بســم اللّـه الرّحمـن الرّحيــم


މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޝިފާ، ވަޒީރުންގެ މަޖިލީހުގެ އެހެން ބޭފުޅުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް، ޑެޕިއުޓީ ޕްރިންސިޕަލް، ޓީޗަރުން އަދި ބެލެނިވެރިން، އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ އެންމެހާ ދަރިވަރުން.
السّـلام عليـكم

އަޅުގަނޑަށް މިއަދު ދެވަޒީފާ އަދާކުރަން ޖެހިއްޖެ. ޕްރޮގްރާމްގައި އެނގިވަޑައިގަންނަވާނެ، ޝިފާ ވާހަކަ ދައްކަވާ ގޮތަށް އޮތީ. ޝިފާ ވިދާޅުވެއްޖެ، ޝިފާ އެދިވަޑައިގަންނަވަނީ މިހާރު ޝިފާގެ ނަންބަރުވެސް އަޅުގަނޑު ކުރިއަށް ގެންގޮސްދިނުމަށޭ. އަޅުގަނޑު ދަންނަވާނީ އެއަށްވުރެ ބޮޑަށް އަޅުގަނޑަށް ނުކުޅެދޭނެ ކަމެއްނެތޭ. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި ޝިފާ އެކޮށްދެއްވާ މަސައްކަތާއި، ބަހައްޓަވާ ފަރުވާތެރިކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ ތަޢްލީމީ ޙަޔާތަށް މިހާރު މިއަންނަމުންދާ ބަދަލުގެ އެންމެބޮޑު ސިއްރު.

އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެން ސަރުކާރު ހިންގުމާ ޙަވާލުވީ، ވަކި ލަނޑުދަނޑިއެއް އޮވެގެން. އަޅުގަނޑުމެންގެ އަމާޒަކަށްވެފައި އޮތީ އަދި އަމާޒަކީ، އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ ކުދިންގެ ތެރެއިން 60 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހެދުން. މިދެންނެވި އަމާޒު ހިފެނީ، މަންމަގެ އުނގުއްސުރެ ފެށިގެން އަޅުގަނޑުމެނަށް ދަރިންނަށް ތަޢްލީމު ދެވުނީމާ. އަޅުގަނޑުމެން އޯ ލެވެލް އިމްތިޙާނުގެ ނަތީޖާ ރަނގަޅު ކުރުމަށް، އެއް އަހަރުން ދެއަހަރުން އުޅެގެނެއް، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، އެއީ ފަސޭހައިން ވާންއޮތް ކަމެއް ނޫންކަން. އެހެން ނަމަވެސް، މިއަދު އަޅުގަނޑު އުފަލާއެކީގައި ދަންނަވާލަން އޮތީ، ދެންމެ ޕްރިންސިޕަލް ސަލީމް ފާހަގަކުރެއްވި ފަދައިން، ކެނދިކުޅުދޫ ސްކޫލްގެ ނަތީޖާގެ ކުރިއެރުން 25 ޕަސެންޓް އިތުރުކޮށް، އެބޭފުޅުން މިހާރު އެވަނީ 43 ޕަސެންޓް ކުދިންނަކީ، 5 މާއްދާއިން ފާސްވާ ކުދިންނަށް ހަދާފައި. އެކަމަށްޓަކައި ސްކޫލްގެ އެންމެހާ ބޭފުޅުންނަށް މަރްޙަބާ ދަންނަވަން.

