގެން ބޭނުން މިވަނީ، ރާއްޖޭގެ އިންވެސްޓަރުންވެސް އަދި ރާއްޖެ އަންނަ ޓުއަރިސްޓުންވެސް، މިދެންނެވި ކަންކަން ވަރަށް ބޮޑަށް ސާފުވާން ބޭނުންވާތީވެ، ސާފުވާން އެދޭތީވެ.
 
އެހެންވީމާ، ސަރުކާރުން އުންމީދު ކުރަނީ، ސުޕްރީމް ކޯޓަށް ހުށަހަޅާފައި އެވާ މައްސަލަ، މިއަދުވެސް ނިންމުމަށް. އަދި ނިންމަވައި ދެއްވުމަށް. އެ މައްސަލަ ނިންމުމާ ހަމަ އެކުގައި، ސަރުކާރުން ދެކޭނީ، މިހާރުވެސް ހިންގަމުން މިގެންދާ، އެމައްސަލައިގައި ސުޕްރީމް ކޯޓުން އިއްވާ ޙުކުމް ސަރުކާރަށް މުހިންމުވާނެ. އެ ޙުކުމް ލިބެންދެންވެސް، ސުޕްރީމް ކޯޓަށް، މިސާލަކަށް، އެޙުކުމް ދިނުމުގައި، ވަގުތު ނަންގަވަން ޖެހިވަޑައިގަތީ، ނުވަތަ ވަގުތު ނަންގަވަނީ. އެވަގުތުގެ ތެރޭގައި، މި ރާއްޖޭގެ އިޤްތިޞާދަށް ގެއްލުންތަކެއްވުމަކީ، ސަރުކާރު އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫން. އެހެންވީމާ، ސަރުކާރުން މިއަދުގެ ވަގުތު ސުޕްރީމް ކޯޓަށް އެމަސައްކަތް ކުރުމަށް ކުރަމުން ގެންދާއިރުގައި، ސަރުކާރުން ގެންދަނީ، ސްޕާތައްވެސް އަނބުރާ ހުޅުވުމަށާއި އަދި ރާއްޖޭގައި ޓުއަރިސްޓުންގެ ޚިދްމަތް ދިނުމަށް ހަދާފައި ހުންނަ ހޮޓާތަކުގައި، ޣައިރު މުސްލިމުންނަށް، ރާއްޖެއަށް އެތެރެކުރުން މަނާ ޤާނޫނުގެ ދަށުން، އެ ޤާނޫނު އެ ބުނާ އުޞޫލުތަކުގެ މަތިން، ޣައިރު މުސްލިމުންނަށް ދެވޭ ޚިދްމަތްތަކާއި، ވިއްކޭ ތަކެތިތައް ވިއްކަމުން ގެންދިޔުމުގެ ހުއްދަ އެންމެހާ ފަރާތްތަކަށްދޭން.
 
އެހެންވީމާ، އަޅުގަނޑު ވަރަށް އުފަލާއެކީގައި މިއަދު މި ބައްދަލުކުރަނީ. އެހެންނަމަވެސް، އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވަންޖެހޭނެ. އަޅުގަނޑުމެންނަށް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބިފައި އޮތީހީ، ސުޕްރީމް ކޯޓުންވެސް އަޅުގަނޑުމެންނަށް އެ ޙުކުމް ލިބި، ރާއްޖޭގެ ރައްޔިތުންނަށް ސާފު އަމާންކަން ލިބިފައި އޮތުން.
 
ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑު ހަމަ ނިންމާލަމުންވެސް، އެހެންނަމަވެސް، ދަންނަވާލަން ބޭނުން ވާހަކައެއް އެބައޮތް. މި މުޅި ކަންތަކުގެ ތެރޭގައި، ތިޔަބޭފުޅުން ވިސްނަވައިފިނަމަ، ފާހަގަވާނެ. 23 ޑިސެމްބަރުގައި އުފުލަމުން ގެންދިޔަ އަޑުތަކުގެ ތެރޭގައި، އެބޭފުޅުން ވިދާޅުވީ، އެއީ ހަމައެކަނި މާލޭގައި އެކަންކަން ހުއްޓުމަށޭ އަޅުގަނޑުމެން އެދެނީ. ދެން އެއީކީއެއް އެއްވެސް ޤާނޫނީ އަދި އެއްވެސް ކަހަލަ އިމެއްވީ އުޞޫލެއް ނޫން. އަދި ދުނިޔޭގެ ޤައުމުތަކަކުންވެސް އެކަން ދެކެނީކީ އެހެނެއް ނޫން. އަދި ސަރުކާރަކުން ޢަމަލު ކުރެވޭކަށެއްވެސް، މިދެންނެވި ގޮތަކަށެއް ނޯންނާނެ.
 
އެހެންވީމާ، ސަރުކާރުން އެދުނިން، އިސްލާމްދީނުގެ ދަންނަ ބޭކަލުން، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބައްދަލުވެ ހިންގެވި މަހާސިންތާގައި، ޓުއަރިޒަމް މިނިސްޓަރ އެދިވަޑައިގަތް، ޣައިރު މުސްލިމުންނަށް ދެވޭ ޚިދްމަތާއި ވިއްކޭ ތަކެއްޗާ ގުޅޭގޮތުން. އެއީ، ޤާނޫނުއަސާސީއާއި ނުވަތަ އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފު ވާހަކައެއްތޯ ނުވަތަ ނޫންތޯ، ސާފުކޮށްދިނުމަށް. އެބޭފުޅުން ވިދާޅުވީ، އެބޭފުޅުންގެ މަސައްކަތުގެ ތެރޭގައި އެކަމެއް ނުހިމެނޭ ކަމަށް. ދެން އެބޭފުޅުންނަށް ފެނިވަޑައިގަތީ، އެމަސައްކަތް ކޯޓުގައި، ސަރުކާރުން އެމަސައްކަތް ކޯޓަށް ގެންގޮސް، ކޯޓުން އެކަމުގެ ޙުކުމެއް ލިބޭތޯ މަސައްކަތް ކުރުމަށް. ދެން އަޅުގަނޑުމެން މިހާރު މިވަނީ ކޯޓަށް އެމަސައްކަތް ގެންގޮސްފައި. ދެން އަޅުގަނޑުމެން ކުޑައިރުއްސުރެ ފަށައިގެން ދަންނަ ވާހަކައެއް އޮންނާނެ. [އަނބޮއްފުޅާއި ދަނބޮއްފުޅުގެ ވާހަކަ] އެއީ މާވަޑިކަލޭގެ ފުރޯ ފަންވަރު ބާލައިނުދިން ކަނބުރު. ކަނބުރު އުނދުން ގިނި ނިވައިނުދިން ވާރޭ. ވާރޭފެންބޮއި މަދުކޮށްނުދިން އެތް. އެތު ކަންފަތު ރީއަޅައިނުދިން މާބުރު. މާބުރު ހިފާ މަދުކޮށްނުދިން ފޭރު. ފޭރުގެ އުއިގަނޑު ކޮށާނުދިން މީދާ. މީދާ ހިފާ ކާލާނުދީގެން ބުޅާ ކައިރީގައި ބުނީމާ، ބުޅާ އެކަނި އިނގޭތޯ ބުނީ، ހޭވައްލާ ތައްޔާރޭ. އަޅުގަނޑު ދަންނަވާނީ، މި ސަރުކާރު އަބަދުވެސް ތިބޭނީ، މި ރާއްޖޭގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ތަރައްޤީއާއި، އަޅުގަނޑުމެންގެ ޢާންމު މަޞްލަޙަތު ރައްކާކޮށްދިނުމަށް ހޭވައްލާ ތައްޔާރަށޭ.
 
ވަރަށް ބޮޑަށް ޝުކުރިއްޔާ!
އިބްރާހީމް ވަޙީދު – ހާމަ ނޫސް:
 
މަނިކުފާނު ސްޕާތައް ބަންދުކުރަން، ސަރުކާރުން ރިޒޯޓްތަކަށް އެންގެވީމަ، އެއާ އެއްގޮތަށް ޢަމަލު ކުރެއްވީ، ކިތައް ރިޒޯޓުންތޯ، ކިތައް ރިޒޯޓްގެ ސްޕާ ބަންދުކުރެއްވިތޯ؟ ދެން އެކަން ތަންފީޛު ކުރެއްވުމަށް، ދެންމެ މަނިކުފާނު ވިދާޅުވެއްޖެ، އެކަން ބަންދުނުކޮށް ކުރިއަށްދިޔުމަށް ހުއްދަ ދެއްވައިފި ކަމަށް. އެހެން ނަމަވެސް، އެވަގުތާ ހަމައަށް، ތިޔަބޭފުޅުން އެކަން ތަންފީޛު ކުރެއްވުމަށް އެއްވެސް މަސައްކަތެއް ކުރެއްވިންތޯ؟ މިހެން މިދެންނެވީ، ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި، މިކަންތައްތަކުގައި ފުލުހުން ރިޒޯޓަށް ދިޔުމާ ގުޅިގެން.
 
