بســم اللّـه الرّحمـن الرّحيــم

ދިރާގުގެ ޗެއަރޕަރސަން ޖުވައިރިޔާ ސަޢީދު، ދިރާގުގެ ބޯޑުގެ އެހެންވެސް މެންބަރުން، ދައުލަތުގެ ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، މިޖަލްސާއަށް، މިޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން، އަދި ދުރާއި ގާތުން މި ޙަފްލާ ބައްލަވަމުން ގެންދަވާ އެންމެ ބޭފުޅުން.

السّـلام عليـكم

ވިޔަފާރީގެ އުޞޫލުން ހިންގޭން ހުރި ކަންކަން ފާހަގަކޮށް، އެކަންކަން ހަމައެކަނި ވިޔަފާރީގެ އުޞޫލުން ހިންގުމަށް ބާރުއެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް. އެއީ މި ސަރުކާރު މިތަމްސީލުކުރާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ އުޞޫލެއް. އެ ޕާޓީގެ މެނިފެސްޓޯ ވަޢުދެއް. ވިޔަފާރީގެ އުޞޫލުން ކަންކަން ހިންގުމަށްޓަކައި ސަރުކާރު ވިޔަފާރި ކުރުމާ ދުރުވުން މުހިންމު. އަޅުގަނޑުމެންނަށް މިއަދާ ހަމައަށް އާދެވުނުއިރު، ދައުލަތުގެ އާމްދަނީ ހޯދަމުން، މައިގަނޑު ގޮތެއްގައި އާދެވިފައި މިވަނީ ސަރުކާރު ވަރަށް ބޮޑަށް ވިޔަފާރީގައި ބައިވެރިވެގެން. ސަރުކާރުން ވިޔަފާރި ކުރީމާ، ޢާންމު ފަރާތްތަކަށް ވިޔަފާރީގެ ފުރްޞަތުތައް ކިތަންމެ ތަނަކުން އެބަ ހަނިވެގެންދޭ.

ޢާންމު އުޞޫލުން ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރްޞަތުތައް ހަނިވެގެން ދިޔައިމާ، އިޤްތިޞާދު ތަރައްޤީވެ، އަޅުގަނޑުމެން މިއެދޭ ޙަޤީޤީ ތަރައްޤީ، އަޅުގަނޑުމެންނަށް ހޯދެން ދަތި. ލިބުން ނާދިރު. ސަރުކާރު ހިންގުމަށް ބޭނުންވާ ފައިސާ، އެކަށީގެންވާ މިންވަރަށް ހޯދުމަކީވެސް އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފައި. ވިޔަފާރި ކުރުމަކީ ފައިދާއަށްޓަކައި ކުރާ ކަމެއް. ސަރުކާރެއް މި ހިންގެނީ ޢާންމު މަޞްލަޙަތަށްޓަކައި އަދި މުޖްތަމަޢަށްޓަކައި. ފައިދާއަށްޓަކައެއް ނޫން. މިދެކަމަކީ ވަރަށް ނުގުޅޭ ދެކަން. އަމިއްލަ ފައިދާއަށްޓަކައި ކަމެއް ކުރުމާއި އަދި މަޞްލަޙަތާއި މުޖްތަމަޢާއި ދައުލަތަށް، ޢާންމު ރައްޔިތުންނަށް، އިންސާނިއްޔަތަށް ކުރާ ބޮޑު ޚިދްމަތެއްގެ ގޮތުގައި ދައުލަތެއް، ޤައުމެއް އުފެދި، ސަރުކާރެއް ހިންގުމުގެ މަސައްކަތް ކުރިއަށް މިގެންދެވެނީ. މި ދެމަސައްކަތް ނުގުޅޭކަމުން، މި ސަރުކާރުން ބޮޑަށް ބާރުއަޅަނީ، ސަރުކާރު، ސަރުކާރުގެ ކަންތަކާ އުޅުމަށް. ވިޔަފާރިވެރިން ވިޔަފާރީގެ ކަންކަމާ އުޅުމަށް.