ކެނދިކުޅުދޫ ސްކޫލަށާއި އަދި އެހެންވެސް ޕްރޮގްރެސް އިނާމު ލިބޭ، ނަތީޖާ ރަނގަޅުކުރާ ސްކޫލްތަކަށް އިނާމު ދިނުމުގެ ޖަލްސާއަށް އައުމަށް އަޅުގަނޑަށް ފުރްޞަތު ލިބޭކަމީ، އަޅުގަނޑަށް ލިބޭ އެންމެބޮޑު އެއްއުފާ. އަޅުގަނޑު އަބަދުވެސް މަދްރަސާތަކުގައި ކަން ހިނގަމުންދާގޮތް ބެލޭތޯ ބަލަން. އަޅުގަނޑު މިއަދާ ހަމައަށް ކައުންސިލް އިންތިޚާބުގެ ފަހުން މިއީ ސަތޭކައަށްވުރެ ގިނަ ސްކޫލަށް އާދެވުނީ. ރާއްޖޭގެ މަދްރަސާތަކުގެ ކަންތައްތައް، ދުވަހުން ދުވަހަށް ރަނގަޅުވަމުން އަންނަތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ސަރުކާރުގެ އަމާޒުގައިވާ އެއްދަންފަޅިއަށް ކިޔަވައިދިނުމާއި، ވަށާޖެހޭ ތަޢްލީމެއް ދަރިވަރުންނަށް ދިނުމަށް ސަރުކާރުން މިކުރާ މަސައްކަތުގެ ނަތީޖާ، އަޅުގަނޑުމެންނަށް މިއަންނަނީ ދުވަހުން ދުވަހަށް ފެންނަމުން. އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކްލާސްރޫމްގެ ޖާގަ، ސްކޫލްތަކަށް ހޯދައިދޭން އެބަޖެހޭ. ސަރުކާރަށްވީ މިންވަރަކުން އެ ޖާގަ ހޯދައިދިނުމުގެ ކަންކަން މިއަންނަނީ ފުރިހަމަކުރަމުން. ދެންމެ ރަމީޒު ފާހަގަކުރައްވައިފި، މި ކެނދިކުޅުދުއަށް ދިމާވި ދަތުރު. އެއީ، އަޅުގަނޑުމެންނަށް ސަރުކާރު ހިންގުމާ ޙަވާލުވުމާ ގުޅިގެން، ކޮންމެހެން ކުރާންހުރި ކަންތައްތަކުގެ ތެރޭގައި ފާހަގަވެފައިވާ ކަމެއް. ކެނދިކުޅުދޫގެ މަދްރަސާ، އެއްދަންފަޅިއަށް ބަދަލުކޮށް، އެ މަދްރަސާއިން ރަނގަޅު ނަތީޖާއެއް ހޯދުން. އެކަން ކުރުމުގައި، ތިޔަބޭފުޅުންނަށް އަދި އަޅުގަނޑާއެކުގައި ހީވާގިކަމާއެކީގައި މަސައްކަތް ކުރައްވާފައިވާ އެއްބޭފުޅަކީ، ތިޔަބޭފުޅުންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢީސަ. އަދި ހަމައެހެންމެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ހަނދުމަކޮށް އަރުވަން ބޭނުން، ކެނދިކުޅުދޫ ސްކޫލްގެ ޕްރިންސިޕަލް ސަލީމް މާލެ ވަޑައިގަންނަވާ ބައެއްފަހަރު އަޅުގަނޑާ ބައްދަލުވޭ. އަދި އަޅުގަނޑު، ސަލީމާވެސް ބައްދަލުކޮށް، ސްކޫލްގެ ކަންކަމާ ގުޅޭގޮތުން ދެތިންފަހަރެއްގެ މަތިން މަޝްވަރާ ކުރިން.