ދެވަނަ ސުވާލަކީ، އިޒުރޭލް މަތިންދާބޯޓް މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގައި އިސްލާމިކް މިނިސްޓަރ އެބައޮތް ވިދާޅުވެފައި އެއީ، ޤައުމީ ސަލާމަތަށް ނުރައްކާ ކަމެއްގެ ގޮތުގައި. އަދި ކޮމިޓީންވެސް ވަނީ އެކަން އެގޮތަށް ނުކުރުމަށް ނިންމާފައި. އެހެން އޮއްވާ މަނިކުފާނުގެ ވިސްނުންހުރީ ކިހިނެއްތޯ؟ އިޒްރޭލް ރާއްޖެ ޖެއްސުން އެއީ ޤައުމީ ސަލާމަތަށް އެއްވެސް ނުރައްކަލެއް އޮތް ކަމެއް ކަމަށް ދެކެވަޑައިނުގަންނަވަންތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އާދެ! ޝުކުރިއްޔާ. ފުރަތަމަ ތަންފީޛު ކުރުމަށް ސަރުކާރުން ސަރކިއުލަރއެއް ފޮނުވައި، ޤަވާޢިދެއް ހަދައި، ސަރުކާރުން އޭގައި ބަލަނީ، ސަރުކާރުން އެންގީމާ، ހުރިހާ ފަރާތަކުންވެސް ސަރުކާރުގެ އެންގުންތަކަށް ޢަމަލުކުރާނެ ކަމަށް. ދެން ރިޒޯޓްތައް ހިންގާ ހަމަ ވަރަށްގިނަ ފަރާތްތަކަކީ، ވަރަށް ރަނގަޅަށް ސަރުކާރުގެ ހުރިހާ އެންގުންތަކަކަށްވެސް ޢަމަލު ކުރައްވަމުން ގެންދަވާ ބޭފުޅުން. ދެން އަޅުގަނޑު ނުދަންނަވަން، ބައެއްފަހަރަށް ބައެއް ބޭފުޅުންގެ ތަންތަނަށް ފުލުހުންނާއި ނުވަތަ ޓެކްސް ކަލެކްޓަރުންނާއި ނުވަތަ އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ފަރާތްތަކުންވެސް އައިސް ބަލަން ޖެހުމާ، މިބާވަތުގެ ކަންތައްތައް ބައެއްފަހަރަށް ކުރަންޖެހޭ. އެހެން ނަމަވެސް، އުޞޫލެއްގެ ގޮތުން، ޢާންމު ގޮތެއްގައި، ގިނަ ރިޒޯޓްތަކަކީ ވަރަށް ރަނގަޅަށް، އެބޭފުޅުން ޢަމަލު ކުރައްވަމުން ގެންދަވާ ފަރާތްތައް.
 
ދެން ވިދާޅުވީ މަތިންދާބޯޓް ޖެއްސުމުގެ ވާހަކަ. އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ތިޔަބޭފުޅާ އެއްސެވީ، އަޅުގަނޑުގެ ވިސްނުމަކީ، ފިކުރަކީ ކޮބައިތޯއޭ.
 
މި ރާއްޖޭގައި އަޅުގަނޑު ދެންމެ ފާހަގަކުރި ފަދައިންވެސް، ދެންމެވެސް އަޅުގަނޑު ފާހަގަކުރިން، މި ރާއްޖޭގައި މިހިނގާ މި ޓުއަރިޒަމްގެ މި ޞިނާޢަތް މި ހިނގަނީ، މި ރާއްޖެއަކީ ވަކިބަޔަކު މިތަނަށް އެކަނި ގެންނަން، ވަކިބަޔަކު ނުގެންނަން ރޭވިފައި އޮންނަ އިންތިޒާމްތަކެއް އޮންނަ ރާއްޖެއެއް ކަމަށް ނުދެކެވޭތީވެ. އެއްކޮޅުން ޙައްދުފަހަނައެޅީމާ، މި ރާއްޖެއަށް އަންނަ ބާވަތުގެ ޓުއަރިސްޓުންނަށް އެއީ، ވަރަށް ކަންބޮޑުވާ ކަމަކަށްވޭ. އެ ޓުއަރިސްޓުން ނޭދޭ، ނުރުހޭ އެކަމަކަށް. އެނގިވަޑައިގަންނަވާނެ، ރާއްޖެއަށް އަންނަ ވަރަށްގިނަ ޓުއަރިސްޓުންނަކީ، ޔޫރަޕުން އަންނަ ޓުއަރިސްޓުން. އެ ޓުއަރިސްޓުންގެ ވަރަށްގިނަ މަޒްހަބަކީ ނުވަތަ ދީނަކީވެސް ޔަހޫދީ ދީން. އެހެންވީމާ، ސީދާ ވަކިބަޔަކަށް އެހެން އަމާޒުކޮށްގެން، ވާހަކަތަކެއް ދައްކާ ހެދުން އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ބުއްދިވެރި ކަމެއް ނޫން.
 
އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:
 
އަޅުގަނޑުގެ ދެސުވާލެއް އެބައޮތް. އެއް ސުވާލަކީ، މަނިކުފާނުވެސް ދެންމެ ވާހަކަފުޅު ފަށްޓަވަމުން އިޝާރާތް ކުރައްވައިފި. މުޒާހަރާގައި، ޑިސެމްބަރ 23ގެ މުޒާހަރާއަށް ގޮވާލި މީހުން ބުނަމުން އެދަނީ، ތިމަންނަމެން ގޮވާލީ، މާލޭގައި ހުރި މަސާޖް ޕާލާތައް ބަންދުކުރާށޭ. ދެން އަޅުގަނޑުގެ ފުރަތަމަ ސުވާލަކީ، ރިޒޯޓްތަކަށް އެހެން އެމީހުން ބުނަމުންދާ ކަމަށްވާނަމަ، ކުއްލި ގޮތަކަށް ރިޒޯޓްތަކުގައި ހުރި ސްޕާތަކާ ހަމައަށް ސަރުކާރުން ދާންޖެހުނު މައިގަނޑު ވިސްނުމަކީ ކޮބައިތޯ؟
 
ދެންމެ ވަޙީދު އެކުރެއްވި ސުވާލާ ހަމަ ގުޅުންހުރި ސުވާލެއް. އިސްލާމިކް މިނިސްޓަރ، ޤައުމީ ސަލާމަތާބެހޭ ކޮމިޓީގައި އެހެން ވިދާޅުވެފައިވާއިރު، މަނިކުފާނު ވަރަށް ގިނައިން ވިދާޅުވޭ، ސަރުކާރުން ކަންތައް ކުރަމުން ގެންދާނީ، އިސްލާމިކް މިނިސްޓަރ، ދީނީ ކަންތައްތައް ކުރަމުން ގެންދާނީ، އިސްލާމިކް މިނިސްޓްރީން ނުވަތަ އިސްލާމިކް މިނިސްޓަރ ވިދާޅުވާ ގޮތަކަށޭ. އެހެންވީމާ، އެ މަނިކުފާނު އެ ދެއްވި ލަފާ ގަބޫލުފުޅު ކުރެއްވުމާމެދު އެއްވެސްވަރަކަށް އެބައޮތްތޯ ވިސްނުންފުޅެއް؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑު ފަހު ސުވާލަށް ފުރަތަމަ ޖަވާބު އަރުވާނީ. ދެންމެ ތިޔަބޭފުޅާ ވިދާޅުވީ، ސަލާމަތީ ކަންކަމާބެހޭ ޤައުމީ މަޖިލިހަށޭ. ސަލާމަތީ ކަންކަމާބެހޭ މަޖިލީހަށޭ. ދީނީ ކަންކަމާ ގުޅޭ މަޖިލީހަކަށް ނޫން. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އަޅުގަނޑު ޢަމަލު ކުރަންޖެހޭނީ، އެކަމުގައި މިނިސްޓަރ އޮފް ޑިފެންސާއި، ސަލާމަތީ ބާރުތައް، އެކަމުގައި ބުނާގޮތަކަށް. އެއީ ސީދާ އެ ސަބަބަށްޓަކައި އަޅުގަނޑު ޢަމަލުކުރާއިރުގައި.
 
