ފުވައްމުލަކު ބިޅިފޭށި ސަރަޙައްދާއި، ފުވައްމުލަކު ތޫނޑު ސަރަޙައްދަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ފަޅު ދެރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައި، އެކަމުގެ ދެ ޤަރާރުގައި އެމަނިކުފާނު ސޮއި ކުރައްވައިފިއެވެ. މި ދެ ޤަރާރުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވީ، [ފުވައްމުލަކު ތަރައްޤީގައި ސާކްގެ ޙިއްޞާ] މިނަމުގައި މިއަދު ހަވީރު ފުވައްމުލަކުގައި ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ.

މި ދެފަޅުރަށަކީ ޓުއަރިޒަމްގެ މަސައްކަތަށް ބޭނުންކުރެވޭނެ ދެރަށް ކަމަށާއި، މިދެރަށުގެ ތެރެއިން އެއްރަށުގައި ސަރުކާރުން އަޅާ ރިޒޯޓް، އިރާދަކުރެއްވިއްޔާ، މިއަންނަ ހަފްތާގެ ތެރޭގައި އަޅަން ފެށޭނެކަން، މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިރިޒޯޓް ހައްދަވަނީ ތޫނޑު ސަރަޙައްދުގައެވެ. މި ރިޒޯޓް ނޮވެމްބަރ 11 އަށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، ފުވައްމުލަކު ރައްޔިތުން ނުކުންނަވައި، އެކަމަށް މަސައްކަތް ކުރައްވައިފިނަމަ، މިއީ ވަރަށް ފަސޭހައިން ވާންއޮތް ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއަރޕޯޓް ތަރައްޤީ ކުރައްވަނީ ބިޅިފޭށި ސަރަޙައްދުގައެވެ.