އަޅުގަނޑުމެންނަށް ފެނުނީ، ރާއްޖޭގެ ތަޢްލީމީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި އަދި ހަމައެހެންމެ ދިވެހިރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ރާއްޖޭގައި މިހާރު މަތީ ތަޢްލީމަށް ކުދިން ނުކުންނަ ޢަދަދަށްވުރެ މާގިނަ މާ އިތުރަށް މިކަންވާންވެއްޖެކަން. އަޅުގަނޑު ދާދިފަހުންވެސް ފާހަގަކުރިން، ރާއްޖޭގައި މަތީ ތަޢްލީމަށް މިދަނީ، އެ ޢުމުރުގެ ކުދިންގެ ތެރެއިން 7 ޕަސެންޓް ކުދިންނޭ. މިދެންނެވި މިންވަރަށް އެކަން ދެން ވަނީ ވަރަށް ނިކަމެތި ޤައުމުތަކުގައި. ސޯމާލިޔާ، އިތިއޮޕިޔާފަދަ ޤައުމުތަކުގައި. އަޅުގަނޑުމެންނަކީ ތަރައްޤީވެ ތިބި ޤައުމެއްގެ ގޮތުގައި، އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ހަމަ އިސްކޮޅަށް ތެދުވެވޭނީ، މަތީ ތަޢްލީމަށްދާ ކުދިންގެ ޢަދަދު، އެތައް ގުނައަކުން އިތުރުކޮށްގެން. މި މަޤްޞަދު ޙާޞިލު ކުރުމަށްޓަކައި ސަރުކާރުން ވިސްނާފައިވަނީ، 10 ޖޫނިއަރ ހައިސްކޫލެއް ޢިމާރާތް ކުރުމަށް. އެގޮތުން، އިރާދަކުރެއްވިއްޔާ، މާދަމާ އޭގެ މަދްރަސާއެއް، ޖޫނިއަރ ހައިސްކޫލެއް ކެނދިކުޅުދޫގައި ޢިމާރާތް ކުރަން ފެށޭނެ.

އަޅުގަނޑު މިދިޔަ ދެތިން އަހަރު ތެރޭގައި، އިރާދަކުރައްވައިގެން، ދެންމެ ރަމީޒު ފާހަގަކުރެއްވި ފަދައިން، ކެނދިކުޅުދުއަށް މިވަނީ އެއްދަންފަޅިއަށް ސްކޫލް ބަދަލުކުރުމަށްޓަކައި ބޭނުންވާ ކްލާސްރޫމްގެ ޖާގަ ހޯދައިދެވިފައި. އެހެންނަމަވެސް، އަޅުގަނޑުމެން މި އެދޭ ޙަޤީޤީ ނަތީޖާ ނެރުމަށްޓަކައި އެބަޖެހޭ މިދަންނަވާ ބާވަތުގެ މަދްރަސާތަކެއް ތަޢާރުފް ކުރަން. އަޅުގަނޑު މިދެންނެވި، ކެނދިކުޅުދޫގައި މާދަމާ ޢިމާރާތް ކުރަން ފެށޭ 6 ސްކޫލަކީ، 500 ކުދިންގެ ޖާގައިގެ މަދްރަސާއެއް. އެ މަދްރަސާގައި 30 ކޮޓަރި ޑޯމިޓްރީ ހުންނާނެ. އެއީ އެހެން ރަށްރަށުން އަންނަ ކުދިންނަށް އައިސް ތިބެވޭނެ ގޮތަށް ހަމަޖެހިފައި ހުންނާނެ. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑު ބަލައިފިން، 16 ފާޚާނާ އެބަހުރި. ޓީޗަރުންނަށް 8 ފާޚާނާ، ކުދިންނަށް 8 ފާޚާނާ. އަދި ކެއްކުމާއި، ކެއުމާއި، ކިޔެވުމަށް ބޭނުންވާ އެހެން ކަންކަމާއި، ކެމްޕަސްގެ ޖާގައާ އެކީގައި ހެދޭ ފުރިހަމަ އިރާދަކުރެއްވިއްޔާ، ރީތި ޖޫނިއަރ ހައިސްކޫލެއް. މި މަދްރަސާއަށް ދިޔުމަށް ކެނދިކުޅުދޫ ކުދިން ނުހަނު މަސައްކަތް ކުރަންޖެހޭނެ.