ސަރުކާރުން ދެން ޤަޞްދުކުރަނީ ވިޔަފާރި ކޮށްފައި، ވިޔަފާރީގެ ފައިދާއިން ސަރުކާރަށް ޓެކްސެއް ދެއްކުމަށް. ސަރުކާރުން އެދެނީ، ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކަށް ލިބޭ އާމްދަނީއިން، އެފަރާތްތަކުންވެސް ސަރުކާރަށް ޓެކްސެއް ދެއްވުމަށް. ސަރުކާރުން ހުށަހަޅާ އަދި މިހާރު ތަންފީޛު ކުރަމުންމިދާ އަނެއް އުޞޫލަކީ، މުދަލާއި ޚިދްމަތުން ވިއްކާ ތަކެތިން ސަރުކާރަށް ޓެކްސެއް ލިބޭނެގޮތް ހަމަޖެހިފައި އޮތުން. ދައުލަތެއް ހިންގާ ޢާންމު އުޞޫލަކީ މިދެންނެވީ އެއީ، މިއަދަކު ދުނިޔޭގައި ކުރާން ފެށުނު ކަމެއް ނޫން. ޒަމާންތަކެއްވެއްޖެ، ތަރައްޤީވެފައިވާ ދައުލަތްތަކުން މިދެންނެވި ފައިދާ އުޞޫލުގައި ދައުލަތް ހިންގަމުން އަންނަތާ. ޙިއްޞާގެ ބާޒާރަކީ، އަމިއްލަ ވިޔަފާރި ކުރިއެރުމަށްޓަކައި، އެކުންފުނިތަކަށް ފައިސާ ހޯދުމަށް ލިބޭ ރަނގަޅު ފުރްޞަތެއް. އަދި ހަމައެހެންމެ، މި ޙިއްޞާގެ ބާޒާރަކީ، އަމިއްލަ ފަރުދުންނަށް ރަނގަޅު ވިޔަފާރިއެއްގައި ބައިވެރިވުމަށް ލިބޭ ވަރަށްފަހި، ރަނގަޅު ފުރްޞަތެއް.

މިރޭ އަޅުގަނޑުމެން މިފާހަގަ މިކުރަނީ، މި ރާއްޖޭގައި މިހާތަނަށް އުފެއްދިފައިވާ އެންމެ ފައިދާހުރި ކުންފުނި، ދިރާގު، އެކުންފުނީގެ ސަރުކާރުގެ ޙިއްޞާއިން ފަނަރަ ޕަސެންޓް ސަރުކާރުން އެ ދެނީ ޢާންމު ރައްޔިތުންނަށް ބަދަލު ދިނުމަށް. އަޅުގަނޑުމެން މިރޭ މިބާއްވާ ޙަފްލާއަކީ، މިދެންނެވި ބަދަލުގެ ޙަފްލާ. ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލައި، ސަރުކާރުން ވިޔަފާރިއާ ދުރުވުމަށް ކަނޑައެޅިފައި މިވާ ސިޔާސަތުގެ ޙަޤީޤީ އެންމެބޮޑު ރަމްޒަކީ، ދިރާގާ އެކުގައި ސަރުކާރަށް ހިންގޭ މަސައްކަތް.

ދިރާގަކީ ކޮން ކުންފުންޏެއް ކަމާއި، އެކުންފުނީގެ ތާރީޚް، ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ދެންމެ ފެނިގެން ހިނގައްޖެ. އަޅުގަނޑު ދަންނަވާކަށްނުޖެހޭނެ، ތިޔަބޭފުޅުންނަށް އެނގިވަޑައިވަޑައިގަންނަވާނެ، އިމްޕީރިއަލް ކޭބަލް ކުންފުނި އެ ކުންފުންޏަކީ. ދިވެހިރާއްޖެއާއި އެކުންފުންޏާ އެކުގައި މުޢާމަލާތްތަކެއް ހިނގަމުން އަންނަނީ، ކޮންމެހެނެއް 1977 ވަނަ އަހަރުއްސުރެންނެއް ނޫން. ބޮމްބޭ މާލޭ ލިންކް، އޭގެކުރީގައި މެދުވެރިކޮށްގެން އަޅުގަނޑުމެން ބޭރާ މުވާޞަލާތު ކުރަމުން ގެންދޭ. އަޅުގަނޑަށް ޔަޤީން، އަޅުގަނޑަށްވުރެ ބޮޑަށް، މާބޮޑަށް ހަނދުމައިގައިވާނެ ތިޔައިން ކިތަންމެ ބޭފުޅުންނެއްގެ "ނަންބަރު ޕްލީސް" އޭ ކިޔާ އެކްސްޗޭންޖް ސިސްޓަމުން އަޅުގަނޑުމެން ކޯލްތައް ހިންގަމުން ގެންދިޔަ ދިޔުން. އަދި އޭގެކުރީގައި މޯސް ކޯޑްގެ ޛަރީޢާއިން މުވާޞަލާތް، މި ރާއްޖޭގައި ހިންގަމުން ގެންދިޔަ ދިޔުން.

