بســم اللّـه الرّحمـن الرّحيــم

السّـلام عليـكم


އަޅުގަނޑު ދާދި ދެންމެއަކު ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއާ ބައްދަލުކުރުމުގެ ފުރްޞަތު ލިބުނު. އަދި އަޅުގަނޑު ތަސްމީނާ އެކުގައި މިހާރު ސަރުކާރުން ހުށަހަޅާފައިމިވާ މާލީ އަދި އިޤްތިޞާދީ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާ ކުރިން. އަޅުގަނޑުމެންގެ މަޝްވަރާތަކުގައި ތަސްމީން ފާހަގަކުރެއްވި ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި ޚާއްޞަކޮށް، އެބޭފުޅުން ކަންބޮޑުވެލައްވާ، ދައުލަތުގެ ޚަރަދު އެހާބޮޑުތަނުން ބޮޑުވަމުންދާކަން. އެބޭފުޅުން ފާހަގަކުރެއްވި، ރާއްޖޭގެ ބަޖެޓް 7 ބިލިއަން، 8 ބިލިއަން، އެ މިންވަރުގައި ހުރެފައި، ކުއްލިއަކަށް ސުނާމީއަށްފަހު ބަޖެޓް ބޮޑުވެގެންދިޔައީ. ދެން އެއަށްފަހު، މިހާތަނަށް އައިއިރުގައިވެސް އެ ސުނާމީގެ ޚާއްޞަ ޙާލަތާ ދިމާވެގެން ބޮޑުވި ބޮޑުވުމަށް ބަދަލެއް ގެނެވިފައިނުވާކަން. އެހެންވީމާ، އެއީ، އެބޭފުޅުން ކަންބޮޑުވެލައްވާ ކަމެއް، ސަރުކާރުގެ ޚަރަދު ބޮޑުވަމުންދާކަން. އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި މާލީ އިޞްލާޙުތަކުގައި ހުށަހަޅާފައިވަނީވެސް 2012 ވަނަ އަހަރު ނުވަތަ 2013 ވަނަ އަހަރު ޚަރަދު ބޮޑުވެގެންދާ ގޮތަށް. އެއީ، އެބޭފުޅުން ކަންބޮޑުވެލައްވާ ކަމަކަށްވާތީވެ، އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންގެ މިކަމާ ގުޅޭ އިތުރު ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާ ކުރުމަށްފަހުގައި، ސަރުކާރަށް އެކަމަށް ގެނެވެން އޮތް ބަދަލެއް ވެއްޖިއްޔާ، އަޅުގަނޑުމެން ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް.

އަދި ހަމަ އެހެންމެ، ދައުލަތުގެ ޚަރަދު ކުރެވޭގޮތާއި އަދި ދެފުށް ފެންނަ ގޮތަށް ޚަރަދު ކުރަމުން ގެންދިޔުމަށްވެސް ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީ ބާރުއެޅުއްވި. އަދި އެކަންތައް އަޅުގަނޑު މިހާރު ފާހަގަކޮށްފައި އޮތް ކަމާއި، އެހެން ނަމަވެސް، އެބޭފުޅުން ބޮޑަށް ބޭނުންވެވަޑައިގަންނަވަނީ ޢަމަލީގޮތުން ސަރުކާރުން އެކަން ކުރަމުންދާތަން ފެނުމަށް ކަމަށް ވަރަށް ސާފުކޮށް ވިދާޅުވެފައި އޮތް. އެހެންވީމާ، އަޅުގަނޑު އެކަމަށްވެސް އެބޭފުޅާއަށް ދެންނެވިން، ސަރުކާރުން މިހާރުއްސުރެ ފަށައިގެންވެސް އަދި ކުރީގައި ހިންގަމުން އައި މަސައްކަތްތަކުގެ ތެރެއިންވެސް އެކަން އަދި ކުރިއަށްވުރެ ބޮޑަށް ފުރިހަމަކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ކަމަށް.

ހަމައެހެންމެ، ތަސްމީން ކަންބޮޑުވެލައްވާ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި، އާމްދަނީން ޓެކްސް ނެގުން. މި ޓެކްސް ނަގާއިރުގައި، އެހާ ކުއްލިއަކަށް ބޮޑު ޢަދަދެއްގެ ޓެކްސް ނެގެމުންދާ ކަމަށް އެބޭފުޅުންނަށް ފާހަގަކުރެއްވޭ ކަމަށް ނުވަތަ އެއީ އެހާ ގިނަ ބައެއްގެ ތެރެއިން ނެގޭ ޓެކްސްއަކަށްވާތީވެ، ރައްޔިތުންގެ ކަންބޮޑުވުން، އެކަމުގައި އެކުލެވޭ ޓެކްސްއެއްގެ ގޮތުގައި އެބޭފުޅުން ދެކެވަޑައިގަންނަވާ ކަމަށް. އަޅުގަނޑު ދެންނެވިން، އާމްދަނީން ޓެކްސް ނެގުން، ދެން އަޅުގަނޑު ދެކޭގޮތުގައި، ތަސްމީންވެސް، ޑީ.އާރު.ޕީ.ގެ ލީޑަރަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ނިޒާމް ފުރިހަމަވެގެން އަންނާނީ، ނުވަތަ ޓެކްސްގެ ނިޒާމް ފުރިހަމަވެގެން އަންނާނީ، ކޮންމެވެސް މިންވަރެއްގެ ނަމަވެސް ޓެކްސްއެއް އާމްދަނީން ނެގިގެންކަން. އެހެން ނޫނިއްޔާ، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް، އޭގައި ހަމަޖެހުމެއް ގެންގުޅުން އެއީ، އުނދަގޫ ކަމެއް ކަމަށް ތަސްމީންވެސް އަޅުގަނޑު ހިތުން ގަބޫލު ކުރައްވާނެ. އެހެން ނަމަވެސް، އަދި ދަށު ބުރެކެޓްތަކުގައި ހުރި އާމްދަނީގެ ޓެކްސްތަކުގެ ޢަދަދު، މިހާރަށްވުރެ ލުއިކުރުމަށް އެ ވިސްނަވާ ވިސްނެވުމަކީ، އަޅުގަނޑު ހިތުން ސަރުކާރުވެސް އެކަމާ ވިސްނަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެން އިތުރަށް އެކަމާ މަޝްވަރާ ކުރާނަން.

އަޅުގަނޑުމެންނަށް މި މަޝްވަރާތަކަށް އިތުރަށް ތަފްޞީލުކޮށް ޑީ.އާރު.ޕީ.އާ އެކީގައި ދެވޭނެ ގޮތެއް މެދުވެރިވުން، އަޅުގަނޑުމެންގެ އެދުމަކީ، އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑު ތަސްމީން އަރިހުގައި އެވާހަކަ ދެންނެވިން. ތަސްމީން ވިދާޅުވި، އެބޭފުޅާގެ ޕާޓީއާ މަޝްވަރާ ކުރުމަށްފަހުގައި، އެކަމާ ގުޅޭގޮތުން އެބޭފުޅުން ޖަވާބެއް ދެއްވާނެ ކަމަށް. އަޅުގަނޑަށް ފެންނަ ފެނުމުގައި އަދި އަޅުގަނޑު ފާހަގަކުރިން، އަޅުގަނޑަށް ފެންނަ ފެނުމުގައި، މިބާވަތުގެ ކަމެއްގައި، މިހާރު ދެޕާޓީއަށް އެކުގައި މީގެކުރީގައި މިސާލަކަށް މިވަނީ ސުޕްރީމް ކޯޓު އެކުލަވައިލުމުގެ މަސައްކަތުގައި އަޅުގަނޑުމެންނަށް އެކައްޗެއް ކިޔައި އެކަން ކުރެވިފައި.

ހަމަ އެހެންވީމާ، އެއާއެކުގައި އަޅުގަނޑު ދެކެނީ، މިބާވަތުގެ މަސައްކަތެއްގައި، ޑީ.އާރު.ޕީ އާއި ނުވަތަ ހުރިހާ ޕާޓީއެއްގެ ތާއީދާ އެކުގައި އަދި ހުރިހާ ޕާޓީއަކަށް މިކަން ފެންނަ ގޮތަކަށް އަޅުގަނޑުމެންނަށް މި ނިޒާމް ޤާއިމް ކުރެވޭނެގޮތް މެދުވެރިވުމަކީ، ބޭނުންތެރިކަމެކޭ. ޓެކްސްގެ ނިޒާމެއް ރާއްޖޭގައި ރަނގަޅަށް އެކަށައެޅިފައި، ޤާއިމްވެފައި އޮތުމަކީ، ވަކި ސަރުކާރަކަށް އެއިން ފައިދާއެއް ކުރާނެ ކަމެއް ނޫންކަން އަޅުގަނޑު ހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އަދި ހުރިހާ ސިޔާސީ ބޭފުޅުންނަށްވެސް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ.

އެހެންވީމާ، އަޅުގަނޑުގެ ދުޢާއަކީ އަދި އަޅުގަނޑުގެ އުންމީދަކީ، އަޅުގަނޑުމެންނަށް މަޝްވަރާގެ އުޞޫލުން މިކަންތައްތައް ކުރަމުން ގެންދެވޭނެ ކަމަށް. އެނގިވަޑައިގަންނަވާނެ، މީގެކުރީގައި ވިޔަފާރިވެރިން މިކަމާ ގުޅޭގޮތުން ކަންބޮޑުވާ ކަންބޮޑުވުންތަކަށް އަޅުގަނޑުމެންނަށްވަނީ ކޮންމެވެސް މިންވަރެއްގެ ނަމަވެސް ހިތް ޙަލާލުވުމެއް، ހިތްހެޔޮވުމެއް ގެނެސްދެވިފައި. އެބޭފުޅުންނާ އަޅުގަނޑުމެންނަށް ވާހަކަ ދެކެވިގެން. އެބޭފުޅުންނާ މަޝްވަރާ ކުރެވިގެން، މިހާރު މި ޓެކްސްގެ ނިޒާމް ޤާއިމް ކުރުމަށް އަޅުގަނޑުމެންނަށް މިދެވެނީ.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޢަބްދުﷲ ޖަމީލު – ހަވީރު ނޫސް:

