ޖިނާއީ މައްސަލަތަކުގައި ދައުލަތުން ދަޢުވާ ކުރެއްވުމުގެ ސިޔާސަތު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް، އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރައްވަމުން ގެންދަވާތީ، އެމަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ މިންވަރާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން މަޢްލޫމާތު އޮޅުންފިލުއްވައިފިއެވެ.

ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް ކަނޑައަޅައި، އެ ސިޔާސަތުތައް ޕްރޮސިކިއުޓަރ ޖެނެރަލަށް އެންގުމަކީ، ޤާނޫނުއަސާސީއިން އެޓަރނީ ޖެނެރަލަށް ލިބިދީފައިވާ ބާރަކަށްވުމާއެކު، މި ސިޔާސަތު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް އަވަހަށް ނިންމެވުމަށް ވަޒީރުންގެ މަޖިލީހުން އެޓަރނީ ޖެނެރަލްގެ އަރިހުގައި އެދިވަޑައިގެންނެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އާ ސްލޯގަނާއި ލޯގޯ ފަރުމާ ކުރެއްވުމާ ގުޅޭގޮތުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން އެކުލަވާލައްވާފައިވާ ކަރުދާހާމެދު މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު، އެ ސްލޯގަނާއި ލޯގޯ ފާސްކުރެއްވިއެވެ. އާ ސްލޯގަންއާއި ލޯގޯއެއް މި ފަރުމާކުރެއްވީ، މިހާރު ބޭނުންކުރައްވަމުން ގެންދަވާ ސްލޯގަންއާއި ލޯގޯގައި ބޮޑަށް އިސްކަން ދެވިފައިވަނީ، ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކަމަށްވާތީއާއި، ރާއްޖޭގެ ހުރިހާ އިންޑަސްޓްރީއެއް ތަމްސީލު ކުރެވޭގޮތަށް ސްލޯގަންއާއި ލޯގޯއެއް ފަރުމާކުރުމުގެ މުހިންމުކަން ބޮޑުވެފައިވާތީއެވެ.