بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

ދިވެހިރާއްޖޭގެ 46 ވަނަ މިނިވަން ދުވަހުގެ މި އުފާވެރި މުނާސަބަތުގައި ދިވެހިލޮބުވެތި އެންމެހައި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަން.

މިއަދު އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އެއްއުފަލަކީ، މިއަދުގެ މި ޚާއްޞަ ދަރުބާރުގައި ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތާއި، ދިވެހި ދައުލަތުގެ ޢިއްޒަތް އެރުވުނު ހުރހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރިކްބާދީ ދެންނެވުން. މިވޭތެވެދިޔަ ދިގު މުއްދަތުގައި، ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް، އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކަކީ، އެ ޚިދްމަތްތަކުގެ އަގު މިއަދު އަޅުގަނޑުމެން ވަޒަންކޮށް، އެބޭފުޅުންނަށް ޙައްޤުވެގެންވާ ތަޢުރީފާއި ޝުކުރު ދަންނަވަންޖެހޭ ޚިދްމަތްތަކެއް.

މިނިވަންކަން ދެމެހެއްޓި، އަށަގެންނެވުމުގެ، ޙަޤީޤީ ބިނާ އެމައްޗަށް އާރާސްތުވެދާ ބިންގަލަކީ، އެޤައުމެއްގެ ސިޔާސީ ނިޒާމު. ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ދުސްތޫރީ ޙަޔާތެއް ދިވެހިރާއްޖެ ތަޖުރިބާކުރަން ފެށިތާ މިވީ ދުވަސްކޮޅު ވަރަށް މަދު. އެހެން ނަމަވެސް، މިދޮށީ ދިވެހިރާއްޖޭގައި މިދެންނެވި ޅަފަތުގެ ވެރިކަމުގެ ނިޒާމުން އަޅުގަނޑުމެންގެ ކުރިމަގަށް ކުރެވޭ އުންމީދުތައް އެތައް ތަނަކުންވަނީ އަލިވެ އުޖާލާވެފައި. ވެރިކަމުގެ އުންމީދަކީ، ކޮންމެ ރައްޔިތަކަށްމެ ކުރެވިދާނެ އުންމީދެއްކަން މިއަދުގެ ދިވެހިން މިތިބީ ސާބިތުކޮށްގެން.

ކަނޑައެޅި ބަޔާންވެގެންވާ ސިޔާސަތުތަކަކާއި ރައްޔިތުންނަށްޓަކައި ވެވޭ ވަޢުދުތަކަކާއި އަދި އެވަޢުދުތައް ފުއްދޭ މިންވަރެއްގެ މައްޗަށް މެނުވީ، ދެން މިރާއްޖެއަކު ވެރިކަމަކަށް ދެމިއެއް ނޯވެވޭނެ. މިއަށްވުރެ ބޮޑު މިނިވަންކަމެއް އަދި މިއަށްވުރެ ވަކިން ހިތްގައިމު މަންޒަރެއް މިނިވަން ޤައުމަކުން ފެނިގެނެއް ނުދާނެ. ހަމަކަށަވަރުންވެސް، އަޅުގަނޑުމެން މިތިބީ އެ ޙާލަތަށް ބަދަލުވެފައި.

ދިވެހި ދައުލަތުގެ ވިރާސީ މާއްދާއަކީ، ކަނޑައެޅި، މިނެވި، ކުރެހިފައިވާ އިންތަކެއްގެ ތެރޭގައި ހިމެނޭ، މި ރާއްޖޭގެ ކަނޑުތަކާއި، ފަޅުތަކާއި، ފަރުތަކާއި އަދި ބިން. އެދައުލަތުގެ މިލްކުވެރިންނަކީ، ވަކި ތަފާތެއް ފަރަގެއް ނެތި އިސްވެދިޔަހާ ބަޔަކާއި، އެހިނދަކަށް ދިރިތިބި ދިވެހިންނާއި އަދި އަންނާން އޮތް ދިވެހި ދަރިފަސްކޮޅު.

ލާމެހިފައިވާ މިދުނިޔޭގައި، ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި، ދިވެހިން އެދޭގޮތް އެނގި، ފެނިދެނިވަމުން މިދަނީ، ރާއްޖެފަދަ ޤައުމެއްގެ ބާރުވެރިކަމާއި، ނުފޫޒަށްވުރެ މާބާރުވެރި ދަރަޖައެއްގައި. ބައިނަލްއަޤްވާމީ ސަފުތަކާއި އަދި ވަކީން ޚާއްޞަކޮށް އ.ދ މަޖިލީހުގައި، ރާއްޖެއަށް ލިބެމުން މިދާ ދަރަޖައާއި އިތުބާރުން ދޭހަކޮށްދެނީ، މިޤައުމު ދުނިޔޭގެ ކަންކަމުގައި އަދާކުރާ ދައުރު އެތައް ތަނެއް ފުޅާވެ ކުރިއަރައި ހިނގައްޖެކަން. ވަކީން ޚާއްޞަކޮށް އިންސާނީ ޙައްޤުތަކާއި ދުނިޔޭގެ ތިމާވެށީގެ ވަކާލާތުގައި މިރާއްޖެ މިވަނީ އިރާދަފުޅާއެކު ހަމަ އެންމެ ކުރީ ސަފުގައި. ޑިމޮކްރަސީގެ މަގަށް ދިވެހިރާއްޖެ ފުރޮޅާލުމަށް އިހަށްދުވަހު ދިވެހިން ދައްކައިދިން ނަމޫނާއަށްވުރެ، ވަކި ރީތި ސުލްޙަވެރި މިސާލެއް ފެނުމަކީ ނާދިރުކަމެއް. އެހެން ޤައުމުތަކުގެ މިމަސައްކަތުގެ މައިދިރީއަކީ ދިވެހިންކަން، މެދުއިރުމައްޗާއި އަދިވެސް ދުނިޔޭގެ ކަންކޮޅުތަކުން މިއަދު ފެންނަމުން އެބަދޭ. މިކަމަށްޓަކައި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުނަށް އަޅުގަނޑު ފަށްފަށުން ސާބަހާއި ތާރީފު ރައްދުކުރަން.