އަޅުގަނޑަށް ދާދިފަހުން މި ރިފޯމް ޕެކެޖް އިޢްލާނު ކުރެއްވުމަށްފަހު ފެނިގެންދިޔަ މަނިކުފާނު މަޓީގެ ޗެއަރމަނަށް ފޮނުއްވި ސިޓީފުޅެއް. ދެން އެ ސިޓީފުޅުގައި އެބައޮތް، އެބޭފުޅުން ހުށަހަޅުއްވާފައި ހުރި ކަންތައްތައް އިޞްލާޙުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި. ދެން މިއާ ގުޅިގެން ބައެއް ޓެކްސްގެ ތަޖްރިބާކާރުން ވިދާޅުވަނީ، އެ އިޞްލާޙުތައް ގެނައުމުން، ޓެކްސްއިން ލިބޭ އާމްދަނީ ވަރަށްބޮޑުތަން މަދުވެގެން އެބަދެއޭ. އެ އިޞްލާޙުތައް ގެންނަވަން ވިސްނަވާފައި އޮތީ ކިހާވަރަކަށް ވިސްނާވަޑައިގެންފައިތޯ؟

ދެން ދެވަނަ ސުވާލެއްގެ ގޮތުގައި އަޅުގަނޑު އަހާލަން ބޭނުންވަނީ، އިންކަމް ޓެކްސް ނެގުމާ ބެހޭގޮތުން ރާއްޖޭގައި ޓެކްސް ތަޖްރިބާކާރުން ވިދާޅުވެފައި އެބައޮތް. އެ ޓެކްސް ނެގުމަކީ ރާއްޖޭގައި އެހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫން ކަމަށް. މިސާލަކަށް، ދަނޑުވެރިންނާއި، މަސްވެރިންނަށް ލިބޭ އާމްދަނީއަކީ މިހާތަނަށް ރެކޯޑަކުން ބެލެން އޮތް އެއްޗެއް ނޫން ކަމަށްވާތީ، އެ ޓެކްސް ނެގުމުން ހިނގާ ޚަރަދު، އެ ޓެކްސް ނުނެގުމަށްވުރެ ރަނގަޅުވާނެކަމަށް. ދެން މިކަމާ ދޭތެރޭ ކީކޭތޯ ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ވިޔަފާރިވެރިންނާ އެކުގައި ދެކެވުނު ވާހަކަތަކަށްފަހުގައި، ގެނެވުނު އިޞްލާޙުތަކުގެ ސަބަބުން، އާމްދަނީ މަދުވެގެންދާނީ ކިހާ މިންވަރަކަށްތޯ، ތިޔަބޭފުޅާގެ ފުރަތަމަ ސުވާލަކީ.
ޓެކްސްގެ ނިޒާމު ޤާއިމް ކުރުމަށް ސަރުކާރުން ނިންމާފައި މިވަނީ ކިތަންމެ ސަބަބުތަކަކާހުރެ. އާމްދަނީ ހޯދުން އެއީ، އޭގެތެރެއިން އެއްކަންތައް. ހަމައެހެންމެ، ރަނގަޅު ވެރިކަމުގެ ނިޒާމަކަށް، އިޤްތިޞާދީ އަދި މާލީ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރުމުގެ މުހިންމުކަން ވަރަށްބޮޑު. އެހެންވީމާ، އަޅުގަނޑުމެން އެދޭ މިންވަރަށް އާމްދަނީ އަދި ނުލިބުނު ކަމުގައި ވިޔަސްވެސް، އެކަން ޚަރަދު ކުޑަކޮށްގެން ހަމަޖެއްސިދާނެ. އެހެން ނަމަވެސް، މި ނިޒާމަށް އެނބުރުމުގެ މުހިންމުކަން ބޮޑު. އެހެންވީމާ، އަދި އެނބުރޭ ވަގުތު ރާއްޖޭގެ ވިޔަފާރިވެރިންނާ މަޝްވަރާ ކުރެވި އަދި ހުރިހާ ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެވި، އަމިއްލަ ޖަމްޢިއްޔާތަކާއެކުގައި މަޝްވަރާ ކުރެވިގެން މިކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެކެވެނީ. އެހެންވީމާ، އާމްދަނީއިން މަދުވީނަމަވެސް، މިކަމުގައި ދެން އިތުރަށް ސަރުކާރަށާއި ރައްޔިތުންނަށް ލިބެންހުރި މަންފާތައް ގިނަކަމަށް އަޅުގަނޑަށް ފެންނާތީވެ، މިގޮތަށް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ.

ދެން އާމްދަނީން ޓެކްސް ނެގުމަކީ، ބައެއް ބޭފުޅުންގެ ނަޒަރުގައި ވާނެ ކަމެއް ނޫނޭ. ދެން އަޅުގަނޑު ތިކަމަށް ދަންނަވަން އޮތީ، ބައެއް ބޭފުޅުންގެ ނަޒަރުގައި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަކީވެސް ރާއްޖެއަށް އެއްގޮތަކަށްވެސް ކަމުދާ އެއްޗެއް ނޫން. އެހެން ނަމަވެސް، އަޅުގަނޑުމެން މިއަދު މިދަނީ އޭގެ މަންފާއާއި ފައިދާ ހޯދަމުން. އާމްދަނީއިން ޓެކްސް ނެގުން އެއީ، އުނދަގުލަކަށް ވެދާނެ ކަމަށް އަޅުގަނޑުމެންނަށް ބައެއް ބޭފުޅުންނަށް ލަފާކުރެވިފައި މިއޮންނަނީ. އެއީ، އާމްދަނީ ހޯދާ ފަރާތްތަކަކީ ކޮބައިތޯ އަޅުގަނޑުމެންނަށް ސާފުކޮށް ނޭނގޭތީ ކަމަށް. މިހާރު ޕެންޝަނާ ގުޅޭގޮތުން، ޕެންޝަންގައި ރަޖިސްޓްރީވި ރައްޔިތުންގެ ޢަދަދު ނުވަތަ ވަޒީފާ އަދާކުރާ މީހުންގެ ޢަދަދު ބައްލަވާލެއްވީމާ، މިކަން ވަރަށް ބޮޑަށް ސާފުވެލައްވާނެ. ގާތްގަނޑަކަށް ނުވަދިހަހާހާ ގާތްކުރާ ޢަދަދަކަށް ޕެންޝަންގައި ބޭފުޅުން މަސައްކަތް ކުރާ މީހުން މިވަނީ ރަޖިސްޓްރީ ކުރެވިފައި. އޭގެ މާނައަކީ ވަރަށްގިނަ ޢަދަދެއްގެ މަސައްކަތްކުރާ މީހުންގެ އާމްދަނީއާއި އަދި މަސައްކަތްކުރާ ވަޒީފާއާއި، އެއާ ގުޅޭ އެންމެހާ މަޢްލޫމާތު ރާއްޖޭގައި ލިބެން އެބަހުއްޓޭ. ރާއްޖޭގެ މަސްވެރިންގެ ޢަދަދަކީ، ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ އާބާދީގެ ވަރަށްބޮޑު ޕަސެންޓެއް. އެހެންވީމާ، މަސްވެރިންގެ އާމްދަނީން ޓެކްސް ނެގޭނެ އުޞޫލުތަކެއް، މި އާމްދަނީގެ ކަންކަމުގައި ހިމެނިފައި ނެތިދާނެ. އެހެންނަމަވެސް، ޓެކްސްގެ ނިޒާމަކީ، އެއްދުވަހުން އެ ނިޒާމް ފުރިހަމަ ކުރެވޭނެ ނިޒާމެއް ނޫން. އަދި މި ސަރުކާރުން މިގެންނަ މާލީ އަދި އިޤްތިޞާދީ ބަދަލުތަކުގެ ތެރޭގައި ހިމެނޭ އެބަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ސްޓްރަކްޗަރ ކުރާނެ ނުވަތަ ހިންގާނެ ކިތަންމެ ގޮތްތަކެއް އެކުލެވޭ ޤާނޫނުތަކެއް. އެހެންވީމާ، މުޅި ޕެކެޖް އެކީގައި، މުޅި ހުރިހާ ޤާނޫނެއް އެކީގައި ބެއްލެވީމާ، އަޅުގަނޑަށް ހީވަނީ ބޮޑަށް ސާފުވެލައްވާނެހެން، އާމްދަނީން ޓެކްސް ނެގުން އެއީ، މި ރާއްޖޭގައި ކުރެވިދާނެ ކަމެއްކަން.

އިބްރާހީމް ވަޙީދު – ހާމަނޫސް:

އާދެ! މަނިކުފާނު ވިދާޅުވެއްޖެ، މައި އިދިކޮޅު ޕާޓީގެ ލީޑަރާ ބައްދަލުކުރެއްވި ކަމަށް. ދެން އެބައްދަލުވުމުގައި އެމަނިކުފާނު ބޮޑަށް ފާހަގަކުރެއްވީ، ދައުލަތުގެ ޚަރަދު ބޮޑުވެގެންދާ ކަމަށް. ޚާއްޞަކޮށް، ސަރުކާރުގެ. ދެން އެހެން ނަމަވެސް، މަނިކުފާނު ތަކުރާރުކޮށް ވިދާޅުވަމުން އެބަ ގެންދަވާ، ދައުލަތުގެ ޚަރަދުތައް ވަރަށްބޮޑުތަނުން ކުޑަކުރައްވަމުން ވަޑައިގަންނަވާ ކަމަށް. އެހެންވީމާ، އަދި މިހާރު ވަރަށް ބޮޑަށް ކުޑަކުރެވިއްޖެ ކަމަށްވެސް އެކިފަހަރު ވިދާޅުވެފައިވާތީ، ދެން މިހާރުވެސް ޚަރަދު ބޮޑުކަމަށް ޤަބޫލު ކުރައްވަންތޯ؟ ދެން ބޮޑުކަމަށްވާނަމަ، އަނެއްކާވެސް ސަރުކާރުން ކޮން ފިޔަވަޅުތަކެއްތޯ އަޅާނީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން.