މި މަދްރަސާއަށް ކުދިން ފޮނުވުމަށް ކެނދިކުޅުދޫ ބެލެނިވެރިންނާއި އަދި މި ސަރަޙައްދުގެ އެހެން ރަށްރަށުގެ، ކުދިކުދި ރަށްރަށުގެވެސް ބެލެނިވެރިން ނުހަނު މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. މިދެންނެވި މަދްރަސާގައި 11، 12ގެ އިތުރުން އަދި ޝިފާ ވިދާޅުވަނީ ޕްލަސްއޭ. 11، 12ގެ އިތުރުން އިތުރު ހުނަރުހުރި ސެޓްފިކެޓް ލެވެލް، ޑިޕްލޯމާ ލެވެލްއަށް ކިޔަވައިދެވޭނެ. އޭގެތެރޭގައި، ތަފާތު ބާވަތްބާވަތުގެ ހުނަރުތައް، ދަރިވަރުންނަށް އަންގައިދެވޭނެ. ސްކޫލް ނިމޭއިރުގައި، ކުއްޖާއަކީ ބޭނުންނަމަ، ޔުނިވަރސިޓީއަކަށް ނުވަތަ ބޭނުންނަމަ، ސީދާ ވަޒީފާއަކަށްދާއިރުގައި، އޭނާއަކީ ރަނގަޅަށް ހުނަރު ލިބިހުރި، ވަޒީފާ އަދާކުރެވޭ އަދި ނަތީޖާ ހޯދޭ މީހަކަށް އޭނާ ވެގެންދާނެ. އަޅުގަނޑުމެންގެ ބޭނުމަކީ، އަޅުގަނޑުމެންގެ އަމާޒަކީ، މި ރާއްޖޭގެ ތަރައްޤީ. އެ ތަރައްޤީ ހޯދުމަށްޓަކައި ކުރާންޖެހޭ އެންމެ މުހިންމު ކަމަކީ، އަޅުގަނޑުމެންގެ ސިކުނޑިތައް ތަރައްޤީވުން. އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. އަޅުގަނޑުމެން ރޯފިލުން.

އަޅުގަނޑު އަބަދުވެސް ފާހަގަކުރަން، ތަރައްޤީއަކީ އަޅުގަނޑުމެނަށްވާ ކަމެކޭ. މީހާއަށްވާ ކަމެކޭ. އޭނާއަށް އަންނަ ބަދަލެކޭ. އެބަދަލު އަޅުގަނޑުމެންނަށް ނައިސް، ރަށަށް ތަރައްޤީ އަންނާނެ ހަމަ އެއްގޮތެއްވެސް އިންސާނީ ޙަޔާތުގައި ފެނިފައެއްނުވޭ. ދެން ވަކިން މިއަދު ކެނދިކުޅުދޫގައި ނުވަތަ ރާއްޖޭގައި އެކަން ފެންނާންވީ ވަކި ސަބަބެއްވެސް ނެތް. އަޅުގަނޑުމެންނަށް ރަށުގެ ތަރައްޤީގެ ގޮތުގައި ވަރަށްގިނަ ފަހަރަށް މިފެންނަނީ އެއީ އެއްގަމުތޮށި ކަމަށް. ބޮޑުހިލަ ބަނދަރެއް ކަމަށް. ފައިކަށި ކަމަށް. ސަހަރާ ވަށާފާރު ކަމަށް ނުވަތަ ކޮންމެވެސް ޢުމްރާނީ ކަންތައްތަކެއް ކަމަށް. ތަރައްޤީއަކީ އެއީއެއް ނޫން. ތަރައްޤީއަކީ އަޅުގަނޑުމެންނަށް ތަންދޮރު އެނގުން. ސަރުކާރުގެ އަމާޒަކީ، މިދެންނެވި ލަނޑުދަނޑި ހިފުން. މިދެންނެވި ގޮތަށް ރާއްޖޭގެ ޒުވާން ސިކުނޑިތައް ހޭނުން. އެމީހުންނަށް އިތުރު ކުރިއެރުމެއް ހޯދައިދިނުން.

