بســم اللّـه الرّحمـن الرّحيــم

ދިވެހިރާއްޖޭގެ ނައިބު ރައީސް، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް، މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިން، މީގެކުރީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި އަދި މިޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

އަޅުގަނޑުމެން ރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކޮމިޝަނެއް އުފެދިގެން އައީ، މި ރާއްޖޭގައި ހިނގަމުން އައި ވަރަށްގިނަ ލާއިންސާނީ އަދި އަނިޔާވެރި ކަންތައްތަކާ ގުޅިގެން، ރައްޔިތުން ދެކޭ ދެކުން، ރައްޔިތުން ފާހަގަކުރި ކުރުންތައް، ބައިނަލްއަޤްވާމީ ދުނިޔޭގެ ނަޒަރަށް ހުއްޓި، އޭގެ ސަބަބުން ބައިނަލްއަޤްވާމީ އެކިއެކި ފަރާތްތަކުންނާއި އަދި މި ރާއްޖޭގެ ރައްޔިތުން އެއިރުގެ ދިވެހި ސަރުކާރަށް އެޅި ބާރުގެ ސަބަބުން. އަޅުގަނޑު

އަޅުގަނޑު އެހެން ބަސްތަކަކުން ދަންނަވަނީނަމަ، އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެދިގެން އައީ، ސެޕްޓެމްބަރ 19 ވަނަ ދުވަހު އީވާން ނަސީމް ތަޅާ މަރާލުމާ ގުޅިގެން، މާލޭގެ މަގުމައްޗަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެގެންދިޔަގޮތާ ވަރަށް ބޮޑަށް ގުޅިގެން. ލާ އިންސާނީ އަނިޔާ ކުރުމާއި، އިންސާނުންނަށް، އެ އިންސާނުންގެ ޤަދަރާއި، ކަރާމަތާއި، ޢިއްޒަތް ގެއްލޭފަދަ ކަންކަން، މި ރާއްޖޭގައި ޢާންމު އުޞޫލެއްގެ ގޮތުގައި ހިނގަމުން އަންނަތާ އެތައް ޒަމާނެއް ވުމަށްފަހުގައި، މިދެންނެވި ދުވަހު، ސެޕްޓެމްބަރ 19 ވަނަ ދުވަހު މާލޭގެ މަގުމައްޗަށް މި މައްސަލަތައް ބަންޑުންވެގެންދިޔައީ، ރާއްޖޭގެ ރައްޔިތުން އެކަމާ ދެކޭ ގޮތްތައް ވަރަށް ރަނގަޅަށް ސާދާކޮށް ސާފުކޮށްދެމުން.

މިއަދު އަޅުގަނޑުމެން އިންސާނީ ޙައްޤުތަކާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ކުޑަކުދިންގެ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި އަދި މިނޫންވެސް ފުޅާ ދާއިރާއެއްގައި، މިމަޥްޟޫޢުގައި އެބަ ވާހަކަ ދެކެވޭ. އަދި 1947 ވަނަ އަހަރުއްސުރެ ފެށިގެން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާ ގުޅޭ މުޢާހަދާ އުފެދިގެން އައިއިރުގައި، އެ މުޢާހަދާއަކީވެސް ޙަޤީޤަތުގައި ދެވަނަ ބޮޑު ހަނގުރާމައިގައި ހިންގުނު ލާއިންސާނީ އަނިޔާވެރި ޢަމަލުތަކާ އިދިކޮޅަށް ނުކުތް ޚިޔާލެއް. އޭގެ ސަބަބުން އުފެދުނު ޑޮކިއުމަންޓެއް. އަޅުގަނޑުމެން ރާއްޖޭގައިވެސް ޙަޤީޤަތުގައިވެސް ކަން ހިނގާދިޔައީ މިބާވަތުގެ ގޮތަކަށް. ރާއްޖޭގެ ރައްޔިތުންނަށް ޒަމާނުއްސުރެ ފެށިގެން ރާއްޖޭގެ ވެރިކަމުގެ ފަރާތުން ކުރަމުން އައި ލާއިންސާނީ އަނިޔާ އެއީ، ރާއްޖޭގެ ރައްޔިތުން އެއްވެސްއިރެއްގައި ބަލައިގަތް ކަމެއް ނޫން.