ދެން ދެވަނަ ސުވާލަކީ، މިދެކެވުނު ވާހަކަތަކުގައި ބޮޑަށް މިއޮތީ، މާލީ އަދި އިޤްތިޞާދީ އިޞްލާޙުތަކުގައި ތަސްމީންގެ ކަންބޮޑުވުންތައް. އެހެންވީމާ، މި މުޅި އެޖެންޑާއަށް ތަސްމީންގެ އެއްބާރުލުން ނޫނީ އިދިކޮޅު ޕާޓީގެ އެއްބާރުލުން ލިބޭނެ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް، ކުލަވަރެއް ލިބުނުތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ތިޔަބޭފުޅާގެ ފުރަތަމަ ސުވާލުގައި އަޅުގަނޑު ދަންނަވަން އޮތީ، 13 ބިލިއަނަށްވުރެ ބޮޑުވާތީވެ، ބޮޑުވެދާނެތީވެ، ތަސްމީންގެ ކަންބޮޑުވުމެއް އެބަހުރި. އަދި އުންމީދު ކުރައްވާ، އެ އެއަށްވުރެ ކުޑަވެދާނެ ކަމަށް. ދާދިފަހަކުން އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެންނަށް 2010 ވަނަ އަހަރު މުސާރައިގެ 15 ޕަސެންޓް އުނިކުރުމުން، އެ އަހަރުގެ ދައުލަތުގެ ޚަރަދު ވަރަށްބޮޑުތަނުން ކުޑަވެގެންދިޔަ. ދައުލަތުގެ ޚަރަދުގެ ވަރަށްބޮޑުބަޔަކީ މުސާރަ. އެހެންވީމާ، ޚަރަދު ކުޑަކުރުމުގެ ގޮތުން، މުސާރަ ކުޑަކުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަކަށް އަޅުގަނޑުމެންނަކަށެއް ފާހަގައެއްނުވޭ. މުސާރަ ކުޑަވެގެން ސަރުކާރުގައި މަސައްކަތްކުރާ ވަރަށްގިނަ ފަރާތްތަކަށް އާމްދަނީ ދަށްވީމާ، އޭގެ ސަބަބުން ޢާންމު ވިޔަފާރިއަށްވެސް ކިތަންމެ ލޮޅުމެއް އަރައިގެންދޭ. އެއީ އެހާގިނަ ޢަދަދެއްގެ ފައިސާ ދައުރުވުން މަދުކުރެވުނީމާ، ހުއްޓުނީމާ، ޢާންމު ވިޔަފާރިއަށް އެއިން އަންނާނެ ހީނަރުކަމެއްވެސްވާތީއާ އެކުގައި.

ދެން ޚަރަދު ކުޑަކުރެވެން ހުންނާނެ ކަންކަމަކީ، ބަނދަރާއި، ނަރުދަމައާއި ނުވަތަ ކެޕިޓަލް ޚަރަދު. އެ ކެޕިޓަލް ޚަރަދު ކުރުމުގައި އަޅުގަނޑުމެންނަށް ބަލައިގެން، އެ ޚަރަދު ކުރެވޭނެ ގޮތް ހޯދުން. ނުވަތަ މިހާރު ތަސްމީން އެ ވިދާޅުވާ ނުކުތާތައް އަޅުގަނޑުމެން ހިތުލައި، އެހެން ގޮތަކަށް އެނބުރެން ބޭނުންވެއްޖިއްޔާ، ދެން އަޅުގަނޑުމެންނަށް ވިސްނިދާނެ ކިތަންމެ މަގެއް އެބަހުރި. މިސާލަކަށް، ދަރަނި ކުޑަކުރުމުގެ ރޭޓް ކިހާ އަވަހަކަށްތޯ، މިހާރު ސަރުކާރުން އެބަ ބަލާ، ވީމިންވަރަކަށް ސަރުކާރުގެ ދަރަނި ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް. އެހެންވީމާ، ސަރޕްލަސް އެހާ އަވަހަށް ނުގެނެސް، އަޅުގަނޑު ބޮޑަށް ލަފާކުރަނީ ތަސްމީން އެ އިޝާރާތް ކުރައްވަނީ، އެފަދަ އެހެން ހަމަތަކެއް ނުވަތަ ޓްރެކެއްގައި މިކަން ކުރެވެން އޮންނާނެ ކަމަށް. ދެން އެހެންވީމާ، އެމަގަށް ދިޔުން އެއީ ޑީ.އާރު.ޕީ.ގެ ވިސްނުމެއް ކަމަށް. ދެން މިފަދަ ނިޒާމެއްގައި ފަސޭހަވެސްމެ، އެއީ ޑީ.އާރު.ޕީ.ގެ ވިސްނުން ކަމަށް އަޅުގަނޑަށްވެސް ސާފުވޭ. މިޕާޓީގެ ވިސްނުމެއްވެސް އެބައޮތް، މިކަން ކުރުމުގައި. މިކަމުގައި އަޅުގަނޑަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ، ތަސްމީންގެ ޑީ.އާރު.ޕީ. ލީޑަރޝިޕްގައި ރާއްޖޭގެ ރައްޔިތުންނަށް ފައިދާކުރާނެ ކަންކަން އެބަ ހިންގޭ ކަމަށް އަޅުގަނޑަށް ލަފާކުރެވޭ މިހާރު. ސަރުކާރު މިއަށްވުރެ ބޮޑަށް ޒިންމާދާރު ކުރެވުނު ދުވަހެއް އަޅުގަނޑުގެ ހިތަކު ނެތް. އަޅުގަނޑުމެންނެއް ނުގުޑާ އެހެން ކަންކަމަކަށް. މުޒާހަރާއަކަށް ނުވަތަ އެހެންވެސް ބާރަށް އަންނަ ކަންކަމަކަށް. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންވެސް އައިސް ތިބީ ކޮންތާކުންކަން. މަޝްވަރާގެ މޭޒަކީ އަޅުގަނޑުމެން މާ ޝައުޤުވެރިކަމާއެކުގައި ބަލައިގަންނަ މޭޒެއް.

އަޙްމަދު މުޙްސިން – އެމް.އެން.ބީ.ސީ. ވަން:

އަޅުގަނޑުގެ ހަމަ ސުވާލު، ވަޙީދުގެ ސުވާލާ ގުޅިފައި މިވަނީ ގާތްގަނޑަކަށް. އެހެން ނަމަވެސް، ރައީސް އެސުވާލަށް ފުރިހަމަ ޖަވާބެއް ނުދެއްވީމާ، އަޅުގަނޑު ހަމަ އެސުވާލު ތަކުރާރުކޮށްލަން.

އާދެ! ޓެކްސް ބިލްތައް ނޫނިއްޔާ މިކަމާ ގުޅޭ ބިލްތައް މިހިރީ ހަމަ އެކީއެކަށްކަހަލަ ގޮތަކަށް މިހާރު މަޖިލީހަށް ހުށަހެޅިފައި. ތާވަލްތަކެއް އެބަހުރި، ސަރުކާރުން ބޭނުންވާ، މިބިލްތައް ފާސްވާން. އަދި ފާސްވެގެން އަންނަ އަހަރުގައި ތިޔަ ވިދާޅުވާ ގޮތަށް މި ޚަރަދުތައް ކުޑަވެ، ނޫނިއްޔާ ލިބޭ އިންކަމެއް އިތުރުވެގެންދާނީ. ކިހާތާކު މި ވާހަކަ ދެކެވުނު މަޝްވަރާތަކުގެ އަލީގައި، މި ބިލްތައް ފާސްވެދާނެތޯ؟ އަދި ކިހާތާކު މީގެ ޢަމަލީ މަސައްކަތްތަކެއް، ނޫނިއްޔާ ޓެކްސް ނެގުމުގެ ކަންތައްތަކެއް ފެށިގެން ހިނގައިދާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ތަސްމީން ޔަޤީންކޮށް އެރުވި، މަޖިލިސް ހުއްޓާލުމުގައި އެއްވެސް ދައުރެއް ނުބާއްވަވާނެ ކަމަށް. ރީތިކޮށް މަޖިލީހުގެ އިޖްރާތުތައް ސާފުކޮށް ހިނގުމަށް ޑީ.އާރު.ޕީ.ގެ ތަސްމީންގެ ލީޑަރޝިޕްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް. އަދި އެއީ، އެބޭފުޅާ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށް. ދެން ތަސްމީން ދެކެވަޑައިގަންނަވާ ގޮތުގައި، މިހާރު އެޖެންޑާ ކުރެވިފައި މިއޮތް ގޮތަށް ކުރިއަށް ގެންދެވުނީމާ، މިދައުރު ނިމުމުގެ ކުރީގައި، މިހާރު ކޮމިޓީ މަރްޙަލާއިން ނިމިފައިވާ ބިލްތައް ވޯޓަށް އަހައި، އެ ބިލްތައް ނިންމޭނެ. އެހެންވީމާ، އަޅުގަނޑުމެން މިތިބި ޓައިމްޓޭބަލްގައި އަޅުގަނޑުމެންނަށް ތިބެވޭނެ ކަމަށް އަޅުގަނޑު ދެކެނީ. އަޅުގަނޑަށް ފާހަގަވީ، އިތުރަށް ތަސްމީނަށް އެއްޗެއް ވިދާޅުވާން ތަސްމީން ބޭނުންވެލައްވަނީ، އެބޭފުޅާގެ ޕާލަމެންޓްރީ ގްރޫޕްގެ މަޝްވަރާގެ ފަހުން ކަމަށް. މިހާރު އެބޭފުޅާ އަބަދުވެސް ދެއްވާ ޔަޤީން ކަމެއް އެއީ، މަޖިލިސް ހުއްޓާލުމުގައި އެބޭފުޅާގެ ދައުރެއް ނުބާއްވަވާނެ ކަމަށް. ދެން އެނގިވަޑައިގަންނަވާނެ، ސަރުކާރަށް މިހާރު މިވަނީ މިބިލްތަކުގެ ފާސްވާނެ ޢަދަދަށް ތާއީދު ލިބޭގޮތަށް. ދެން އެހެން ނަމަވެސް، އެއީއެއް ނޫން، މިފަދަ ބޮޑު ބަދަލެއްގައި، ސަރުކާރަށާއި އަދި ރައްޔިތުންނަށް އެންމެ ރަނގަޅުވާނެ ގޮތަކީ. އެހެންވީމާ، އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނަން، މިކަމުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ އެއްބާރުލުމާއި އަދި އެއްބަސްވުން އޮންނާނެ ގޮތަކަށް ކަންކަން ބެހެއްޓުމަށް.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ޓެކްސްއާ ބެހޭގޮތުން ދެސުވާލެއް ދަންނަވާނަން. ދެން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، މި ޓެކްސްގެ ސުވާލުތައް ނިމުނީމަ އަޅުގަނޑަށް މިދާއިރާއިން ބޭރުގެ ސުވާލެއް ދެއްވިއްޔާ. އެކަމަކު މިހާރު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް އެބަ ތުހުމަތު ކުރައްވާ، ކުރީ ރޭގެ ދަރުބާރުގައި ހިނގާދިޔަ ކަންތައްތަކެއް. ވަޙީދުއްދީންމެން ޚާއްޞަކޮށް، ވަޙީދުއްދީނާއި އެހެން ބޭބޭފުޅުން ދެއްކެވި ވާހަކަފުޅުތަކަށްފަހުގައި، އެއީ އެބޭފުޅުންގެ މައްޗަށް މަނިކުފާނު ނުފޫޒު ހިންގަވައިގެން ދެއްވާފައި ހުރި ތަޤްރީރުތަކެއް ކަމަށް. ފާއިތުވި ދެރެއިން ހަމަ ގާތްގަނޑަކަށް މީޑިއާތަކުގައި ވާހަކަތައް ދެކެވިފައި ހުރީ އެގޮތަށް ކަމުގައި މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންވީމާ، މިކަން މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ؟

