بســم اللّـه الرّحمـن الرّحيــم


ދައުލަތުގެ ވަޒީރުން، ޕާރލަމެންޓް މެންބަރުން، ކެނދިކުޅުދޫ ކައުންސިލްގެ ރައީސް، ކައުންސިލްގެ އެހެން މެންބަރުން އަދި ހަމައެހެންމެ ކެނދިކުޅުދޫގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑުމެން މިއަދު މިފަށްޓާ މަސައްކަތަކީ، ވަރަށް ފޮނި އުންމީދަކާ އެކުގައި ފެށޭ މަސައްކަތެއް. އަޅުގަނޑުމެންނަށް، މި ރާއްޖޭގެ ފަރުތަކުންނާއި، ފަޅުތަކުންނާއި، ވިލުވިލުން ލިބޭންހުރި ރޯއްޖަކީ ކޮބައިތޯ ދެނެގަނެވި އަދި އެ ލިބެންހުރި ރޯއްޖެއްގެ ޞައްޙަ ޙަލާލު ރަނގަޅު ނަފާ ހޯދުމަކީ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށްޓަކައި، އެއިރެއްގައި އޮންނަ ސަރުކާރަކުން ކޮންމެހެންވެސް ކުރާންޖެހޭނެ ކަމެއް.

އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިދަނީ، ދުވަހެއް ދުވަހަކަށް ކަޅުބިލަމަސް، ކަނޑުމަހުގެ މަސްވެރިކަން ދަށްވަމުންދާތަން. އެނގިވަޑައިގަންނަވާނެ، ދިވެހިރާއްޖެއަށް ޢާންމު ގޮތެއްގައި، ރަނގަޅަށް މަސްބާނާ އަހަރެއްގައި، އެއްލައްކަ ފަންސާސްހާސް ޓަނު މަސް ބޭނޭ. މިހާރު އަޅުގަނޑުމެންނަށް އެއްލައްކަ ޓަނާ ހަމައަށް ނުދެވޭތާ މިވަނީ، 2005 ވަނަ އަހަރުއްސުރެ ފެށިގެން މިވީހާ ދުވަސް. ދުވަހުން ދުވަހަށް މަސްވެރިކަން ދަށްވަމުންދާއިރުގައި، ވަކި މާދަމާ ދެން އިތުރަށް ރަނގަޅުވެދާނެ ކަމަކަށްވެސް، ކަމާބެހޭ މާހިރުންނެއް ލަފައެއްނުދޭ. އަޅުގަނޑުމެންނަށް މިއަދު މަޖުބޫރު، މި ރާއްޖޭގެ ކަނޑުތަކުން، މިރާއްޖޭގެ ސަރަޙައްދުގައި ލިބެންހުރި އެހެން މުއްސަނދިކަން ބަލައި، ދެނެގަނެ، އެ މުއްސަނދިކަމުގެ މަސައްކަތް، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދިނުން.

އެގޮތުން، މިއަދު މިފެށެނީ ވަރަށް މުހިންމު، ވަރަށްބޮޑު މަޝްރޫޢެއް. އަޅުގަނޑު މިކަމަށްޓަކައި މިމަސައްކަތް 1980 ވަނަ އަހަރުއްސުރެ ފެށިގެން މަޑުމަޑުން ފަށްޓަވައިގެން އަދި ފުޅާކުރައްވަމުން، ކުރައްވަމުން އައިސް މިއަދު މިފެންނަ ކާމިޔާބީ މިންވަރަށް ގެންދަވާފައިވާ އަޅުގަނޑުމެން އެންމެން ދަންނަ ކަނދޮޅުދޫ ދޮންބެ ކުރެއްވި މަސައްކަތަށް އަޅުގަނޑު ނުހަނު ސާބަސްދެން. އަދި އެބޭފުޅާއަށް އެކަމަށްޓަކައި ނުހަނު ޝުކުރު އަދާކުރަން. އެބޭފުޅާގެ މިމަސައްކަތް ގެންދަވާފައިވަނީ، ތަޙުލީލުތައް ކުރުމާއި އަދި މިކަމުން ދިމާވެދާނެ އެންމެހާ ކަންކަމަށް ވަރަށް ފުންކޮށް ބައްލަވަމުންކަން އަޅުގަނޑުމެންނަށް މިއަދު ސާފުވޭ. ސަރުކާރުގެ އަމާޒަކީ، އަމިއްލަ ފަރާތްތަކުން ކުރާ މިބާވަތުގެ މަސައްކަތަށް ސަރުކާރަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ދިނުން. އެބޭފުޅާގެ އިންވެސްޓްމަންޓް ސަލާމަތްކޮށްދިނުމާއި އަދި އެ އިންވެސްޓްމަންޓް ކުރިއަރައިދިޔުމަށް ސަރުކާރުން އެހީތެރިވެދެވެން އޮތް މިންވަރަކަށް އެހީތެރިވެދިނުން.

