بســم اللّـه الرّحمـن الرّحيــم

ދައުލަތުގެ ވަޒީރުން އަދި ކައިމޫ ހޮޓެލްސްގެ އެންމެހާ ވެރިންނާއި އެ ހޮޓެލްގައި މަސައްކަތް ކުރައްވާ އެންމެ ބޭފުޅުން. ރިނިއުބަލް އެނަރޖީގެ މަސައްކަތުގައި އުޅުއްވާ އެންމެހާ ބޭފުޅުން އަދިވެސް މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން.

السّـلام عليـكم

މިރާއްޖޭގެ އުފެއްދުންތެރިކަމުގެ 31 ޕަސެންޓަށްވުރެ ގިނައިން ހޭދަމިވަނީ ހަކަތަ އުފެއްދުމަށް. އުފެއްދުންތެރިކަމުގެ މިހާ ބޮޑު ޙިއްސާއެއް ހޭދަކުރަން މިޖެހޭ އެންމެ ބޮޑު އެއްސަބަބަކީ، ތެޔޮ މިހާރު އަޅުގަނޑުމެން މިބޭނުންކުރާ މިންވަރު ބޮޑުކަމުން. ޙަސަންވެސް ދެންމެ ފާހަގަކުރައްވައިފި، ތެލުގެ އަގަށް ވަމުންދާގޮތް. ފެންނާކަށެއް ނެތް، ތެލުގެ އަގު ދަށަށް ދާން އޮތް އެއްވެސް ސަބަބެއްވެސް އަދި އެއްވެސް މާހިރަކު، އެއްވެސް ބަޔަކު ފާހަގައެއްވެސް ނުކުރޭ، ތެލުގެ އަގު ދަށަށް ގޮސްފާނެ ކަމަކަށް.

މާހިރުންވެސް އެންމެ ބޭފުޅުންވެސް އަދި މީޑިޔާއިންވެސް ފާހަގަކުރަމުން އަންނަ ގާއިމުވެސް އެއްކަމަކީ އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށް ބޭނުންކުރާ އާލާތުގެ އަގު އަންނަނީ ހެޔޮވަމުންނޭ. އަދި އެތަކެތިން އުފެއްދޭ ކަރަންޓުގެ މިންވަރުވެސް މިއަންނަނީ ކުރިއަށްވުރެ މާބޮޑުތަނުން ފަސޭހަވަމުންނޭ، ފުރިހަމަވަމުންނޭ. އެއްއަތުން އަގު މިކަމުގައި އެބަ ދަށަށްދޭ. އަދި އެފިޝަންސީ ނުވަތަ އެއިން ކަރަންޓް އުފެއްދޭ މިންވަރު އެބަ މައްޗަށްދޭ. ހަމައެހެންމެ، މީގެ ބަދަލުގައި މިހާރު މިބޭނުންކުރާ ކަރަންޓުގެ ބާވަތް ނުވަތަ އެނަރޖީ ހަކަތަ އުފެއްދުމަށް މި ބޭނުންކުރާ ބާވަތް އެއީ، ތެޔޮ ބޭނުން ކޮށްގެން މިއުފައްދާ އުފެއްދުން އެދަނީ އަގު ބޮޑުވަމުން.

އަޅުގަނޑުމެން ކިރިޔާވެސް ވިސްނާލައިފިނަމަ މިމަސައްކަތް މިރާއްޖޭގައި މުހިންމުވެފައި އޮތް މިންވަރު އަޅުގަނޑުމެންނަށް ސާފުވާނެ. އަޅުގަނޑުމެންގެ އަމާޒަކީ، ތަރައްޤީއަށް ފަހިވަނީ ހަމައެކަނި ތެޔޮ ހޭދަކޮށްގެނެއް ނޫނޭ ނުވަތަ ކަރަންޓު މިއުފައްދާ ވަރަށް އުފައްދައިގެން ނޫން ގޮތަކަށް ތަރައްޤީ ލިބެން ނެތް ކަމަށް ދެކެވޭ ވާހަކަތައް އެއީ، އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި ބުއްދިވެރި ވާހަކަތަކެއް ނޫން. ދިވެހިރާއްޖެފަދަ ބައިވަރު ކިތަންމެ އެތައް ޤައުމަކަށް ކަރަންޓު އުފެއްދުމުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުން އިޤްތިޞާދަށް އަންނާނެ ފައިދާ، ލިބޭނެ ފައިދާ އަޅުގަނޑުމެންނަށް މިއަންނަނީ ސާފުވަމުން.