ދެން ދެވަނަ ސުވާލަކީ، އިދިކޮޅު ފަރާތްތަކުން އެންމެބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވަމުން ގެންދަވަނީ، އެއްފަހަރާ މާގިނަ ވައްތަރުތަކުގެ ޓެކްސްތަކެއް ތަޢާރުފް ކުރައްވަން އުޅުއްވާތީ. ފަހަރަކު ޓެކުހެއް، ފަހަރަކު ޓެކުހެއް، އެކަހަލަ ގޮތަކަށް ނުގެންދަވައި، މި އެއްކޮށްލައްވަން އުޅުއްވާތީ. އެހެންވީމާ، މި އިދިކޮޅު ފަރާތްތަކުން މިވަރަށް މިކަމާ ކަންބޮޑުވުން ފާޅުކުރައްވާއިރުވެސް، މަނިކުފާނު މި ފަހަރަކު ޓެކުހެއްގެ ނިޒާމަށް ނުގެންދަވައި، މި އެއްފަހަރާ ތިޔަ ގެންދަވަން އުޅުއްވަނީ ކީއްވެގެންތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ފުރަތަމަ ސުވާލުގެ ޖަވާބުގައި ދަންނަވާނީ، އައްނަބީލް މުޙަންމަދު ވަޙީދުއްދީނަށް ނުވަތަ ކޮލިގޭ މުޙަންމަދު ޢުމަރު މަނިކަށް ނުފޫޒު ފޯރުވާކަށް އަޅުގަނޑުމެންނަކަށް ހަމަ އެއްގޮތަކަށްވެސް މި ސަރުކާރަކުން އެއީ، ކުޑަކޮށްވެސް ބޭނުންވާނެ ކަމެއް ނޫން. ރާއްޖޭގެ ތަރައްޤީއަށްވެސް އަދި ރާއްޖޭގެ ކުރިއެރުމަށްވެސް، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމަށްވެސް ވަރަށްބޮޑު ބުރޫއަކަށްވާނެ، އެބާވަތުގެ އެއްވެސް ކަމެއް، އެއްވެސް ސަރުކާރަކުން ކޮށްފިއްޔާ. އަޅުގަނޑު ޔަޤީންކޮށް އަރުވަން، އެބާވަތުގެ އެއްވެސް މަސައްކަތެއް އަޅުގަނޑުމެންނެއް ނުކުރަން. އަދި އަޅުގަނޑު، ހަމަ އަޅުގަނޑަށް ވަރަށް ބޮޑަށް އެނގޭ، އަޅުގަނޑަށް ކުރިއްސުރެ ފަށައިގެން އަޅުގަނޑު ދަންނަ ބޭފުޅުން، އެބޭފުޅުންނަކީ. އެބޭފުޅުންނަކީވެސް ގުޑާނެ ބޭފުޅުންނެއް ނޫން. އެބޭފުޅުންގެ ވިސްނުމާއި، އެބޭފުޅުންގެ ޝަޚްޞިއްޔަތާއި، އެބޭފުޅުންގެ މުޅި މާޒީއަށް ބައްލަވާލެއްވީމާ، ތިޔަބޭފުޅުންނަށްވެސް އެކަން އަޅުގަނޑަށް ހީވަނީ ސާފުވާނެހެން. އަޅުގަނޑަށް ހީވަނީ އެ ވިސްނުމަކީވެސް މުޅި މުޖްތަމަޢަށް ބުނެވޭ ކުޑައިމީސް ބަހެއްހެން. އަޅުގަނޑުމެންނަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވަން އެދޭ ބައެއް ނޫން. އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ޕާޓީގެ ސިޔާސަތަކީ ސެންޓަރ ރައިޓްގެ ސިޔާސަތެއް. އެއީ، ވިޔަފާރިއާ ރައްޓެހި ސިޔާސަތެއް. އަޅުގަނޑުމެން ބޭނުންވާނީ ވީހާވެސް ގިނަ ވިޔަފާރިވެރިންނަކަށް ރަނގަޅު ހެޔޮ ވިޔަފާރި ރާއްޖޭގައި ކުރެވި، އޭގެ ސަބަބުން ޓެކްސްއާއި އަދި އެހެންވެސް އެހީތަކާއި އަދި އެހެންވެސް ފައިދާތައް ރައްޔިތުންނަށް ލިބިގެން ދިޔުން. އެހެންވީމާ، އަޅުގަނޑު ދެކޭގޮތުގައި، އެކަން އެހެން ބާރަށް ދިޔައީމާ ރަނގަޅުވަމުންދާނެ.

އެއްފަހަރާ ގިނަ ޓެކްސް ނެގުން އެއީ ބައެއް ބޭފުޅުންނަށް މިކަމުގައި ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށް އެބަ ލަފާކުރެވޭ. ބައެއް ބޭފުޅުންނަށް. ދެން އަޅުގަނޑަކަށް ނުފެނުނު. އަޅުގަނޑު ތަސްމީނާ ކުރެވުނު މަޝްވަރާތަކުގައި، ތަސްމީނަށް ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ، ޖުމްލަ ބޮޑު ޕެކެޖެއްގެ ބޭނުން. އެއީ، ޤާނޫނުއަސާސީވެސް އަޅުގަނޑުމެންނަށް އިޞްލާޙު ކުރެވުނީސް، މާއްދާއަކުން މާއްދާއަކުން. އަދި ދެން ނުވަތަ އޭގެ ދެތިން މާއްދާއެއް އިޞްލާޙުކޮށްފައި ބޭއްވުނީސްވެސްމެ. އެހެން ނަމަވެސް، މި ޖުމްލަކޮށް ކަމެއްކޮށް ނިންމަން އެބަޖެހޭ، އެ ހަމަ ރަނގަޅަށް ވަށާޖެހޭގޮތަށް، ފެން ހިފަހައްޓާ ގޮތަށް. މި ފެން ހިފަހައްޓާނީ، އެއިން އެންމެ ވަތްގަނޑެއްވެސް ނެތިއްޖިއްޔާ، ފެނެއް ނުހިފަހައްޓާނެ. އެންމެ ހިންމިއެއްވެސް ރަނގަޅަށް ނުކޮޅިއްޖިއްޔަކާއެއް ހަމަ ރަނގަޅަކަށް ފެނެއް ނުހިފަހައްޓާނެ. އެހެންވީމާ، އެކަން އަޅުގަނޑުމެން ކުރާއިރުގައި، ވަށާޖެހެން ޖެހޭނެ. ޖުމްލަކޮށް އަޅުގަނޑުމެންނަށް މިކަން ކުރެވެން ޖެހޭނެ. އަޅުގަނޑަށް ފެންނަ ފެނުމުގައި، މިހާރުވެސް މިއޮތީ އެއްފަހަރާ މިކަން ކުރާ ގޮތަކަށެއް ނޫން. އެއްފަހަރާ ބިލްތައް ހުށަހެޅުނީ. ޓެކްސްތައް ނެގެމުން މިއަންނަނީ، އެކިއެކި މަރްޙަލާގައި، އެކިއެކި ތާރީޚުތަކުގައި. އެހެންވީމާ، އަޅުގަނޑަށް ހީވަނީ، އެކަން މިހާރު ބިލްތަކުންނާ އެކުގައި ވަރަށް ބޮޑަށް ސާފުވެގެން ގޮސްފައިވާނެހެން.

ޤުފްތާޤު އަޖީރު - ދި އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ ބަޖެޓް ޑެފިސިޓް ކެނޑޭނެ ވަކި އަހަރެއް، އަންދާޒާކޮށްފައި ވިދާޅުވާން އެނގިވަޑައިގަންނަވާނެތޯއޭ؟ ދެން އަނެއް ސުވާލަކީ، މުސާރައިން ކެނޑުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސްވެސް ދެންމެ ވިދާޅުވެއްޖެ. ދެން މީގައި އަނެއް މަގަކީ ކޮބައިތޯއޭ؟ އެގޮތަށް އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯއޭ؟

އަދި އަޅުގަނޑުގެ އެބައޮތް އެއް ސުވާލު. އެއީ، ދައުލަތް ބޮޑުވަމުންދާ ކަމަށް މި އިދިކޮޅު ފަރާތްތަކުން މިބުނަނީ. ދެން އެހެންވީމާ، ދައުލަތް ކުޑަކުރުމަށް ސަރުކާރުން އަޅަން ނިންމާފައި ހުރި ފިޔަވަޅުތަކަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޑެފިސިޓް ނިންމޭނޭ، މިހާރު މިއޮތް ގޮތަށް ވެއްޖިއްޔާ، ޑެފިސިޓުން އަރައިގަނެވޭނެ ތާރީޚު، ޗާޓުން ފެނިވަޑައިގަންނަވާނެ، އެ އަޅުގަނޑުމެން މި ހުށަހަޅަމުންދާއިރުގައި. ޚަރަދަށްވުރެ އާމްދަނީ ބޮޑުވެފައި، އަޅުގަނޑަށް ލަފާކުރެވޭ ތަނުގައި، 2012 ގައި ނުވަތަ 2013 ގައި ޖުމްލަކޮށް އެހެންވެފައި، މިހާރު މިއޮތް ގޮތަށް ވެއްޖިއްޔާ. ދެން އެ ބަދަލެއް އަޅުގަނޑުމެން ގެންނާނިއްޔާ، އެބަދަލެއް ގެނައިމާ، ދެން ޑެފިސިޓް އަދި ދެމިގެން ހިނގައިދާނެ ކޮންމެވެސް މިންވަރެއްގެ. ބައެއް އިޤްތިޞާދީ މާހިރުންގެ ނަޒަރުގައި، ސުމަކަށް ޑެފިސިޓެއް ނެތި އެކީ އެކައްޗަކަށް މަސައްކަތް ކުރުންވެސް އެއީކީއެއް އެހާ މުހިންމު ކަމެއް ނޫން. ބައެއް މާހިރުންގެ ނަޒަރުގައި، މެނޭޖަބަލް ނުވަތަ އެ ހިފެހެއްޓޭވަރުގެ ޑެފިސިޓަކަށް ގެންދިޔުން އެއީ، ބޭނުންތެރި ކަމަކީ.