ވެރިކަމުގެ ޙަޤީޤީ ބާރަކީ، ރައްޔިތުންނަށް ޚިދުމަތްކޮށް، އެ ރައްޔިތުންނަށް ފާގަތިކަމާއި ތަނަވަސްކަން ހޯދައިދިނުމުގެ މަސައްކަތުގައި ސަރުކާރުން ފަސްނުޖެހުން. އަޅުގަނޑުމެން އެކަމުގައި އެންމެ އިންޗިއެއްވެސް ފަހަކަށް ނުޖެހޭނަން. އަދި އަޅުގަނޑުމެން ފަހަތަކަށް ނުވެސް ޖެއްސޭނެ. ޙަޤީޤީ މިނިވަންކަމަކީ، ފަރުދީ ފޯރުންތެރިކަމާއި، ދިރިއުޅުމުގެ ތަނަވަސްކަމާއި، ހިތްފަސޭހަކަން. ފަރުދީ ފެންވަރުގައި ކޮންމެ މީހަކީ، ކުޅަދާނަ، ހުނަރުވެރި، އުފެއްދުންތެރިއަކަށް ވާން އެބަޖެހޭ. ނަފްސުގެ މިނިވަންކަމަށް އެޅޭނެ ފުރާނައަކީ، އޭނާގެ ދިރިއުޅުމުގެ ތާހިރުކަން. ރާއްޖޭގައި ބިދޭސީން ފުރަމުންދާ ހުނަރުވެރި މަގާމުތަކަށް އެކަށޭނަ ހުނަރުވެރި ދިވެހި ޒުވާނުން އުފެއްދުމަކީ، މި ރާއްޖެއަށް ކޮންމެހެން ބޭނުންކަމެއް.

މަސައްކަތްތެރި، ޒުވާން ދިވެހި ޖީލެއް އުފެއްދުމުގެ މަސައްކަތުގައި، ތާއަބަދު ވަރުބަލިވާން ވެއްޖެކަން، ހޯދިފައިވާ ތަފާސް ހިސާބުތަކުން އެބަ ދައްކާ. މަސައްކަތްތެރި ޢުމުރުފުރާގެ ދެލައްކަ ފަސްހާހަށްވުރެ ގިނަ ދިވެހިން އެބަތިބި. މީގެތެރެއިން ވަޒީފާއެއް ނުވަތަ އާމްދަނީއެއް ލިބޭ މަސައްކަތެއް ހަމަނުޖެހި ތިބި ދިވެހިންގެ ނިސްބަތް މިވަނީ ސަތޭކައަކުން ހަތާވީހަށް އަރާފައި. މިކަންކަން މިހެން ހުރިއިރު، މި ރާއްޖޭގެ ސޯޅަސަތޭކަ ކުންފުންޏަކުންނާއި، ދެހާސް އަމިއްލަ ފަރުދުންވެގެން، ހަތްދިހަ އެތައްހާސް ބިދޭސީންނަށް، މުސާރައާއި ޚަރަދުބަރަދު ދީގެން އެބަ ގެންގުޅޭ. މީގެތެރެއިން ދެބައިކުޅައެއްބައިހާ ބިދޭސީންނަކީ، ކޮންމެވެސް ފަންނެއްގެ ހުނަރުވެރިކަން ޙާޞިލުކޮށްގެން ތިބި މީހުން. ވޭތުވެދިޔަ ދިހައަހަރަށް ބަލާއިރު، ބިދޭސީ މަސައްކަތްތެރިންނަށް ދިވެހިން ވަޒީފާ ދޭ ނިސްބަތް މިވަނީ ތިންގުނަ ބޮޑުވެފައި. އެކަން އެހެންވާން ދޫކޮށް، ނުވިސްނާ ތިބެވުނީތީ އެބާރު މިއަދު މިވަނީ މިޤައުމަށް ބޮޑުވެފައި. އެ ބުރައާއި މި ގޮންޖެހުމާ ސަރުކާރުން މިކުރިމަތިލާންޖެހޭ ސަބަބުތަކުގެ ތެރޭގައި، ދިވެހިންގެ ފަރުދީ މިނިވަންކަން ދެމެހެއްޓުން ހިމެނޭ.