މިހާރު އަޅުގަނޑުމެންނަށް މިމަސައްކަތް ފަށައި ގަނެވޭއިރުގައި ޖަހާފައިމިވާ ހިސާބަކީ، ސްޓެލްކޯއިން އަޅުގަނޑަށް ދެންމެ މަޢްލޫމާތު ލިބިފައި މިއޮތް ގޮތުގައި މިކަރަންޓު ގަތުމަށް އެއްބަސްމިވަނީ ތިރީސް ލާރިއަށް. އަދި ސަރުކާރުން އެއްބަސްވެފައި މިއޮތީ އިޢާދަކުރަނިވި ހަކަތައިން ގަންނަ ކޮންމެ ޔުނިޓަކަށް ސަރުކާރުން ފަންސާސް ލާރި ޔުޓިލިޓީ ކުންފުންޏަށް ދޭނެ ކަމަށް. އެހެންވީމާ، ތިންރުފިޔާ ބަޔަށް ގަނެވެން މިއަންނަނީ.

އިޢާދަކުރަނިވި ހަކަތަ އުފެއްދެން އަންނަނީ ހިނގަހިނގާ ހުންނައިރުގައި ރިކަރަންޓް ޚަރަދެއް ނެތް ނަމަވެސް، އޭގައި އެކަށީގެންވާ ބޮޑު މިންވަރެއްގެ ކެޕިޓަލް ޚަރަދެއް ވާތީވެ ތިންރުފިޔާ ބައި އެއީ، އަޅުގަނޑު ހިތުން އެކާވީހަކަށް ސެންޓް. އެކާވީސް ސެންޓް އެއީ، މިކަރަންޓް އުފެއްދޭނެ މިންވަރުތޯ. ހަމަގައިމުވެސް ފާހަގަވާ އެއްކަމަކީ، ސްޓެލްކޯއަށް ކަރަންޓް އުފައްދަން ހޭދަވަނީ ތިންރުފިޔާ ނޫންކަން. މިހާރު ސްޓެލްކޯއަށް ކަރަންޓު އުފައްދާން އެބަ ހޭދަވޭ، ހަތަރު ރުފިޔާއާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އަދަދެއް. މިކަރަންޓް ބޭނުންކުރެވިއްޖިއްޔާ، ތިންރުފިޔާގެ މަގުން ސްޓެލްކޯ ކަރަންޓް ގަނެވޭ ކަމުގައި ވަނީވިއްޔާ ސްޓެލްކޯއަށް ކަރަންޓް ބިލް އަގުހެޔޮ ކުރެވެން އެބައޮތް ކޮންމެ ޔުނިޓަކުން އަޅުގަނޑު ހިތުން އެއްރުފިޔާއަށްވުރެ ބޮޑު މިންވަރެއް. ދެން އަޅުގަނޑުމެން އުފައްދާނެ ސުވާލަކީ، ތިންރުފިޔާ ބަޔަށް ކަރަންޓު އުފެއްދެން އެބައޮތްތޯއޭ. އުފައްދައިގެން ވިއްކެން އެބައޮތްތޯއޭ.