ކޮން ތަނަކުންތޯ ޚަރަދު އަޅުގަނޑުމެން ކުޑަކުރާނީ. އޭގައި އަޅުގަނޑަށް ފެނުނީ ޚަރަދު ކުޑަކުރާ ވާހަކައެއް ނޫން ކަމަށް އެބޭފުޅުން އެ އިޝާރާތް ކުރައްވަނީ. މިހާރު ހުރި ހިސާބުގައި ހިފަހައްޓާށޭ. އިތުރަށް އަޅުގަނޑުމެން ޚަރަދު، އިތުރު ޓެކްސް ނަގައިގެން، އެ ލިބޭ ލާރިން އިތުރަށް ޚަރަދު ކުރަން ދިޔުން އެއީ، އަދި އިތުރު ފިޔަވަޅެކޭ. މިވަގުތު ބޮޑަށް ބުއްދިވެރީ، އެބޭފުޅުންނަށް ފެންނަ ގޮތުގައި، މިހާރު ޚަރަދު ނުބެޗޭ މިންވަރު ހޯދާފައި، ބެލެންސް ކުރުމޭ. ދެން އަޅުގަނޑަށް ހީވަނީ އެއީ ބުއްދިވެރި ވާހަކައެއްހެން. އެހެންވީމާ، އެވާހަކައަށް އަޅުގަނޑު ވިސްނާނަން.

ދައުލަތް ބޮޑުވަމުން އެބަދޭ. އެނގިވަޑައިގަންނަވާނެ، ސަރުކާރު އެކަންޏެއް ނޫން. އަދި މުސްތަޤިއްލު މުއައްސަސާތައްވެސް. އަދި ހަމަ އެހެންމެ، އެކިއެކި ކޮމިޝަންތައްވެސް. ކޮންމެ ކޮމިޝަނެއްގައިވެސް ހަމަ ފަސް ހަ ބޭފުޅުން ތިއްބަވާ. އެއިން ކޮންމެ ބޭފުޅަކަށްވެސް ހަމަ މުސާރަ އެބަ އޮވޭ. އަދި އެއިން ކޮންމެ ކޮމިޝަނަކީވެސް އިދާރީ ހިންގުންތައް ބޭނުންވާ ކޮމިޝަނަކަށް ވެގެންދާނެ. މި ޑިމޮކްރަސީއަކީ ކުޑަކޮށް ޚަރަދުވެސް ބޮޑު ކަމެއްކަން އަޅުގަނޑުމެންނަށް މިހާރު ފެންނަމުން މިއަންނަނީ. ކައުންސިލްތަކެއްވެސް އަޅުގަނޑުމެން އުފައްދައިފި. ޙަޤީޤަތުގައި މި ހުރިހާ އުފެއްދުންތަކުގެ ސަބަބުން އަދި ތަރައްޤީވެސް އަންނާނެ. ކޮމިޝަންތަކުގެ ބޭނުންވެސް އަޅުގަނޑުމެންނަށް ކުރެވޭނެ. ކައުންސިލްތަކުގެ ބޭނުންވެސް އަޅުގަނޑުމެންނަށް ކުރެވޭނެ. އޭގެ ސަބަބުން އާމްދަނީ އިތުރުވެގެންދާނެ، އާމްދަނީ އިތުރުވެގެން މިހާރު މިއޮތް ދައުލަތުގެ ޚަރަދަކީ ޖުމްލަ ޖީ.ޑީ.ޕީ އިތުރުވީމާ، އޭގެ ސަބަބުން ދެން އަޅުގަނޑުމެން މި ބޭނުންވާ މިންގަނޑަށް ތިރިވެގެން އަންނާނެ ޚަރަދެއް ކަމަށް އަޅުގަނޑު މި ދެކިގެން މިތިބީ. ދެން އަދި އެމަގަށް އަޅުގަނޑުމެން މަސައްކަތް މިކުރަނީވެސް. މިހާރު ދެން އަޅުގަނޑުމެން ޑީ.އާރު.ޕީ.އާ އެކުގައި މިމަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ލަފާކުރެވޭ. އެހެންވީމާ، މިމަޝްވަރާތަކަށްފަހު، މުޅި ޖުމްލަ ޚަރަދާ ގުޅޭގޮތުން އަދި އަޅުގަނޑުމެންނަށް، އަޅުގަނޑަށް އިތުރު ވާހަކަ ދަންނަވަން ޖެހިދާނެ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

އަޅުގަނޑުގެ ދެ ސުވާލެއް މަނިކުފާނު. ފުރަތަމަ ސުވާލަކީ އަޅުގަނޑުމެންނަށް މި ޓެކްސް ނިޒާމް ތަޢާރުފް ކުރުމަށް މަސައްކަތް ކުރަމުން ގެންދާއިރު، އަޅުގަނޑުމެންނަށް އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމެއް، މި ޓެކްސްއިން ލިބޭ އާމްދަނީ ދެފުށް ފެންނަ ގޮތަކަށް، ރައްޔިތުންނަށް އެނގޭ ގޮތަކަށް ހާމަކުރުން. މަނިކުފާނު މިކަމުގައި އެންމެ ބޮޑަށް ގެންގުޅުއްވާނެ އުޞޫލަކީ ކޮބައިތޯ؟ ދެފުށް ފެންނަ ގޮތަކަށް މި ޓެކްސްއަށް މިލިބޭ އާމްދަނީ، ރައްޔިތުންނަށް ހާމަކަންބޮޑު ގޮތެއްގައި ފެންނާނެ ގޮތަށް ޢަމަލު ކުރައްވާނެ ގޮތަކީ ކޮބައިތޯ؟

ދެން އެކިފަހަރު މަތިން ވާހަކަ ދެއްކެވިފައި އެބަހުރި، އެކްސްޗޭންޖް ރޭޓް ފްލޯޓް ކުރުން. ޑޮލަރު ފްލޯޓް ކުރުން. މިކަމަށް ކޮން ގޮތަކަށްތޯ، ކިހާ ހިސާބެއްގައިތޯ މަނިކުފާނު މިބަދަލު ގެންނަވާ ކަމަށްވަންޏާމު ގެންނަވާނީ؟ އެކަމާ އެއްވެސްވަރެއްގެ މަޝްވަރާއެއް އެމް.އެމް.އޭ އަދި ފައިނޭންސް މިނިސްޓަރާއެކު މިހާތަނަށް ކުރައްވާފައި އެބައޮތްތޯ މިކަމާ ގުޅޭގޮތުން.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ދެފުށް ފެންނަ ގޮތަށް ހިންގުމަށްޓަކައި އަޅުގަނޑުމެން ބޭނުންކުރާނީ ވާރލްޑް ބޭންކްގެއާއި އައި.އެމް.އެފް.ގެ މޮޑިއުލް. އެބޭފުޅުންގެ ޢާންމު އުޞޫލުތަކާއި ޢާންމު ގަވާއިދުތައް އެބަހުރޭ. އަޅުގަނޑުމެން މިދިޔަ މަހު ނޫން ކުރީ މަހު މިވަނީ ޕަބްލިކް އެކައުންޓިންގ ސިސްޓަމް އެކީއެކައްޗަކަށް ޤާއިމް ކުރެވިފައި. މިހާރު އެހެންވީމާ، ހަމަ ކޮންމެ ހިނދެއްގައި ދައުލަތުގެ ޚަރަދު ހުރި މިންވަރު އަޅުގަނޑަށްވެސް އެނގޭނެ. އަދި ދާދި މިދާކަށްދުވަހަކު އެގޮތަށް އެނގޭ ގޮތަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމެއް މި ރާއްޖޭގައި މި ޤާއިމް ކުރެވުނީ. އެހެންވީމާ، އޭގެ މަސައްކަތްތައް ހިންގައި، މިހާރު އެ ނިޒާމް މިވަނީ ފުރިހަމަވެފައި. މިހާރު ގާތްގަނޑަކަށް ދެމަސްދުވަސް ވެއްޖެ، އަޅުގަނޑަށް ކޮންމެ ހަފްތާއަކު އެއްފަހަރު ދައުލަތުގެ ޚަރަދުވެސް، ދައުލަތުގެ އާމްދަނީވެސް ވަރަށް ތަފްޞީލުކޮށް ލިބެމުން އަންނަތާ. އެހެންވީމާ، އަޅުގަނޑަށް ހީވަނީ އެ ހަމަ އައި.އެމް.އެފް.ގެ އުޞޫލުތަކުން، ވާރލްޑް ބޭންކްގެ އުޞޫލުން ޝާއިޢު ކުރަން. މިހުރިހާ މަޢްލޫމާތެއް ޝާއިޢު ކުރުމަކީ ބޭނުންތެރިކަމަކަށްވާނެހެން. ނުކުރާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުފެނޭ. އެހެންވީމާ، އަޅުގަނޑު ކުރީގައިވެސް ދެންނެވި ފަދައިން، އިރާދަކުރެއްވިއްޔާ އެކަން ހަމަ އެ ހިނގާގޮތަށް ހިންގަމުންދާނެ.

ދެން ދެވަނަ ސުވާލަކަށް ފާހަގަކުރެއްވީ އެކްސްޗޭންޖް ރޭޓް، ކިހާ ހިސާބެއްގައިތޯ އަޅުގަނޑުމެން ފްލޯޓް ކުރާނީ. މިހާރު އެއީ، އަޅުގަނޑަކަށް ހިއެއްނުވޭ ޖަވާބު ދިނުން ރަނގަޅު ސުވާލަކަށްވާނެހެނެއް. އެބާވަތުގެ ކަމެއް ހިނގަންޏާ، އިންސައިޑަރ އިންފޮމޭޝަނޭ މިކިޔާ ގޮތަށް އެބާވަތެއްގެ މަޢްލޫމާތު ހިމެނިގެންދާނީ. ދެން މިހާރު އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކްސްޗޭންޖް ރޭޓް އޯވަރޝޫޓެއް ނުވަތަ މިހާރު އެއޮތް ބޭންޑަކުންނެއް ބޮޑު ތަނެއް އަރައިގަނެގެންދިޔަ ތަނެއް ނުފެނޭ. ބްލެކް މާކެޓްގައި އެކްސްޗޭންޖް ރޭޓް ހުރިވަރު، ތިޔަބޭފުޅުންނަށް ބޮޑަށް އެނގިލައްވާނެ. އަޅުގަނޑަށްވެސް މަޢްލޫމާތު ލިބިފައި އެބަހުރޭ. އޮފިޝަލް ރޭޓަކަށްވުރެ އަޅުގަނޑުގެ ހިތެއް ނުބުނޭ، މިހާރު އެކްސްޗޭންޖް ރޭޓް، ބްލެކް މާކެޓްގައި ހުރިވަރު ބޮޑުކަމަކަށް. ދެން އަޅުގަނޑު މިދެކެނީ، މިހާރު ސަރުކާރަށް ލިބޭ ހުރިހާ އާމްދަނީއެއް ރުފިޔާއިން ނަގާގޮތަށް ހަމަޖެހިގެން ދިޔައީމާ، ޓެކްސް ދައްކަން ނުވަތަ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްޓަކައި ޢާންމު ވިޔަފާރިވެރިން، ކުރިއަށްވުރެ މާބޮޑު ޢަދަދެއް، ޑޮލަރު ބޭންކްތަކަށް ގެނެސް މާރުކުރަން ޖެހޭނެ ކަމަށް. ދެން މިކަމުގައި ބޭފުޅުން އަހާނެ ސުވާލަކީ، އެ ޑޮލަރު ބްލެކް މާކެޓުން ކޮށްފިއްޔާ، ބޭންކްތަކަކަށް ނުވަންނާނެ ނޫންތޯއޭ؟ އެހެންވީމާ، އަޅުގަނޑުމެން އަންދާޒާ ކުރަނީ، އެޑޮލަރުގެ ޢަދަދު މާގިނައޭ. ބްލެކް މާކެޓްގައި އެ ޢަދަދުގެ ރުފިޔާ ދެން ނެރިއްޖިއްޔާ ދުވަސްކޮޅެއް ނަގާނެ. އެ ރުފިޔާ ހުސްވީމާ އަޅުގަނޑުމެން ދެކެނީ، ބޭންކަށް މި ޑޮލަރު ވަންނަންޖެހޭނެ ކަމަށް.