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގެންފައި އޮތް މިންވަރާއި އަދި ވެރިކަމުގެ އާރާއި ބާރާއި ނުފޫޒު ހިފެހެއްޓުމަށްޓަކައި، ރައްޔިތުންނަށް ބިރު ދެއްކުމަށްޓަކައި، ރައްޔިތުންނަށް ކަނޑައެޅިގެން އުޞޫލެއްގެ ގޮތުން ޤަވާޢިދުތަކެއްގެ ތެރެއިން އަދި އޮނިގަނޑެއްގެ ތެރެއިން އަނިޔާ ކުރެވެމުން އައިކަމުން، މި ރާއްޖޭގެ ޤައުމީ ތަރައްޤީއަށްވެސް އަދި ދިވެހި ރައްޔިތުންގެ ޤަދަރާއި ޢިއްޒަތަށްވެސް، އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާވެސް މި ރާއްޖޭގެ އެންމެހާ ކަންތައްތައް ދިޔައީ ޚިލާފުވަމުން. އަޅުގަނޑުމެން މިއަދު ޢަމަލު ކުރަމުން މިއަންނަ ޤާނޫނުއަސާސީއަކީވެސް މިދެންނެވި ލާއިންސާނީ އަނިޔާވެރި ޢަމަލުތަކާ އިދިކޮޅަށް ނުކުތް ރޫޙެއްގެ ސަބަބުން އުފެދިގެން އައި ޤާނޫނުއަސާސީއެއް. އަޅުގަނޑުމެން މިއަދު މިދައްކާ ހުރިހާ ވާހަކައެއްގެ އަޞްލު ޙަޤީޤަތުގައި ހުއްޓިފައި ހުރީ ސީދާ ކެޕް ކޮންވެންޝަންގައި އަޅުގަނޑުމެން މި ބަޔާންކުރާ އިންސާނީ ޙައްޤުތަކާއި، އެ ޙައްޤުތައް ގެއްލިފައި ހުރުމުގެ ސަބަބުން، މި ރާއްޖޭގެ ރައްޔިތުން އަޑު އުފުލީތީވެ.

އަޅުގަނޑު އެންމެ ބޭފުޅުންނަށް ހަނދުމަކޮށް އަރުވަން، މިދެންނެވި އަޞްލު، މިދެންނެވި ޙަޤީޤަތް، އަޅުގަނޑުމެން ހަނދާން ނައްތާލައިފި ކަމަށްވަނީނަމަ، މީގެ ދެވަނަ ރެއެއް ބާއްވަން އަޅުގަނޑުމެންނަށް ދަތިވެދާނެ. ރާއްޖޭގެ ޢާންމު ޙާލަތު މިހާރު މިއޮތް އުޞޫލުތަކުން އެހެން އުޞޫލުތަކަކަށް އެނބުރި ނުދާނެ ކަމަކަށް އަޅުގަނޑުމެން އެއްވެސްއިރެއްގައި، އެ ޔަޤީންކަން އަބަދަށް ލިބިގެން އަދި ތިބެވޭކަށެއް ނެތް. އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށްގިނަ ޢާއިލާތަކަށް، މަދުވެގެން އަޅުގަނޑު ދަންނަވާނީ، ކޮންމެ ޢާއިލާއަކުންވެސް މަދުވެގެން އެއްބޭފުޅަކަށް ވަނީ ލާއިންސާނީ އަނިޔާ ލިބިފައޭ. އަޅުގަނޑުމެން ޑިސެމްބަރ 10 ވަނަ ދުވަހުގައި ސިއްރިއްޔާތުގައި އޭރު ފާހަގަކުރަމުން އައީ އިންސާނީ ޙައްޤުތަކާ ގުޅޭ ދުވަސް. ފާހަގަކުރަމުން އައިއިރުގައި، ފާހަގަކުރަމުންދިޔައީ އަނދަގޮނޑިޖަހާ ވާހަކަ، ޗޭނުޖަހާ ވާހަކަ، އޭންގަލަށް ނަގާ ވާހަކަ، ފުރަގަހަށް ބިޑިއަޅައި ރުކެއްގައި އެލުވައި، ގަޔަށް ހަކުރު އަރުވައި، ހިނިއަރުވައި، މީހާއަށް އަނިޔާކުރާ ވާހަކަ. މި އެންމެ ކަންކަން އަޅުގަނޑުމެން ދުށީ، ރައްޔިތުންނަށް ވެރިންގެ ފަރާތުން ކުރަމުން އައީ ހަމައެކަނި ވެރިކަމުގެ އާރާއި ބާރަކަށްޓަކައޭ. ވެރިކަމުގައި ތިމަންނާމެން ތިބުމަށްޓަކައޭ.