މިދެންނެވި ތަފާސް ހިސާބުތައް، އެގޮތަށް މެދުވެރިކުރުވި ކިތަންމެ ސަބަބުތަކެއް އަޅުގަނޑުމެންނަށްވަނީ ފާހަގަކުރެވިފައި. ވޭތުވެދިޔަ ދިހައަހަރުގެ ތެރޭގައި މަދްރަސާ ނިންމި ފަސްދޮޅަސްހާސް ދަރިވަރުންގެ ތެރެއިން، މަތީ ތަޢުލީމު ހޯދުމަށާއި، ފަންނީ ތަމްރީނެއް ހޯދުމުގައި ބައިވެރިވެފައިވަނީ، އެންމެ ބާރަހާސް ދަރިވަރުން.

އޭގެ މާނައަކީ، މަސައްކަތު ފުރައިގެ އެތަކެއް ދިވެހި ޒުވާނުންނެއް އުޅެމުންދަނީ މަސައްކަތެއް ނުކޮށްކަމާއި، އިތުރު ހުނަރުވެރިކަމާއި، ކުޅަދާނަކަން ޙާޞިލު ކުރުމަށް އެހެން އެއްވެސް ކަމެއް ނުކޮށް، ހަމައެކަނި މައިންބަފައިން ނުވަތަ ޢާއިލާއަށް ބަރޯސާވެގެންކަން. ނޫކަށި ފުރައިގެ ޒުވާނާ އެއީ، އާއިލާއަށް ކުރިމަތިވެފައިވާ ބުރައަކަށްވުމަށް އެދޭނެ އެއްވެސް މަޔަކު، ބަފަޔަކު ނުހުންނާނެ. އެހެނަސް، ހިސާބުތައް އޮތްގޮތް މިދެންނެވީ. މި ސިފައާއި މި އާދަ މިޤައުމުން ބަދަލުކުރުމަކީ، ކުރާންޖެހިފައިވާ ކަމެއް.

ފަންނީ މަސައްކަތެއްގެ ހުނަރުވެރިކަމާއި މޮޅުކަން ޙާޞިލުކޮށް، ތަރުތީބުވެފައިވާ އިންތިޒާމެއްގެ ތެރެއިން ކުރިއަރައި ދެވޭނެ މަސައްކަތަކާއި، އިތުރުވަމުންދާނެ އާމްދަނީއެއް ހޯދައި، ތިމާގެ ހަމަ އިސްކޮޅަށް ހިންދެމިލައި، ތިމަންނާއަކީ އަނެކާގެ ނާޖާއިޒު ނުފޫޒުން ސަލާމަތްވެ ހުރި މިނިވަން ދިވެއްސެއްކަމުގެ އިޙްސާސް ލިއްބައިދޭން އެބަޖެހޭ. ކުޅަދާނަ މޭސްތިރިންނާއި މަސައްކަތްތެރިންނަށް ވާން ކެރޭނެ ދިވެހި ޒުވާނުންގެ ރޫޙާއި ޖޯޝް އާލާކޮށް، ފަޚްރުވެރިކަމާއެކު ކުރިއަށް ނުކުތުމުގައި އިޖާބަދިނުމަށް އަޅުގަނޑު ގޮވާލަން. އާންމުކޮށް ދިވެހިންނަށް ވަކިން ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް ތަޢުލީމާއި ތަމްރީނާ އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމުގައި، ސަރުކާރުގެ އަމާޒާ ވިސްނުންވަނީ އެކަށައެޅި، ބަޔާންވެފައި.

އެގޮތުން، ސަރުކާރުން މިހާރު ނިންމާފައިމިވަނީ، ފަންނީ ހުނަރުވެރިކަމުގެ ފުރިހަމަ ތަމްރީނު ދެވިފައިވާ އަށްހާސް ފައްސަތޭކަ ދިވެހިން، މަސައްކަތުގެ ބާޒާރަށް ނެރުމަށް. މިއަދު އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވާލަން، މި އަމާޒު ޙާޞިލު ކުރުމަށްޓަކައި ތިންސަތޭކަ ފަސްދޮޅަސް މިލިއަން ރުފިޔާގެ ޤައުމީ މަޝްރޫޢެއް ސަރުކާރުން މިހާރުވަނީ އެކުލަވާލާ ނިމިފައި.

މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށްޓަކައި، މައިގަނޑު ހަތަރު ބައެއްވަނީ ފާހަގަކުރެވިފައި. ފުރަތަމަ ބަޔަކީ، ތަމްރީނުތަކާ ގުޅޭ ބައި. މިބައިގެ ދަށުން، ތަމްރީނުތައް ކުރިއަށް ގެންދެވޭނެ ގޮތުގެ އޮނިގަނޑެއް ތައްޔާރުކުރެވި، ތަމްރީނު ދޭ ފަރާތްތަކުގެ ޤާބިލްކަން އިތުރުކުރެވޭނެ. ދެވަނަ ބަޔަކީ، މިތަމްރީނުތަކާއި، އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުން. މިބައިގެ ދަށުން، ސްކޫލް ނިންމާ ކުދިންނާއި، ވަޒީފާއެއް ނެތި ތިބި ޒުވާނުންނާއި އަދި ބެލެނިވެރިންނަށް، ތަމްރީނު ޕްރޮގްރާމްތަކާއި އަދި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ ގޮތުން މަޢުލޫމާތުދެވޭނެ. މީގައި ހިމެނޭ އެންމެ މުހިންމު އަނެއް ކަމަކީ، ވަޒީފާ ދޭ ފަރާތްތަކުން، ދިވެހި މަސައްކަތްތެރިންނާމެދު ދެކޭ ގޮތް ބަދަލުކުރެވި، ދިވެހި މަސައްކަތްތެރިންނާ ގުޅޭ މުޅިން އާ ތަޞައްވުރެއް އުފެއްދުމަށް މަސައްކަތްކުރުން. ތިންވަނަ ބަޔަކީ، މަސައްކަތެއް ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން. އެގޮތުން، ކެރިއަރ ގައިޑެންސް ސެންޓަރުގެ މަސައްކަތްތައް އިތުރަށް ފުޅާކުރެވި، ހަރުދަނާކުރެވި، އެތަނުން ލިބޭ މަޢުލޫމާތުތަކާއި އަދި ދެވޭ ޚިދުމަތްތައް އިތުރަށް ތަނަވަސްކުރެވިގެންދާނެ. އަދި ހަމައެހެންމެ، ވަޒީފާއާ ގުޅޭ ދަފްތަރު މިހާރަށްވުރެ ބޮޑަށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހިގެންދާނެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި ހިމެނޭ ހަތަރުވަނަ ބަޔަކީ، ވަޒީފާއާބެހޭ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ޤާބިލްކަން އިތުރުކުރުން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމަކީވެސް، ދެމެހެއްޓެނިވި ކަމަކަށް ވާން އެބަޖެހޭ. އެގޮތުން، މިތަމްރީނުތައް ހަމައެކަނި އެއް އަހަރުގެ މުއްދަތައް ހިންގާފައި ހުއްޓާލުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތަނުގައި ޤައުމު ކުރިއަށްދާ ގޮތަށް، މިފަދަ ޕްރޮގްރާމްތައްވެސް ސަރުކާރުން ކުރިއަށް ގެންދާނެ.

ފަންނީ ތަމްރީނު ދެވިފައިވާ ހުނަރުވެރި ދިވެހިން އުފައްދައި، މަސައްކަތުގެ ބާޒާރަށް ނެރުމަށް ސަރުކާރުން ހިންގުމަށް ރާވާފައިމިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކޮންމެހެން ބޭނުންވާ ހުނަރުވެރި ދިވެހިން ތަމްރީނު ކުރެވޭނެ. ޢިމާރާތްކުރުމުގެ ދާއިރާއިން، ވެލްޑަރުންނާއި، މޭސަނުންނާއި އިލެކްޓްރީޝަނުންނާއި އަދި އެނޫންވެސް އެދާއިރާއާ ގުޅުން ހުރި، ހަ ހާސް ނުވަސަތޭކަ ހަތްދިހަ ހަތް ދިވެހިން ތަމްރީނުވެގެން އިރާދަކުރެއްވިއްޔާ މަސައްކަތުގެ މައިދާނަށް ނުކުންނާނެ. ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާކަމުގައިވަނީނަމަ، ކައްކާ މީހުންނާއި، ވެއިޓަރުންނާއި، ހައުސްކީޕަރުންނާއި އަދި ޑައިވިންގ އިންސްޓްރަކްޓަރުންނާއި އަދި އެހެންވެސް، މިދާއިރާއާ ގުޅުން ހުރި މަސައްކަތްތަކަށް ތިންހާސް އަށްސަތޭކަ ދިވެހިން ތަމްރީނުކުރެވޭނެ. އަދި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ހަތްސަތޭކަ ދިވެހިން ތަމްރީނުކުރުމުގެ އިތުރަށް، ނަރުހުންނާއި ފާމަސިސްޓުން އަދި ފަހާ މީހުންނާއި ކުޅިވަރު އިންސްޓްރަކްޓަރުން ފަދަ އިޖްތިމާޢީ ދާއިރާއިން ހަތަރުސަތޭކަ ފަންސާސް ދިވެހިން އިރާދަކުރެއްވިއްޔާ މުޅިން އަލަށް އަޅުގަނޑުމެން އުފައްދާނަން. މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން އަށްސަތޭކަ ފަސްދޮޅަސް ދިވެހިން އަދި އެކައުންޓްސް ދާއިރާފަދަ އެހެނިހެން މަސައްކަތްތަކަށް ހަތަރުސަތޭކަ ދިވެހިން ތަމްރީނުވެ، މަސައްކަތަށް ނެރެވޭނެ.

މި ތަމްރީނު ޕްރޮގްރާމް ހިންގުމަށް ރޭވިފައި އޮތް ގޮތަކީ، ވަޒީފާ ދޭ ފަރާތްތަކުން ހިންގާ ތަމްރީނުގެ ގޮތުގައި ތިންހާސް ނުވަސަތޭކަ ސާޅީސް ފަހެއް، ތަމްރީނު ދޭ މަރުކަޒުތަކުން ހިންގާ ތަމްރީނުގެ ގޮތުގައި ތިންހާސް ހަތްސަތޭކަ ނުވަދިހަ ފަހެއް، ރާއްޖެއިން ބޭރުން ހިންގާ ތަމްރީނުގެ ގޮތުގައި ހަތްސަތޭކަ ފަސްދޮޅަސް މީހަކު ތަމްރީނުކުރުން. މީގެ ބޭނުމަކީ، މަސައްކަތުގެ މާހައުލަށް ކުދިން އަހުލުވެރިކުރުވުމާއި، އެކަމަށް ކުދިން ޝައުޤުވެރިކުރުވުން. އަދި ވަޒީފާދޭ ފަރާތްތަކާއި ތަމްރީނު ލިބިގަންނަ ކުދިންނާ ގުޅުވައި، ވީހާވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުދިންނަށް ބޭނުންވާ ތަމްރީނު އޭގެ އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުން.