މިއަދު ހަމަ އަޅުގަނޑު ކެނދިކުޅުދޫ ސްކޫލްގައި ވާހަކަ ދައްކާއިރު، އެންމެ މުހިންމު ގޮތެއްގައި މަރްޙަބާ ދަންނަވަން ބޭނުން، މިއަދު އިނާމުތައް މިހޯއްދަވާ އެކިއެކި ކުދިންނަށް. އަދި ހަމައެއާއެކުގައި އަޅުގަނޑު ފާހަގަކުރަން އެދެން، މިއަދު އިނާމު ނުލިބޭ ހުރިހާ ކުދިން އެއީ، މިއަންނަ އަހަރަށް އިނާމަށް ތައްޔާރުވާ ކުދިންނަށްވުމީ ވަރަށް ބޭނުންތެރިކަމެއް. މިއަހަރު މިއޮތީ ނިމިފައި. އޯ ލެވެލް އިމްތިޙާން ފެށެނީ. މިއަދު މިއީ، އިމްތިޙާނުގެ ދުވަހެއް. އަޅުގަނޑު ހިތުން މިއަދު ދިވެހި އޮތީ. ރަނގަޅު މާއްދާއަކުން، ރަނގަޅު ޕޭޕަރު އަޅުގަނޑުމެންނަށް ލިބިއްޖިއްޔާ، އިމްތިޙާނުގެ، އޯ ލެވެލް އިމްތިޙާނެއް އަދި ނުފެށޭ. އެހެން ނަމަވެސް، ސްކޫލްގެ އިމްތިޙާނުތައް މިހާރު އަޅުގަނޑުމެން މިދަނީ ފަށަމުން. ދާއިރުގައި ދަރިވަރުންވެސް، މައިންބަފައިންވެސް، މި އިމްތިޙާނުތަކަށް ޝައުޤުވެރިކަން ބަހައްޓަވައި، ދަރިފުޅު މިއަދު ކިޔަވާން އެ ދަނީ ނުވަތަ އެ ދަނީ ކޮން އިމްތިޙާނަކަށްކަން އެނގި، ކުޑަކޮށްވެސް ކަންތައްތައް ހިނގާގޮތް ބަލައިލުމަކީ، އަޅުގަނޑު ހިތުން ނަތީޖާއަށް ވަރަށް ރަނގަޅު ބަދަލެއް އަންނަ ކަމެއް. އަޅުގަނޑަށް ޔަޤީން، ހުރިހާ ބެލެނިވެރިންވެސް މިކަމުގައި މަސައްކަތް ކުރައްވާނެ. އަޅުގަނޑަށް ޔަޤީން، އިރާދަކުރެއްވިއްޔާ، މިއަހަރުގެ ނަތީޖާ، މިދިޔަ އަހަރުގެ ނަތީޖާއަށްވުރެ އަދި ރަނގަޅުވާނެ. ސަލީމް އަޅުގަނޑަށް ޔަޤީންކޮށް އެރުވީ، މި ސްކޫލްގެ ނަތީޖާ، ހަމަގައިމުވެސް ދަށްނުވާނެ ކަމަށް. ދެން މިހާރު އެހުރިވަރުން މައްޗަށް ގެންދިޔުމަކީ، ކުޑަތަންފުކެއް އުނދަގޫ ކަމަކަށް ވެދާނެކަމަށް. އެހެންނަމަވެސް، އަޅުގަނޑު ދެންމެ ރަމީޒުގެ ވާހަކަ އަޑުއަހާފައި އަޅުގަނޑަށް ޔަޤީންވެއްޖެ. އަޅުގަނޑުމެން އެދޭ ނަތީޖާ، އަޅުގަނޑުމެންގެ އަމާޒަކީ، 60 ޕަސެންޓް ކުދިންނަށް 5 މާއްދާއިން ފާސްވުން. އެ ނަތީޖާ، އުތުރުގެ އެހެން މަދްރަސާތަކުގައި މިހާރު މިވަނީ ހޯދާފައި. އަޅުގަނޑު އުންމީދު ކުރަން އަދި އަޅުގަނޑު ޔަޤީން ކުރަން، ކެނދިކުޅުދޫ މަދްރަސާވެސް، މި ނަތީޖާ ހޯދާނެ ކަމަށް.