އަޅުގަނޑު ދެކެނީ، ދިވެހިރާއްޖޭގެ ފިޝްވެލްތް އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓް، އެއީ 1970ގެ އަހަރުތަކުގައި ފަށައިގަނެވުނު ޕްރޮޖެކްޓެއް، ޕްރޮގްރާމެއް. ފުރަތަމަ އަޅުގަނޑުމެން ވަރަށް އާދައިގެ ގޮތަކަށް، އެންމެ ކުރިއްސުރެ ފަށައިގެން ފަންރިޔަލުގައި މަހަށްދިޔަ ބައެއް. އަޅުގަނޑުމެން ރިޔަލުގައި މަހަށްގޮސް އަދި ދޯނިފަހަރުގައި އިންޖީނު އެޅިގެން އައީ 1970ގެ މެދެއްހާ ތަނުގައި. އެހިސާބުން އަޅުގަނޑުމެން ބަދަލުވާން ފެށި އިންޑަސްޓްރިއަލް ނުވަތަ ޞިނާޢީ މަސްވެރިކަމުގެ ތެރެއަށް. 1980ގެ އަހަރުތަކުގައި އެނގިވަޑައިގަންނަވާނެ، އެމަސައްކަތް ވަރލްޑް ބޭންކުގެ އެހީތެރިކަމާއެކުގައި ވަރަށް ބޮޑަށް ސްކޭލްއަޕް ނުވަތަ ބޮޑުކުރެވިގެންދިޔަ. އެމަސައްކަތުގެ ތެރެއަށް އިތުރު އިންވެސްޓްމަންޓް ގެނެވި، އެމަސައްކަތަކީ ފައިދާހުރި ގޮތުގައި ކުރެވޭނެ މަސައްކަތެއްކަން، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަދި ޢާންމުކޮށް، ވިޔަފާރިވެރިންނާއި، ޚާއްޞަކޮށް، ރައްޔިތުންނަށްވެސް ފާހަގަވެގެންދިޔަ.

މިއަދު އަޅުގަނޑުމެން މި ހިންގާ މަޝްރޫޢަކީ އަދި އަޅުގަނޑުމެންގެ އުންމީދަކީ، މިމަސައްކަތް އެއީ، ހަމަ އެހާބޮޑު މިންވަރަށް ސްކޭލްއަޕް ކުރެވޭނެ މަސައްކަތަކަށްވުން. އަޅުގަނޑަށް ހިސާބު ފެންނަ ގޮތުގައި، މިމަސައްކަތް ރަނގަޅަށް ހިންގިއްޖެނަމަ، އަޅުގަނޑުމެންނަށް މިއަދު ޓުއަރިޒަމުން މި ލިބޭ ބާވަތުގެ އާމްދަނީއެއް، މިމަސައްކަތުން ލިބިދާނެ ކަމަށް، މިކަމާބެހޭ މާހިރުން އެބަ ފާހަގަކުރޭ. ރާއްޖެއިން މިހާރު އެކްސްޕޯޓް ކުރަނީ، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި، ގާތްގަނޑަކަށް 7 ޓަނު، 8 ޓަނު ހުއިފިލަނޑާ. އެއަށް އަޅުގަނޑުމެންނަށް ލިބޭ ކަމަށް ތަފާސް ހިސާބުތައް މި ދައްކަނީ، ގާތްގަނޑަކަށް 12 މިލިއަން ޑޮލަރު. އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި، މިއަންނަ އަހަރަށް ދިހަހާސް ޓަނަށް ބަދަލުކުރުމަކީވެސް މިހާރު ކުރެވެން އޮތް ކަމެއް. 7 ޓަނުގެ ބަދަލުގައި މިއަންނަ އަހަރު އަޅުގަނޑުމެންނަށް ދިހަހާސް ޓަނަށް، މި އުފެއްދުން އިތުރުކުރެވެން އެބައޮތް.

