ސާކް ސަމިޓް ކާމިޔާބު ސަމިޓަކަށް ހެއްދެވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކުންނާއި، އެކިއެކި ކުންފުނިތަކުންނާއި، އަމިއްލަ ފަރުދުން ކުރެއްވި މަސައްކަތްތައް ވަޒީރުންގެ މަޖިލީހުން ފާހަގަކުރައްވައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ. ވަޒީރުންގެ މަޖިލީހުން މިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ނައިބު ރައީސާއި، ކެބިނެޓް މެންބަރުން ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެން އެދޭފަދަ ނަތީޖާތަކެއް ނެރެވުނު ކާމިޔާބު ސަމިޓަކަށް މި ސަމިޓް ހެދުނީ، ވަރަށްގިނަ ފަރާތްތަކެއްގެ މިންނެތް މަސައްކަތުން ކަމަށް ވިދާޅުވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ސާކް ސަމިޓަށް ތައްޔާރުވުމަށާއި، ސަމިޓްގެ ޖަލްސާތައް ކުރިއަށް ގެންދެވުމުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅާއި، ދެއްކެވި ނަމޫނާ، ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރާއި މުބާރަކްބާދީ ދެންނެވިއެވެ. އަދި ސަމިޓާ ގުޅިގެން ހިންގެވި މަޝްރޫޢުތައް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ހިންގަވައިދެއްވި ހުރިހާ ފަރާތްތަކަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ. މިގޮތުން، ސަރުކާރުގެ އިދާރާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި، ސަރުކާރުގެ އެކިއެކި މުވައްޒަފުންނާއި، ޚާއްޞަކޮށް، އެމް.އެން.ޑީ.އެފް.އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، އަމިއްލަ ކުންފުނިތަކާއި، ޖަމްޢިއްޔާތަކާއި، އައްޑޫސިޓީގެ ރައްޔިތުންނާއި، ފުވައްމުލަކު ރައްޔިތުންނާއި، މިދެއަތޮޅުގެ ކައުންސިލް މެންބަރުން ކޮށްދެއްވި މަސައްކަތްތަކާއި، ސާކް ޓާސްކްފޯހުން ކުރެއްވި މަސައްކަތްތައް ނައިބު ރައީސް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.