بســم اللّـه الرّحمـن الرّحيــم

ލިލީ ގްރޫޕްގެ ވެރިންނާއި އަދި މޭރީބްރައުންގެ އެންމެހާ އިސްވެރިންނާއި އަދި މިއަދު މިތަނަށް ވަޑައިގެން ތިއްބެވި އެންމެ ބޭފުޅުން.

السّـلام عليـكم

ނާޞިރު ދެންމެ ފާހަގަކުރެއްވި ފަދައިން އަޅުގަނޑުމެންގެ ރާއްޖޭގައި އަދި ވަކިން ޚާއްޞަކޮށް މާލޭގައި މިބާވަތުގެ ކާނާ އަދި މިބާވަތުގެ ރެސްޓޯރެންޓް ނުވަތަ އަވަހަށް ކާނާ ލިބޭ، ކާތަކެތި ލިބޭ ތަނަކަށް ބޭނުންވެފައިވާކަމީ އަޅުގަނޑުމެންނަށް މިހާރު ޝައްކު ހިނގާ ކަމެއްނޫން. ރާއްޖޭގައި އަޅުގަނޑުމެންގެ ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ދިރިއުޅެމުން އަންނަ ގޮތް މިދަނީ ދުވަހުން ދުވަހަށް ވަރަށް ބޮޑަށް ބަދަލުވަމުން. އެބަދަލުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ގޮތަށް ފަހިވާނެ ކަންކަން ތަރުތީބުވުމަކީ، ކޮންމެހެންވެސް ބަދަލަށް ބޭނުންކަމެއް. އެހެންވީމާ، މިބާވަތުގެ ފުރުސަތުތައް ފަހިވެގެންދާކަމާއި އަދި މިބާވަތުގެ ވިޔަފާރިތައް މިރާއްޖޭގައި ފެށޭކަމީ އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މިރާއްޖޭގެ ތަރައްޤީއަށް ވަރަށްބޮޑަށް މަގުފަހިވެގެންދާނެ ކަމެއް.
ދެންމެ ނާޞިރު ފާހަގަކޮށްދެއްވައިފި، ޖީ.އެސް.ޓީ، މިތަނުން ދައްކާނެ މިންވަރާއި ޢަދަދު. އަޅުގަނޑުމެން ވަރަށް ހިތްހަމަޖެހޭ، މިތަންތަން ހުޅުވިގެން އަންނައިރުގައި ސަރުކާރުގެ އާ ޓެކްސްގެ ނިޒާމުގެ ތެރެއިން މިބާވަތުގެ ވިޔަފާރިތައްވެސް މިހާރު އެހުންނަނީ ވަކި ހަމައެއްގައި އިންތިޒާމު ކުރެވިފައި. އެފަދަ އިންތިޒާމުތަކުގެ ތެރެއިން އަޅުގަނޑުމެން މިއެދޭ ބަދަލާއި، އަޅުގަނޑުމެން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ލިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑު ހިތުން ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ގަބޫލުކުރާނެ، ލިލީ ސްޓޯރަކީ، ފެށުނީއްސުރެ ފަށައިގެންވެސް އަދި އެބޭފުޅުންނަކީ ފެށުނީއްސުރެ ފަށައިގެންވެސް ރާއްޖޭގައި މި ވިޔަފާރީގައި ވަރަށް ކުރީއްސުރެ ފަށައިގެން ގިނަގުނަ ޚިދްމަތްތަކެއް ދެމުން އަންނަ ކުންފުންޏެއް. ރާއްޖޭގެ ޓުއަރިޒަމް އެންމެ ބާރަށް ފަށައިގަނެގެން އަދި ވަކިން ޚާއްޞަކޮށް 1980އިގެ މެދާ ހިސާބުން، މިކުންފުނީގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމަށް ވަރަށްބޮޑު ފަހިކަމެއް ލިބިގެންދިޔަ. އޭގެކުރީގައި، ރިޒޯޓުތައް ހިންގާ ފަރާތްތަކުން ވަރަށް ދަތީގައި އުޅެގެން ލިބޭ ޚިދްމަތްތައް އެއީ، ކާބޯތަކެއްޗާ އަދި އެތަކެއްޗާ ގުޅޭ އެހެން ސާމާނުތައް ހޯދުމުގެ މަސައްކަތްތައް ވަކިން ލިލީސްޓޯރުން ހިންގަމުން ގެންދިޔައީތީވެ އޭރުގައި ރިޒޯޓުތައް ހިންގަމުން ގެންދިޔަ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެންދިޔަ. އަދި އެބޭފުޅުން އެވިޔަފާރިއަށް އިންވެސްޓްކުރި މިންވަރު އެއީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ޓުއަރިޒަމް އަޅުގަނޑުމެން މިއަދު މިދެކޭ ހިސާބަށް ގެނައުމުގައި ވަރަށް ބޮޑު ރޯލެއް ދައުރެއް އަދާކޮށްފައިވާ ކަމެއް. އެކަމަށްޓަކައި އަޅުގަނޑު، ލިލީ ސްޓޯރަށް ޝުކުރު ދަންނަވާއިރު އަޅުގަނޑަށް މިއަދު މިތަނުން އެ ވިޔަފާރީގެ ހުރިހާ ބޮޑެތި ބޭފުޅުން ފެންނާން އެބަތިބި. ހަމައެހެންމެ، އެބޭފުޅުންގެ އެމަސައްކަތް އެދުވަހު ދިވެހިންގެ ތެރެއަށް އެގޮތަށް ތަޢާރަފްކުރި ފަދައިން މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ލިލީސްޓޯރުން އަނެއްކާވެސް މުޅިން އާ މަސައްކަތްތަކެއް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްކޮށްދޭ ތަން. އަޅުގަނޑު އުންމީދު ކުރަނީ، މިބާވަތުގެ މަސައްކަތްތައް އަޅުގަނޑުމެންގެ ތެރޭގައި ހަމަމިހާރަށްވުރެ ގިނަވެ އަދި އަޅުގަނޑުމެންގެ ތެރޭގައި މިބާވަތުގެ ޚިދްމަތްތައް ރައްޔިތުންނަށްދޭނެ ފަރާތްތައް އިތުރުވެގެންދާނެކަމަށް.

ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތަކީ ހުޅުވާލެވިފައިވާ މާރުކޭޓެއްގައި ވާދަވެރި ވިޔަފާރިތައް ކުރިއަށް ގެންދެވޭނޭ މާޙައުލެއް އުފެއްދުން. އެކަމަށްޓަކައި ސަރުކާރުން މިގެންދަނީ ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުން. ޤާނޫނަށް ގެންނަންޖެހޭ އެއްބާވަތެއްގެ ބަދަލަކީ، ދައުލަތަށް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުންގެންދާ ގޮތަށް ގެންނަންޖެހޭ ބަދަލު. މީގެކުރީގައި، ސަރުކާރަށް އާމްދަނީ ލިބޭ އެންމެ މައިގަނޑު އެއް ދާއިރާއަކީ، ޑިޔުޓީން ލިބޭ އާމްދަނީ. ޑިޔުޓީން މި ނެގޭ އާމްދަނީއަކީ އެނގިވަޑައިގަންނަވާނެ ތަކެތީގެ ވިޔަފާރި ނުކުރަނީސް ހަމަ އެތެރެކުރާތަނުން ސަރުކާރުން އެއިން ބައިކުޅަބައެއް ނަގައިގެން ކުރިއަށް ގެންދެވޭ އުޞޫލެއް. އޭގެ ބަދަލުގައި، މިހާރު ސަރުކާރުން ބަދަލު މިކުރަނީ ޑިޔުޓީއެއް ނުނަގާ ތަކެތި އެތެރެ ކުރުމަށްފަހުގައި އެއިން ވިޔަފާރިކޮށް ނިމުމުން ދެން އެ ވިޔަފާރިން ކުޑަ ޕަސެންޓެއް ސަރުކާރަށް ދިނުން. ސަރުކާރު ދެކޭ ގޮތުގައި މިގޮތަށް ޓެކްސްގެ ނިޒާމު ބަދަލުވެގެން ދިޔައިމާ މިބާވަތުގެ ވިޔަފާރިތަކަށާއި އަދި އެހެންވެސް ވިޔަފާރިތަކަށް ކިތަންމެ ކުރިއެރުމެއް ލިބޭނެ.

ހަމައެއާއެކީގައި، ސަރުކާރުން މިގެންދަނީ ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަމުން. އަދި އެހެންވެސް އިމިގްރޭޝަނާ ގުޅޭ ޤާނޫނުތަކަށް ބަދަލުގެނެސް ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓުތައް ފަހިވާނެ ހުރިހާ ގޮތެއް ހެދުމަކީ މިސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް. އަޅުގަނޑު ނިންމާލަމުންވެސް ލިލީ ސްޓޯރުގެ އެންމެ ބޭފުޅުންނަށް ނުހަނު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެވެސް މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް ދެދުނީޔޭގެ ބާއްޖަވެރިކަން ލިބުން.

والحمد للّـه. والسّـلام عليـكم.