بســم اللّـه الرّحمـن الرّحيــم

ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނައިބު ރައީސްގެ ދެކަނބަލުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނާއި، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި ވަކިން ޚާއްޞަކޮށް، މިއަދުގެ އިނާމުތައް ލިބިވަޑައިގެންނެވި ޝަރަފްވެރިން. އަދި މި ޖަލްސާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުންނާއި، މި ޖަލްސާ، ދުރާއި ގާތުން ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

ޝަރަފުގެ އިނާމު، ޤައުމީ އިނާމު ރައްޔިތުންނަށް، އެ އިނާމުތައް ޙައްޤުވާ ފަރާތްތަކަށް ދިނުމުގައި، ސަރުކާރުން މިހާރުވެސް އަދި ކުރީގައިވެސް އަދި ޤައުމެއް ބިނާކުރުމުގައި މަސައްކަތްކުރާ ކޮންމެ ބައެއްގެ މެދުގައިވެސް މިކަންކަން ހިންގުމުގެ ވަކި ޚާއްޞަ ސަބަބުތަކެއްވޭ. ޤައުމެއްގެ ތަރައްޤީ ގުޅިފައި އޮންނަނީ ކިތަންމެ ކަމަކާ. ވަކި ޚާއްޞަ ކަންތައްތަކެއް، ވަކިއިރެއްގައި، ވަކިގޮތަކަށް ކުރެވުނީމާ މެނުވީ، އަޅުގަނޑުމެން މި އެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ނުލިބޭކަން އެއީ، އިންސާނީ ތަޖްރިބާ ދައްކައިދީފައި އޮތް ޙަޤީޤަތެއް. ޤައުމު ތަރައްޤީވުމަށްޓަކައި ޤައުމުގެ ދަރިން، އެ ޤައުމަށްޓަކައި، އެ ޤައުމާހުރެ ފަޚްރުވެރިވާންޖެހޭ ކަންތައްތަކެއް އެބަ ފާހަގަވާންޖެހޭ.

ޤައުމުގެ ދަރީންނަށް، އެ ޤައުމުގައި އުފެދިފައިވާ އަދި އެ ޤައުމަށް ޚިދްމަތް ކުރަމުން ގެންދާ އެހެން ފަރާތްތަކުގެ ޚިދްމަތްތައް އެބަ ކުލަގަދަކޮށް ފާހަގަވާންޖެހޭ. ޤައުމިއްޔަތެއް ބިނާކުރުމުގައި، ކޮންމެ ރައްޔިތަކަށްވެސް، ދިވެއްސަކަށްވީތީވެ ފަޚްރުވެރިވާންޖެހޭ އަދި ވެވޭ ސަބަބުތަކެއް އަޅުގަނޑުމެން އެބަ ފޯރުކޮށްދޭންޖެހޭ. މިރޭ މި ދެވޭ ޤައުމީ އިނާމު ދިނުމުގެ އެންމެބޮޑު އެއްބޭނުމަކީ މިދެންނެވީ. ޤައުމިއްޔަތެއް ބިނާކުރުމުގައި، މި ޤައުމުގެ އެންމެ ރައްޔިތުން، އެބަޔަކަށްޓަކައި، އެބޭފުޅުންކޮޅަކަށްޓަކައި ފަޚުރުވެރިވާނެ އަދި ފަޚުރުވެރިވާ ބޭފުޅުން އަބަދުވެސް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކޮށް، އެބޭފުޅުންނަށް ޙައްޤުވެގެންވާ އިނާމު، އެބޭފުޅުންނަށް ރައްދުކޮށްދިން.

