بســم اللّـه الرّحمـن الرّحيــم

މިރޭ ތިޔަބޭފުޅުން ޚާއްޞަ ގޮތެއްގައި ތައްޔާރުވަމުން ތިދަނީ، ސާފް ގޭމްސްގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށްޓަކައި. އެއީ، ވަކިން ޚާއްޞަކޮށް ބަލާއިރުގައި، ބޯޅަ މެޗެއް ކުޅުމަށްވާ ތައްޔާރީއެއް. އެހެންނަމަވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، ތިޔަބޭފުޅުން އަދި އިތުރަށް ކުރައްވަމުން ތިޔަގެންދަވަނީ، ވަރަށްބޮޑު އެހެން މަސައްކަތެއް. އެއީ، ޤައުމިއްޔަތެއް ބިނާކުރުމުގައި، ޤައުމު، ޤައުމަކަށް ހެދުމުގައި، ޤައުމާ ބެހޭގޮތުން ފަޚްރުވެރިވާނެ ކަންތައްތަކެއް، އެ ކޮންމެ ޤައުމެއްގައިވެސް ރައްޔިތުންނަށް އެބަ ހޯދައިދޭންޖެހޭ، ނިންމަންޖެހޭ، އެބަ ހުންނަންޖެހޭ.

ޤައުމެއް ބިނާވެގެން އައުމުގައި، ވަރަށް މަތީ ދައުރެއް އަދާކުރާ ކަމެއް އެއީ، އެޤައުމެއްގެ ބައެއް ބާވަތުގެ ކަންކަމާ ގުޅޭގޮތުން އެޤައުމުގެ ރައްޔިތުން ފަޚްރުވެރިވުން. ތިމަންނަމެންގެ ޤައުމަކީ، މިވެނިމިވެނި ކަމެއްކުރާ އަދި މިވެނި ބާވަތެއްގެ ކާމިޔާބުތައް ހޯދާ ޤައުމެއްކަން، އެބަ ރައްޔިތުންނަށް ވަރަށް ބޮޑަށް ސާފުވާންޖެހޭ.

ޤައުމީ ތަރައްޤީއަށް ހުރި އެންމެ ބޮޑު ބާރަކީވެސް މިދެންނެވީ. އެއީ، ޤައުމިއްޔަތެއް ބިނާކުރުން. ޤައުމިއްޔަތެއް ބިނާވެގެން މިއަންނަނީ، ޤައުމުގެ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް ފަޚްރުވެރިވެވުނީމާ، އުފާކުރެވުނީމާ.

ފުޓްބޯޅައަކީ، ކުޅިވަރަކީ، މިދެންނެވި ފަޚްރުވެރިކަން ރައްޔިތުންނަށް ހޯދައިދިނުމަށްޓަކައި، ބޭނުން ކުރެވެން އޮތް ވަރަށް މުހިންމު ވަސީލަތެއް، ވަރަށް މުހިންމު ކުޅިވަރެއް، ކަމެއް. ވީމާ، މިރޭ އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުވާއިރުގައި، އަޅުގަނޑު ބައްދަލުވަނީ، ހަމައެކަނި ސާފް ގޭމްސްގެ ތަށި ބަލައިދާ ޓީމަކާއެއް ނޫން. މިރާއްޖޭގެ ޤައުމިއްޔަތު ބިނާކުރުމުގައި ނުކުންނަވާ ފަހުލަވާނުން ކަމުގައިވެސް އަޅުގަނޑު ދެކެން ތިޔަބޭފުޅުންނަކީ.

އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންގެ ރާއްޖެ، އަންނަން އޮތް ޖީލުތަކަށް ކާމިޔާބާއެކީގައި ރައްދުކޮށްދިނުން. މިއީ ރަނގަޅު ރައްޔިތެއް ދިރިއުޅޭ، އުފާވެރި ޤައުމެއްގެ ގޮތުގައި މިޤައުމު ބާއްވައިދިނުން. އަދި އަޅުގަނޑުމެންގެ ޢާންމު ޙާލަތު ރަނގަޅުވެގެން ދިޔުން. ވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ހިތްވަރުދޭން ބޭނުން. ސަރުކާރުން ނުވަތަ އަޅުގަނޑަށް ނުވަތަ އަދި އަޅުގަނޑުމެން އެންމެންވެސް ތިޔަބޭފުޅުންގެ މަސައްކަތަށް ވެދެވެން އޮތް އެހީތެރިކަމެއް އޮތިއްޔާ، އެ އެހީތެރިކަމެއް ވެދިނުމަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެންގެ މި ސަރުކާރުގެވެސް އަދި އަޅުގަނޑު އަމިއްލައަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑެއް ބޯޅަ ޓީމުގެ ކަމަކާ ގުޅޭގޮތުން ވަގުތު ނުހޯދައެއް، އެކަމަށް އަހަންމިއްޔަތުކަން ނުދީއެއް އިރާދަކުރެއްވިއްޔާ ނުހުންނާނެ. އަޅުގަނޑަށް ވިސްނޭ، ބޯޅައިގެ މުހިންމުކަމާއި، ކުޅިވަރުގެ ދައުރު. ތަރައްޤީއަށްޓަކައި ކުޅިވަރު އަދާކުރަންޖެހޭ ދައުރު.