މިއިން ކޮންމެ މަރްޙަލާއެއްމެ، ދިވެހިން ކަޑައްތު ކޮށްފައިވަނީ، އެއްގޮތަކުން ނުވަތަ އަނެއް ގޮތަކުން މިދެންނެވި އިމްޕީރިއަލް ކޭބަލް ކުންފުނި ނުވަތަ ފަހުން އައިސް ކޭބަލް އެންޑް ވަޔަރލެސް، އެކުންފުންޏާވެސް ވަރަށް ބޮޑަށް އެކުވެގެން. އަޅުގަނޑު މިހެން ދަންނަވާއިރު ވަރަށް ބޮޑަށް އަޅުގަނޑަށްވެސް ސާފު، ޖަޕާނު އެން.އީ.ސީ ކުންފުނި، އަޅުގަނޑުމެންގެ ޕޯސްޓަލް ޢިމާރާތް ހައްދަވައިދެއްވައި، އަދި މުވާޞަލާތާ ގުޅޭ އެތައް ކަމެއް، އެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ވަނީ ކޮށްދެއްވާފައި. ދިރާގަކީ، ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއް. އަޅުގަނޑުމެންގެ މުވާޞަލާތީ ގުޅުން ތަރައްޤީކޮށްދިނުމުގައި، ކުރުމުގައި އެންމެބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ ދިރާގު. އެސަބަބަށްޓަކައި ކޭބަލް އެންޑް ވަޔަރލެސް ކުންފުންޏަށާއި އަދި ފަހުން އައިސް ދިރާގަށް، އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށާއި، އެކުންފުންޏާ ގުޅިފައިވާ އެންމެހާ ފަރާތްތަކަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރާއި މުބާރަކްބާދީ ރައްދުކުރަން.

ސަރުކާރުން ވިޔަފާރިއާ ގުޅުނީމާ، މުޅި ސަރުކާރުގެ އިޤްތިޞާދީ ނިޒާމް ބަދަލުވާންޖެހޭ. އެ ނިޒާމް ބަދަލުކުރުމަށްޓަކައި ސަރުކާރުން މިހާރު މިވަނީ އިޤްތިޞާދު އިޞްލާޙު ކުރުމުގެ ޕްރޮގްރާމެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. އެ ޕްރޮގްރާމްގެ ތެރޭގައި، ޓެކްސް ނެގުމުގެ މައިގަނޑު ތިން ބިލެއް ހިމެނޭ. އޭގެތެރޭގައި، މުދަލާއި ޚިދްމަތުން ޓެކްސް ނެގުމުގެ ދެޤާނޫނަކަށްވެ، މިހާރު އަޅުގަނޑުމެން މިދަނީ އެބިލަށް ޢަމަލުކުރަމުން. މިދެންނެވި ޓެކްސް، ގުޑްސް އެންޑް ސަރވިސަސް، މުދަލާއި ޚިދްމަތުގެ އަގުން މި ނެގޭ ޓެކްސް ނެގުމަށްފަހުގައި، ސަރުކާރުން ދެން ނިންމާފައި މިވަނީ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ސަރުކާރަށް ނެގޭ ޢަދަދު، ނެގޭ މިންވަރު ނުވަތަ ނެގޭ ފައިސާ ނެގުން ހުއްޓާލުމަށް. އިމްޕޯޓް ޑިއުޓީގެ ގޮތުގައި ފައިސާ ނަގާ ނެގުމަކީ، ވިޔަފާރިއަށް ހީނަރުކަން ލިބޭ ކަމެއްކަން، އިޤްތިޞާދީ ކޮންމެ މާހިރަކުވެސް ވަރަށް ފުރިހަމައަށް އެއްބަސްވާނެ. ތަކެތި އެތެރެކުރެވޭހިނދު، އެއިން ވިޔަފާރި ނުކުރެވިވަނިކޮށް، ދައުލަތަށް އެއްޗެއް ނެގުމުން، ވިޔަފާރިއަށް އަންނަ ހީނަރުކަމަކީ، އަޅުގަނޑު އަޑުއަހާގޮތުގައި ކޭޝް ފްލޯއަށް ލިބޭ ގެއްލުމުން ދިމާވާ ކަމެއް.