އަޅުގަނޑަށް މިރޭ ލިބޭ ވަރަށްބޮޑު އުފަލެއް، ރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމުގައި ކޮންމެހެން ހިމެނެންޖެހޭ ރުކުނެއް ހިމެނުމުގައި، ތިޔަބޭފުޅުންގެ އެހީތެރިކަމާއި އަދި ތިޔަބޭފުޅުންގެ ބައިވެރިވުން، މި ދަރަޖައަށް ލިބިގެންދާކަމީ، އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއް. އަޅުގަނޑުމެން އެންމެންގެވެސް އަބަދުވެސް ބޭނުމަކީ ޤައުމީ ތަރައްޤީ. އަޅުގަނޑުމެން އެދެނީ، އަޅުގަނޑުމެންގެ ޙާލަތު، އެއް ޙާލަތުން އަނެއް ޙާލަތަށް ރަނގަޅުވެދިޔުމަށް. އަޅުގަނޑުމެންނަށް މިއަދު ލިބޭ އެއްޗަކަށްވުރެ، ރަނގަޅު އެއްޗެއް، ރަނގަޅު ގޮތެއް، މާދަމާ އަޅުގަނޑުމެންނަށް ލިބުމަށް.

މިދެންނެވި ރަނގަޅު ގޮތް، ރަނގަޅު އެތި، ރަނގަޅު އާމްދަނީ، ތަނަވަސްގޮތް، އުފާވެރިކަން އަޅުގަނޑުމެން ހޯދުމަށްޓަކައި، ލިބުމަށްޓަކައި ހިންގާންޖެހޭ ވަކި ކަންތައްތަކެއް އަބަދުވެސް އަޅުގަނޑުމެންނަށް ފާހަގަވޭ. މިދެންނެވި ކަންތައްތަކުގެ ތެރޭގައި، ޤައުމީ ޖޯޝް، ޤައުމީ ރޫޙު، ޤައުމަށްޓަކައި ކުރާ ކަންކަން ކުރުމުގެ އާދައާއި، އެކަމުގެ ހިތްވަރު އަޅުގަނޑުމެން ރައްޔިތުންނަށް ލިބުން ހަމަކަށަވަރުންވެސް ހިމެނޭ. ޤައުމީ ޖޯޝަށްޓަކައި، ޤައުމުގައި، މި ރާއްޖޭގައި ހެޔޮ ކަންތައްތައް، ރަނގަޅު ކަންތައްތައް އަދި އެހެން ހުރިހާ ފަރާތްތަކަކަށްވެސް އެކުރެވޭ ކަމެއްގެ ސަބަބުން ފައިދާވާ ކަންކަން ފާހަގަކޮށް، އެފަރާތްތަކަށް އިނާމު ދިނުމަކީ، ކޮންމެ ޤައުމެއްގައިވެސް ޤައުމިއްޔަތެއް ބިނާކުރުމުގައި ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑުމެންގެ ތަރައްޤީ ހޯދުމަށްޓަކައި ޤައުމިއްޔަތު ބިނާކުރުމުގައި، އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ކިތަންމެ ކިތަންމެ ކަމެއް އެބަވޭ. މިދެންނެވި ކަންކަމުގެ ތެރޭގައި، ހަމަކަށަވަރުންވެސް އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަވުން އެއީ، ފާހަގަވާ އެންމެ މުހިންމު އެއްކަންތައް. އަޅުގަނޑުމެން ކޮންމެ ދިވެއްސަކީވެސް، އަޅުގަނޑުމެންގެ އަމިއްލަ ނަފްސަށް އިތުބާރު ހިފޭ، މީހަކު ދައްކާ ވާހަކައަކުން، އަނެކާ ބުނާ އެއްޗަކުން އަޅުގަނޑުމެންގެ ޢަޤީދާ ގުޑައިދާފަދަ ބަޔަކަށް ވެގެނެއް ނުވާނެ. ޤައުމިއްޔަތެއް ބިނާކުރުމުގައި، އަޅުގަނޑުމެން އެންމެންގެވެސް ހިތްވަރު އަދި އަޅުގަނޑުމެން އެންމެންގެވެސް ކެތްތެރިކަމާއި، އަޅުގަނޑުމެން އެންމެންގެވެސް ވިސްނުމުގެ ފުންމިނާއި ފުޅާމިން، އޭގެ އެންމެ ފުން، ފުޅާ މިންވަރަށް އެބަ އަޅުގަނޑުމެން ލިބިގަންނާންޖެހޭ.