މި ސަރުކާރަކުން މިކަން ކުރުމަކަށް ކުޑަކޮށްވެސް އިރާދަކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނެ. އަޅުގަނޑުމެން މަސައްކަތް ކުރާނީ، ތިމާވެށީގެ ޢިލްމުވެރިންނާއި، މާޙައުލު ދަންނަ މީހުންނާއި އަދި މިކަންކަން ބަލައި ހޯދައި ތަޙުލީލުކުރާ މީހުންގެ ހެޔޮލަފާ ނަޞޭޙަތް އަޑުއަހަމުން. އަޅުގަނޑުމެންނަށް އެބަ އިނގޭ އަބަދުވެސް، ކުރާ ކޮންމެ ކަމަކުންވެސް ތިމާވެށްޓަށްވެސް، މާޙައުލަށްވެސް ގެއްލުންވާނެކަން. އިންސާނާއަކީ ގެއްލުންދޭ އިންސިއެއް. އެހެންވީމާ، މިކަމުންވެސް ކޮންމެވެސްވަރެއްގެ ފިޔަވަޅެއް، ހިލުމެއް، އަޅުގަނޑުމެންގެ މާޙައުލަށް ނާންނާނެ ކަމަކަށް އަޅުގަނޑު ކޮންމެހެނެއް ނުދަންނަވަން. އަހަން މިޖެހޭ ސުވާލަކީ، ލިބޭ އާމްދަނީއާއި، ރައްޔިތުންނަށްވާ ފައިދާއާއި އަދި ގެނެވޭ ތަރައްޤީއާއި އަދި ތިމާވެށި ރައްކާކުރުމަށް ހިނގާ ޚަރަދާ، މިކަންކަމާ، ދެން ކުރެވޭ މަސައްކަތާ އަޅުވައި ބަލާއިރުގައި، އެންމެ ހެޔޮގޮތުގައި ކުރެވެން އޮތީ ކޮންކަމެއްތޯ ދެނެގަނެ، އެންމެކުޑަ ގެއްލުމެއް މާޙައުލަށް، ތިމާވެށްޓަށް ލިބިގެން، ކަންކަން ކުރެވެން އޮތީ ކިހިނެއްތޯ، އަޅުގަނޑުމެން ބަލައި ހޯދުން. މިމަސައްކަތް އަޅުގަނޑުމެންނަށް ކުރިއަށް މިގެންދެވެނީ، މިދެންނެވި ބެލުންތައް ބެލުމަށްފަހުގައި. މިއީ އަޅުގަނޑުމެންގެ ތެރޭގައި، ޢާންމު މަސައްކަތެއްގެ ގޮތުގައިވުމަކީ، އަޅުގަނޑުމެން އެންމެންވެސް ނުހަނު އެދޭނެ ކަމެއް.

ރާއްޖޭގެ ކުޅިތައް ނުހަނު ގިނަ. ރާއްޖޭގެ ބޮޑެތި ފަޅުތަކާ އެކީގައި ހުރި ޖަޒީރާތައް، ރަށްތައްވެސް އެހާމެ ގިނަ. އެ ރަށްތަކާއި އަދި އެ ފަޅުތަކާއި، ކުޅިތައް، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ މުއްސަނދި ކަމަށްޓަކައި ބޭނުންކުރެވެންޖެހޭނެ. އަޅުގަނޑު ނުދެކެން، މިއީ، ލުއި ކަމެއް ކަމަކަށް، އެއްވެސް ފައިސާ ލިބޭ މަސައްކަތަކީ ލުއި މަސައްކަތަކަށް ނުވާނެ. ރެޔާދުވާލު 8 ގަޑިއިރު މަސައްކަތް ނުކޮށް ހޯދޭ ފައިސާއެއްވެސް، ލިބޭ ފައިސާއަކީވެސް، އަޅުގަނޑަށް ފެންނަ ފެނުމުގައި، އެއީ ރަނގަޅު ގޮތުގައި ލިބޭ ފައިސާއެއް ނޫން. މިމަސައްކަތުގައިވެސް ހަމަ ކުޅިއަށް ތަކެތިލާފައި، އަހަރު ދުވަސް ފަހުން ނަގާ ޚިޔާލެއް އަޅުގަނޑުމެންނަކަށެއް ނުގެންގުޅެވޭނެ. އަބަދުވެސް ބަލަހައްޓަވަންޖެހޭނެ، ދެންވާގޮތްވެސް އެނގެންޖެހޭނެ، މިހާރު ވަމުންދާ ގޮތްވެސް، ތިޔަބޭފުޅުންނަށް ވަރަށް ސާފުވާންޖެހޭނެ.