ޙަޤީޤީ މިނިވަންކަމަކީ ދިވެހި އިންސާނާ ތަރައްޤީވެދިޔުން. އަޅުގަނޑު އަބަދުވެސް ދަންނަވަން، ތަރައްޤީއަކީ، އަޅާ ބޮޑު ޢިމާރާތަކުން، ހަދާ ބޮޑު ބަނދަރަކުން، ތަނެއްގައި ލާ މޮޅު ކުލައަކުން މިނާ އެއްޗެއް ނޫންކަމުގައި. އަޅުގަނޑު ދޫ ނުދީ ހުންނާނެ ބަޙުޘަކީ، ތަރައްޤީއަކީ، ބޮޑު ހިލައާ ގުޅޭ އެއްޗެއް ނޫންކަމުގެ ބަޙުޘް.

ޤައުމުގެ ޒުވާނުންގެ ގިނަ އަދަދެއްގެ ބަޔަކު ވީ ގޮތެއް ވެގެން، ޖެހުނު ހާލެއް ޖެހިގެން، ޖަލުގޭގެ އަނދިރިކަމުގެ ތެރެއަށް ގެއްލި، ދިރިއުޅުން ބަރުބާދުވެ، ހަފުސްވާން ދޫކުރުމަކީވެސް، ތަރައްޤީއާ މިނިވަންކަމަށް އޮތް ހުރަހެއް. އުފެއްދުންތެރި ބޭނުންތެރި ބައެއްގެ ގޮތުގައި އެމީހުންނަށް މުޖްތަމަޢާ ގުޅިދާނެ ހުރިހާ ފުރުޞަތަކަށް އަބަދުވެސް އަޅުގަނޑު ހުންނާނީ ބަލަބަލާ. އެހިނދަކަށް ގެންނަން ޖެހޭ ބަދަލަކާއި އަދި އަޅަންޖެހޭ ފިޔަވަޅެއް އެޅުމާއެކުވެސް، ޙުކުމް ތަންފީޒުކުރަމުންދާ ގާތްގަނޑަކަށް ހަތަރުސަތޭކަ އާ ގާތްކުރާ ދިވެހި ޒުވާނުންނަށް ސާޅީސް ހަވަނަ މިނިވަންދުވަހުގެ އުފަލުގައި އަޅުގަނޑު ދެވަނަ ފުރުޞަތެއް މިއަދު ދޭނަން. ދެވަނަ ފުރުޞަތެއް ދިނުމަށް ކަނޑައެޅި ޒުވާނުން، ގިންތިކޮށްފައިވަނީ، ކަންތައްތަކަކަށް ބެލުމަށްފަހު. އެގޮތުން، ބޮޑު ބައްޔަކަށް ބޭސްކުރަންޖެހިފައި ތިބި މީހުންނަށާއި، އިތުރު ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދީގެން، އެމީހުންގެ ފަރާތުން މުޖްތަމަޢަށް ފައިދާހުރި ކަންތައްތަކެއް ކޮށްދެވިދާނެ ފަރާތްތަކަށް އިސްކަންދީގެން. އަދި ހަމައެހެންމެ، ދެވަނަ ފުރުޞަތެއް ދިނުމަށް ކަނޑައެޅި ފަރާތްތަކުގެ ކުށުގެ ރެކޯޑަށާއި އަދިވެސް ވަރަށް ގިނަ ކަންތައްތަކަށް ބެލެވިފައިވާނެ.

ދެވަނަ ފުރުސަތުގެ ޕްރޮގްރާމެއް ހިންގުމަށް އަޅުގަނޑުމެން ކުރި ދިރާސާއިން ފާހަގަވި އެއް ކަމަކީ، ޖަލުގޭގެ ނާމާން އަނދިރީގައި ގެއްލި، ބިއްޖެހިފައިތިބި ގިނަ ޒުވާނުންތަކެއް ތިބިކަން. އެބައިމީހުންގެ ދިރިއުޅުމުގެ ހަސްފަސް ގެއްލި މުރާދެއް ނެތިފައިތިބި، ދިވެހި މަޔަކަށާއި ބަފަޔަކަށް އުފަން އަޅުގަނޑުމެންގެ ދަރިއެއް އެތަނުގައި ހުރިކަން. ދެވަނަ ފުރުސަތެއް އެފަދަ ކުއްޖަކަށް ހޯދައިދިނުމަށް ސަރުކާރުން ނިންމީ، ވަރަށް ގިނަ ޙަޤީޤަތް ތަކެއް ދެނެތިބެ. ބާރުގަދަ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ ގިނައަދަދެއްގެ މީހުންނާއި، ބޮޑެތި މާރާމާރީއާއި ވައްކަންކޮށްފައިވާ ގިނަ އަދެއްގެ ބައެއް، ރަށުތެރެއަށް ގިނަވެއްޖެނަމަ، ޢާންމު މަޞްލަޙަތަށް ކޮށްފާނެ އަސަރު އެނގިތިބެ. މީގެކުރީގައި ދިމާވެފައިވާ ގިނަގުނަ ކަންކަމުން ކިތަންމެ ތަޖުރިބާތަކެއް ހޯދައިގެން.

