ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ. މި ދަންނަވާލަނީ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖެވެ.

[ބަރަކާތްތެރި އަޟްޙާ ޢީދުގެ އުފާވެރި މުނާސަބަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސް ކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެކެވެ. މި ތަހުނިޔާގައި، މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ޝާމިލް ކުރަމެވެ.

އަޟްޙާ ޢީދަކީ، އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި އެހީއަށް ބޭނުންވެފައިވާ މީހުންގެ މަތިން ހަނދާންކޮށް، އެފަދަ މީހުންނަށް އެހީތެރިވެދިނުމުގެވެސް މުނާސަބަތެކެވެ. ޤައުމާއި މުޖްތަމަޢުގެ މަޞްލަޙަތު އިސްކޮށް، އަޅުގަނޑުމެން ކުރާ ކަންކަމުގައި ކުރިއަށް ދިޔުމުގެ ޢަޒުމް ކަނޑައެޅުމުގެ ދުވަހެވެ. އަޅުގަނޑުމެންގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ހޭދަކުރުމުގެ ދުވަހެކެވެ. އެހެންކަމުން، މިދުވަސްތަކުގެ ބޭނުން، ރަނގަޅު ގޮތުގައި ހިފުމަކީ، އަޅުގަނޑުމެން އެންމެންގެ މައްޗަށް އޮތް ވާޖިބެކެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، މި ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ ރައްޔިތުންނަށް އިތުރު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ ދުވަސްތަކެއް ކަމުގައި އެކަލާނގެ ލެއްވުމެވެ. އަޅުގަނޑުމެންނަށް މިދުވަސްތަކުގެ ހެޔޮ ބަރަކާތާއި ދަރުމަ މިންވަރު ކުރެއްވުމެވެ.]

އަޟްޙާ ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިއެވެ. އަދި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި، ބައިނަލްއަޤްވާމީ އިސްލާމީ ޖަމްޢިއްޔާ، ޖަމާޢަތްތަކުގެ ވެރިންވެސް، މިމުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން އެބަގެންދަވައެވެ.