މިދެންނެވި ކަންކަން ހޯދުމަށްޓަކައި މިރޭގެ ޖަލްސާއިން އަޅުގަނޑުމެންނަށް ފާހަގަވެގެން އެދިޔަ ބޭފުޅުންނަކީ، އަޅުގަނޑު ދަންނަވާނީ، އެ ޢަޤީދާ ވަރުގަދަކަމުގެ ލާމަސީލު މިސާލޭ. އަޅުގަނޑުމެން ގާތުގައި ދައްކާ ވާހަކަތައް، އަޅުގަނޑުމެންނަށް އިވޭ ވާހަކަތައް، އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތައް އެއީ، އަޅުގަނޑުމެންނަށް ބަލައިގަނެވޭ ނުވަތަ ހަޖަމްކުރެވޭ، އަޑުއެހުމުގެ ހިތްވަރުހުރި ވާހަކަތަކަކަށްވާންޖެހޭނެ. އަޅުގަނޑުމެންނަކީ މީހަކު ބުނާހާ ގޮތަކަށް ހެއްލޭ ބަޔަކަށް، ބަޔަކު ދައްކާހާ ވާހަކައަކަށް އެނބުރޭ ބަޔަކަށް ވެގެނެއް ނުވާނެ. އެކަން ނުވުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތަކުގައި އުފައްދާން މިޖެހެނީ، ވަކި ބާވަތެއްގެ ޤައުމީ ރޫޙެއް، ޤައުމީ ޖޯޝެއް.

މިދެންނެވި ޤައުމީ ޖޯޝް ނުވަތަ ޤައުމީ ރޫޙު އުފެދިގެން އަންނަނީ، އެއްވެސް ޙާލެއްގައި ކަންކަން އަޑުނޭހުމަކުންނެއް ނޫން. ވާހަކަތައް ނުދެއްކުމަކުންނެއް ނޫން. ކަންކަން ފޮރުވުމަކުންނެއް ނޫން. ސާފު ސާދާގޮތުގައި، ދެފުށް ފެންނަ ގޮތުގައި، އަޅުގަނޑުމެންގެ ހިތަށް އަންނަ ވާހަކަތައް، އަޅުގަނޑުމެންގެ ދުލުން ބުނެވި، އެ ވާހަކަތަކުގައި ހުރި ހެޔޮ ނުބައި، އަޅުގަނޑުމެން އެންމެންގެ މެދުގައި މަޝްވަރާ ކުރެވި، ބަޙުޘް ކުރެވި، އެ މައްޗަށް ބުރަވެ، އަޅުގަނޑުމެންގެ ކަންކަން ނިންމުން.

އަޅުގަނޑު ދަންނަވާނީ މިރޭ އަޅުގަނޑުމެންނަށް ފާހަގަވެގެން މިދަނީ އަދި އަޅުގަނޑުމެންނަށް މި ލިބޭ ނަޞީބަކީ، މިދެންނެވި ބާވަތުގެ ޝަޚްޞިއްޔަތުތަކެއް ފާހަގަކުރުމުގެ ނަޞީބު. ޤައުމެއް ބިނާކުރުމުގައި، ހަމައެކަނި އަޅުގަނޑު އަބަދުވެސް ތަކުރާރު ކުރަން. ބޭނުންވަނީ ކޮންކްރީޓާއި ދަގަނޑެއް ނޫނޭ. ބޮޑުހިލަ ބަނދަރާއި އެއްގަމު ތޮށްޓެއް ނޫނޭ. މިސްކިތު ވަށާފާރާއި އަދި އެނޫންވެސް ހަމައެކަނި ޢުމްރާނީ ތަރައްޤީއެއް ނޫނޭ. ތަރައްޤީވާންޖެހެނީ ތިމާ މީހާ. ތަރައްޤީއަކީ ތިމާއަށްވާގޮތެއް. އޭނާއަށް، އަމިއްލަ މީހާއަށް، ދިވެހި މީހާއަށް އަންނަ ބަދަލެއް. އެބަދަލު ގެނައުމަށްޓަކައި ޤައުމުން، ސަރުކާރުން، ދައުލަތުން ކުރާންޖެހޭ ކަންތައްތަކުގެ ތެރޭގައި، ޤައުމަށާއި ރައްޔިތުންނަށް ޚިދްމަތްކޮށްދޭ ފަރާތްތައް ފާހަގަކޮށް، އެފަރާތްތަކަށް ޙައްޤު އިނާމާއި، ޙައްޤު ޝުކުރުގެ ބަސް ރައްދު ކުރުމަކީ، ޤައުމިއްޔަތަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް.