އިމްޕޯޓް ޑިއުޓީގެ ގޮތުގައި ބައެއްފަހަރަށް 15 ޕަސެންޓް، އަނެއްބައިފަހަރަށް 20 ޕަސެންޓް އެބަ ނެގޭ. ޖަނަވަރީ 1 ވަނަ ދުވަހުއްސުރެ ފެށިގެން ގިނަ ޢަދަދެއްގެ މުދަލުގެ އިމްޕޯޓް ޑިއުޓީ، ވިޔަފާރިވެރިން ދައްކާކަށް ނުޖެހޭނެ. އެހެންވީމާ، ކަން ދެން އެ ވެދާގޮތަކީ، ވިޔަފާރިވެރިން އެއްވެސް ޓެކްސެއް ނުދައްކައި، ވިޔަފާރި ކުރަމުން ޙަޤީޤަތުގައި ގެންދާނެ. ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންނަށް މިއަދު ސާފުވާނެ ފަދައިން، ޖީ.އެސް.ޓީ.އަކީ އެބޭފުޅުން ދައްކަވާ އެއްޗެއް. އެބޭފުޅުން ދައުލަތަށް، ޢާންމު ޚިދްމަތްތަކަށްޓަކައި ދެއްވާ އެއްޗެއް. އެހެންވީމާ، އިމްޕޯޓް ޑިއުޓީގެ މުޅި ވާހަކަ އެކީގައި ނިމުނީ. އަޅުގަނޑު އިއްޔެގައި ފިހާރައަކަށްދިޔަތަނާ، ސޭޓް އަޅުގަނޑު ގާތުގައި ބުނި، ހަމަ މިއައީ ހަތްދިހަ ތިންހާސް ރުފިޔާ ކަނޑާލާފައޭ ޑިޔުޓީއަށް. އެ ހަތްދިހަ ތިންހާސް ރުފިޔާގެ ތެރެއިން އެއްވެސް ސޭޓެއް ނުކަނޑާނެ ޑިއުޓީއަކަށް. އަދި ސޭޓުން އަތުން މި ނިޒާމްގައި ހިނގާ އެއްވެސް ޚަރަދެއް ނޯންނާނެ. ހަމައެކަނި ސަރުކާރުން މި އެދެނީ، ކުރާ ވިޔަފާރީގެ ފައިދާއިން ރުފިޔާއަކުން ފަނަރަލާރި ދޭށޭ. އަދި ތިޔަކުރާ ވިޔަފާރީގައި ގެންގުޅޭ މުވައްޒަފުންނަށް، ގެންގުޅުއްވާ މުވައްޒަފުންނާއި އަދި އެހެންވެސް ފައިދާވާ ފަރާތްތަކުގެ އާމްދަނީ، އެއީ މަހެއްގެ މައްޗަށް ތިރީސްހާސް ރުފިޔާ، މަހެއްގެ މައްޗަށް، އަޑުއައްސަވައްޗޭ، މަހެއްގެ މައްޗަށް ތިރީސްހާސް ރުފިޔާއަށްވުރެ އިތުރަށް އެރީމާ، އެއީ އިތުރަށް އަރާ ކޮންމެ ރުފިޔާއަކުން ދެލާރި، ދައުލަތަށް ދެއްވައްޗޭ. އާމްދަނީއަކީ ފަސްދޮޅަސްހާސް ރުފިޔާއާއި އެއްހާސް ރުފިޔާއާ ދެމެދުނަމަ ހަލާރި. އެއީ އެއްލައްކަ ރުފިޔާއާއި އެއްލައްކަ ފަންސާސް ހާސް ރުފިޔާއާ ދެމެދުނަމަ ނުވަލާރި. ދެން މަހެއްގެ މައްޗަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާ ލިބުނީމާ، މި އެދެނީ ފަނަރަލާރި ދެއްވާށޭ. މިއަކީއެއް އެއްވެސް ހާލެއްގައި، އެއްވެސް ދިވެއްސަކު އަދި އެއްވެސް ޚަބަރު ވިސްނޭ ފަރާތަކުން އިންކާރުކުރާނެ ވާހަކަތަކެއް ނޫން. ޖީ.އެސް.ޓީ ނަގާން ފެށުމާއެކީގައި، މީރާއިން އެ ކުރައްވާ މަސައްކަތުގެ ތެރޭގައި، ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރެވިފައިވާ ހުރިހާ ފިހާރައެއްގައި ޙަޤީޤަތުގައި ރަނގަޅު އެކައުންޓިންގ ސިސްޓަމްތައް ޤާއިމްކުރެވި، ރަނގަޅު ވިޔަފާރީގެ އުޞޫލުތައް އެ އެކަށައެޅެނީ. އަޅުގަނޑު ގާތު މީރާގެ ވެރިން ވިދާޅުވި އަދި މިތަނަށް ވަޑައިގެން އެބަތިއްބެވި. އަޅުގަނޑު ނުހަނު މަރްޙަބާއާއި މުބާރަކްބާދީ، އެބޭފުޅުންނަށް ރައްދު ކުރަން ބޭނުން. އެބޭފުޅުން ދައުލަތަށްޓަކައި، ރައްޔިތުންނަށްޓަކައި އެކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް. މަރްޙަބާ.