އަޅުގަނޑުމެންގެ ތެރޭގައި ފުޓްބޯޅައިގެ ފޯރި ކުޑަވަމުންދާ ކަމަށް، އެތައްއެތައް ބަޔަކަށް އެބަ ފާހަގަވޭ. މިހާރު މިވަނީ، މީގެ ތަންކޮޅެއް ކުރިއާ އަޅާބަލާއިރު، ވަރަށްބޮޑުތަނުން ކުޑަވެފައި. އެހެންނަމަވެސް، އެކަން ބަދަލުކުރުމަކީ، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑުމެންނަށް ނުކުރެވޭނެވަރު ކަމެއް ނޫން. ގަލޮޅުދަނޑަށް ފުޓްބޯޅައިގެ ފޯރީގައި ރާއްޖޭގެ ރައްޔިތުން ބޯޅަބަލަން އަންނާނެ. އެއީ، އަޅުގަނޑުގެ ހިތުގައި ޝައްކުހިނގާ ކަމެއް ނޫން. މިހާރު އެކަން ކުރެވޭނީ، މީގެކުރީގައި، މިސާލަކަށް، އަށްޑިހައިގެ އަހަރުތަކުގައި އެކަން ކުރިގޮތަށް އަޅުގަނޑުމެންނަށް ނުކުރެވިދާނެ. އެހެންނަމަވެސް، މިވަގުތު އަޅުގަނޑުމެންނަށް ބޯޅަދަނޑަށް މީހުން ދިޔުމަށް މަޢްލޫމާތު ފޯރުކޮށްދިނުމުގައާއި އަދި މެޗް އިޝްތިހާރު ކުރުމާއި، މެޗްގެ ވާހަކަ ދެއްކުމަށް ލިބިފައި ހުރި ވަސީލަތްތައް މާގިނަ. އެ ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންނަށް ބޯޅައިގެ ފޯރި ނެރެވިދާނެ.

ބޯޅައިގެ ކްލަބް ފޯރި ނުނެރެވި، ޙަޤީޤަތުގައި ވަރުގަދަ ޤައުމީ ޓީމެއް ދަމަހައްޓަން ވަރަށް އުނދަގޫވާނެ. ކްލަބް ފޯރި ނުކުންނާން މިޖެހޭނީ، ހަމައެކަނި މާލެއަކު ނޫން. މުޅި ރާއްޖޭގައި އެބަ ކްލަބް ފޯރި އަންނާންޖެހޭ. ސަރަޙައްދީ މުބާރާތްތައް ބަރާބަރަށް އެބަ ހިނގާންޖެހޭ. އަދި އެއްރަށުން އަނެއް ރަށަށް ގުޅޭ މުބާރާތްތަކާއި، އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ގުޅޭ މުބާރާތްތައްވެސް އެބަ އަޅުގަނޑުމެންގެ ތެރޭގައި ތަޢާރުފްވަމުން އަންނަންޖެހޭ. މަދްރަސާތަކުގައި ކުޅިވަރަށްދޭ އަހަންމިއްޔަތުކަން އެބަ ބޮޑުކުރާންޖެހޭ.

އަޅުގަނޑުމެން ޤައުމިއްޔަތެއް ބިނާކުރަން ކުރާ އެހެން ހޭދައާއި މަސައްކަތްތަކެއް، މިކަމަށް ކުރާ ހޭދައާއި މަސައްކަތާ، ވަކި ފަރަޤުވެގެނެއް ނުވާނެ. އަޅުގަނޑު އެދެނީ، އަޅުގަނޑުމެން އެ ފަރަޤު ނުގެންގުޅެ، އަޅުގަނޑުމެންގެ ޓީމްތައް އަޅުގަނޑުމެންނަށް ތަރައްޤީ ކުރަމުން ގެންދެވޭނެ ކަމަށް. އަޅުގަނޑު ޔަޤީން ކުރަނީ، ތިޔަބޭފުޅުން މިފަހަރު ހަމަ ކުރީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން، މިހާރު ޓީމު މިވަނީ އަޅުގަނޑަށް ފެންނަ ފެނުމުގައި، ވަރަށްގިނަ ތައްޔާރީތައް ވެވިފައި. އަދި ޓީމާއެކީގައި، ނުހަނު ތަޖްރިބާކާރު އޮފިޝަލުން މިފަހަރު އެބަތިބި. އަދި އަޅުގަނޑުމެން އެންމެންނަށް އެކުގައި ނުކުމެ، މި މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް، ހިތުގެ އަޑީން އަޅުގަނޑު ގަބޫލުކުރަން. އަޅުގަނޑު ޓީމުގެ ހުރިހާ މެންބަރުންނަށާއި އަދި ހުރިހާ އޮފިޝަލުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!