ސަރުކާރުން ހުޅުވާލާފައިވާ ބައެއް ބީލަންތަކަށް ކުރިމަތިލީ ބައެއް ފަރާތްތަކުން އެބަ ބައެއް ފަހަރަށް ހުށަހަޅާ، ތޭވީސް ލާރިއަށް، ތޭވީސް ސެންޓަށް ނުވަތަ ހަތާވީސް ސެންޓަށް ޔުނިޓެއް ވިއްކިދާނެކަމަށް. އެހެންނަމަވެސް، އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތް ގޮތުގައި ދުނިޔޭގައި މީގެ އަގު މިހާރު ސޯލާ ކަރަންޓް ނުވަތަ އިރުގެ ހަކަތައިން އެ އުފައްދާ ކަރަންޓު އުފެއްދުމުގައި މިއުޅެނީ، ސައްބީސް ސެންޓް ބައެއްފަހަރަށް ހަތާވީސް ސެންޓުވެސް. އަދި މީގައި އަޅުގަނޑުމެންނަށް ހިސާބު އަޅުގަނޑަށް ކެލަބަރޭޓް ކުރުން އެއީ، އަޅުގަނޑަށް ހީވަނީ ބޭނުންތެރި ކަމެއްހެން. އަޅުގަނޑު އެދޭނަން، ޔުޓިލިޓީ ކުންފުނިތަކުގެ ފަރާތުން އެބޭފުޅުން އަދި މީގެ ހިސާބަށް ބައްލަވާލެއްވުމަށް މުޅި މަންޒަރުއެކީގައި ބައްލަވާލެއްވުމަށް. ސްޓެލްކޯއަށް މިއިން ނުކުންނާނެ ފައިދާ، ރާއްޖެއަށް މިއިން ނުކުންނަން އޮތް ހަމައެކަނި ފައިދާއަކީ، ކަރަންޓު ބިލަށް ހެޔޮ އަސަރެއް ކުރުމެއް ނޫން. އޭގެ އިތުރުން، ތެޔޮ އެތެރުކުރާ މިންވަރު އެތައް ގުނައަކަށް ދަށްވެގެން ދިޔުން. އެއީ، ދިވެހިރާއްޖޭގެ އިޤްތިޞާދަށްވެސް ލިބޭނެ ވަރަށްބޮޑު ކުރިއެރުމަކަށްވާނެ.

އަދި ހަމަމިއާއެކީގައި އަޅުގަނޑުމެންގެ އަމާޒެއް އެއީ، ދުނިޔޭގެ ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކަށް ދައްކާ ދިނުން، ބުނެ ދިނުން ތަރައްޤީއަކީ ކޮންމެހެން ހަމައެކަނި ތެޔޮ އަންދައިގެން ވާކަމެއް ނޫނޭ. ތަރައްޤީވެވެން އެބައޮތޭ ތެޔޮ ނާންދާވެސް. އަދި މިފަދަ އާޓެކްނޮލޮޖީ ބޭނުންކޮށްގެން. އަޅުގަނޑުމެންނަށް ނަމޫނާއެއްގެ ގޮތުގައި ދުނިޔެއަށް އެމަންޒަރު ދެއްކުމަކީ އަޅުގަނޑަށް ފެންނަ ފެނުމުގައި ބޭނުންތެރިކަމެއް. އަޅުގަނޑުމެން މިކުރާ ކަމެއްގެ ސަބަބުން، ދުނިޔޭގެ ތިމާވެށްޓަށް އަންނާނެ އެއްވެސް ބަދަލެއް ނޯންނާނެ. ދިވެހިރާއްޖެ ކާބަން ނިއުޓްރަލްވެގެން ދުނިޔޭގެ ޖައްވަށްދާ ކާބަންގެ އަދަދު، ގެދަބުޅީގެ އަދަދު މަދެއް ނުވާނެ. ދިވެހިރާއްޖެއަކީ އެކަމުގައި އެއްވެސް މިންވަރެއް ޙިއްސާކުރާ ޤައުމެއްނޫން.

އަޅުގަނޑުމެންގެ ދެއަމާޒެއް އޮންނަނީ. އެއްއަމާޒަކީ އިޤްތިޞާދީ ގޮތުން މިއީ ބޭނުންތެރިކަމެކޭ. ތަރައްޤީވުމަށް އަދި މުސްތަޤްބަލް އޮތީ މި ދިމައިގައިކަން އަޅުގަނޑުމެންނަށް ކަނޑައެޅި އެނގި މުސްތަޤްބަލަށް އަޅުގަނޑުމެން މަސައްކަތްކުރުން. އެމަސައްކަތް ކުރަމުން ދާއިރުގައި ބޮޑެތި ޤައުމުތައް ކައިރީގައި އަދި ފާހަގަކުރަމުން ގެންދިޔުން، ތަރައްޤީވެވެން އޮންނަ ހަމައެކަނި މަގަކީ ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓްދީގެން ނޫންކަން ދައްކައިދިނުން. އަޅުގަނޑު ދެކެނީ، މިއަދު އަޅުގަނޑުމެންނަށް މިއިފްތިތާޙް ކުރެވޭ ކޮންޓްރެކްޓް ނުވަތަ އަދި މި އިފްތިތާޙް ކުރެވޭ އުޞޫލާއި މިސިޔާސަތު މިއީ، އަޅުގަނޑުމެންގެ ތަރައްޤީގެ ވަރަށް މުހިންމު މަސައްކަތަކަށްވާނެކަމަށް.