ދެން އޭގެ އަނެއް ސަބަބު އަޅުގަނޑު ދެންމެ ކިޔައިދީފިން. މާލޭގައި ހުރި ސްޕާތައް ބަންދުކޮށްފައި، ބަންދުނުކޮށް ނުވަތަ އެކަންތައްތަކުގެ އިތުރުން، ރިޒޯޓްތަކުގައި ހުރި ސްޕާތައް ބަންދުކުރީ ކީއްވެގެންތޯ؟ ޤަބޫލު ކުރައްވާ މަންޒަރު ފެންނަ ގޮތް، ބޭރުގައި ހުންނަ މީހަކަށް. ރިޒޯޓަށް އަންނަ މީހަކަށް. ވަރަށްގިނަ ޢަދަދެއްގެ ރާއްޖޭގެ ރައްޔިތުން އެއްވެ، މި އަޑު އުފުލަމުން ގެންދިޔަ އަޑުތައް ތިޔަބޭފުޅުންވެސް އެއްސެވީމު. އޭގެތެރޭގައި، އިސްލާމްދީނަށްޓަކައި ހަމަ އިސްލާމީ އުޞޫލުތަކާ، މި ވާހަކަތައް ވަރަށްބާރަށް، އެކަންކަމަކީ ކޮބައިތޯއާއި، މުޅި ޖުމްލަކޮށް އަޑު އުފުލަމުންދިޔަ. އެ ހުރިހާ އަޑެއް، ހަމައެކަނި ދިވެހިންނެއް ނޫން އަޑުއެހީ. ދެން މިއާ އެކީގައި، އެހެންވީމާ، ބަދުނާމުވެގެންދަނީ ރިޒޯޓްތަކުގެ ސްޕާތައް. ސަރުކާރަށް މަޖުބޫރުވާނެ، އެތަންތަން ރެގިއުލޭޓް ކުރުމަށާއި، އެތަންތަން ބެލުމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށް، އެހެން ފަރާތްތަކަށްވެސް އަދި އިންޑަސްޓްރީއަށްވެސް، ޓުއަރިސްޓުންނަށްވެސް ސާފުކޮށްދިނުމަށް. އެއީ އެންމެ މުހިންމު ކަމަކީ.
 
އޭގެއިތުރުން އަދި އަޅުގަނޑު ހަމަ ފާހަގަކުރަން ބޭނުން. އަޅުގަނޑުމެންނަށް މާލޭގައި ހުންނަ ސްޕާއެއް ބަންދުކުރީމާ ކަންބޮޑުނުވަނީ، އަޅުގަނޑުމެންގެ ނަޒަރުގައި އެއިން ރާއްޖޭގެ މުޅި އިޤްތިޞާދަށް ނުވަތަ އަޅުގަނޑުމެންގެ ދިރިއުޅުމަށް، ޙަޔާތަށް ގެއްލުމެއް ނުލިބޭނެތީ. އެހެން ނަމަވެސް، އަޅުގަނޑުމެން މި އަމާޒު މިކުރަނީ، ރާއްޖޭގެ އަމާޒު މި ހިފަނީ، ވަކިބާވަތެއްގެ ސިޔާސަތުތަކެއް، ރާއްޖެއަށް ތަންފީޛު ކުރުމަށް. އެއީ ހަރުކަށި ދީނީ އުޞޫލުތަކެއް ރާއްޖެއަށް ގެނައުމަށް. އެކަންކަން ގެނައުމަށް، އެކަންކަން ރާއްޖޭގައި އާލާކުރުމަށް އަޑު އުފުލަމުން ގެންދިޔައިރުގައި، އެކަން ކުރައްވަމުން ގެންދެވީ، ބޮޑެތި ސިޔާސީ ބޭފުޅުންނާއި، ސިޔާސީ ފަރާތްތަކާއި އަދި ވިޔަފާރިވެރިންވެސްމެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެބަ ހުރިހާ ތަނެއް ސަލާމަތްކޮށްދޭންޖެހޭ. އަދި ހުރިހާ ބޭފުޅުންނަށް ސާފުވެސްކޮށްދޭން އެބަޖެހޭ، މި ރާއްޖޭގައި ހިނގާން މިޖެހެނީ، އެއް ޤާނޫނުކަން. މި ރާއްޖޭގެ އެއްރަށަށް ޤާނޫނެއް، އަނެއް ރަށަށް ޤާނޫނެއް ނޯވޭ، ޤާނޫނެއްގައި ވަކިގޮތަކަށް އެކަން ކަނޑައަޅާފައި ނެތްހާ ހިނދަކު. އެހެންވީމާ، ސަރުކާރަކަށެއް ނޯންނާނެ، ހަށިވިއްކާ ތަންތަންގެ ގޮތުގައި، މިވެނި ސްޕާއެކޭ، މަސާޖް ޕާލާއެއް ހުރީއޭ ބުނީމާ، އެއްތަނާއި ދެތަން ބަންދުކޮށްފައި، އެއިން ހަމަޖެއްސޭކަށް. ސަރުކާރުން ޖެހޭނެ، މުޅި ހުރިހާ އެންމެންނަށް އިތުބާރު ލިބޭނެ ގޮތަކަށް އެމަސައްކަތް ހިންގަން.
 
ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:
 
އަޅުގަނޑުގެ ސުވާލަކީ، މިހާރު ސްޕާތައް ބަންދު ކުރެއްވުމަށްފަހު، ދެން އުފެއްދެވި ސުވާލުތަކާ އެއްކޮށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައި، މައްސަލަ ހިނގަމުންދަނިކޮށް، މިހާރު ހުރިހާ ކަމަކަށް ތި ހުއްދަ ދެއްވީ. މި ދެންނެވީ ދެން ސްޕާ ހިންގަންވެސް ހުއްދަ ދެއްވީ. ދެން ސުޕްރީމް ކޯޓުގެ ލަފައަކަށް އިންތިޒާރު ކުރައްވައިގެން ތިހުންނެވީ. އެހެންވީމާ، މިކަމުން އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ، މިކަމަކީ އެތަންތަން ބަންދުނުކޮށްވެސް ސަރުކާރަށް ޙައްލުކުރެވެން އޮތް ކަމެއްކަން. ކޯޓުގެ މަރްޙަލާއަކަށް އިންތިޒާރުކޮށްލެވިއްޖައީސްކަން ބަންދު ނުކުރައްވާވެސް، ހަމަ މިއީ ކުރެއްވެން އޮތް ކަމެއްކަން. އެހެން ކަމަށްވާއިރު، މިހާރު ފަތުރުވެރިކަމުގެ ޞިނާޢަތުން އެބަ ބުނޭ، މިއީ ތިމަންނަމެންނަށް އެތައް މިލިއަނަކުން، އެތައް ސަތޭކަ މިލިއަނަކުން ގެއްލުންތަކެއް މިކަމުގެ ސަބަބުން ލިބިއްޖެއޭ، މިދިޔަ ހައެއްކަ ދުވަހުގެ ތެރޭގައި. އަދި އެކަން އެބަހުރި، ހެޑްލައިންތަކުން ވަރަށް ބޮޑެތި ޢަދަދުތަކުން ފެންނަންވެސް. މިހެން ހުރުމާއެކު، މިހާރު ޖީ.އެމް.އާރަށްވެސް 25 ޑޮލަރު ގެއްލުންވާތީ، އެ ނެގީމަ ހަމަނުޖެހުމުން، އެ ކޮމްޕެންސޭޝަންދޭ ވާހަކައެއްވެސް އަޑުއިވެމުންދަނީ. އަދި ޙަޤީޤަތެއް ނޭނގެ. އެހެން ކަމަށްވާއިރު، ފަތުރުވެރިކަމުގެ ޞިނާޢަތަށް މިކަމުން ލިބުނު ގެއްލުމުގެ ބަދަލުގައި އެއްވެސް ކަމެއް ކޮށްދެއްވުމަށް ޚިޔާލު ކުރައްވަންތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ދަންނަވަންތޯ ސުވާލުގައި ވިދާޅުވެއްޖެ، ބަންދުނުކޮށް ސަރުކާރަށް މިކަންވާން އޮތް ކަމަށް ބޭފުޅުންނަށް ފާހަގަވާ ކަމަށް. ސަރުކާރަކަށް ފާހަގައެއްނުވޭ. ސަރުކާރަށް ފާހަގަވަނީ، މިކަމުގެ މުހިންމު ކަމާއި، އަޅުގަނޑުމެން މިދައްކަނީ ކޮން ވާހަކައެއްތޯއާއި، މި ވާހަކަތައް ގުޅިފައި ހުރީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކިހާ ހިސާބެއްގައި ހުރި ކޮންކަމަކާތޯ، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް އެބަ ސާފުވާންޖެހޭ. ސްޕާތައް ބަންދުވުމާއެކުގައި، މީޑިއާއިން ވަރަށް ރީތި، ވަރަށް ސާފު މަންޒަރެއް އަޅުގަނޑަށް ފެނިގެންދިޔަ. އެއީ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންގެ ކަންބޮޑުވުން، އެކަމާ ފާހަގަވި، ހާމަވެގެންދިޔަ.
 