އަޅުގަނޑުމެންނަށް ވަރަށް ގިނައިން ފެންނާނެ، މިހާރު ބައެއް ފިހާރަތަކަށްދާއިރުގައި، ޕޮއިންޓް އޮފް ސޭލްސް ސިސްޓަމެއް، ބުނާ އަޑު އަޅުގަނޑު އަހަނީ. އެއީ ވަތްގަނޑުގެ ބަދަލުގައި، ވަތްގަނޑު ކައިރީގައި އެހުންނަ ކޮމްޕިއުޓަރ. މީރާއިން އެ ފާހަގަކުރައްވަމުން ގެންދަވަނީ، ވިދާޅުވަނީ، ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ކުރާ ކޮންމެ ތަނަކަށް، އޭގެ ސިސްޓަމެއް މީރާއިން ބަހައްޓަވައިދެއްވާނެ ކަމަށް. އެހެންވީމާ، އޭގެތެރެއިން ވިޔަފާރި ކުރެވުނީމާ، މުޅި ފިހާރައިގެ ހުރިހާ ވިޔަފާރިއެއް، ވިކުރާއެއް، ހިސާބެއް، ކިތާބެއް ހުންނާނީ ބައިނަލްއަޤްވާމީ ފެންވަރަށް ބެލެހެއްޓިފައި. ޤައުމެއް ހިނގާނީ، އެޤައުމެއްގެ ވިޔަފާރި އެންމެ ޒަމާނީ އުޞޫލުތަކަށް އަދި އަޅުގަނޑުމެންނަށް އެނގޭ ހަމަތަކުގެ މަތިން ހިންގުނީމާ. އަޅާ ފޮށްޓަކާއި ނަގާ ފޮށްޓެއް ބަހައްޓައިގެން، ވިޔަފާރި ކުރީމާ، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެން ހޯދަން އުނދަގޫވާނެ. އަދި ބެންސަން ޓަނަކުން ސިނގިރެޓް ފޮށްޓެއްގެ ކާޓޫނުގެ ފަހަތުގައި ވިކުރާ ލިޔަމުން ގެންގޮސް، ލޭންދޭންވެސް، އެގަނޑުގައި ބެހެއްޓީމާ، އަދި އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ހޯދަން އުނދަގޫވާނެ.