ދެންމެ އަސްލަމް އަޅުގަނޑުމެންނަށް ފާހަގަކޮށްދެއްވައިފި، ގެއެއްގައި ބަޔަކު މިކަން ކުރާކަމަށްވަނީވިއްޔާ ވަރަށްބޮޑު ތަނުން ކަރަންޓު ބިލް ހެޔޮވެގެން ހިނގައިދާނެ. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި އަދި އަޅުގަނޑު މާނިޙް ކައިރީ ދެންމެ ކުޑަކޮށް އަހައިލިން، މިތަނުގެ ކަރަންޓު ބިލް ލައްކައަކަށްވުރެ ބޮޑުވެއޭ ކޮންމެ މަހަކުވެސް. މުލީއާގޭ ކަރަންޓު ބިލް ހުންނަނީ މިތާ ކަރަންޓް ބިލާ ގާތްގަނޑަކަށް އެއްކަހަލަ ގޮތަކަށް. މުލީއާގޭ ކަރަންޓު ބިލަށް އެބައަރާ މިހާރު މަހެއްގެ މައްޗަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުކޮށް. މުލީއާގޭގައި އެ ޕެނަލް ބޭއްވީމާ މަހެއްގެ މައްޗަށް އެ ޕެނަލުން އެބަ އުފެއްދޭ 900 ކިލޯވޮޓް އަވަރއަށްވުރެ ގިނަކޮށް. އެހެންވީމާ، މިހާރު މުލީއާގޭ ކަރަންޓު ބިލުން ސްޓެލްކޯއިން އަޅުގަނޑަށް ހަދައިދިން އެސެސްމަންޓެއްގައި މަހެއްގެ މައްޗަށް އަށްހާހެއްހާ ހަތްހާހެއްހާ ރުފިޔާ ސަލާމަތްވޭ. މުލީއާގެއިން ބުނާ ގޮތުގައި މިޕެނަލްތައް ބެހެއްޓިފަހުން މަހެއްގެ މައްޗަށް ކަރަންޓު ބިލް އަށާރަހާހާ ވިހިހާހާ ދެމެދުން ހެޔޮވެއްޖެ. ދެން އެއީ، ޕެނަލް ބެހެއްޓުމާއެކީގައި އެންމެންގެ އަޚްލާޤުވެސް ރަނގަޅުވީ ކަމަށް ގަބޫލު ކުރެވިދާނެ. އަޅުގަނޑު ދެކެނީ އެޕެނަލް ބެހެއްޓުމާއެކުގައި ދެން މިހާރު ޕެނަލްވެސް އެއޮތީ ބަހައްޓާފައޭ. އެހެންވީމާ، ބޮކިތައް ނިއްވާލަންޖެހޭނެކަމާއި މުވައްޒަފުންވެސް އުޅުއްވާ ބޭފުޅުންވެސް ޤަބޫލުކުރުން އެއީ، އަޅުގަނޑަށް ހީވަނީ އޭގެ ތެރޭގައި ހިމެނޭ ކަމެއްހެން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، މުލީއާގެއަކީ ހަމައެކަނި އަޅުގަނޑު ނިދާ ބައެއް ނޫން. އެއާއެކީގައި ހިމެނޭ އޮފީސްވެސް ހިމަނައިގެން. އަޅުގަނޑު ނިދާބައިގެ ކަރަންޓު ބިލް ވަރަށް ކުޑަވާނެ.