އަޅުގަނޑު ދަންނަވައިފިން، އަޅުގަނޑުމެން ސްޕާތައް ބަންދުކުރި ސަބަބަކީ، ބައިނަލްއަޤްވާމީ ފަރާތްތަކަށް އެބަ ހޯދައިދޭންޖެހޭ އިތުބާރެއް. މިތަނުގެ ސްޕާތަކަކީ ބްރަތަލްތަކެއް ކަމަށް، ރާއްޖޭގައި އިސްލާމްދީން ޙިމާޔަތް ކުރުމުގެ ނަމުގައި ގޮވި ގޮވެލިތަކުން ފާހަގަވެގެން ދިޔައީމާ، މިތަނަކީ ސްޕާ ކެޕިޓަލް ދުނިޔޭގެ ގާތްގަނޑަކަށް ދިވެހިރާއްޖެއަކީ. އަޅުގަނޑުމެން އެބަޖެހޭ،        މި ސްޕާތަކުގެ ރެޕިއުޓޭޝަންވެސް އަދި މިތަންތަނަކީ ޢާއިލާތަކަށް ބޭނުންކުރެވޭ ގޮތަށްހުރި، ޢާއިލީ ހިތްހަމަޖެހުމާއި، އުފާވެރިކަމާ ގުޅިފައި އޮތް ތަނެއްކަން، ސަރުކާރުން އެބަ ވަރަށް ބޮޑަށް ސާފުކޮށްދޭންޖެހޭ. އެހާބޮޑު، އެހާގިނަ ޢަދަދެއްގެ ބައެއް، އެހާ ހަރުއަޑުން އެހެން ގޮވީމާ، އެމަންޒަރާއި އެކަންކަން މުޅި ދުނިޔެއަށް ސިފަވެގެންދިޔައީ، ހަމައެކަނި އަޅުގަނޑުމެން މިއަދު މިހާރު ސިޔާސީ ބޭނުމަށްޓަކައި މި ވާހަކަ ދައްކާ ގޮތަކަށެއް ނޫން. އެހެންވީމާ، އަޅުގަނޑަކަށެއް ނުފެނުނު، ސަރުކާރުން މުޅި ޖުމްލަ ފިޔަވަޅެއް ނާޅާ، އަޞްލު އަލުން އަނބުރާ އިތުބާރު ހޯދޭނެ ގޮތެއް. އަޅުގަނޑަށް ފެނުނީ، ޖުމްލަ ފިޔަވަޅެއް އެޅުނީމާ، ދުނިޔޭގެ ޓުއަރިޒަމް އިންޑަސްޓްރީގެ ނުވަތަ ޓުއަރިސްޓުންގެ އިތުބާރުވެސް، ރާއްޖޭގެ ޓުއަރިޒަމަށް އަނެއްކާ ލިބޭނެ ކަމަށް.
 
އަޅުގަނޑު ނުދެކެން މިއިން ސަރުކާރުން ކޮމްޕޮންސޭޝަން އެއްވެސް ފަރާތަކަށް ދޭންޖެހޭނެ ކަމަކަށް.
 
ޙައްވާ ލުބްނާ – މިނިވަން ނިއުސް:
 
އަޅުގަނޑުގެ ސުވާލުވެސް ހަމަ ލަޠީފްގެ ސުވާލާ ގުޅުވައިގެން އިނގޭތޯ. މަނިކުފާނު ފާހަގަކުރައްވައިފި ސަބަބު، މި ސްޕާތައް ބަންދުކުރެއްވި. އެހެން ނަމަވެސް، ބޭރުގެ މީޑިއާތަކުގައި، ޑިސެމްބަރ 23 ވަނަ ދުވަހު ކުރި މުޒާހަރާގެ ޚަބަރުތަކެއް އެކަންޏެއް ނޫން ޝާއިޢު ކުރެވިގެންދިޔައީ. ސްޕާތަކުގެ ވާހަކަވެސް، ހަމަ އެހާ މިންވަރަށް ޝާއިޢު ކުރެވިގެންދިޔަ. އެހެންވީމާ، މަނިކުފާނު ޚުދު ނޫނީ މަނިކުފާނު ސަރުކާރުން ނަމަވެސް ޤަބޫލު ނުކުރައްވަނީތޯއޭ، ސްޕާތައް ބަންދު ކުރެއްވުމުގެ ސަބަބުން، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ނަން، ބޭރު ދުނިޔޭގައި ކިލަނބުވެގެންދިޔަކަން. އެއީ މަނިކުފާނު ބަދަލެއް ދެއްވާނެތޯ، ނޫންތޯ ލަޠީފް ކުރެއްވި ސުވާލަށް ޖަވާބު ނުދެއްވާތީ އިނގޭތޯ، އަޅުގަނޑު މި ސުވާލު މިހެން މިދެންނެވީ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ރަނގަޅު، އަޅުގަނޑު ހިތަށްއަރާ އަޅުގަނޑުމެން ދެމީހުންނަށް ބޭރުގެ ދެމީޑިއާއެއް ބެލެނީބާއޭ އިނގޭތޯ. ބޭރުގެ މީޑިއާގައި ފޮޅުވަތްތައް އިނގޭތޯ، ފޮޅުވަތްތައް އެތުރިފައި ހުރިގޮތަށް ބައްލަވައިލައްވައިފިނަމަ، ވަރަށް ބޮޑަށް ސާފުވާނެ، މުޒާހަރާތަކުގައި ސްޕާތަކަކީ ބްރަތަލްތައް ކަމަށް އެއީ ދީނާ ޚިލާފު ކަމެއް ކަމަށް ސްޕާއަކީ. ދިވެހިރާއްޖޭގައި އެހެން ކިޔުނީމާ،         މި އަޅުގަނޑުމެން އިމޭޖް ޚަރާބުވެގެންދިޔައީ. ސްޕާތައް ބަންދު ކުރެވުނީމާ، އެ އިތުބާރު ލިބޭނީ. އެގޮތަށް ގޮވުނު ގޮވުމަކަށް އިޖާބަ ދިނުމަށްޓަކައި، އެތަންތަން ބެލުމަށްޓަކައި، ސަރުކާރުން އެތަންތަން ބަންދުކުރީ ކަމަށް. އެ ބަންދުކުރި ކުރުން އެއީ، ޙަޤީޤަތުގައި ލިބުނު އިތުބާރަކީ.
 