އަޅުގަނޑު މިރޭ އެ އެންމެ ބޭފުޅުންނަށާއި އަދި މި އިނާމު އެބޭފުޅުންނަށް ފޯރުކޮށްދިނުމުގައި، އެބޭފުޅުންނަކީ ކޮބައިތޯ ބަލައި، އޮޅުންފިލުވައި، ހޯދައިދިނުމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ބޭފުޅުންނަށްވެސް ނުހަނު ޝުކުރު ދަންނަވަން.

އަޅުގަނޑުމެންގެ ތަރައްޤީގެ ނާރެސްއަކީ، އަބަދުވެސް ރައްޔިތު މީހާ. އެމީހާ ތަރައްޤީ ކުރުމަށްޓަކައި، އެމީހާއަށް ބޭނުންވާ ނަމޫނާތައް، ނަމޫނާ އެހެން މީހުން ހޯދުމާއި، އެމީހުން ފާހަގަކޮށްދިނުމާއި، އެމީހުން އަޅުގަނޑުމެންގެ ތެރެއަށް ނެރުމަކީ، ސަރުކާރުގެ އަބަދުވެސް ވާޖިބަކަށްވާނެ. އަޅުގަނޑު އެންމެ ބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މި ސަރުކާރުގެ މަސައްކަތަކީ، ޤައުމިއްޔަތެއް ބިނާކުރުން. އެ ޤައުމިއްޔަތު ބިނާކުރުމުގައި، އަޅުގަނޑުމެން ކުރާންހުރި ހުރިހާ ކަމެއް އިރާދަކުރެއްވިއްޔާ، ސަރުކާރުން ގެންދާނީ އަބަދުވެސް ކުރަމުން.

ނިންމާލުމުގެ ކުރީގައިވެސް އަޅުގަނޑު އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަމުން، ވަކިން ޚާއްޞަކޮށް، މިރޭ އިނާމު ޙާޞިލް ކުރައްވާފައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރަން އެދެން. އޭގެތެރޭގައި، ޝަރަފްވެރިކަމުގެ އިނާމު ހޯއްދަވާފައި ތިއްބެވި ދެބޭފުޅުންނަކީ ކޮބައިކަން، މިރޭގެ މި ކުރު ވީޑިއޯ ކްލިޕްތަކުން ތިޔަބޭފުޅުންނަށްވެސް ސާފުވެގެން ގޮސްފައިވާނެ. ތަޢްލީމީ ގޮތުން ޝަރަފްވެރި އިނާމު ޙާޞިލު ކުރެއްވި ބޭފުޅަކީވެސް ވަރަށްގިނަ ދުވަހު އަޅުގަނޑުމެން ރާއްޖޭގައި، އެމަސައްކަތް ކުރައްވަމުން ގެންދަވާފައިވާ ބޭފުޅެއް. އަޅުގަނޑު އިތުރު ތަފްޞީލެއް، ތަޢާރުފެއްދޭކަށް ނުޖެހޭ. ޞިއްޙީ ރޮނގުން އިނާމު ހޯއްދެވި ބޭފުޅާގެ ހަމަ ފުންނާބު އުސްކަމާއި، އެކަމުގައި ކުޅަދާނަ މިންވަރަކީ، އަޅުގަނޑުމެން އެންމެންނަށް މިރޭ ވަރަށް ބޮޑަށް ސާފުވެފައިވާ ނުކުތާތަކެއް، ޙަޤީޤަތެއް.

ހިތްވަރު ދިނުމުގެ އިނާމު ލިބުނު 13 ފަރާތާއި އަދި އަނެއް ކުންފުންޏަކީވެސް އަޅުގަނޑު ދެކޭގޮތުގައި، އެ އިނާމުތައް ޙައްޤު ފަރާތްތައްކަން އަޅުގަނޑުމެންގެ ހިތްތަކުގއި އޮޅުމެއް ނުހިނގާ. އަޅުގަނޑުމެންނަށް އެކަން ވަރަށްސާފު. އަޅުގަނޑު އިނާމު ލިބުނު އެހެން ފަރާތްތަކުގެ އިޒުނައާ އެކުގައި، މިރޭ އެއްފަރާތެއްގެ ނަން، ނޫން އަޅުގަނޑު ދެފަރާތެއްގެ ނަން، ވަކިން ޚާއްޞަކޮށް، ފާހަގަކޮށްލަން ބޭނުން.

