ކޮލްކަޓާގެ އޭ.އެމް.އާރް.އައި ހޮސްޕިޓަލުގައި ހުކުރުދުވަހުގެރޭ ފަތިހު ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިޘާގައި، ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

އިންޑިޔާގެ ރައީސާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ހަމްދަރުދީގެ މެސެޖްގައި، ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާ ސަރުކާރަށާއި، ރައްޔިތުންނަށާއި، ރައީސާ ޕްރަތީބާ ޕާޓިލަށް އަދި ޚާއްޞަކޮށް، މި ޙާދިޘާގައި ގެއްލުން ލިބުނު މީހުންނަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.

އަދި މި ޙާދިޘާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި އެދިވަޑައިގެންފައިވެއެވެ.