ޙައްވާ ލުބްނާ – މިނިވަން ނިއުސް:
 
އަޅުގަނޑުގެ ދެވަނަ ސުވާލަކީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް އަބަދުވެސް ބުނާއިރުގައި، އަޅުގަނޑުމެންނަކީ ފަންޑަމެންޓަލް މުސްލިމުންތޯ، ލިބަރަލް މުސްލިމުންތޯ ނޫނިއްޔާ މޮޑަރޭޓް މުސްލިމުންތޯ؟ މި ސުވާލަށް ވަކިޖަވާބެއް ނުލިބިފައި މިއޮތީ. ސުޕްރީމް ކޯޓުން މިހާރު ސަރުކާރުން ހުށަހަޅާފައި އޮތް މައްސަލައިން އަޅުގަނޑުމެންނަށް އެސުވާލަށް ޖަވާބު ލިބޭނެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑުގެ އަމާޒަކީ، އަޅުގަނޑުގެ އުންމީދަކީ އެއީ، ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި އެ ބުނާ އިސްލާމީ އުޞޫލުތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ސުޕްރީމް ކޯޓުން ސާފުކޮށްދެއްވަން އެބަޖެހޭ. ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާއި، އޫރުމަސް ވިއްކުމާއި، ޣައިރު މުސްލިމުންންނަށް، މުސްލިމުންނަށް ހުއްދަ ނޫން ޚިދްމަތްތައް ދިނުމާ، މިކަންކަން ކުރުމަކީ، އިސްލާމީ އުޞޫލުތަކާ ޚިލާފު ކަމެއްތޯ ނުވަތަ ނޫންތޯ، ސުޕްރީމް ކޯޓުން އެބަ އަޅުގަނޑުމެންނަށް ސާފުކޮށްދޭންޖެހޭ. ސަރުކާރުން ދެކެނީ، އެއީ އިސްލާމީ އުޞޫލުތަކާ ޚިލާފު ކަމެއް ނޫން ކަމަށް. އަދި ސަރުކާރުން ދެކެނީ، ޒަމާނުއްސުރެ ފަށައިގެންވެސް ރާއްޖޭގައި އަޅުގަނޑުމެން މިކަންކަން ކުރަމުން އައިގޮތަށް ކުރަމުން ގެންދިޔުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް.
 
ޙަސަން ޒިޔާއު – އެމް.އެން.ބީ.ސީ. ވަން:
 
މަނިކުފާނު އަޅުގަނޑުގެ ދެވަނަ ސުވާލަށް ޖަވާބު ދެއްވައިފި. އެހެންވީމާ، ދެވަނަ ސުވާލު އަޅުގަނޑު ނުކުރާނަން. ފުރަތަމަ ސުވާލައިގެން ދާނަން. ފުރަތަމަ ސުވާލަކީ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވާއިރު، އަޅުގަނޑުމެންނަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި އަދި ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގަތް ކަމެއްވެސް އަންގާފައެއް ނެތް. މިއީ ދެވަނަފަހަރަށް އެޓަރނީޖެނެރަލްވެސް ވަޑައިގެން، މައްސަލަ ތަފްޞީލުވެސް ދެއްވައިފި. ސުޕްރީމް ކޯޓުން ސަރުކާރާ ދެކޮޅަށް ނޫނިއްޔާ އެ މައްސަލައާ ދެކޮޅަށް ގޮތެއް ނިންމަވަން ދެކޮޅު ހައްދަވައިފިއްޔާ، ދެން ސަރުކާރުން ކިހިނެއްތޯ ހައްދަވާނީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ސަރުކާރުން ދެކޭނީ، ކޯޓަކުން ސަރުކާރު މަނާ ނުކުރާހާ ހިނދަކު، ބަނގުރަލާއި، އޫރު މަހާއި އަދި އެހެންވެސް ޣައިރު މުސްލިމުންނަށް ދެވޭ ޚިދްމަތްތައް، ވަކި ތަފާތު ކުރުމެއްނެތި، ރާއްޖޭގައި ޣައިރު މުސްލިމުންނަށް ދެވޭނެ ކަމަށް.
 
މުޙަންމަދު ނަޞީރު – ސަން އޮން ލައިން:
 
އަޅުގަނޑުގެ ސުވާލަކީ، މިހާރު މި 23 ޑިސެމްބަރުގައި މުޒާހަރާގައި ކުރި ޑިމާންޑްތަކުގެ ތެރެއިން، އެކަންތައްތަކަށް އިޖާބަ ދެއްވިއިރު، ސްޕާތައް ބަންދު ކުރައްވަން ސަރކިއުލަރ ފޮނުއްވި ފަދައިން، އަލްކަހޯލް ވިއްކުމުގެ ކަންތަކުގައި، ކޯޓަށް ވަޑައިނުގެން ފިޔަވަޅެއް ނޭޅުއްވީ ކީއްވެތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ހަމަ ފަހަތަށްޖެހޭތީ ސަރުކާރު. ކަންބޮޑުވާތީ. އަޅުގަނޑުމެންގެ މުޅި ޙަޔާތާއި، މުޅި ދިރިއުޅުމާ، އަޅުގަނޑުމެންގެ މުޅި މުއްސަނދިކަން ގުޅިފައި އޮތީ، ޣައިރު މުސްލިމުންނަށް ބަނގުރާ ވިއްކުމާ ގުޅިފައި ކަމުން، ސަރުކާރަށް އެކަމުގައި ފިޔަވަޅެއް އަޅަން ހަމަ ފަހަތަށްޖެހެނީ. އަދި އަޅުގަނޑު ދަންނަވާނަން، ސަރުކާރަކުން އެފިޔަވަޅެއް ނުވެސް އަޅާނެ.
 
އަޙްމަދު ނާއިފް – ސަން އޮން ލައިން:
 
އާދެ! ބޭރުގެ މީޑިއާގައި ވަރަށް ބޮޑަށް ރާއްޖޭގެ ރެޕިއުޓޭޝަން މިހާރު މިވަނީ ވަރަށް ބޮޑަށް ކިލަނބުވެގެން ގޮސްފައި. ދެން މީގެ ޒިންމާ ނަގަންޖެހޭނީ ކޮން ފަރާތަކުން ކަމަށްތޯ، މަނިކުފާނު ތި ޤަބޫލުފުޅު ކުރައްވަނީ؟ ދެން ހަމަ މުޒާހަރާގެ ބައިވެރިން ކުރި ޑިމާންޑްތަކާ ގުޅިގެން ސަރުކާރުން ކީއްވެތޯ، މުޒާހަރާގެ ބައިވެރިންނާ މަޝްވަރާގެ ރިވެތި އުޞޫލުން މުޢާމަލާތް ނުކުރެއްވީ؟ ދެން ހަމަ މާލޭގައިވެސް އެބަހުރި އަދި ރާއްޖޭގެ އެކިހިސާބުތަކުގައިވެސް އެބަހުރި، ހަށި ވިއްކާ ކަމުގެ ތުހުމަތު ކުރެވޭ އެކިކަހަލަ މެޑިކަލް ކްލިނިކްތައް. އެހެންވީމާ، އެ ކްލިނިކްތަކާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް އަޅުއްވަން ޤަޞްދު ކުރައްވަންތޯ؟ އެކަހަލަ ތަޙުޤީޤެއް ހިންގަވަން އެބަ ޤަޞްދު ކުރައްވަންތޯ؟ ފުލުހުންގެ އެއްވެސްކަހަލަ ތަޙުޤީޤެއްނެތި، ކުއްލިއަކަށް ރިޒޯޓްތަކުގެ ސްޕާތައް، ހަމައެކަނި ތުހުމަތެއްގެ މައްޗަށް ބަންދު ކުރެއްވީ ކީއްވެގެންތޯ؟ އޭގެ ޖަސްޓިފިކޭޝަނެއް ދެއްވަފާނަންތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އިއްޔެގައި މީޑިއާގައި ލިޔެފައި އޮއްވައި އަޅުގަނޑު ކިޔިން، މަސާޖް ޕާލައެއް ނުވަތަ ކްލިނިކެއްގެ ނަމުގައި ގެންގުޅޭ ތަނެއް ބަންދުކުރި ވާހަކަ. ސަރުކާރުން އަބަދުވެސް އަންނަނީ، ހަށި ވިއްކުމުގެ ވިޔަފާރިއެއް، އެއްވެސް ތަނެއްގައި ކުރަންޏާ، އެކަން ހުއްޓާލުމަށް މަސައްކަތް ކުރަމުން. އެއީކީއެއް ސަރުކާރުން އެއްގޮތަކަށްވެސް ރުހޭނެ ކަމެއްވެސް ނޫން. ތާއީދު ކުރާނެ ކަމެއްވެސް ނޫން. ސަރުކާރުގެ ޕާޓީގެ ސިޔާސަތުތަކުގެ ތެރޭގައިވެސް އަދި މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކުގައިވެސް. އަޅުގަނޑުމެން ހަމަ ބުއްދިން ތާއީދު ކުރާނެ ކަމެއް ނޫން އެއީ ހަށި ވިއްކުން އެއީކީއެއް. ސަރުކާރަކުން އެއްވެސްއިރެއްގައި ތާއީދުކުރި ކަމެއް ނޫން އެއީކީ. އަދި މާލޭގެ ތަންތަނުގައި މަސާޖް ޕާލާތައް ހިންގުމާއި ނުވަތަ ސްޕާ މާލޭގައި ހިންގުން އެއީ ސަރުކާރުން ނުދެކެން، ހަށި ވިއްކުމުގެ ތަންތަން ކަމަކަށް. ހަމަ އަޅުގަނޑު ވަރަށް ބޮޑަށް، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުންވެސް، އަޅުގަނޑުމެން ދަންނަ ޢާއިލާތައްވެސް، ޢާއިލީ ބޭސްފަރުވާއެއްގެ ގޮތުގައި، ނުވަތަ ހިތްހަމަޖެހުން ގެނައުމުގެ ގޮތުގައި ތެޔޮ އުނގުޅާ ހެދުމަކީ، މި ރާއްޖޭގައި ފެށުނީއްސުރެ ފަށައިގެންވެސް އަޅުގަނޑުމެން އެންމެންވެސް ކުރަމުން އަންނަ ކަމެއް. ސަރުކާރަކުން ނުދެކޭ، އެކަންކަމަކީ އެއީ ހުތުރު ކަންކަމެއް ކަމަކަށް. ނުވަތަ ހަށި ވިއްކުމާ ގުޅޭ ކަންކަން ކަމަކަށް. ހަށި ވިއްކާ ތަނެއް ހުރެއްޖެއްޔާ، ސަރުކާރުން އެތަން ބަންދުކުރާނެ.
 