މިއަދު އަޅުގަނޑުމެން، އެ ލިބުނު އަނިޔާ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ކިތަންމެ ބަޔަކަށް އެއީ ނުވާ އެއްޗެއް ކަމަށް ހަދައި، އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. 2003 ވަނަ އަހަރުގެ ކުރީގައި، ހިނގާފައި ހުރި ކަންކަން ބެއްލެވުމަށް ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ނިންމަވާފައި އޮތް ނިންމުމަށް އަޅުގަނޑު ނުހަނު މަރްޙަބާ ދަންނަވަން. ޢަޒްރާއަށް އަޅުގަނޑު އެކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން. އަޅުގަނޑުމެންގެ ހިތްތަކަށް ލިބިފައިވާ ގެއްލުން، އަޅުގަނޑުމެންގެ ޢާއިލާތަކަށް ކޮށްފައިވާ އަސަރު، އަޅުގަނޑުމެންގެ ތެރެއިން ކިތަންމެ ބައެއް އެޅިހާ ކަރުނަ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން ހަނދާން އެބަހުރި. އެ ކަރުނައާއި، އެ އަސަރު އެއީ ކިހިނެއް ހިނގާދިޔަ ކަމެއްތޯ އޮޅުންނުފިލާހާ ހިނދަކު، ޙަޤީޤަތުގައި ދެން އެއާ ގުޅިގެން އަޅުގަނޑުމެން އޮޅުންފިލާން މިޖެހޭ ކަންކަން އޮޅުންފިލައިގެނެއް ނުދާނެ.

ކުޑަކުދިންގެ ޙައްޤުތަކުގެ މުހިންމުކަން ވަރަށްބޮޑު. އަދި ހަމައެހެންމެ، ހޮސްޕިޓަލުންދޭ ބޭސް ނުބައިވީމާ، އެއިން ރައްޔިތުންނަށް ލިބޭ ގެއްލުންވެސް އެއީ ނުހަނު ފުޅާ މުހިންމު ކަމެއް. އެހެންނަމަވެސް، މިދެންނެވި ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރުމުގެ ފުރްޞަތުވެސް، ވިސްނުމުގެ ފުރްޞަތުވެސް، މި ވާހަކަ މިގޮތަށް އަޅުގަނޑުމެންނަށް ދެއްކުމުގެ ފުރްޞަތުވެސް ލިބިގެން މިއަންނަނީ، މިދެންނެވި އަޅުގަނޑު ކުރިން މިދެންނެވި ސަބަބުން އުފެދިގެން އައި ޤާނޫނުއަސާސީ އަޅުގަނޑުމެންނަށް ތަންފީޛު ކުރާން ފެށުނީތީވެ. އަޅުގަނޑު ރާއްޖޭގެ އެންމެ ރައްޔިތުންނަށް ދަންނަވަން. ވަރަށް އިޚްލާޞްތެރިކަމާ އެކީގައި އެދެން. އެރައްޔިތުންނަށް ލިބިފައި ހުރި އަނިޔާ ފޮރުވައިގެން ތިބުމަކީ، ޙަޤީޤަތުގައި ވާނެ ކަމެއް ނޫނޭ. ދުވާލެއްގެ އިރުން ހޭދަވާ ކޮންމެ ހިނދުކޮޅަކީ، ކޮންމެ ވަގުތަކީ، ނުހަނު ބޮޑު އަނިޔާއެއް ލިބުނު ވަގުތުކޮޅުގެ މިސާލު ދައްކާ ހިނދުކޮޅަކަށް އަބަދުމެ ތިމާގެ ހިތުގައި ހިނގަ ހިނގާ ހުންނައިރު، ހަމަޖެހޭ ދިރިއުޅުމެއް ތިމާ ހޯދާނެ ގޮތެއް ވަރަށް ދަތިވާނެ. އަޅުގަނޑުމެންގެ ތެރެއިން އެންމެންނަކީ ނަފްސު އެހާމެ ވަރުގަދަ ބައެއް ނޫން. އަޅުގަނޑުމެންނަށް ދިމާވާ ކަންކަމުގެ ސަބަބުން، އެކަންކަމުން އަޅުގަނޑުމެންނަށް އަރައިގަނެ ދެވެނީ، ކޮންމެ ފަހަރަކުމެ ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ޤައުމީ ތަރައްޤީއަށްޓަކައި، އިންސާނިއްޔަތަށްޓަކައި ވެދިޔަ ގޮތްތައް ރަނގަޅަށް ބަލައި، ހޯދުމަކީ އަޅުގަނޑު ދަންނަވާނީ، މި ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންތެރި ކަމެކޭ. އަދި މި ރާއްޖޭގައި ރާއްޖޭގެ ރައްޔިތުން ޤާނޫނުއަސާސީ ހަދާ، އެ ޤާނޫނުއަސާސީ ތަންފީޛުކޮށް، އެ ޤާނޫނުއަސާސީގެ ދަށުން މީގެ ހުރިހާ ކަމެއްވެސް ޙަޤީޤަތުގައި އަޅުގަނޑުމެން ހިންގާން ފެށީ އިންސާނީ ޙައްޤަށްޓަކައި. އަޅުގަނޑު މިރޭ ނުހަނު އުފާވޭ، އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ރާއްޖޭގައި މިވާހަކަ ނުދެކެވޭ މިންވަރުވެސް. އަދި އަޅުގަނޑަށް ވިސްނޭ، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިވާހަކަ ދައްކަން ބޭނުންވާ މިންވަރުވެސް.

މިދެންނެވި ވާހަކައިގެ އިތުރުން އެނގިވަޑައިގަންނަވާނެ، މިއަހަރުގެ ޑިސެމްބަރ 10 ވަނަ ދުވަސް އަޅުގަނޑުމެންނާ ކުރިމަތިލާއިރުގައި، އަޅުގަނޑުމެންގެ ސިޔާސީ މާޙައުލުގައިވެސް އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެހާ ކަންކަމުގައި ވަރަށްގިނަ ކުލަވަރު ޖެހިފައި އެބަހުރި. އެނގިވަޑައިގަންނަވާނެ، ދާދި މިދާކަށް ދުވަހު އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ރާއްޖެ ވަޑައިގެން ވިދާޅުވި، ދެއްކެވި ވާހަކަތަކެއްގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް ނުތަނަވަސްކަން ލިބުނު. ކަންބޮޑުވުން އެފަރާތްތަކުން އަޅުގަނޑުމެންނަށް ފެންނަމުންދިޔަ. ބައެއްފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި މިވާހަކަ ދެކެވެނީ ނުވަތަ ބައެއް ބޭފުޅުންނަށް ގަބޫލު ކުރެވެނީ، އިންސާނީ ޙައްޤަކީ އިސްލާމްދީނާ ބީރައްޓެހި އެއްޗެއް ކަމަށް.