އަޅުގަނޑުމެން ސަރުކާރުން ސްކޫލްގެ ދަރިވަރުންގެ ކިބައިން މިއަދު އިތުރު ކަމަކަށް އަނެއްކާ އެބަ އެދެން. އެއީ ރާއްޖޭގައި ހުރި ހުރިހާ ރުއް ގުނައިދިނުން. މިއަދު އެނގިވަޑައިގަންނަވާނެ، [މިއީ ކާކު ރުކެއް] މި ޕްރޮގްރާމް މިވަނީ ފެށިފައި. ދިވެހި ރުކަކީ އެއަށްވުރެ ވަކި މޮޅު ގަހެއް ނެތް ބާވަތުގެ އެއްޗެއް. އެ ރުކަކީ އެއިން ކުރެވޭ ބޭނުން، އެންމެގިނަ އެއް ގަސް. ރުކަކުން ލިބޭ އާމްދަނީ އެހާމެ ގިނަ. އަދި ރުކެއް ހައްދައި ފޯދުމަށްވެސް އެހާމެ ކުޑަ މަސައްކަތެއް ކުރާންޖެހޭކަމީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަށައިގެން ބަލައިލީމާ ފެންނާން އޮތް ޙަޤީޤަތެއް. އެހެންނަމަވެސް، ރުކުން ލިބޭ އާމްދަނީ، ރާއްޖޭގައި މިހާރު އެއްބަޔަކު ހިސާބުޖަހާ، އަންދާޒާކުރާ ގޮތުގައި، ގާތްގަނޑަކަށް 1.5 މިލިއަން ރުއް އެބަހުރި. ހަމައެކަނި ކާށްޓަށް އަޅުގަނޑުމެން ބެލިޔަސްވެސް، އެއީ ރަނގަޅަށް 6 މިލިއަން ކާށްޓަށްވުރެ، 12 މިލިއަން ކާށްޓަށްވުރެ ގިނަ ޢަދަދެއް، މަހެއްގެ މައްޗަށް. އެނގިވަޑައިގަންނަވާނެ، ކާށްޓެއްގެ އަގު -/5 ރުފިޔާއަށްވުރެ ބޮޑު. ރާއްޖޭގައި މިހާރު މިހުރި ރުއްތަކުންވެސް އެއީ، މަހެއްގެ މައްޗަށް 100 މިލިއަން ރުފިޔާގެ ވިޔަފާރި، އަހަރެއްގެ މައްޗަށް 1.5 ދެބިލިއަން ރުފިޔާގެ ވިޔަފާރި. އެއީ ސަރުކާރުން ޖީ.އެސް.ޓީ. އަށް އަންދާޒާ ކޮށްފައި އޮތް ޢަދަދަށްވުރެ މާ ކުޑަ ޢަދަދެއް.