ދެން ތިޔަބޭފުޅުން އައްސަވާނެ އަދި ވިދާޅުވާނެ، އަދި ފަހުން ކޮމެންޓްވެސް ކުރައްވާނެ، އަޅުގަނޑު މިވެނި ދުވަހެއްގައި، މިވެނި ޢަދަދަކަށް މިވެނި ކަމެއްދާނެ ކަމަށް އަޅުގަނޑު އަންދާޒާކުރާ ވާހަކަ. އެއީ ހަމަ އަޅުގަނޑު ކުރާ ކަންކަން. އަޅުގަނޑު އެ އަންދާޒާތައް ކޮށްގެން، އަޅުގަނޑަށް ފެންނަ ފެނުމުގައި މި ނޭޝަނަލް އެކައުންޓެއް ނުވަތަ ދައުލަތުގެ އާމްދަނީއާއި ދައުލަތުގެ ޚަރަދާއި، ދައުލަތުގެ އިޤްތިޞާދާ ގުޅޭ ކަންކަން ހިންގަމުން ގެންދެވޭނީ، އަންދާޒާތަކެއް ކޮށްގެން. އަދި އެ އަންދާޒާތައް އެއީ، އަޅުގަނޑުމެން ކުރާ އަންދާޒާތަކަކީ މިއީ ކަމަށް އަޅުގަނޑުމެން ފާހަގަކުރުމަކީ ބޭނުންތެރިކަމެއް. އެ އަންދާޒާތަކުގެ މައްޗަށް ބިނާކޮށް، ތިޔަބޭފުޅުންގެ ފާޑުވެސް އަންނާނީ. އަދި އެ ފާޑުކިޔުމުގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ސިޔާސަތު ރާވަމުން ގެންދަން ޖެހޭނީ. އެހެންވީމާ، އަޅުގަނޑަށް ދަންނަވަން ޖެހެނީ ވަރަށް ބޮޑަށް ޝުކުރިއްޔާއޭ.

އަޙްމަދު މުޙްސިން – އެމް.އެން.ބީ.ސީ. ވަން:

ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑަށްވެސް ދެވަނަ ފުރްޞަތެއް ދެއްވީތީ. އަޅުގަނޑުގެވެސް އެބައުޅޭ ތިން ސުވާލެއް. އެއް ސުވާލަކީ ބިލްތަކުގެ ބަޙުޘްގެ މަރްޙަލާ ކުރިއަށްދިޔައިރުގައި ވަރަށް ބޮޑަށް ދެކެވެމުންދިޔަ އެއްވާހަކަ، ޓެކްސްގެ ޢަދަދުތައް ނޫނިއްޔާ ޕަސެންޓޭޖްތައް ކުޑަކޮށްލާ ވާހަކަ. ކޮންމެވެސް ވަރަކަށް އެ އެއްޗެހި ދަށްކުރާ ވާހަކަ. އަޅުގަނޑަށް ހީވަނީ ތަސްމީންވެސް ހަމަ މަޝްވަރާ ކުރެއްވި މަޝްވަރާތަކުގައިވެސް އެ ވާހަކަކަންނޭނގެ ތި އަލިއަޅުއްވާލެއްވީ. އަޅުގަނޑުގެ ސުވާލަކީ، އެ ޓެކްސް އެގޮތަށް ޢަދަދުތައް ކުޑަކުރައްވައިފިނަމަ، ސަރުކާރުން މިހާރު ޖައްސަވާފައި ހުރި ޢަދަދުތައް ނުނެގުނީމާ، ސަރުކާރުން ބޭނުންވާ އަމާޒު ހިފިދާނެތޯއޭ؟ އެއް ސުވާލު.
އަނެއް ސުވާލަކީ، ތަސްމީން އެއްބާރުލުން ދެއްވާ ވާހަކަ، ނޫނިއްޔާ މަޖިލިސް ހުއްޓުވާނުލައްވާނެ ވާހަކަ ވިދާޅުވާއިރުގައި، ޑީ.އާރު.ޕީ.ގެ ބައެއް މެންބަރުން ތަފާތު ގޮތަކަށް އެބަ މަސައްކަތް ކުރައްވާ. އިދިކޮޅު އިއްތިޙާދެއް މިހާރު އެބައޮތް. އެ އިއްތިޙާދާ ތިޔަބޭފުޅުން، ނޫނިއްޔާ ސަރުކާރުން މަޝްވަރާ ކުރައްވާނަންތޯ ތަސްމީންގެ އިތުރުން.

އަދި ހަމަ މި ދެސުވާލާ ގުޅުންހުރި އެހެން ސުވާލެއް އަޅުގަނޑު ކޮށްލާނަން. މި ޓެކްސްގެ ޢަދަދުތައް ކުޑަކޮށްލުން ނޫނިއްޔާ ސަރުކާރަށް ލިބޭ އާމްދަނީ ކުޑަކުރަން ޖެހުނީމާ، ސަރުކާރުން މިހާރު ފަށްޓަވާފައި ހުރި ނޫނިއްޔާ ކުރިއަށް ފަށްޓަވަން ގަސްދު ކުރައްވާ މަޝްރޫޢުތަކަށް އެއްވެސްވަރެއްގެ ހީނަރުކަމެއް އައިއްސާނެތޯ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! ތަސްމީންވެސް ފާހަގައެއް ނުކުރައްވާ، ޖީ.އެސް.ޓީ އަށް ބަދަލު ގެންނާކަށް ބޮޑަކަށް ފާހަގައެއް ނުކުރައްވާ. ވިޔަފާރިވެރިންނާ އަޅުގަނޑުމެން ކުރި މަޝްވަރާއިން އެންމެ ފުރަތަމަ ބިލް ހުށަހެޅުއްވިއިރު އެނގިވަޑައިގަންނަވާނެ އޮންނާނީ 2012 ވަނަ އަހަރު 6 ޕަސެންޓަށް ޖީ.އެސް.ޓީ، ޓުއަރިޒަމް ޖީ.އެސް.ޓީ. އަދި 2013 ވަނަ އަހަރު 10 ޕަސެންޓަށް. އޭގެ ބަދަލުގައި މިހާރު ހަމަޖެހިފައި މިއޮތީ، 2012 ވަނަ އަހަރު 6 ޕަސެންޓަށް އަދި 2013 ވަނަ އަހަރު 8 ޕަސެންޓަށް. ތަސްމީނެއް ފާހަގައެއް ނުކުރައްވާ، އަދި އެ ވިޔަފާރިވެރިން އަތުން ނެގޭ އެއްޗެއްގެ މައްސަލައެއް، އެބޭފުޅާއެއް ފާހަގައެއް ނުކުރައްވާ. ބޮޑަށް ފާހަގަކުރެއްވީ އާމްދަނީން ގިނަ ރައްޔިތުން އަތުން ނެގޭ ޓެކްސްއާ ގުޅޭގޮތުން. އެހެންވީމާ، އެކަމަށް އަޅުގަނޑުމެން ވިސްނާނަން.

ދެން ތިޔަބޭފުޅާގެ ދެވަނަ ސުވާލެއްގެ ގޮތުގައި ތިކުރެއްވީ، ތަސްމީން އަޅުގަނޑުމެންނާ އަދި މަޝްވަރާ ކޮށްގެން ކުރިއަށް ދާން ހުންނެވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ އެހެން އިދިކޮޅު މެންބަރުން އެހެން ގޮތަކަށް ޢަމަލުތައް ބަހައްޓަވާ ކަމަށްވަނީވިއްޔާ، މިކަމުގައި ކުރިއަށް ދެވޭނެ ކަމަށް އަޅުގަނޑަށް ފެނޭތޯ. އަޅުގަނޑު ދެކެނީ ހަމަ އެހެން މެންބަރުންވެސް، މިކަންކަން ހިންގާންވީ ރަނގަޅު ހަމައާއި، ރަނގަޅު މަގު ޤަބޫލު ކުރައްވާނެ ކަމަށް. އަދި އެހުރިހާ މެންބަރުންވެސް އަޅުގަނޑު ދެކެނީ، މިކަމުގައި ސަރުކާރު، މިއީ ސަރުކާރާ އެކީގައި ކުރެވޭ ކަމެއް ނޫން ޙަޤީޤަތުގައި. މިއީ ދިވެހި ދައުލަތާއެކީ ކުރެވޭ ކަމެއް. މިވަގުތު މި ދައުލަތުގެ އެއް ވެރިޔަކަށް، އެންމެމަތީ ވެރިޔަކަށް ހުރީ އަޅުގަނޑު. އެހެންވީމާ، މިވަގުތު މިކަން އަޅުގަނޑާ އެކީގައި ކުރާ ގޮތަކަށް މިއޮތީ އިންތިޒާމްވެފައި. އަޅުގަނޑަށް ހީވަނީ އެއީ، އެބޭފުޅުންވެސް އަދި އެންމެ ބޭފުޅުންވެސް ޤަބޫލު ކުރައްވާ ޙަޤީޤަތެއްހެން. އަޅުގަނޑުމެން މިވަގުތު ކުރަމުން މިގެންދަނީކީއެއް ޕާޓީއަކަށް ނުވަތަ މިހާރުގެ ސަރުކާރަކަށް ފައިދާހުރި ގޮތަކަށް އެކަނި ބަލައިގެން ކުރާ މަސައްކަތެއް ނޫން. އެއްވެސް ބޭފުޅަކު ޤަބޫލެއް ނުކުރާނެ، އަޅުގަނޑު ހިތުން ޓެކްސް ނެގުން އެއީ ސިޔާސީ ގޮތުން ސިޔާސީ ޕާޓީއަކަށް އެއްވެސްއިރެއްގައި ކުރަން ރަނގަޅު ކަން ކަމަކަށް. އެހެން ނަމަވެސް، މިކަމަކީ ކުރަންޖެހޭ ކަމެއްވީމާ، އަޅުގަނޑު މިކަމައިގެން ކުރިއަށް ގެންދިޔުމަށް މި ހަމަ ފިކުރުކޮށް، އެގޮތަށް އަޅުގަނޑުމެން ނިންމައި ކުރިއަށް މިދަނީ.