އަޅުގަނޑެއް ދަންނަވާކަށް ނުޖެހޭނެ. އަޅުގަނޑަށް ޔަޤީން، މާތްރަސްކަލާނގެ އުފެއްދެވި ތަކެތީގެ ތެރެއިން އެންމެ މާތް، އެންމެ މަތިވެރި، އެންމެ ޤަދަރުވެރި އެއްޗަކީ އިންސާނާ. އިސްލާމްދީނުގެ އެންމެބޮޑު އެއް ވާޖިބަކީ، އެ އިންސާނާގެ ޤަދަރާއި، ކަރާމަތާއި، ޢިއްޒަތް ރައްކާތެރިކޮށްދިނުން. އިސްލާމީ ޝަރީޢަތްވެސް ބިނާވެފައި އޮންނަނީ، މިދެންނެވި އުޞޫލުތަކުގެ މައްޗަށް. އިސްލާމީ ޝަރީޢަތުގައި، އަޅުގަނޑުމެން އިސްލާމުން ދެކޭގޮތުގައި، ލާއިންސާނީ އަދަބެއް ނުހުރޭ. އަޅުގަނޑުމެންނަށް ލާއިންސާނީ އަދަބާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް، ބަޙުޘް ކުރުމަށް، ވާހަކަ ދެއްކުމަށް އ.ދ.އާ އެކީގައި އެވާހަކަ ދެއްކުމަށް ލިބުނު ފުރްޞަތެއް، ޙަޤީޤަތުގައި އ.ދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަރ ރާއްޖެ ވަޑައިގަތް ދުވަސްވަރަކީ. އަޅުގަނޑުމެން އެ ފުރްޞަތު ނަގާލީ ޖިހާދީ ރޫޙެއްގައި. އެކަމަނާ ވިދާޅުވި އެއްޗެއް އަޅުގަނޑުމެން އެއަށް އެނބުރި ރައްދު ދިނީ ޙަޤީޤީ ހަމަ ވިސްނުމެއްގައި ކަމަކަށް އަޅުގަނޑަށް ދަންނަވަން ދަތި. އަޅުގަނޑުމެންނަށް އެހިނދު ލިބިފައި އޮތީ، ވަރަށް ނުހަނު މަތިވެރި ފުރްޞަތެއް. އެއީ، ބައިނަލްއަޤްވާމީ ދުނިޔެއަށް އިސްލާމީ ޝަރީޢަތުގެ ޤަދަރާއި ޢިއްޒަތް ހާމަކޮށްދިނުމުގެ ފުރްޞަތު. އަޅުގަނޑުމެންނެއް ޤަބޫލެއް ނުކުރަން، ޝަރީޢަތުގައި ލާއިންސާނީ ޙުކުމްތައް ހުރިކަމަކަށް. އަޅުގަނޑުމެން ދެކެނީ، ޝަރީޢަތުގައި ހުރި ޙުކުމްތައް ބަލައިގަތުމުގައި ނުވަތަ މާނަކުރުމުގައި ނުވަތަ އެ ޙުކުމްތަކަކީ ކޮބައިތޯ ދެނެގަތުމުގައި، ބައެއް ބޭފުޅުންނަށް އޮޅުންއަރާކަމަށް. އަޅުގަނޑުމެން އެދެނީ، ބައިނަލްއަޤްވާމީ ދުނިޔެއާ ދިވެހިރާއްޖެ މިވާހަކަ ދައްކަން. ދިވެހިރާއްޖެއަށް ލިބިފައިމިވާ ރަނުގެ ފުރްޞަތަކީ، މިރާއްޖެއަކީ އިސްލާމީ ޤައުމުތަކުގެ ތެރެއިން ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކުން ޤައުމު ހިންގާ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެއް. މި ރާއްޖެއަކީ އ.ދ.ގެ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތުގެ މެންބަރެއްވެސްމެ. އެހެންވީމާ، އަޅުގަނޑުމެންނަށް މިދެންނެވި މަޥްޟޫޢުގައި ވާހަކަ ދެއްކުމުގެ ނުހަނު ބޮޑު ފުރްޞަތެއް އެބައޮވޭ.

އަޅުގަނޑު ރާއްޖޭގެ ދީނީ ދަންނަ ބޭކަލުންނަށްވެސް އަދި ރާއްޖޭގެ އެހެން އެންމެ ބޭފުޅުންނަށް ދަންނަވަން އޮތް ވާހަކައަކީ، ނިކަން އޮޅުންފިލުވައިދެއްވާށޭ. އެއްވެސް ހާލެއްގައި ޖިހާދީ ރޫޙެއްގައި އެކަމަނާ މަރާލަން، އޭނާ ރާއްޖެއިން ބޭރުކުރުން، އޭނާއަށް މިހެން ހަދަން، އެހެން ހަދަން އަޅުގަނޑުމެން އުޅެގެނެއް، އަޅުގަނޑުމެން މިދައްކައިދޭން ބޭނުންވާ ވާހަކައެއްވެސް އަދި ފާހަގަކޮށްދޭން މިބޭނުންވާ ނުކުތާއެއްވެސް އަޅުގަނޑުމެންނަކަށް ފާހަގަވެއެއް ނުދާނެ. އިސްލާމީ ޝަރީޢަތާ ޚިލާފު އެއްވެސް ކަމެއް ހިނގާކަށް އަޅުގަނޑުމެންނެއް ނޭދެން. އެއީ، އަޅުގަނޑުމެން އެންމެންވެސް ހިތުގެ އަޑީން ޤަބޫލުކުރާ އެއް އަޞްލު. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީވެސް ބިނާވެފައި އޮތީ، އަދި އަޅުގަނޑުމެން ޢާންމު ދިވެހިން ދިރިއުޅެމުން އަންނަނީވެސް މިދެންނެވި ޢާންމު އުޞޫލުތައް ޤަބޫލުކޮށްގެން. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް ލިބޭ މިބާވަތުގެ ފުރްޞަތުތައް ނަގާލުމަކީ، އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫނޭ. އަޅުގަނޑުމެންނަށް ލިބޭ ކޮންމެ ފުރްޞަތެއްގެ ބޭނުން، ރަނގަޅު ގޮތުގައި ހިފުމަކީ، ކޮންމެހެން އަޅުގަނޑު ދަންނަވާނީ، ބޭނުންތެރި ކަމެކޭ.

ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ދެންމެ ފާހަގަކުރެއްވި ކިތަންމެ ކަމެއް، ދިވެހި ސަރުކާރުން ކުރާން ޖެހިފައިވާ ކަންތައްތަކުގެ ތެރެއިން ނުކުރެވިވާ އެތައް ކަމެއް. 50 ޕަސެންޓަށް ކުރެވިފައިވާ ކަންތައްތައް. 40 ޕަސެންޓަށް ކުރެވިފައިވާ ކަންކަން. ސަރުކާރުން މިކަންކަން، ހުރިހާ ކަމެއްވެސް ނުކުރެވިފައިވާ މިންވަރަށް ނުކުރެވިފައި އޮތްކަން ބަލައިގަނޭ. އަދި އެކަންކަން ކުރުމަށް މަސައްކަތް ކުރުމަކީ، ސަރުކާރުގެ އަމާޒެއް. އެއްވެސް ހާލެއްގައި، އެކަންކަމާ ގުޅިގެން އެއްވެސް ޙުއްޖަތެއް ދެއްކުމަކީ، ސަރުކާރުގެ ބޭނުމެއް ނޫން، ވިސްނުމެއްވެސް ނޫން. ސަރުކާރުގެ އަމާޒަކީ، ސަރުކާރުގެ ބޭނުމަކީ، ހިއުމަން ރައިޓްސް ކޮމިޝަނުން އެއިރެއްގައި ފާހަގަކުރެއްވި ކަމެއް، އެ ފާހަގަކުރެއްވި ގޮތަކަށް، ވީމިންވަރަކުން ސަރުކާރަކް އެކަންވޭތޯ ބެލުން.