ދެން އަބަދުވެސް އަޅުގަނޑުމެންނަށް އެހޭ ސުވާލަކީ، ކޮންއިރަކުންތޯ އެ ބެންސަން ސިނގިރެޓް ކާޓޫނުގެ ބޭރުގަނޑު އަޅުގަނޑުމެން އެއްލާލާފައި، ރަނގަޅު ނިޒާމަކަށް ބަދަލުވާނީ. ކޮން ދުވަހަކުންތޯ އެ ބަދަލުވާންވީ ވަގުތު، އަޅުގަނޑުމެންނަށް އައިސް ޖެހިއްޖެ ކަމަށް އަޅުގަނޑުމެންނަށް އިޙްސާސްވާނީ. މިއީ 2011 ވަނަ އަހަރު. މި ރާއްޖޭގައި އަޅުގަނޑުމެން ދިރިއުޅެމުން އަންނަތާވެސް، މާހިރުން ބުނާތާ ދެހާސް އަހަރަށްވުރެ ގިނަވެއްޖެ. ކޮންއިރަކުންތޯ، އަޅުގަނޑުމެން އާދައިގެ އިންސާނުން އުޅޭގޮތަށް އުޅޭން ފަށާނީ. އަވަސްތޯ މިހާރު އެކަން ކުރަން. ލަސްތޯ. އަޅުގަނޑު ދަންނަވާނީ، އަޅުގަނޑުމެންނަށް މިވަނީ 30 އަހަރު ލަސްވެފައޭ. އަޅުގަނޑުމެން މިއަދު ވަރަށްގިނަ ކަންތައް، ވަރަށް ބާރަށް ކުރީމާ ނޫނީ، އަޅުގަނޑުމެންނަށް ގެއްލިފައިމިވާ އަހަރުތަކެއް ނުހޯދޭނެ. އެ އަހަރުތައް ނުހޯދާ ތާއަބަދަށް ސަރުކާރާއި ދައުލަތް ދަރަނިވެރިވެގެން، ދައުލަތް ހިންގުމަކީ، އެއްވެސް ހާލެއްގައި ބުއްދިވެރިކަމެއް ނޫން. އަދި އަޅުގަނޑު ޔަޤީންކޮށް އަރުވަން، އެއީކީ މި ސަރުކާރު، ދައުލަތް ހިންގާނެ ގޮތެއް ނޫން. އަޅުގަނޑު ދައުލަތް ހިންގަން ހުންނާނެ ގޮތެއްވެސް ނޫން. އަދި ދަންނަ ގޮތެއްވެސް ނޫން. ދަރަނިވެރިއެއް އަބަދަކު ނުވެވޭނެ. ކޮންމެވެސް އެއްދުވަހަކުން ޙަޤީޤަތާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭނެ. ދަރަނި އަޅުގަނޑުމެން އަދާކުރަންޖެހޭނެ. އަޅުގަނޑުމެން މިކުރާ ކަންކަމަކީ، އެއްވެސް ހާލެއްގައި ފަސޭހަ ކަމެއް ނޫން. ކާކުތޯ އެދޭނީ، ޖީބުގައި މިއަދު ހުރި އެއްޗެއް ނަގައި ދައުލަތަށްދޭން. އެއީ، އިންސާނީ ޠަބީޢަތް. އެކަމާ ނުރުހޭކަން އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ޙަޤީޤަތެއް. އެހެން ނަމަވެސް، ކުރާން ހުރި ކަމެއް އަޅުގަނޑުމެން ކުރާންޖެހޭނެ. ހިތި ޒަހަރު ބޮއިގެންވެސް މިބަލިން، މި ހިތި ބޭސް ބޮއިގެންވެސް އަޅުގަނޑުމެންނަށް މި ބަލިން ސަލާމަތްވެވެން ޖެހޭނެ. ކޮންމެވެސް އެއްދުވަހަކުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް މީހަކު ތެދުވެ، އަޅުގަނޑު ހިތުން އެބަ ބުނާންޖެހޭ، ދެން ދައުލަތް ހިނގާނީ، އެހެން މީހުންވެސް އެކަންކުރާގޮތަށޭ. ދެން ދިވެހިރާއްޖޭގެ އާމްދަނީއާއި، ދިވެހި ދައުލަތުގެ އެންމެހާ މާލީ އަދި އިޤްތިޞާދީ ކަންކަން ހިނގަމުން އަންނާނީ، ދެމެހެއްޓެނިވި ގޮތުގައި މި ރާއްޖެއަށް ފައިދާހުރި ގޮތުގައޭ.

މިރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ، މިދެންނެވި ދެމެހެއްޓެނިވި ގޮތުގައި، މި ރާއްޖޭގެ ރައްޔިތުންނަށްވެސް ނުހަނު ބޮޑު ފައިދާއެއް ލިބޭނޭ މަސައްކަތެއް ފަށައިގަތުން. ދިރާގުގެ ޙިއްޞާ، ދެން ފަނަރަ ޕަސެންޓް، މިރޭ ރާއްޖޭގެ ރައްޔިތުންނަށް މި ހުޅުވާލެވެނީ. ދެންމެ ދިރާގުގެ ޗެއަރޕަރސަން ޖުވޭ ވިދާޅުވެއްޖެ އެއީ، ރަނުގެ ފުރްޞަތެކޭ. މިއަށްވުރެ ފައިދާ ބޮޑު އެއްވެސް ކުންފުންޏެއް، އެއްވެސް ކުންފުންޏެއް ނެތް. އަދި ޢަމްދުން ޖީ.އެސް.ޓީ.ގެ ތެރޭގައި، ދިރާގަށް ލިބޭ އެއްޗެއްވެސް މިއޮތީ ނުހިމަނާ ގޮތަށް. ލިބޭ ޢަދަދު ހައްތަހާވެސް މިއޮތީ ބޮޑުވާގޮތަށް. ދިރާގާ އެއްވަރަށް ފައިދާ ލިބޭ ހަމަ އެއްވެސް ކުންފުންޏެއް، ރިޒޯޓް ހިންގާ ކުންފުންޏެއްވެސް އަދި އެހެން ކަމެއްކުރާ ކުންފުންޏެއްވެސް، މި ރާއްޖޭގައި ނުހުންނާނެކަމީ، މި ރާއްޖޭގެ އިޤްތިޞާދީ ކަންކަން ބަލާ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ސާފުވާނެ ކަމެއް. މުވާޞަލާތަކީ ފައިދާ ހުންނާނެ ކަމެއްކަން އެންމެންނަށްވެސް އެބަ އެނގޭ. އެކަމުގެ ވިޔަފާރި، އެހެންވީމާ، އެ ވިޔަފާރީގައި ބައިވެރިވުމުގެ ފުރްޞަތު، ރާއްޖޭގެ އެންމެ ރައްޔިތުންނަށް ހުޅުވިގެން މިދަނީ. ތިޔަބޭފުޅުންނަށް ހަމަ އަޅުގަނޑު މިރޭ ތަކުރާރު ކުރާނީ، މިއީ ރަނުގެ ފުރްޞަތެކޭ.

ސަރުކާރުގެ ޙިއްޞާގެ ތެރެއިން 15 ޕަސެންޓް ދޫކޮށްލީމާ، ދެން ސަރުކާރުގެ ޙިއްޞާގެ ގޮތުގައި ދިރާގުގައި އޮންނާނީ 33 ޕަސެންޓް. އެ 33 ޕަސެންޓްވެސް ސަރުކާރުގެ އަމާޒަކީ ދޫކޮށްލުން. އާމްދަނީއިން ނުވަތަ ވިޔަފާރީގެ ފައިދާއިން ލިބޭ މިންވަރު، އެތައް ގުނައަކުން ބޮޑުވާކަން ސަރުކާރަށް ވަރަށް ބޮޑަށް ޔަޤީން، ސަރުކާރު ޙިއްޞާ ނުވާނަމަ. އެކަން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔައީ، މޯލްޑިވްސް އެއަރޕޯޓްސް ކޯޕަރޭޝަނުން. އެއީ އެއަރޕޯޓް ޕްރައިވަޓައިޒް ކުރުމަށް. އެނގިވަޑައިގަންނަވާތޯ، ޖީ.އެމް.އާރުން ޙަވާލުވުމުގެ ކުރީގައި އެއަރޕޯޓުން ދިވެހި ދައުލަތަށް، ދިވެހި ސަރުކާރަށް، ބަޖެޓަށް އެންމެ ގިނައިން ލިބިފައި އޮތް އަހަރު ލިބިފައި އޮތީ 100 މިލިއަން ރުފިޔާ. ޢާންމުކޮށް މިލިބެނީ 75 މިލިއަން ރުފިޔާ. މިއަހަރު 600 މިލިއަން ރުފިޔާ ލިބޭނެ. އެއީ، ތަފާތަކީ. ހަމައެކަނި ވިޔަފާރީގެ އުޞޫލުން ވިޔަފާރިއަށްޓަކައި، ފައިދާއަށްޓަކައި މަސައްކަތް ކުރީމާ، ނުކުންނަ ނަތީޖާ މާބޮޑަށް ރަނގަޅީ. އަދި ދައުލަތުގެ ދަރަންޏާއި ދައުލަތުގެ އެހެންވެސް ތާށިތަކުގެ ތެރޭގައި، ވިޔަފާރިއަކީ ކުރާންދަތި ކަމެއްކަން އަޅުގަނޑުމެންނަށް އިންސާނީ ތަޖްރިބާ ދައްކަނީ، މިދެންނެވި ބާވަތުގެ އެތައް ތަޖްރިބާއެއް އަޅުގަނޑުމެންގެ ތެރޭގައިވެސް ފެންނާން އޮތީތީވެ.