ދެން ތިންވަނައަށް މުޙްސިން ފާހަގަކުރެއްވި، މި އާމްދަނީ ނުލިބިއްޖެނަމަ، ކޮންކޮން މަޝްރޫޢުތަކެއްތޯ ހުއްޓިގެން އަންނާނީ. މިހާރު ހިންގާ އެއްވެސް ކަމަކަށް ދަތިވެގެންދާނެތޯ؟ އަޅުގަނޑަކަށް މިހާރު ހިންގާ މަސައްކަތްތަކަށް ކޮންމެހެން އެހާ ބޮޑު ދައްޗެއް ވެދާނެ ކަމަކަށް އަދިއެއް ލަފައެއް ނުކުރެވޭ. އެހެންނަމަވެސް، ތިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ބަލަންޖެހޭނީ، ކިހާބޮޑު ބަދަލެއްތޯ އަންނާނީ. އެ ބަދަލުގެ ސަބަބުން، ހިންގަން އޮތް ޕްރޮގްރާމްތަކަށް ކިހިނެއްތޯ ވެގެންދާނީ. ތަސްނީމް އެންމެ ބޮޑަށް ކަންބޮޑުވެލައްވަނީ 2013ގެ ޚަރަދު، 2012 އަށްވުރެ މާބޮޑުތަނުން އިތުރުވެފައި އޮތީމާ، އެއީ އަދި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެބޭފުޅާއަށް ފާހަގަކުރެއްވެނީ. ދެން އެބޭފުޅާގެ ނަޒަރުން ބެލީމާ އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެންވެސް އެކަން ޤަބޫލު ކުރަންވެސް ޖެހޭނެހެން ކޮންމެވެސް ވަރަކަށް. 2012 އަށްވުރެ މިދެންނެވީ އަނެއް އަހަރު، 2013 ގައި މާބޮޑަށް ޚަރަދު ބޮޑުކޮށް މި ހިސާބުތައް ޖެހިފައި ހުރީމާ.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ފުރަތަމަ ދަންނަވާލަން ބޭނުންވަނީ، ދެންމެ ތިޔަ ދެއްކެވި ވާހަކަފުޅާ ގުޅިގެން ސުވާލެއް. އެއީ، މިހާރު އަޅުގަނޑުމެންނަށް ބައެއް ޤައުމުތަކުގައި ފެންނަނީ، އެޤައުމެއްގެ ފައިސާ މި ފީގެ ގޮތުގައި ނޫނީ އެހެން ގޮތެއްގައި ނަމަވެސް ސަރުކާރުގެ އޮތޯރިޓީތަކަށް ބަލައިގަންނައިރުގައި، އެފައިސާ މިއީ، ހަމައެކަނި ބޭރު ފައިސާ ލިބޭ ކުންފުނިތަކުގައި ނޫނީ ފަރާތްތަކަށް ލިބޭ ފައިސާ މާރުކުރަންޖެހޭ. މިދެންނެވީ މިތަނުގައިނަމަ މިކިޔަނީ މަނީ ޗޭންޖަރުންނޭ. މަނީ ޗޭންޖަސް ނުވަތަ ބޭންކްތަކަށް މާރުކޮށްފައި ހުރިކަމުގެ ޕްރޫފެއް ދައްކާ ކަހަލަ ގޮތަކަށް. އެހެންވީމާ، ދެންމެ ތިދެއްކެވި ވާހަކައިގައި އެކަހަލަ ކަމެއް އޭގައި ހިމެނިފއިވާ ކަމަކަށް އަޅުގަނޑަކަށް ފަހުމެއް ނުކުރެވުނު. އެހެންވީމާ، އެކަން ކިހިނެއްތޯ ވިސްނަވާފައި އޮތީ. އެއީ މިސާލަކަށް، އެހެން ހަދާ ކަމަށްވާނަމަ، މަނީ ޗޭންޖަރުންނަށް މާރުކުރާ ކަމަށްވަންޏާ، އެފައިސާ ކަމާބެހޭ ފަރާތްތަކަށް ވަންނާނެ ކަމަށް، ހުދު ފައިސާއަށް ބަދަލުވާނެ ކަމަށް މާލީ ބޭފުޅުން މި ދެކެވަޑައިގަންނަވަނީ، ބައެއް ބޭފުޅުން. އެހެންވީމާ، އެކަން ކިހިނެއްތޯ މިކޮޅުން ވިސްނަވާފައި އޮތީ. ހަމަ ބްލެކް މާކެޓަށް ވިއްކާލާފައިވެސް، ކުރިން އެވާހަކަ ދެކެވުނު ގޮތަށް ހަމަ ދެއްކޭނެތޯ އެއީވެސް އަޅުގަނޑު މާލީގޮތުން ދަންނަވަން ބޭނުން ސުވާލަކީ.

ދެން އަޅުގަނޑުގެ އޮތީ ކުޑަކުޑަ ދެސުވާލެއް. އަޅުގަނޑު ކުރިން ދެންނެވީމެއް ނޫންތޯ، އަޅުގަނޑު ދެސުވާލެއް ކޮށްލަން ބޭނުން ވާހަކަ. އެއީ، ރައްޔިތުން ކަންބޮޑުވުންހުރެ މިއަދު އަޅުގަނޑަށް ހަމަ މިކަން އައި ހިސާބުން އަޅުގަނޑަށް އައި ދެސުވާލު. އެއީ ވަރަށްގިނަ ބަޔަކު ވަރަށް އުފަލުން އެބަތިބި، މަނިކުފާނު މިނިވަންދުވަހު ހަތަރުސަތޭކައެއްހާ ޤައިދީންނަށް ދެވަނަ ފުރްޞަތު ދެއްވާނެ ވާހަކަ ވިދާޅުވީމާ. ދެން 47 ބޭރުވެސްވެއްޖެ. ދެން ދެވަނަ ފުރްޞަތެއް ލިބޭނީ ކިހާ ތަނެއްގައިކަން ވިދާޅުވެއް ދެއްވެން އޮވެއްޖިއްޔާ، އެއެއް ވިދާޅުވެދެއްވުން ވަރަށްގިނަ ބަޔަކު އެދުނު.

ދެން ހަމަ އެއާއެއްކޮށް، އަޅުގަނޑު ދެން ދަންނަވާލަން ބޭނުންވަނީ، މިފަހަރު މަނިކުފާނު ކޮލަމްބޯގައި ހުންނަވަނިކޮށް ދިމާވި ކަމެއްވީމާ، ކުޑަކުޑަ ތަފްޞީލަކާވެސް އެއްކޮށް ދަންނަވާލަންކަންނޭނގެ ޖެހޭނީ މީގައި. މި ދަރިމައިވުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް މި ސަރުކާރުން ކުރައްވާފައި އޮންނާނެތޯ. މި ހާލުގައިޖެހޭ ނުވިހާ އަންހެނުން މާލެ ގެނައުމަށް ނުވަތަ ކަމާބެހޭ ހޮސްޕިޓަލަށް ގެންދިޔުމަށް ކުރިން ހަމަޖެހިފައި އޮތް އިންތިޒާމެއް މިހާރު ނައްތާލާފައި އޮންނާނެތޯ؟ ނުވަތަ އެފަދަ ފަރާތްތައް އެއްރަށުން އަނެއް ރަށަށް ގެންދިޔުމަށް ކުރީ ސަރުކާރުން ހޯއްދަވާފައި އޮތް ސުވިސް އެމްބިއުލެންސްފަދަ ވެހިކަލެއް ނުވަތަ މަތިންދާބޯޓެއް އެއްޗެއް މި ސަރުކާރުން ވިއްކާލާފައި، އެކަހަލަ ކަމެއް ކޮށްފައި އޮންނެތޯ، އެއީ އަޅުގަނޑުގެ ސުވާލަކީ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

ޝުކުރިއްޔާ! ދެން އަޅުގަނޑު ޙަޤީޤަތުގައި މި ޓެކްސްގެ ސުވާލު ނޫން ސުވާލަކަށް ޖަވާބުދޭން މިރޭ އަޅުގަނޑަށް ދަތި. އެހެން ނަމަވެސް، ދެވަނަ ފުރްޞަތު ހަމަ ދާނީ ހިނގަމުން. ދަރިމައިވުމަކަށް އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހުރަސް އަޅާކަށް ނޭދެން. އަދި ނުވެސް އެދޭނެ.

ބްލެކް މާކެޓްގައި ރުފިޔާގެ މުޢާމަލާތް ހިންގާފައި، އެ ފައިސާއިން ޓެކްސް ދެއްކުން އެއީ، އަޅުގަނޑުމެންނަށް ފުރްޞަތެއްދޭ ގޮތަށްތޯ މި އިންތިޒާމްތައް ރޭވިގެންދާނީ. އެއީ، އެމް.އެމް.އޭ.ގެ ފަރާތުން ހިންގާ ގަވާއިދުތަކެއް. ދެން އަޅުގަނޑު ދެކެނީ، ފިނޭންސް މިނިސްޓްރީއާއި އެމް.އެމް.އޭ.އާ މަޝްވަރާ ކުރައްވައިގެން، އެ ގަވާއިދުތައް ފެން ހިފަހައްޓާ ގޮތަކަށް ކަންކަން ކުރިއަށްދާނެ ކަމަށް.

އާދެ! އެންމެފަހު ދެސުވާލު އިނގޭތޯ.