ނަރުދަމައެއް އޮތުމަކީ، އިންސާނީ ޙައްޤެއްގެ ގޮތުގައި އެބަވޭ. އެހެންވީމާ، ޓެކްސް ނެގުމަކީވެސް އިންސާނީ ޙައްޤަކަށް، ދެން އޭގެ އަނެއްކޮޅުން އަޅުގަނޑު ހިތުން އެނބުރިދާނެ. އެ ނަރުދަމާ އަޅުގަނޑުމެންނަށް އަޅައިދެވެން އޮތީ، ޓެކްސްގެ ފައިސާއިން ކަމަށްވާތީ. ރަނގަޅު ޞިއްޙީ ޚިދްމަތް ދެވުމަކީ އިންސާނީ ޙައްޤު. އެ އިންސާނީ ޙައްޤު އަދާކޮށްދިނުމަށްޓަކައި، ދައުލަތުގެ ވާޖިބެއް އެއީ ޓެކްސް ނެގުން. ޒިންމާއާއި މަސްއޫލިއްޔަތު މީގައި އެބަ ހިމެނޭ. އެ ޙައްޤު ރައްދުކޮށްދިނުމަށްޓަކައި ސަރުކާރުގެ ވާޖިބެއް، މަސްއޫލިއްޔަތެއް އެއީ، އެކަމަށްޓަކައި ބޭނުންވާ ސިޔާސަތުތަކެއް ހިންގުން. އަޅުގަނޑުމެންގެ އާ ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތަކުގެ ތެރޭގައި، މިދެންނެވި ކިތަންމެ، މިދެންނެވި ބާވަތުގެ ކިތަންމެ ކިތަންމެ ޙައްޤުތަކެއްގެ ވާހަކަ އެބަހުރި. ސަރުކާރުންވެސް އަދި އަޅުގަނޑުމެން އެންމެންވެސް ފުރިހަމައަށް އެއީ ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތަކެއްކަން އެބަ ޤަބޫލުކުރަން. ރައްޔިތުންނަށް އެ ޙައްޤުތައް ފޯރުވައިދިނުމަށްޓަކައި ސަރުކާރުގެ ޚަރަދުވެސް ކުޑަކުރާންޖެހޭ. އަދި ސަރުކާރުގެ އާމްދަނީވެސް އެބަ އިތުރުކުރާންޖެހޭ. ޒިންމާދާރު އިޤްތިޞާދީ ސިޔާސަތެއް ސަރުކާރުން އެބަ ހިންގާންޖެހޭ. ޙައްޤުތަކާއި ޒިންމާތަކާ ގުޅޭގޮތުން އަޅުގަނޑުމެން ވާހަކަ ދައްކާއިރު އަދި ވިސްނާއިރު، މަޝްވަރާކުރާއިރުގައި، އަޅުގަނޑަށް ފެންނަ ފެނުމުގައި، ޓެކްސްއާ ގުޅޭގޮތުން ވާހަކަ ނުދައްކައި، ދެން މި މަޥްޟޫޢު އިތުރަށް ކުރިއަށް ގެންދާން ދަތިވާނެ.

އަޅުގަނޑު އިންސާނީ ޙައްޤުތައް ފުޅާވެފައިވާ މިންވަރާއި އަދި އަޅުގަނޑުމެން އެޙައްޤުތައް މިހާރު ފާހަގަކުރަމުން މިގެންދާ ފުޅާމިނާ އިންކާރު ކުރަނީކީއެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑު ދަންނަވާނީ، މީގެ އަޞްލު ގެއްލޭ ކަންކަން، އިންސާނީ ޙައްޤަކީ ކޮބައިކަން ބަޔާން މިކުރާ ކުރުން އަދި މިފާހަގަކުރާ ކަން، އޭގެ އަޞްލު ސީދާގޮތުގައި ގެއްލި ގޮސްގެންނުވާނެއޭ. އަޅުގަނޑުމެން މިއެދޭ އެދުމަކީ، އަނިޔާ ނުކުރައްޗޭ. އަނދަގޮނޑި ނުޖަހައްޗޭ. ބިޑި ނާޅައްޗޭ. އޭންގަލަށް ނުނަގައްޗޭ. އިޢުތިރާފު ބަޔާނެއް ނުހޯދައްޗޭ، އެ ބަޔާނުގެ މައްޗަށް ޙުކުމެއް ނުއިއްވައްޗޭ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާންޖެހޭނެއޭ. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން، ކުށުގެ ތުހުމަތުން ބަރީޢަވުމަށްޓަކައި ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ.