އަޅުގަނޑުމެންނަށް އެއްވެސް ނަފާއެއް، އެއްވެސް ކަމަކުން ލިބޭނީ، މިދެންނެވިހެން ގަދައަޅައި މަސައްކަތް ކޮށްގެން، ދާ އޮހޮރުވައިގެން. އަޅުގަނޑަށް ޔަޤީން، ކެނދިކުޅުދޫ ރައްޔިތުންނަކީ، މަސައްކަތް ކުރަން ކުޑަކޮށްވެސް ޖެހިލުންވާނެ ރައްޔިތެއް ނޫން. އަޅުގަނޑަށް ވަރަށް ބޮޑަށް ސާފު، މި ރާއްޖޭގެ ރައްޔިތުންނަކީ، ގަދައަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ރައްޔިތެއްކަން. އަޅުގަނޑުމެން ރާއްޖޭގައި މިހުރި އެކި ބާވަތްބާވަތުގެ މުއްސަނދިކަން، ރޯދި ބޭނުންކޮށްގެން، އަޅުގަނޑުމެންގެ ދަރިންނާއި، އަޅުގަނޑުމެންގެ ދަރިންގެ ދަރިންނަށް، އަޅުގަނޑުމެން މި އެދޭ ތަނަވަސް ދިރިއުޅުން، އަނެއް ދިވެހިރާއްޖެ، އަޅުގަނޑުމެންނަށް ހޯދައިދެވޭނެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިއަންނަނީ އެހެން ގޮތެއް، މިހާރުހުރި ޙާލަތުން އެހެން ޙާލަތަކަށް ބަދަލުވުމަށް ކުރެވެންހުރި މަސައްކަތް ކުރުން.

ޤަބޫލު ކުރައްވާ، އެއްވެސް ސަރުކާރެއްގައި އަދި އެއްވެސް ބައެއް އަތުގައި ފައިސާއެއް ނުހުންނާނެ، އެ ނުހޯދާހާ ހިނދަކު. މިއަދު މިއޮތީ އިރާދަކުރެއްވިއްޔާ، ކެނދިކުޅުދުއަށް ދެންމެ ތިޔަބޭފުޅުންގެ ޢިއްޒަތްތެރި މެންބަރު ފާހަގަކޮށްދެއްވައިފި، މިއިން ލިބޭނެ ކަމަށް އަންދާޒާކުރާ ޢަދަދެއް. އެ ޢަދަދު އިތުރުކުރަމުން ގެންދިޔުމަކީ، ސަރުކާރުން އަބަދުވެސް އެދޭނެ ގޮތެއް. ކެނދިކުޅުދޫގެ މުއްސަނދިކަމުން މުޅި ރާއްޖެ ބަލަހައްޓައިދިނުމަކީވެސް ސަރުކާރުން އެދޭނެ ކަމެއް. އަދި އަޅުގަނޑަށް ޔަޤީން، އެއްރަށުގެ ތަނަވަސްކަމަކީ، އަނެއް ރަށުގެވެސް ތަނަވަސްކަން. އެއްރަށަށް ލިބޭ ކުރިއެރުމަކީ، މުޅި މި ރާއްޖެއަށް ލިބޭ ތަރައްޤީގެ ފުރްޞަތު.

އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުން މާތްރަސްކަލާނގެ އިރާދަފުޅާއެކުގައި، އަޅުގަނޑުމެންނަށް ޙަލާލު ފައިސާއާއި އަދި ކޮންމެ ދިވެއްސަކީވެސް، ތިމަންނާއަކީ ތިމަންނާގެ އަމިއްލަ ޙަލާލު މަސައްކަތުން މަސައްކަތްކޮށް، ތިމަންނާގެ އަނބިދަރިން ބަލަހައްޓާ ފަޚްރުވެރި ދިވެއްސެކޭ ބުނެވޭ ދަރަޖައަށް، އިސްކޮޅަށް ހިންދެމިލުމަކީ، އަޅުގަނޑުމެންގެ އުންމީދު. އަޅުގަނޑުމެން މިއަދު މި އިންދާ ކުޑަކުޑަ އޮށަކީ، މިދެންނެވި އުންމީދު ޙަޤީޤަތަކަށް ހެދުމަށް އިންދޭ އޮށެއް.

އަޅުގަނޑު ނިންމާލުމުގެ ކުރީގައި، މިނިސްޓަރ އޮފް އެގްރިކަލްޗަރއަށާއި، އެމިނިސްޓްރީގެ އެންމެ ބޭފުޅުންނަށާއި އަދި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށާއި، އެމިނިސްޓްރީގައި މިމަސައްކަތުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް ނިހާޔަތަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން.

والحمد للّـه. والسّـلام عليـكم.