އަޅުގަނޑުމެން މި ހިންގާ މަސައްކަތްތަކަކީ، އެއްވެސް ޙާލެއްގައި ދިވެހި ރައްޔިތަކަށްވެސް އަދި ދިވެހި ދައުލަތަކަށްވެސް، މި ރާއްޖެއަކަށް ކުޑަވެސް ގެއްލުމެއްހުރި މަސައްކަތެއް ނޫން. އެއީ، އަޅުގަނޑަށް ވަރަށް ސާފުކޮށް އެނގޭ ކަމެއް. ޣިޔާޘުއްދީން ސްކޫލް، ޕްރައިވަޓައިޒް ކުރުމާ ގުޅިގެން، މި ދިވެހިރާއްޖެއިން ގެއްލިގެންދާނެ ކަންތައްތަކުގެ ވާހަކަ، އަޅުގަނޑުމެން ވަރަށް ދިގުކޮށް އަޑުއެހިން. މިއަދު ޣިޔާޘުއްދީން ސްކޫލަށް ވައްދާ ކިޔޫ ވަރަށް ރަނގަޅު. އެއީ ވިޔަފާރީގެ އުޞޫލުން އެކަން ހިންގޭގޮތަށް އޮތީތީވެ. ވިލާ ކޮލެޖްގެ 64 ދަރިވަރުންނަށް، ހަމަ ކުރީ ރޭ ޔުނިވަރސިޓީ ޑިގްރީ ދެވިގެން އެދިޔައީ. މި ސަރުކާރުގެ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ޕްރޮގްރާމްގެ ތެރެއިން، އަމިއްލަ ވިޔަފާރިވެރިންނާ ޙިއްޞާވެގެން، ސަރުކާރުން ދެވެން ހުރި، ވިޔަފާރީގެ އުޞޫލުން ދެވެންހުރި ޚިދްމަތްތައް، އެ އުޞޫލުން ދިނުމަށް އުފައްދާފައިވާ ފުރްޞަތެއްގެ ތެރެއިން ވިލާ ކޮލެޖް، އެ ކާމިޔާބުވަމުން އެދަނީ. ގަދައަޅައި މަސައްކަތްކުރާ ވިޔަފާރިވެރިންނަށް އަދި ތޫނުފިލި، ބުއްދިވެރި، ޙިކްމަތްތެރި ވިޔަފާރިވެރިން، މި ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ދާނީ ކުރިއަށް. ކޮރަޕްޝަނަކަށް ޖާގައެއް ނެތް. އަދި އަޅުގަނޑަށް އެއްޗެއް ދެއްވައިގެން ނުވަތަ އެހެންވެސް ފަރާތަކަށް އެއްޗެއްދީގެން، ވިޔަފާރީގެ ފުރްޞަތެއް ހޯދަން އުޅުމުގެ ޖާގައެއް ނެތް. އަދި ބޭނުމެއްވެސް ނެތް.

ވިޔަފާރީގެ ފުރްޞަތުތައް ވަރަށް ސާފުކޮށް ފެންނަން އެހެރީ. މާރުކޭޓްގައި ހިނގަނީ. ޙިއްޞާގެ ބާޒާރުގައި ހިނގަނީ. އެންމެ ރަނގަޅަށް އަގު ދެއްކި ފަރާތަކަށް ފުރްޞަތު އޮންނަނީ ހުޅުވިފައި. ޙިއްޞާ މިއޮންނަނީ ލިބެން. މިއަކަށް އިތުރު ކަމެއް ބޭނުމެއްނުވޭ. އަޅުގަނޑު މި ޚުލާޞާކުރާ ނިޒާމް، މިރޭ އަޅުގަނޑުމެން މި ތަޢާރުފު ކުރަނީ. އަޅުގަނޑުމެން މިރޭ ހަމައެކަނި މިހުށަހަޅަނީ ނުވަތަ އަޅުގަނޑު ދެންމެ ތިޔަބޭފުޅުންނަށް މި ތަޢާރުފްކުރީ ޙިއްޞާގެ ބަޔާނެއް ނޫން އަޅުގަނޑުގެ ނަޒަރުގައި ހަމައެކަނި. އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި މާލީ ސިޔާސަތުގެ ނާރަކީ، އެއީ، ޙިއްޞާގެ މާރުކޭޓް. ރައްޔިތުންނަށް ވިޔަފާރީގައި ބައިވެރިވުމުގެ ފުރްޞަތު. އަޅުގަނޑު މިކަމަށްޓަކައި ދިރާގުގެ އެންމެ ބޭފުޅުންނަށް ނުހަނު ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ނިންމާލުމުގެ ކުރީގައި ކޭބަލް އެންޑް ވަޔަރލެސްގެ ޗެއަރމަން ރިޗަރޑް އެބްސަންއަށާއި އަދި ސީ.އީ.އޯ ޓޯނީ ރައިސްއަށް މިމަސައްކަތުގައި އެދެބޭފުޅުންވެސް އަޅުގަނޑުމެންނަށް ވެދެއްވާފައިވާ އެހީއަށް ނުހަނު ޝުކުރު ދަންނަވަން. އެބޭފުޅުންގެ ވަރަށްގިނަ އެހީތެރިކަމާއި މަސައްކަތް އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންކަމަށް އަދި ޚާއްޞަކޮށް، އިޤްތިޞާދީ ލަފައަށް މިއަންނަނީ ލިބެމުން. އެކަމަށްޓަކައި އަދި މި ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ދިރާގު ކުރައްވަމުން ގެންދަވާ އެންމެހާ ކަންކަމަށް ނުހަނު ޝުކުރުވެރިވަމުން، އަޅުގަނޑު ތިޔަބޭފުޅުންނާ މިރޭ ވަކިވެލާނަން.

والحَمْـدُ لِلّـهِ. والســّلام عليــكم.