އަޅުގަނޑު މިދެންނެވި ވާހަކަތަކަކީ، އެއްވެސްއިރެއްގައި މި ރާއްޖޭގެ ޤާނޫނުތައް ޖާގަނުދޭ ކަންކަމެއް ނޫން. މީހެއްގެ ގައިގައި ޖެހުމަކީ އަބަދުވެސް މަނާކަމެއް. ވަކި ޤާނޫނުއަސާސީއެއް ލިބުނީމައަކާއެއް ނޫން، އަޅުގަނޑުމެން އަނެއް އިންސާނާއަށް އަނިޔާކުރުން ހުއްޓާލާން މިޖެހެނީ. ޙަސަން ތާޖުއްދީން، އަޅުގަނޑުމެން ރާއްޖޭގައި އުޖޫރައަކާނުލާ މަސައްކަތް ކުރުން ހުއްޓުވާލައިފި ސަތާރަ ސަތޭކައިގައި. އެއިރުއްސުރެ ފެށިގެން ތަފާތު އެކި ފަނޑިޔާރުން، ސިރާޖުއްދީން ފަނޑިޔާރު މަނިކުފާނު، އެ ފަނޑިޔާރު މަނިކުފާނަށް ލިބިވަޑައިގެންފައިވާ އަނިޔާ، ފަހުން އަޅުގަނޑަށް ހަނދާންވާ ގޮތުގައި، މުޙިއްބުއްދީން ފަނޑިޔާރު މަނިކުފާނު ލިޔުއްވާފައި އޮންނާނެ، ކޮންމެ ފާރުގަނޑެއް ވަކިން ބަޔާންކުރައްވަމުން. އަޅުގަނޑުމެން ރާއްޖޭގައި އެއްވެސް އިރެއްގައި އަނިޔާ ކުރުމަކީ، އަޅުގަނޑުމެން އެއްވެސް ބަޔަކު ރުހުނު ކަމެއް ނޫން. އެހެންނަމަވެސް، ވެރިންގެ އާރާއި ބާރަށްޓަކައި، ވެރިކަމަށްޓަކައި، މީގެކުރީގައިވެސް އަޅުގަނޑުމެން މިކަން މިހެން ކުރަމުން ގެންދިޔައީ. އިބްރާހީމް ނާޞިރުގެ ވެރިކަމުގައިވެސް، މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައިވެސް. އުޞޫލެއްގެ ގޮތުން، ރާއްޖޭގެ ޖަލުތަކުގައި އަނިޔާ ކުރަމުން ގެންދިޔަ. އަޅުގަނޑުމެން ބޭނުންވީ، އެ އަނިޔާ ހުއްޓާލައި، އަޅުގަނޑުމެންގެ ރާއްޖެއަކީ ތަހުޒީބު ދިވެހިރާއްޖެއަކަށް ހެދުން. އަޅުގަނޑުމެން ބޭނުންވީ ކުރީގެ ދިވެހި ވެރިޔާއަށް ކުރަމުން އެއައި މަލާމާތާއި އަދި އެކުރެވުނު އަނިޔާއާއި، އަޅުގަނޑު ދަންނަވާނީ ނޮހޮރުއްޕާން އަޅުގަނޑުމެން ހުއްޓާލަން. މުޅިން އާކޮށް އަޅުގަނޑުމެން ފަށަން. މި ސަރުކާރުގެ އަބަދުވެސް އަމާޒަކަށްވާނީ، އިންސާނީ ޙައްޤުތައް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައްކާތެރި ކުރުމަށް، ކޮށްދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.