ފުރަތަމަ ފަރާތަކީ، އަޅުގަނޑުމެންގެ ތެރޭގައި، ވަރަށް އުނދަގުލުގައިވެސް ޤާނޫނީ ވަކީލެއްގެ ޙައިޘިއްޔަތުން ދައުލަތާއި އެހެން ބަސްތަކަކަކުން، އެހެން ބަސްތަކެއް ނެތީތީވެ، ދަންނަވަންޖެހެނީ އިދިކޮޅަށް. ވަކާލާތު ކޮށްދެއްވައި، އެތައް ބައެއްގެ އަޑު، ވަރަށް އަނދިރި ދުވަސްވަރެއްގައި، އެމަސައްކަތް ކޮށްދެއްވި އަލްއުސްތާޛު ޙުސްނުއްސުޢޫދު، އެއީ އަޅުގަނޑު މިރޭ ފާހަގަކުރަން ބޭނުން އެއްބޭފުޅަކީ. ހަމައެހެންމެ، ޕްރޮފެސަރ ޢުޤައިލް އެއީ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި އެބޭފުޅާ އަޅުގަނޑުމެންނަށް އަލިގަދަކޮށް ފެނިފައި ނެތް ކަމުގައި ވިޔަސްވެސް، އަޅުގަނޑުމެން އެންމެންނަށްވެސް އެބަ އެނގޭ، މުޅި ދުނިޔޭގެ މަސްރަޙުގައި އަދި ވަކިން ޚާއްޞަކޮށް، އިނގިރޭސިވިލާތު ޔުނިވަރސިޓީއެއްގެ ޕްރޮފެސަރެއްގެ ގޮތުގައި، އެބޭފުޅާ މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، ދިވެހި ދަރީން، އެބޭފުޅާއަށްޓަކައި ފަޚްރުވެރިވާ ގޮތެއްގައި. ދިވެހި ދަރީންގެ ރީތި ނަން ފެވިގެން މިއަންނަނީ، އަޅުގަނޑުމެންގެ ތެރެއިން، ބައެއް ދަރިން މިކުރާ އާދަޔާ ޚިލާފު ކަންކަމުގެ ސަބަބުން. އެކަންކަން އެހެންވުމަށްޓަކައި، ޖާގައާއި ފުރްޞަތު ހޯދައިދިނުމަކީ، ދައުލަތުގެ ވާޖިބެއް. ސަރުކާރުގެވެސް، ޤާނޫނުހަދާ މަޖިލިސްގެވެސް. އަދި އިންޞާފު ޤާއިމުކުރާ، ޝަރީޢަތްކުރާ މަޖިލިސްގެވެސް.

އަޅުގަނޑުމެން އެންމެންގެ އެންމެބޮޑު އެއް ވާޖިބަކީ، އާދަޔާ ޚިލާފު މަސައްކަތް ކުރުމަށް ނުކުންނަ، އާދަޔާ ޚިލާފު ފަރާތްތަކަށް، އާދަޔާ ޚިލާފު ފުރްޞަތުތައް ފަހިކޮށްދިނުން. އެފުރްޞަތުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ރާއްޖެ ސިފަވެގެން އަންނާނީ. އެ މަސައްކަތްތަކުގެ ތެރެއިން އަޅުގަނޑުމެންނަކީ ކޮންބައެއްކަން، އަޅުގަނޑމެންނަށް ހާމަވެގެންދާނީ.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މިތަނަށް ވަޑައިގެންނެވި އެންމެ ބޭފުޅުންނަށާއި އަދި މިރޭ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ދިވެހި ދައުލަތުގެ ނަމުގައާއި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ރައްދު ކުރަން.

والحمد للّـه. والسّـلام عليـكم