މިމަސައްކަތްކުރަމުން އަޅުގަނޑުމެން މިއަންނަނީ ބޮޑަށް މިފަދަ ގޮތަކަށް ބަދަލުވެއްޖިއްޔާ މިކަމުން ލިބިދާނެ ފައިދާތަކަކީ ކޮބައިތޯ ދެނެގަތުމަށް. އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި މާނިޙުގެ ބިލަށް މަހަކަށް ހަތްހާސް ރުފިޔާ، އަށްހާސް ރުފިޔާ ސަލާމަތް ކުރެވޭނެ. ބޮޑަށް ބުއްދިވެރީ އަޅުގަނޑުމެން އެދެނީ އެ އަށްހާސްރުފިޔާ ފޮރުވަމުން ގެންދިޔުމަށް. އިތުރު ޕެނަލްއަށް އެ އަށްހާސް ރުފިޔާ ޚަރަދު ކުރެއްވުމަށް. އެހެންވީމާ، ކަރަންޓް ބިލަށް ޙަޤީޤަތުގައި އެއްވެސް ބަދަލެއް ނައި. ބަދަލު ނައި ސަބަބަކީ، ލިބުނު ފައިސާއެއް ވެއްޖިއްޔާ ފޮރުވާފައި ރީ އިންވެސްޓް ކުރުމަށް އަޅުގަނޑުމެން މިއެދެނީ. އޭރަށް އަޅުގަނޑުމެން އެބޭފުޅުންނަށް އިތުރު ޕެނަލް މިތަނުގައި އަޅަމުން ގެންދެވޭނެ. އެބޭފުޅުން ކަރަންޓް ޖަނަރޭޓްކުރާ މިންވަރު އިތުރުވާނެ. ދެން އެއީ، އެބޭފުޅުންގެ ފުރާޅުގެ ޖާގަ އޮތްކަމަށް ވަނީވިއްޔާ.

މާލޭގައި އެބަހުރި ވަރަށް ބޮޑުކޮށް ކަރަންޓު ބޭނުންކުރާ ތަންތަން. ހޮޓާހޮޓާ، އޮފީސްތައް އަދި ބައެއް ބާވަތުގެ މަސައްކަތް ކުރާ ތަންތަން. އެހެންވީމާ، އެ ތަންތަނަށް މި ނިޒާމު ތަޢާރަފް ކުރެވޭތޯ މަސައްކަތް ކުރުމަކީ، އަޅުގަނޑު ހިތުން ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް އެބަ ޕްރޮގްރާމްތަކެއް ހިންގޭ. އިކޮނޮމިކް މިނިސްޓްރީންވެސް، އެނަރޖީ އޮތޯރިޓީވެސް މެދުވެރިކޮށްގެން މިކަމަށް އިންވެސްޓް ކުރާނެ އިތުރު ބޭރު ފައިސާވެސް ހޯދުމަށް. އިރާދަކުރެއްވިއްޔާ އެމަސައްކަތްވެސް އަޅުގަނޑުމެންނަށް ކާމިޔާބު ކުރެވޭނެ. އަދި އެހެންނޫނަސްވެސް އަމިއްލަ ވިޔަފާރިވެރިން އެބޭފުޅުންގެ ވިޔަފާރިއަށްޓަކައި އަޅުގަނޑަށް ފެންނަ ފެނުމުގައި ކޮންމެހެން ކުރުން ބުއްދިވެރިކަމެއް.

މިއަދުގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ. އަޅުގަނޑުމެންނަށް ދެން އޮތީ ޕަވަރ ޕަރޗެސިންގ އެގްރީމެންޓްގައި ސޮއި ކުރުން. އެހެންވީމާ، މިހާރު ދެންމެ މިތާހުރި އަންހެންބޭފުޅާ ކުރައްވާ މަސައްކަތް އަޅުގަނޑު ކުރާނަން. ދެން އަޅުގަނޑުމެން ހިންގާނެ މަސައްކަތަކީ، އެގްރީމެންޓްގައި ސޮއިކުރުން. އެހެންވީމާ، އެގްރީމެންޓްގައި ސޮއިކޮށްދެއްވަނީ ސްޓެލްކޯގެ ފަރާތުން ޙަސަން ޒާހިރު. އަދި ކައިމޫގެ ފަރާތުން މާނިހު. ޝުކުރިއްޔާ.