ދެވަނަ ފުރުޞަތު ލިބޭނީ، ކަނޑައެޅިފައިވާ ޝަރުޠުތަކެއްގެ ދަށުން އެފަދަ ކުދިންނަކީ، ލަފާދާރު އިންސާނެއްގެ ގޮތުގައި މުޖްތަމަޢުގައި ޙަޔާތް ވޭތިކުރާ ބައެއްގެ ގޮތުގައި ހެދުމަށް މަގުފަހިކުރުމަށް. ޝަރުޠުތައް ފުރިހަމަވާ މީހުންގެ ތެރެއިން، ދެވަނަ ފުރުޞަތުގެ ދަށުން، މުޖްތަމަޢުއާ އަލުން ގުޅޭ ފަރާތްތަކަށް ރީހެބިލިޓޭޝަން ޕްރޮގްރާމެއް ޤާއިމްކުރެވޭނެ. މި ޕްރޮގްރާމުގެ އަސާސީ ބޭނުމަކީ، އެމީހަކާ އެކަށީގެންވާ ތަމްރީނުދީ، ވަޒީފާގެ ފުރުޞަތު ހޯދައިދީ، ދިރިއުޅުމުގެ ހުނަރުތަކަށް އަހުލުވެރިކޮށް، ފުރިހަމަ ޒުވާނެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢުއަށާއި އޭނާގެ އާއިލާއަށް ބޭނުންތެރި މީހަކަށް ހަދައި ދިނުން.

ސަރުކާރުގެ މަޝްރޫޢުތަކުގައި ކަނޑައެޅިފައިވާ އުޖޫރައަކަށް މަސައްކަތްކުރުމުގެ ފުރުޞަތު، ތަމްރީނު ދިނުމަށްފަހު، އެމީހަކަށް ލިބިގެންދާނެ. ދެވަނަ ފުރުޞަތުގެ ދަށުން މުޖްތަމަޢުއަށް ދޫކޮށްލެވޭ މީހަކީ، އެފުރުޞަތު، އެމީހަކަށް ދެވޭތާ ތިން އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ބާވަތެއްގެ ކުށެއްކޮށްފިނަމަ، ވަގުތުން ޖަލަށްލެވި، އަދި ކުށަށް މަޢާފްކޮށްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ފުރުޞަތު ހަނިވެގެންދާނެ މީހެއް. އަޅުގަނޑުގެ އުންމީދަކީ، އަދި އެދުމަކީ، ދެވަނަ ފުރުސަތެއް މިދެވޭ ކުއްޖަކީ، މުޖްތަމަޢަށް ފައިދާ ހުރި، ބޭނުންތެރި މީހަކަށްވުން.

އަޅުގަނޑުމެން ކުރަހާފައިވާ ޤައުމީ ތަޞައްވުރު ބިނާވެފައި މިވަނީ، ބޭނުންވާ ހުރިހާ ހިސާބު ކިތާބެއް ޖެހުމަށްފަހު. ސިޔާސަތުތައް އެކަށައެޅި ޖަހަންވާ އިންތަކާއި މިންތައް ޖަހައިގެން. މިދެންނެވި މަގުން މެނުވީ ޤައުމަކަށްވެސް، އަދި ރައްޔިތަކަށްވެސް އެއްވެސް ރާޙަތެއް ނުކުރާނެކަން ސަރުކާރުން އަބަދުވެސް ޤަބޫލުކުރަން.

ބޯހިޔާވަހިކަމުގެ މިނިވަންކަމަކީ، ކޮންމެ ރައްޔިތެއްގެވެސް ޙައްޤެއް. އެ ޙައްޤު ހޯދައިދިނުމަށް، ސަރުކާރުން މިވަނީ، ޕްރޮގްރާމްތަކެއް ފަށާފައި. އެގޮތުން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް، ކުރިއަށް ގެންދާ ޕްރޮގްރާމް އަޅުގަނޑުމެންނަށް ބާރަށް ކުރިއަށް ގެންދެވި، ބޯހިޔާވަހިކަމުން މަޙުރޫމްވެފައިވާ އެތައް ރައްޔިތުންނެއްގެ ޙައްޤު އަޅުގަނޑުމެންނަށް ހޯދައިދެވޭނެ ކަމާމެދު، އަޅުގަނޑަށް މިއަދު ޔަޤީން. އެގޮތުން، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން، ތަނަވަސް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ނަވާރަ ހާސް ނުވަސަތޭކައަށް ވުރެ ގިނަ ފޯމު މިހާރުވަނީ ހުށަހަޅާފައި. އަދި ހުށަހެޅިފައިވާ ފޯމުތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު އެދަނީ ކުރެވެމުން.

ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަކީ، އަދި ވަކިން މާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. ސަރުކާރުގެ ދިހަ ހާސް ހައުސިންގ ޔުނިޓް ބިނާކުރުމުގެ މަޝްރޫޢުގެ ތެރެއިން، މާލޭ ސަރަޙައްދުގައި ބިނާކުރުމަށް ހަމަޖެހިފައިވާ ތިންހާސް ހައުސިންގ ޔުނިޓުގެ ބޮޑު ބައެއް އަމާޒުވެފައިވަނީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ދަތި ޢާއިލާތަކަށް. މި ތިންހާސް ޔުނިޓުގެ ތެރެއިން އެއްހާސް ޔުނިޓު ބިނާކުރުމުގެ މަސައްކަތް ހުޅުމާލޭގައި އެދަނީ ހަލުވިކަމާއެކު ހިނގަމުން. ބާކީ ދެހާސް ޔުނިޓުގެ ތެރެއިން، މާލޭގައި ފަސްސަތޭކަ ޔުނިޓް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވަނީ ފަށާފައި. މީގެއިތުރުން، މާލެއާއި ވިލިގިނލީގައާއި، ހުޅުމާލޭގައާއި އަދި ގުޅީފަޅުގައި ވެސް ހައުސިންގ ޔުނިޓްތައް ޢިމާރާތްކުރެވޭނެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހަސަތޭކަ އަކަފޫޓަށްވުރެ ކުދި ބިންބިމަށް ނިސްބަތްވާ އަށްހާހަށްވުރެ ގިނަ މާލޭމީހުން ނުވަތަ ޢާއިލާ މާލޭގައި އެބަ ދިރިއުޅެމުންދޭ. އެހާކުދި ބިން އެމީހުންގެ ނަމުގައި ރަޖިސްޓަރީ ކުރުމުގެ ބަދަލުގައި، ޢައްޔަނުކޮށް ދެވުނު ނަމަވެސް، ގޯތި ކުޑަކަމުން ހާސްކަމެއް ނެތް ތާހިރު ދިރިއުޅުމަކަށް މަގުފަހިވާފަދަ، ހިޔާވަހިކަމެއް އެބިމުން ހޯދޭނެ އެއްވެސް ގޮތެއް ނޯވޭ. ސަރުކާރުން ފަށާފައިވާ ވެށިފަހި މާލެ ޕްރޮގްރާމް ކުރިއަށް މިގެންދެވެނީ މާލޭގެ ރައްޔިތުންނަށް ހާސްކަމެއްނެތް ބޯހިޔާވަހިކަމެއް ހޯދައިދިނުމުގެ ބޭނުމުގައި. މިޕްރޮގްރާމުގެ ދަށުން، މައިގަނޑު ތިން ބާވަތެއްގެ ބަޔަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ލިބިގަތުމުގެ ފުރުޞަތު އޮންނާނެ. އެއީ، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނަށާއި، ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް މާލެއަށް އުފަން ރަށްވެހިންނަށާއި، އަދި މާލޭގައި ވަޒަންވެރިވެފައިވާ މީހުންނަށް.

ވެށިފަހި މާލެ ޕްރޮގްރާމުގެ ތަނަވަސް ބޯހިޔާވަހިކަމުގެ ފުރަތަމަ ފިޔަވަހީގައި ހުޅުވާލާ ފުރުޞަތުގެ ދަށުން، ކުދި ބިންތަކުގައި ދިރިއުޅޭ މާލޭ ރަށްވެހިންނަށް ނިސްބަތްކޮށް ހުޅުވާލެވެނީ ޖުމްލަ އެއްހާސް ފަރާތަކަށް. އެފަރާތްތަކަށް ޚާއްޞަކުރެވިފައިއޮތީ، މާލެއިން ފައްސަތޭކަ ހައުސިން ޔުނިޓާއި، ހުޅުމާލެއިން ދުއިސައްތަ ފަންސާސް ހައުސިން ޔުނިޓާއި، އަދި ހުޅުމާލޭގައި ކަނޑައެޅޭ، ބާރަސަތޭކަ އަކަފޫޓުގެ ދުއިސައްތަ ފަންސާސް ގޯތި.

މިދެންނެވި ބަޔަށް ފުރުޞަތު ހުޅުވާލެވުނީ، މާލޭގައި ބިންކޮޅެއް އޮވެމެ، އެހެންނަމަވެސް އެ ބިންކޮޅު ކުޑަކަމުން ތަނަވަސް ދިރިއުޅުމެއް ނުއުޅެވޭ މީހުންނަށް ކަމުން، މި ބައިގައި ޝަރުޠު ހަމަވާ މީހުންކަމަށް ބެލިފައިވަނީ، މާލޭގައި ބިންކޮޅެއް އޮތް މީހުންގެ ތެރެއިން ފޯމު ފުރާ ބައިވެރިވި ފަރާތްތައް. މިބަޔަށް އެދިފައިވަނީ މާލޭ ރައްޔިތުންގެ ތެރެއިން އެއްހާސް އެއްސަތޭކަ އަށްޑިހަ ތިން މީހުން. އަދި މިއީ މާލޭގެ ބިމުން އެއްލައްކަ ފަންސާސް ހާސް އަކަފޫޓަށްވުރެ ބޮޑު ބިން ހުސް ކުރުމަށް ހުށަހެޅޭ ހުށަހެޅުމެއް.

