ސަރުކާރުގެ އިދާރާތަކުގައި ކަރަންޓް ބޭނުންކުރުމުގައި ކުރެވޭ އިސްރާފު ނައްތާލުމަށް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިކަމާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. މި ޕްރޮގްރާމް މާދަމާ އިފްތިތާޙް ކުރެއްވުމަށާއި، މިނިވަން މުއައްސަސާތައްވެސް، މި ޕްރޮގްރާމުގައި ބައިވެރިކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ އޮފީސްތަކުގައި ކަރަންޓް ބޭނުންކުރެވޭގޮތް ބައްލަވައި، މެނޭޖް ކުރުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގައި ކަރަންޓް ބޭނުން ކުރެވޭ ގޮތްތައް ބައްލަވައި، މެނެޖް ކުރެއްވުމަށް އެ މިނިސްޓްރީން ކުރެއްވި ދިރާސާއެއް، މިއަދުގެ ޖަލްސާގައ މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމް، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާ ޙިއްޞާ ކުރެއްވިއެވެ. މިގޮތުން، އެމިނިސްޓްރީގައި ކަރަންޓް ބޭނުންކުރެވޭ ގޮތް ބައްލަވައި، މެނެޖް ކުރެއްވުމުގެ ސަބަބުން ކަރަންޓްގެ ޚަރަދުގެ 24 އިންސައްތަ ސަލާމަތް ކުރެވިފައިވާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވެ، އެޅުއްވި ފިޔަވަޅުތަކުގެ ތަފްޞީލު މަޖިލީހަށް ދެއްވިއެވެ.