އަޅުގަނޑުމެންގެ މުއްސަނދިކަން އެބަހުރި. އަދި ވަކިން ޚާއްޞަކޮށް، އެ މުއްސަނދިކަމަކީ ކޮބައިކަން، މިއަދުގެ ސްކޫލް ކުދިން ރަނގަޅަށް ދެނެގަތުމަކީ ވަރަށް ބޭނުންތެރި ކަމެއް. ރުކުގެ ބާވަތްތަކާއި، ރުކަށް ކިޔާ ނަންތަކާއި އަދި ރުއް ހެދި ފޯދިގެން އަންނަ ގޮތާއި، އެ ރުކުގެ ބޭނުންތައް، އަޅުގަނޑުމެންގެ ކުދިންނަށް މިދަނީ ދުވަހުން ދުވަހަށް ނޭނގެމުން. އެހުރިހާ މަޢްލޫމާތަކާއި ޢިލްމެއް ލިބުމަކީ، އަޅުގަނޑުމެން ވަށައިގެންމިވާ ޤުދްރަތީ ވަސީލަތްތައް ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ތަނަވަސްކަން އިތުރުކުރުމަށް ފުރްޞަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަން އަޅުގަނޑަށް ކަށަވަރު. އަޅުގަނޑަށް ޔަޤީން، ކޮންމެ ކުއްޖެއްވެސް ފަރުވާތެރިކަމާއެކުގައި، ރުއް ގުނުމުގެ މަސައްކަތް ހިންގާނެ.

ހަމައެހެންމެ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަދި ބެލެނިވެރިން އަރިހުގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުން. ރުއްދޮށުގައި އުޅޭއިރުގައި، ކޮންމެވެސް ޢަދަދެއްގެ ކުދިންގެ ބޮލުގައި ކާށްޓަކުން ޖެހުމަކީ އެކަށީގެންވާ ކަމެއް. އަދި ވަލަށްވަދެ އުޅޭއިރުގައި، ކޮންމެވެސްވަރެއްގެ އަނިޔާއެއް ލިބުމަކީވެސް އެކަށީގެންވާ ކަމެއް. އަޅުގަނޑަށް މާހިރުން ހިސާބުޖަހާފައި، އަންދާޒާކޮށްފައި ދީފައި އޮތީ، 10 ކުދިންގެ ބޮލުގައި، ރާއްޖޭގެ ހުރިހާ ރުކެއް ގުނާއިރުގައި، ކާށްޓަކުން ޖެހުމަކީ އެކަށީގެންވާ ކަމެކޭ. އެހެންވީމާ، އެއަށް އަޅުގަނޑުމެން ތައްޔާރުވާންޖެހޭނެ. މިގެއްލުން އަޅުގަނޑުމެންނަށް ލިބިދާނެކަން އަޅުގަނޑުމެންނަށް އެނގެންޖެހޭނެ. ކަމެއްގެ ތެރެއަށް އަޅުގަނޑުމެން ނުކުންނައިރުގައި، އެކަމަކުން ލިބެންހުރި ހުރިހާ ގެއްލުމެއް ރަނގަޅަށް އަޅުގަނޑުމެން ވިސްނާންޖެހޭނެ. ވިސްނައި، އެ ގެއްލުންތައް ފޫބެއްދުމަށް އަޅުގަނޑުމެންނަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅުގަނޑުމެން އަޅަންޖެހޭނެ.

އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންގެ ރުއް ގުނުމުގެ ޕްރޮގްރާމް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން ކުރިއަށް ގެންދަވާއިރުގައި، މިހުރިހާ ކަންކަމަށްވެސް ބައްލަވާނެ ކަމަށް.

އަޅުގަނޑު ނިންމާލަމުން، ކެނދިކުޅުދޫ ސްކޫލްގެ ހުރިހާ ދަރިވަރުންނަށާއި، އަދި މައިންބަފައިންނަށާއި އަދި ސްކޫލްގެ ހުރިހާ ސްޓާފުން ތިޔަ ކުރައްވާ ބުރަ މަސައްކަތާއި، ބަހައްޓަވާ ޚާއްޞަ ކަމަށްޓަކައި އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ އެންމެ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ވަކިން ޚާއްޞަކޮށް، ސްކޫލްގެ ޕްރިންސިޕަލާއި، ޑެޕިއުޓީ ޕްރިންސިޕަލާއި އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް އަޅުގަނޑުގެ ހުރިހާ ޝުކުރެއް ރައްދުކުރަން.
والحمد للّـه. والسّـلام عليـكم.