މާލެއިން ލިބިފައިވާ ޖާގަ ދަތި، ނުތަނަވަސް ކުޑަބިންކޮޅު ދޫކޮށްލުމަށް ހުށަހަޅާފައިވާ އެއްހާސް އެއްސަތޭކަ އަށްޑިހަ ތިން މީހުންގެ ތެރެއިން، ހަތްސަތޭކަ ތިރީސް ހަތް މީހުން އެދެނީ ހުޅުމާލެއިން ބިމަކަށް. އޭގެ ތެރެއިން، ތިންސަތޭކަ ހަތާވީސް މީހުން އެދެނީ މާލެއިން ފްލެޓަކަށް. އަދި ހަތްދިހަ ދެ މީހުން އެދެނީ ހުޅުމާލެއިން ފްލެޓަކަށް. އިރާދަކުރެއްވީތީ މި ގިންތިއަށް ހުށަހެޅޭ، ޝަރުޠު ހަމަވާ ފަރާތްތަކަށް ގުރުއަތުލުމެއް ނެތި މިދާ މަގުންގޮސް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަމުގެ އުންމީދު ސަރުކާރަށް މިހާރު މިވަނީ އާވެފައި.

މި ޕްރޮގްރާމުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އަނެއް ދެ ގިންތިއަކީ، ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް މާލެ އުފަން ރަށްވެހިންނާއި، އަދި މާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ ގިންތި. އެގޮތުން ބިން ނުވަތަ ދިރިއުޅޭނޭ އަމިއްލަ ތަނެއްނެތް މާލެއަށް އުފަން ރަށްވެހިންގެ ބަޔަށް، ހަތްހާސް އެއްސަތޭކަ ތިން މީހުން ފޯމު ހުށަހަޅާފައިވޭ. އަދި މާލޭގައި ވަޒަންވެރިވެފައިވާ މީހުންގެ ގިންތިއަށް، އެގާރަ ހާސް ހަސަތޭކަ ތިރީސް މީހުން ފޯމު ހުށަހަޅާފައިވޭ. މިޕްރޮގްރާމް ހިންގުމުގައި ސަރުކާރުގެ ސިޔާސަތު ބައްޓަން ކޮށްފައިވަނީ، ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކަށް، ބޭންކް ލޯނާއި، ޢިމާރާތްކުރެވޭނެ މަގު ފަހިކޮށްދިނުންފަދަ ކަންކަމުގައި އެހީތެރިވެދީ، އެފަރާތްތަކުގެ ޒަމާންވީ ބުރަ ދިރިއުޅުމުން ރައްޔިތުން މިނިވަން ކުރުމުގައި، ސަރުކާރުން މަދަދު ކޮށްދެވޭނެ އެންމެ މަތީ ދަރަޖައަކަށް ޙިއްޞާވުމަށް.

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން، މާލެ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގައިވެސް ބޯހިޔާވަހިކަމަށް ބޭނުންވެފައިތިބި އެތައް ރައްޔިތުންނެއް އުޅެމުންދާކަން، އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެން ނުދޭ. އެގޮތުން މިޕްރޮގްރާމުގެ ދަށުން އަތޮޅުތަކުގައި ހަތް ހާސް ހައުސިންގ ޔުނިޓް އެޅުމަށްވަނީ ހަމަޖެހިފައި. އޭގެ ތެރެއިން، ތިންހާސް ތިރީސް ޔުނިޓް އެޅުމަށް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި. އަދި އޭގެތެރެއިން ތިންސަތޭކަ ފަންސާސް ޔުނިޓެއްގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށް ދާކަން އަޅުގަނޑު ފާހަގަކޮށްލަން. ނައިފަރުގައި އަޅާ ގެތަކުގެ ކޮންކްރީޓް މަސައްކަތް އެވަނީ އެއްކޮށް ނިމިފައި. ކޮލަމާފުށްޓާއި، ތިނަދޫގައި އަޅާ ގެތަކުގެ އިރުމަތީ ފަރާތު ބިތުގައި ސިމެންތިޖަހަނީއެއް ނޫން. ސިމެންތިޖަހާ ނިމި މިހާރު ބިތްބިތުގައި އެދަނީ ކުލަލަމުން. ކުޅުދުއްފުށްޓާއި، އައްޑޫ ސިޓީގެ ފޭދޫގައި އިމާރާތްކުރާ ގެތަކުގެ ކޮންކްރީޓް މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެހެން ބައެއް ސައިޓްތަކުގައި މިހާރުވެސް ބައެއް ގެތަކުގެ މަތިވަޑާން އަރުވާ، ހިޔާކޮށް ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތް އެދަނީ ބާރަށް ކުރިއަށް. މީގެ އިތުރުންވެސް، ރާއްޖޭގެ އެކި ރަށްރަށުގައި ގެ އެޅުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން އަޅުގަނޑު މިފާހަގަކޮށްލަނީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ވަޢުދުކަމުގައިވާ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދެމުންދާކަމުގެ ފޮނި އިޙްސާސް ކުރެވޭ ހާލު. ސަރުކާރުގެ އަމާޒަކީ، ވީ ވަޢުދާ އެއްގޮތަށް، ބޯހިޔާވަހިކަމުގެ ޙަޤީޤީ މިނިވަންކަމުން މަޙްރޫމުވެފައި ތިބި ގިނަ ބަޔަކަށް ވީހާ އަވަހަކަށް އެ ފުރުޞަތު ތަނަވަސްކޮށްދިނުން. އަދި ވަކިން ޚާއްޞަކޮށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ލިބިދިނުން.

އަޅުގަނޑުގެ ދުޢާއަކީ، އަދަށްވުރެ އަދި މާ އުފާވެރި މާދަމާއެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه، والسّـلام عليـكم