ދެން ޑިމޮކްރަސީއެއް އަޅުގަނޑުމެން ހިންގާއިރުގައި، ރެޕިއުޓޭޝަނަށް ނުވަތަ އަބުރަށް ގެއްލުމެއް ލިބުނީމާ، ފުރަތަމަ އެކެއް، ލިބިއްޖެތޯ، ދޭއް، ލިބިއްޖިއްޔާ ކާކާހުރެތޯ ލިބުނީ. މިފަދަ ސުވާލުތަކަކީ ފަސޭހަ ސުވާލަކަށް ނުވާނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، ހަރުކަށި އިސްލާމީ އުޞޫލުތަކަށް އަޅުގަނޑުމެން ވަކާލާތުކޮށް، އަޑު ނުއުފުލާނަމަ، ދިވެހިރާއްޖެއަކީ ހަނި ވިސްނުމެއްގައި، ދެން އަޅުގަނޑުމެންގެ މެނިފެސްޓޯ ބަހުންނަމަ، ރަށު ބަންދުގައި ތިބި ރައްޔިތަކު ތިބި ޤައުމެއްގެ ގޮތުގައި ދުނިޔެއަކަށް ނުފެންނާނެ. އެހެންވީމާ، މި ސުވާލުތަކެއް ނުނުކުންނާނެ. އަދި ދީނުގެ ނަމުގައި ހަމަ ކަނޑައެޅިގެންވެސް، މިސާލަކަށް، ސްޕާ ހިންގުމުގައި ނުވަތަ ޣައިރު މުސްލިމުންނަށް ރަލާއި، ބަނގުރަލާއި، އޫރު މަސް ވިއްކުމުގައި، އެންމެ އިސް ސަފުގައި ތިއްބެވި ވިޔަފާރިވެރިން، މި ދީނީ މި ވާހަކަ މިހެން ދެއްކެވީމާ، ދެން އޭގައި އަޅުގަނޑަށް ހީވަނީ، ދެކޮޅުނުޖެހޭތަންވެސް، ދެއުޅިއެއްނުވާތަންވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް ފެންނާނެ.
 
ދެން ހަމަ ބައެއް ސިޔާސީ ބޭފުޅުންވެސް، ބައެއްފަހަރަށް އާޔަތް ފަރިތަކޮށް ކިޔުއްވާނެ. ދެން އަނެއްބައިފަހަރަށް ކައިރީގައި ހުންނަ ބޭފުޅަކު އާޔަތް ލައިދެއްވީމާ، ދެން ކުޑަކޮށް ރަނގަޅުކޮށްލާފައި ވިދާޅުވާނެ. ދެން އަޅުގަނޑުމެންނަށް މިކަންކަން ފެނިގެންދިޔައީ، ވަރަށް އެހެންކަހަލަ ޑްރާމާއެއްގެ ގޮތުގައި އިނގޭތޯ. އެހެންވީމާ، މި ރެޕިއުޓޭޝަނަށް ގެއްލުން ދިނީ ކޮން ބޭފުޅެއްތޯ، ނޫންތޯ، އެސުވާލަށް އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ދަތިހެން ޖަވާބު އަރުވަން.
 
އަޙްމަދު ނައުޝާދު – ރާއްޖެ ރޭޑިޔޯ:
 
ދެން އަޅުގަނޑު ޤަބޫލުކުރާ ގޮތުން، ސަރުކާރުން މިސާލަކަށް، ރާ ވިއްކުން، ނޫނިއްޔާމު އޫރު މަސް ވިއްކުން މަނާކުރުން، ސްޕާތައް ބަންދުކުރުން، މިފަދަ ކަންކަން ނިންމާނީ، ވަރަށް ބޮޑަށް އެކަންކަމަށް ބަލާފައި. މިސާލަކަށް ބުނާނަމަ، އިޤްތިޞާދީ ގޮތުންވާނީ ކިހާވަރެއްގެ ގެއްލުމެއްކަންވެސް ބަލާފައި. އެހެން ވެއްޖިއްޔާމު، ގާތްގަނޑަކަށް މި ބަންދު ކުރުމުން، ކިހާވަރެއްގެ ގެއްލުމެއް ކަމަށް ލަފާކޮށްފައިތޯ ބަންދު ކުރައްވާފައިވަނީ. ނޫނީ މިހާތަނަށް ކިހާވަރެއްގެ ބޮޑު ގެއްލުމެއް ލިބިފައިވޭތޯއޭ އަޅުގަނޑުގެ ސުވާލަކީ.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ޖީ.އެސް.ޓީ ނަގަން ފެށުމުން، ސްޕާ އެއީ މުދަލާއި ތަކެތީގެ ޚިދްމަތުން ޖީ.އެސް.ޓީ. ނެގުމުގެ ޤާނޫނުގެ އަޅުގަނޑަށް ހީވަނީ 15 ވަނަ މާއްދާގެ (ހ)ގެ 2 ގައި އެބައޮވޭ، ސްޕާތަކުން ޖީ.އެސް.ޓީ ނަގާގޮތަށް. އެހެންވީމާ، ރާއްޖޭގެ ޤާނޫނީ އުޞޫލުތައް ވަރަށް ރަނގަޅަށް ސްޕާތައް ބަލައިގަނޭ. ދެން ޖީ.އެސް.ޓީ އަކީ ލިބޭ އެއްޗެއްގެ ތިން ޕަސެންޓް. އެހެންވީމާ، އެނގިވަޑައިގަންނަވާނެ، ސަރުކާރަށް މީގެ އަންދާޒާއެއް އޮންނާނެކަން.
  
މިޞްބާޙް ޢައްބާސް  – ދި ޓީ.ވީ:
 
