މިއަހަރުގެ ޙައްޖު ދުވަހާއި އަޟްޙާ ޢީދު ދުވަހުގެ މުނާސަބަތުގައި، ސަޢޫދީ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް ދެއްވި ފަރިއްކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންފިއެވެ.

މިނާގައި ހުންނަ، ސަޢޫދީ ރަސްގެފާނުގެ ގަނޑުވަރުގައި އޮތް މިފަރިއްކޮޅުގައި، ނައިބު ރައީސް ވަނީ ސަޢޫދީ ޢަރަބިއްޔާގެ އާ ވަލީ ޢަހުދު ނާއިފް ބިން ޢަބްދުލްޢަޒީޒް އައްސަޢުދާއި، ސަޢޫދީ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި، ދިވެހި ޙައްޖުވެރިންނަށް ސަޢޫދީ ސަރުކާރުން އަދާކުރެއްވި މެހްމާންދާރީއަށްޓަކައި ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

މިފަރިއްކޮޅުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންނެވި އިސްލާމީ ބައެއް ޤައުމުތަކުގެ އެހެން ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެބޭފުޅުންގެ ތެރޭގައި، ކޮމޯރޯސްގެ ރައީސާއި، މެލޭޝިޔާގެ ބޮޑުވަޒީރާއި، މޮޒަމްބީކްގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވައެވެ.