ދިވެހިރާއްޖޭގެ ޖަލުތަކުގައި ދެވިފައިވާ ލާއިންސާނީ އަނިޔާއާ ގުޅޭ ކަންކަމުގެ ތަޙުޤީޤު، ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނުން ކުރެއްވުމުގައި، ކޮންމެވެސް ޢަމަލީ ސިފަތަކެއް، ދައްކަވައިދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މާދަމާ ފާހަގަކުރާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޤައުމެއް ތަރައްޤީވެ ދިޔުމަށް އަދި ޤައުމެއްގެ ޙާލަތު ރަނގަޅުވެދިޔުމަށް ކޮންމެހެން ބޭނުންތެރި އެއްކަމަކީ، އެޤައުމެއްގެ މާޒީ، އެ ޤައުމެއްގެ ރައްޔިތުންނަށް ސާފުވެ، ޤަބުލޫކުރެވޭނެ ގޮތްތަކެއް ހޯދުން ކަމުގައި ވިދާޅުވަމުން، މިއަދާ ހަމައަށް އައިއިރުގައިވެސް، ދިވެހިރާއްޖޭގެ ޖަލުތަކުގައި ދެވިފައިވާ ލާއިންސާނީ އަނިޔާއާ ގުޅޭ ކަންކަމާއި އަޅާލުމުގައާއި، މިކަންކަމާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވުމުގައި، ހިއުމަން ރައިޓްސް ކޮމިޝަން ވަނީ ނުކުޅެދިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. "އެނގިވަޑައިގަންނަވާނެ، 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން 19 ވަނަ ދުވަހު މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މާފަންނު އޭސިޔާ އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅާ، އޭނާ މަރާލި. އެއަށްފަހުގައި، އޭނާ މަރާލައިފިކަން، ދެން ޖަލުގައި ތިބި އެހެން މީހުންނަށް އެނގިގެން، އެމީހުން އެކަމާ ނުރުހުންފާޅުކޮށް ނުކުތުމުން، އެ ނުކުތް މީހުންގެ ގަޔަށް ބަޑިޖަހާ، އޭގެތެރެއިން އެތައް ބައެއް ވަނީ ހަމަ އެދުވަހު މަރާފައި. މިދެންނެވި ޙާދިޘާއާ ގުޅިގެން، ކިތަންމެ ސިފައިންނަކަށް ވަނީ ޙުކުމް ކުރެވިފައި. ސިފައިންނަށް ޙުކުމް ކުރެވިފައި މިވަނީ، ސިފައިންގެ ކޮމާންޑަކާނުލާ، ޤަވާޢިދާ ޚިލާފަށް، ހަތިޔާރެއް ނެތް ރައްޔިތުންނާ ދިމާކޮށް، ބަޑި ބޭނުންކޮށްގެން. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް މިއަދުވެސް އަދިވެސް ޔަޤީނެއްނުވޭ، ސިފައިން އެ ބަޑި ބޭނުންކުރީ، ސިފައިންގެ އެންމެމަތީ ވެރިޔާ ނުވަތަ ސިފައިންގެ ވެރިން ކޮމާންޑްކޮށްގެންތޯ ނުވަތަ ނޫންތޯ؟" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެވެސް ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހިންގެ ރަތް ޓީމް ތިބި ޖޯޝާއި ރޫޙު ފާހަގަކުރައްވައި، ޓީމަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވާފައިވެއެވެ. އަދި ޤައުމީ ޓީމު މިއަދު އިންޑިޔާއާ ދެކޮޅަށް ކުޅޭ މެޗްގައި ކާމިޔާބު ހޯދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.