މުޒާހަރާއާ ގުޅިގެން ބޭރުގެ ބައެއް މީޑިއާތަކުގައި ހުރި ޚަބަރާއި، ދެން މި ދުވަސްވަރު ބޭރުގެ މަސްރަޙު އޮތްގޮތް، ވަރަށްގިނަ ލިޔުންތައް އެބަހުރި ޝާއިޢު ކުރެވިފައި. ކޮންމެވެސްވަރަކަށް އަޅުގަނޑު ބަލައިލިން، މުޒާހަރާއާއި، ދެން އެއާ ގުޅިގެން މި ހިނގި ކަންތައްތަކާ ގުޅިގެން، ޚަބަރުތައް އައިސްފައި ހުރިގޮތް. ދެން މި މުޒާހަރާ އިންތިޒާމްކުރި ހިސާބުން ފެށިގެން، ސަރުކާރުން މުޒާހަރާ ސިފަކުރިގޮތަށް، ބޭރުގެ މީޑިއާތަކުގައި މިހިރީ. ހަރުކަށި ގޮވާލުންތަކަށް ގޮވާލި މުޒާހަރާއެއް ގޮތަށް ސިފަކޮށްފައި މިއޮތީ. ނަމަވެސް، އޭގެފަހުން މި ހިނގާދިޔަ ކަންތައްތަކެއްގެ ތެރެއިން އަޅުގަނޑަށް ބޮޑަށް ފާހަގަކުރެވިގެން މިދިޔައީ، ސްޕާތައް ބަންދުކުރަން އެއަށްވުރެ ބޮޑަށް ކަންކަން، ސީދާ ސްޕާތަކަށް އަމާޒު ކުރެވިގެން. ޚާއްޞަކޮށް، ރިޒޯޓްތަކުގެ ސްޕާތަކަށް އަމާޒު ކުރެވިގެންދިޔަ މަންޒަރު. ކިހިނެއްތޯ ސަރުކާރުން ދެކުނީ، ސަރުކާރުގެ ފަރާތުން މިކަމުގައި އެއްވެސްވަރަކަށް ބޭރުގެ ފަރާތްތަކަށް މަޢްލޫމާތު ދީފައިތޯ އޮތީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑަށް ސުވާލު ސާފެއްނުވި. ވާހަކައަކީ، އާދެ! ނޫން. މިހާރު ދެންމެ ތިވިދާޅުވެވުނު ވާހަކައަކީ، ބޭރުގެ ފަރާތްތަކުން މުޒާހަރާ ދުށީ، ސަރުކާރު، އެ މުޒާހަރާ ދުށްގޮތަށޭ. ސަރުކާރުން ކަމެއް ދެކެނީ، އެހުރި، އެކަމެއްގެ ބެސްޓް ޕްރެކްޓިސްގައި. އަދި އެކަމަކާ ގުޅޭގޮތުން މުޠާލިޢާ ކުރާނެ ހުރިހާ ގޮތަކަށް މުޠާލިޢާ ކޮށްފައި، އެގޮތަކަށް. ދެން ބައިނަލްއަޤްވާމީ ފަރާތްތަކުންވެސް އަދި އެހެންއެހެން މާހިރުންވެސް، ސަރުކާރުން ދެކޭގޮތަށް އެ ދެކެނީ، ސަރުކާރުން އެ ދެކެނީ، ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ކަންކަން ދެކޭތީވެ. އެއީކީއެއް މިހާރު މިސާލަކަށް، އަޅުގަނޑުމެންގެ ބަޖެޓް ޑެފިސިޓް މިހިރީ 7 ޕަސެންޓްގައި. އައި.އެމް.އެފް.އިން އެދުނީވެސް 7 ޕަސެންޓްގައި ހުރުމަށް. ސަރުކާރާއި އައި.އެމް.އެފް.އާ އެއްގޮތްވެގެން އެއުޅެނީ، ސަރުކާރުންވެސް އައި.އެމް.އެފް.ގެ އުޞޫލުތަކުގައި މަސައްކަތް ކުރާތީ.
 
މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:
 
އާދެ! މުޒާހަރާއާ ގުޅިގެން، ބޭރުގެ ބައެއް ނޫސްތަކާއި ޚަބަރުތަކުގައި އެބަހުރި ފާހަގަކޮށްފައި. މި މުޒާހަރާއަށް ދީނީގޮތުން ހަރުކަށި ބައެއް މީހުންގެ އެހީ ލިބުނު ކަމަށް. ސަރުކާރުގެ ބައެއް ފަރާތްތަކާ ޙަވާލާދީ، ސީދާ ބައެއް ނޫސްތަކުގައި އެބަހުރި ލިޔެފައި. ކިހިނެއްތޯ، މި މުޒާހަރާއާ ގުޅިގެން، އެފަދަ އެއްވެސް މަޢްލޫމާތެއް، ސަރުކާރަށް ލިބިފައި އެބަހުރިތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
މި މުޒާހަރާއަށް ތައްޔާރުވަމުން އައިއިރުގަޔާއި އަދި މުޒާހަރާއާ ގުޅިގެންނާއި އަދި އޭގެ ކުރީގައިވެސް، ފުލުސް އޮފީހަށް، ދީނީ ހަރުކަށި ޢަމަލުތަކާ ގުޅޭ އެތައްއެތައް މަޢްލޫމާތެއް ހުންނަނީ ލިބިފައި.
 
މިޞްބާޙް ޢައްބާސް – ދި ޓީ.ވީ:
 
ޕާކިސްތާނުގެ ހަރުކަށި ވިސްނުމުގެ މީހުންގެ ސަޕޯޓް ލިބުނު ކަމަށް އެބައޮތް ބޭރުގެ ނޫސްތަކުގައި.
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ސީދާ ވަކި ޤައުމަކީ ކޮބައިކަމެއް، އަޅުގަނޑަކަށް މިވަގުތު ދަންނަވާކަށް ނުވެސް ކެރޭނެ. އެހެންނަމަވެސް، ދީނީ ހަރުކަށި ޢަމަލުތައް، އެ މުޒާހަރާއިން ފާހަގަވެގެންދިޔަ ކަމާއި، އަދި ހަމަ އެނގިވަޑައިގަންނަވާނެ ދޮއެއްތޯ، ބޮލުގައި ހެޑް ބޭންޑް އަޅުއްވާފައި، الله اكبر ޖިހާދީ ރޫޙެއްގައި، އެހެން ވިދާޅުވަމުން، ތޮށިމައްޗަށް އެރުއްވައި ވުޟޫ ކުރައްވައިގެން، ކުއްލިއަކަށް ބިންމައްޗަށް ތިރިވެ ނަމާދު ކުރައްވަން ފެށްޓެވީމާ، ދެން އިޙްސާސްތަކެއް ބަޔަކަށް އައިސްދާނެ ނޫންތޯ. ޤަބޫލު ކުރައްވަ ބައްލަވަ، އެއީކީއެއް ޢާންމު އުޞޫލު ކަމަކަށް، ބޭފުޅުންނެއް ނުދެކޭނެ އިނގޭތޯ. މިހާރު އެހާ މުއްސަނދި ބޭފުޅުން މިސާލަކަށް. އަދި އެހާ ތަނަވަސް ބޭފުޅުން، ދެން ކުއްލިއަކަށް މުޅި ޙަޔާތް، އެގޮތަށް ބަދަލުކޮށްލާފައި، އެ މަންޒަރު ދެއްކެވީމާ، އެއީކީއެއް މާ މެދުމިނެއް ކަމަކަށް ނުވަތަ އަޅުގަނޑުމެން މިދެކޭ، މި ކިޔާ މޮޑަރޭޓް ކަމަކަށް، ބޭރު ފަރާތްތަކަކުން ނުދެކޭނެ އިނގޭތޯ.
 
ޒައިދުﷲ ޝަބީން - ރާއްޖެ ޓީ.ވީ:
 
އާދެ! ސްޕާތައް ބަންދު ކުރަން، މިކުރި ޑިމާންޑާ ގުޅިގެން، ސަރުކާރުން ފުރަތަމަވެސް އަމާޒަކަށްވީ، މި ޤާސިމް އިބްރާހީމްގެ ރިޒޯޓްތައް، ސްޕާތައް ބަންދުކުރަން. އިދިކޮޅު ފަރާތްތަކުން މިބުނަނީ، އެއީ ސަރުކާރުން ސީދާ ޒާތީގޮތުން ޖައްސާލައިގެން ކުރި ކަމެކޭ. އެކަމުގެ އެއްވެސް ޙަޤީޤަތެއްވޭތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
ނޫން އެއްގޮތަކަށްވެސް، ޤާސިމް އިބްރާހީމަކާ، މި ސަރުކާރަކާ ކުޑަވެސް ޒާތީ ޙަސަދަވެރިކަމެއް ނޯންނާނެ. އަދި އަޅުގަނޑާވެސް ޤާސިމް އިބްރާހީމަކާ ކުޑަވެސް. ޤާސިމް އިބްރާހީމަކީ، ދިވެހި ދައުލަތަށާއި، ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ނުހަނު ޚިދްމަތް ކޮށްދެއްވާފައި ހުރި ބޭފުޅެއް. އަދި ކޮށްދެއްވާވެސް ބޭފުޅެއް. ޑިސެމްބަރ 23 ވަނަ ދުވަހު ޤާސިމް އިބްރާހީމް، އެ އައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި، ޖިހާދީ ރޫޙެއްގައި، އެ ހުންނެވި ހުންނެވުން، ޙަޤީޤަތުގައި ދެން އަޅުގަނޑުމެން ދެކެނީ، ބާވަތެއްގެ ހިނިތުންވުމަކާއެކީގައި. އެއީ އަޅުގަނޑުވެސް ޤާސިމް އިބްރާހީމް ވަރަށް ސާފުކޮށް ދަންނާތީވެ. އެއްގޮތަކަށްވެސް ޤާސިމަކާ އަޅުގަނޑުމެންނަކާ ކުޑަވެސް ނުރުހުމެއް ނޯންނާނެ.
 
އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:
 
މަސާޖް ޕާލާތައް ބަންދު ކުރެވިދާނެ. ދެން ރަލާއި ރޫލު މަހަށްވުރެ ބޮޑަށް، އެމީހުން ގޮވާލީ، މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން މަނާކުރުމަކީވެސް ސަރުކާރަށް ކޮށްފައި އޮތް ޑިމާންޑެއް. ދެން މިއާ ބެހޭގޮތަކުން އަދި ސަރުކާރުން ވަކި އެއްޗެއް ބުނެފައެއް ނެތް ރަސްމީކޮށެއް އަޅުގަނޑަށް އެނގިގެން. ދެން އެހެން ނަމަވެސް، އަޅުގަނޑުގެ ސުވާލަކީ، މިކަމަށް މި ގޮވާލަނީ، މަނިކުފާނު ޤަބޫލުފުޅު ކުރައްވާ ގޮތުގައި، ދީނީ ހަރުކަށި އުޞޫލުތަކެއް ގެންގުޅޭ ބައެއްތޯ. މަނިކުފާނުގެ ވާހަކަފުޅުގައި ދޭތެރެ ދޭތެރެއިން އެ ބަސް އަންނާތީ، އަޅުގަނޑު ހިތަށްއެރީ، މިއާ ގުޅުވައިގެން، މަނިކުފާނު ޤަބޫލު ކުރައްވަނީ، އެއީ ދީނީ ހަރުކަށި ބައެއް ކަމެއްތޯ، ނުވަތަ މޮޑަރޭޓް މުސްލިމުން ގޮތަށްތޯ މަނިކުފާނު ޤަބޫލުފުޅު ކުރައްވަނީ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
އަޅުގަނޑު ދެކެނީ، ޣައިރު މުސްލިމުންނަށް، ރާއްޖޭގައި މިއޮތީ އާމްދަނީއެއް ލިބެން އޮންނަ ޙަޤީޤަތުގައި ދެކަންތައް. މަސްވެރިކަމާއި، މި ޓުއަރިޒަމާ. ދެން ރާއްޖޭގައި އަޅުގަނޑުދާ ކޮންމެ ރަށެއްގައިވެސް އިނގޭތޯ. ހަމަ ކޮންމެ ރަށަކަށްދާއިރަށް، ވަޒީފާގެ ފުރްޞަތުތައް، ރައީސް މިރަށުގައި ސިޓީ ހޮޓަލެއް ހެދިދާނެތޯއޭ. ހަމަ އެބަ ކޮންމެ ދުވަހަކު އަޅުގަނޑު ވިސްނަންޖެހޭ، ބަލަންޖެހޭ، އެ ރައްޔިތުންނަށް ވަޒީފާގެ ފުރްޞަތެއް ހޯދައިދެވެން އޮތީ ކިހިނެއްތޯ؟ އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، ރާއްޖޭގެ ގޮނޑުދޮށްތަކާއި، ރާއްޖޭގެ ރީތިކަމާއި، ރާއްޖޭގެ ޒީނަތްތެރިކަމަކީ މުޅި ދުނިޔެ ފެންބޮވަބޮވާ ހުރި ކަމެއްކަން. އެކަން އެބައޮތްކަން ހަމަ އައްޑުއަތޮޅުގައިވެސް އަދި ފުވައްމުލަކުގައިވެސް، ކުޅުދުއްފުށީގައިވެސް، އަދި އެހެން ބޮޑެތި ރަށްރަށުގައިވެސް. އައްޑޫކަހަލަ ރަށެއް ވިސްނަވާ. ޖަޒީރާ ބައްރަކަށެއް ނޫން. އެއް ބައްރަކަށް، މުޅި އަތޮޅު ގާތްގަނޑަކަށްހެން އެ އޮންނަނީ. އެކަމަކު ރާއްޖޭގެ އާބާދީގެ ބޮޑުބައެއް އެ ދިރިއުޅެނީ އައްޑޫގައި. ބައްތިރީސް ހާސް މީހުން. ދެން އަޅުގަނޑުމެންނަށް އެތަނުގައި ވަޒީފާގެ ފުރްޞަތެއް ހޯދައިދެވޭނެ، ހަދައިދެވޭނެ ހަމަ އެއްގޮތެއްވެސް ނެތް. ދެން އަޅުގަނޑު ވަރަށް ބޮޑަށް، އަޅުގަނޑަށް އުނދަގޫވޭ، ތިޔަކަމުގައި އަޅުގަނޑުގެ އަމިއްލަ އިޙްސާސްތަކެއް ނެރެން. އަޅުގަނޑުގެ ވާޖިބަކީ، ރައްޔިތުންނަށާއި، މި ދައުލަތަށާއި، މިޤައުމަށް ތަރައްޤީ ގެނައުން، ރަނގަޅު ގޮތްގޮތް ހޯދައިދިނުން. އެމަސައްކަތް އަޅުގަނޑު ކުރަނީ. އަދި ކުރިއަށް އޮތް ތަނުގައިވެސް އަޅުގަނޑު ކުރާނީ ހަމަ އެމަސައްކަތް.
 
ޙަސަން ޒިޔާއު - އެމް.އެން.ބީ.ސީ 1:
 
އާދެ! ޝުކުރިއްޔާ، ދެއްވި ފުރްޞަތަށް. އަޅުގަނޑުގެ ސުވާލަކީ، ރާއްޖޭގައި ދީނީ ހަރުކަށި ޚިޔާލުތައް އަށަގަންނަމުންދާ ވާހަކައަކީ، ރާއްޖެއިން ބޭރަށް ދަތުރު ކުރައްވާ ފަރާތްތަކަށް ހަމަ އުނދަގޫތަކާ ދިމާވާނެ ކަންތައްތައް. ސަރުކާރަށް ފާހަގަކުރެވިފައި އެބަހުރިތޯ، އެގޮތަށް ދަތިތައް ފާހަގަކުރެއްވޭކަން. ނޫނީ ދަތިތައް ދިމާވަމުންދާކަން. އަދި ފާހަގަކުރެއްވޭނަމަ، ސަރުކާރުން އެކަން ޙައްލު ކުރެއްވުމަށް އަޅުއްވަމުންދާ ފިޔަވަޅުތަކަކީ ކޮބައިތޯ؟
 
ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:
 
މިހާރު އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ، ފޮރިން އެފެއާޒުންވެސް އަދި ހޯމް އެފެއާޒުންވެސް، ބައެއް ބާވަތުގެ ހަރުކަށި މީސްމީހުންގެ ލިސްޓްތަކުގައި، ބައެއް ދިވެހިން ހިމެނިފައިވާ ކަމަށް. ދެން އެކަމަށް، އެއީ ވަރަށްބޮޑު ގެއްލުމެއް ދައުލަތަށް ލިބޭ، ސަރުކާރަށް ލިބޭ. ދެން އެކަންކަމުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި، މުޅި ޖުމްލަ މަސައްކަތްތަކެއް މިކުރާން މިޖެހެނީ. އެއީ އަޅުގަނޑުމެން އެއްވެސް ގޮތެއްގައި ހައްދުފަހަނައަޅާނުދިޔުން. މެދުމިނުގެ އުޞޫލުތައް އަޅުގަނޑުމެން ޤަބޫލުކުރުން. އަޅުގަނޑުމެން ދެނެގަތުން، މި ރިޒޯޓްތަކަކީ ރަންބިސްއަޅާ ކުކުޅު ކަމަށާއި، އަދި އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއުޅޭ ދިރިއުޅުމާ ގާތްވާ ދިރިއުޅުމެއްވެސް މިތަންތަނާނުލާ އަޅުގަނޑުމެންނަށް ނޫޅެވޭނެ ކަމަށް.
 
ތިޔަބޭފުޅުންނާ ބައްދަލުވީތީވެ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި ތިޔަބޭފުޅުން އިންތިޒާރުގައި އެހާ ގިނައިރު މަޑުކުރެއްވީތީވެ، ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
 
ވަރަށް ބޮޑަށް ޝުކުރިއްޔާ!