މިޞްބާޙު ޢައްބާސް – ދި ޓީ.ވީ:

އަޅުގަނޑުގެ އެބައުޅޭ ދެތިން ހަތަރު ސުވާލެއް. އެންމެ ފުރަތަމަ ސުވާލަކަށް، ޑޮލަރު، އެންމެ ފުރަތަމަ މިބަދަލުތަކެއް ގެނެވުނުއިރު، ސަރުކާރުގެ އޮފިޝަލުން އެބަހުރި ވިދާޅުވެފައި، ވަކި މުއްދަތުތަކެއް ކަނޑައަޅައި، ކަންތައްތައް ހަމައަކަށް އެޅޭނެއޭ. ދެން ތިންމަސް ދުވަސް ކަމަށް އަޅުގަނޑަށް މަޢްލޫމާތު ލިބިފައި އޮތީ. އެކަމަކު އެ މުއްދަތު ފަހަނަޅައިދިޔައިރުވެސް އަދިވެސް އެކަން ހަމައަކަށް ނޭޅި މިއޮތީ. ދެން އަޅުގަނޑުގެ ސުވާލަކީ، ކިހިނެއްވެގެންތޯ، ކޮންކޮން މައްސަލަތަކެއްތޯ ދިމާވީ؟

ދެން 2012، 2013 ކުރިއަށް މިއޮތް އަހަރުތަކަށް ބަޖެޓްގެ ވާހަކަ ދެކެވޭއިރު، ބަޖެޓް އިތުރުވެގެންދާނެ ކަމަށް މި ވާހަކަ ދެކެވެމުން ދަނީ. ޓެކްސްތަކެއް މިހާރުން ފެށިގެން ނެގެމުން މިހާރު މިދަނީ. ދެން ކުރިއަށް އޮތް ތަނުގައިވެސް ނަގާ ގޮތަށް ހަމަޖެހިފައި މިއޮތީ. ކިހިނެއްވެގެންތޯ މި ބަޖެޓް ބޮޑުވާން މި ދިމާވަނީ؟

ދެން އޭގެ އިތުރަށް ޓެކްސް ނެގުމުގެ ވާހަކަ ދެކެވޭއިރު، އިދިކޮޅު ފަރާތްތަކުން އެބަ ފާހަގަކުރޭ ޓެކްސް ނަގައިގެން ކުރާނެ ޚަރަދުތައް ތަފްޞީލުކޮށް ސަރުކާރުން ނެތޭ ހާމަކޮށްދީފައެއް. ޓެކްސް ނަގައިގެން ކޮންކޮން ޚިދްމަތްތަކެއްތޯ އަގުހެޔޮކޮށްދޭނީ؟ ކޮންކޮން ޚިދްމަތްތަކެއްތޯ ރައްޔިތުންނަށް ފޯރުކޮށްދޭނީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

އާދެ! ޝުކުރިއްޔާ. ޑޮލަރުގެ ސުވާލު ޙަޤީޤަތުގައި މިރެއަކާ އެހާ މުނާސިބެއް ނޫން. އެހެން ނަމަވެސް، ދަންނަވާލާނަން. ތިންމަސް ވުމަށްފަހު އަޅުގަނޑުމެން ބަލާފައި، ދެން އަޅަންހުރި ފިޔަވަޅު މިހާރު އެހެރީ އަޅާފައި. އަޅުގަނޑުމެންގެ އަދިވެސް ހަމަ އަމާޒަކީ، އަޅުގަނޑުމެން ދެކެނީ، ޑޮލަރުގެ ކަންތައް މިދަނީ ހަމަ މަގުގައި ކަމަށް. އަދި މިބަދަލުތައް ގެންނަމުން އައި އެހެން ޤައުމުތަކުގައި ކަންކަން ހިނގަމުން އައި ގޮތާއި، އަޅުގަނޑުމެންނަށް މިހާރު ކަންކަން ފެންނަމުން މިއަންނަގޮތާ މާބޮޑު ތަފާތެއް އަދި އެއްވެސް މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގައެއްނުވޭ.

ދެން ސުވާލަކީ ކިހިނެއްވެގެންތޯ ބަޖެޓް ބޮޑުވަނީ. އެއީ ޚަރަދު ބޮޑުވާތީވެ، ކޮންކަމަކަށްތޯ ޚަރަދު ކުރެވެނީ. ޚަރަދުކުރެވޭ އެކިއެކި ދާއިރާތައް ދެން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ، މިދަންނަވާހެން ހުރިހާ ޚަރަދެއް ސަރުކާރުން ޝާއިޢު ކުރަމުން ގެންދާނެ. ގެންދިޔައިމާ ތިޔަބޭފުޅުންނަށް ފާހަގަވާނެ، ކޮން ތަނެއްގައިތޯ ބޮޑުކޮށް ޚަރަދު ހުރީ. މިހާރުވެސް މިހާރުން މިހާރަށް ދައުލަތުގެ ޚަރަދާއި އާމްދަނީއަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެމަޖިލީހުން ފާސްކުރެވިފައި އޮތް ބަޖެޓަކަށް ކުރަމުން ގެންދާ ކަމެއް. އެހެންވީމާ، އެ ބަޖެޓުން ވަރަށް ބޮޑަށް ސާފުވާނެ، ދައުލަތުގެ ޚަރަދު ކުރެވެމުން ދަނީ ކޮންކޮން ކަންތަކަކަށްތޯ؟ މައިގަނޑު ގޮތެއްގައި ޚަރަދު ބެހިފައިވަނީ ދެބަޔަކަށް ކަމަށް މިވަނީ. އެއީ، ރިކަރެންޓް ޚަރަދާއި ކެޕިޓަލް ޚަރަދާ. އަޅުގަނޑުމެންގެ ބޮޑުކަމަށް މިވަނީ ރިކަރެންޓް ޚަރަދު. ރަނގަޅު ގޮތަކަށް އެކަންކަން ވަމުންދާއިރުގައި، ކެޕިޓަލް ޚަރަދު ބޮޑުވުން ބުއްދިވެރިކަމަށް އިޤްތިޞާދީ މާހިރުން ދެކެނީ.

އަޅުގަނޑުމެންނަށް މިހާރު ތިޔަބޭފުޅާ ފާހަގަކުރެއްވި ތިންވަނަ މައްސަލައާ، ކީކޭތޯ ތިންވަނަ މައްސަލައަކަށް ފާހަގަކުރެއްވީ. އެ ތަފްޞީލެއް އަޅުގަނޑުމެން ނުދެއޭ ދޮއެއްތޯ. އަޅުގަނޑު ހިތަށްއެރި ތިޔަ ސުވާލު ތަންކޮޅެއް ކުރީގައި ކުރެވެމުން އަންނާތީވެ، ތިޔައީ ކުރީ ދުވަހު، 15 ވަނަ ދުވަހު އެ ތަފްޞީލު އަޅުގަނޑުމެން ވަރަށް ބޮޑު އަކުރުން ލިޔުނިން.

މުޙަންމަދު ރަފީޢު – ރާއްޖެ ޓީ.ވީ:

ޓެކްސްއާ ގުޅޭގޮތުން މަޓީން ބަޔާނެއް ނެރުއްވާފައި ވަނިކޮށް، ތިޔަބޭފުޅުން ސަރުކާރުން މަޓީއާއެކު މަޝްވަރާ ކުރުމަށްފަހުގައި، އެބޭފުޅުން ބޭނުންވާ ގޮތަށް ބަދަލު ގެނެއްސައި، އެންމެފަހުން މަޓީން އެއްބަސްވެވުނީ. އަޅުގަނޑަކަށް މިހާތަނަކަށް މަޓީން އެއްބަސްވެފައިވާ އެއްބަސްވި ކަންތައްތަކެއް އެނގިފައެއް ނެތް. އެހެންވީމާ، ސަރުކާރުން ކޮންކަހަލަ ކަންތައްތަކަކަށް އެއްބަސްވެގެންތޯ މަޓީން ޓެކްސް ބިލްތަކަށް އެއްބަސްވެވަޑައިގަތީ؟

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު:

މަޓީންވެސް ފާހަގަކުރައްވާފައި ހުރީ ހަމަ ވަރަށް ރަނގަޅު ކަންކަން އިނގޭތޯ. އެންމެ ފުރަތަމައިނުން ޓެކްސްގެ ނިޒާމެއް ރާއްޖެއަށް ތަޢާރުފް ކުރާއިރުގައި، އެބޭފުޅުންގެ ވަރަށްގިނަ ތަޖްރިބާތައް މިކަމުގައި އެބަހުރި. އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭނެ އެކަން. އެބޭފުޅުންގެ އޮޑިޓަރުންނާއި އަދި އެބޭފުޅުންގެ ކުންފުނިތައް ހިންގުމުގައި ފައިސާއާ ގުޅޭ މުޢާމަލާތްތަކުގައާއި، މި ފައިސާއާ ގުޅޭ ކަންކަމުގައި އެބޭފުޅުންގެ ތަޖްރިބާތައް ހަމަ ވަރަށް ބޮޑުވާނެ. ދެން އޭގެ ބައެއްފަހަރަށް އެހާ ޓެކްނިކަލް ވާހަކަތަކަކަށްވެސް ނުވެދާނެ. އެހެން ނަމަވެސް، ރަނގަޅަށް އަޑުއައްސަވައިފިއްޔާ، އެބޭފުޅުން އެ ވިދާޅުވާ ދެތިން އެއްޗަކުން، އެ ދައްކާ ވާހަކައެއް އަޅުގަނޑުމެންނަށް ސާފުވާންޖެހޭނެ. ދެން މަޓީން ދައްކަވަމުން ގެންދެވި ވާހަކަތައް އަޅުގަނޑު ދިޔައީ އަޑުއަހަމުން. ދެން މަޓީން ރައްޔިތުންގެ މަޖިލީހަށްވެސް އަދި އަޅުގަނޑަށްވެސް ސިޓީއެއް ފޮނުއްވާފައި އޮތް، އެބޭފުޅުން ކަންބޮޑުވެލައްވާ ވަރަށްގިނަ ކަންތައްތަކުގެ ވާހަކަ. ދެން އޭގެތެރެއިން އަޅުގަނޑުމެންނަށް ފާހަގަވި 12 ކަމެއް. އެއީ، އަޅުގަނޑުމެންނަށް އެބޭފުޅުން ހުށަހަޅާފައި ހުރި ކަންތައްތަކުގެ ތެރެއިން. އަޅުގަނޑުމެންނަށް ކޮންމެވެސް ގޮތަކަށް އެކަމާ އެހެން ގޮތަކަށް ވިސްނެންހުރި ކަންކަން ކަމަށް އަޅުގަނޑުމެންނަށްވެސް ދެން ދެވަނަ ވިސްނުމެއްގައި ލަފާކުރެވުނު. އެހެންވީމާ، ޤަބޫލުފުޅު ކުރައްވާތި އިނގޭތޯ، ޑިމޮކްރަސީއެއްގެ އެންމެބޮޑު ބޭނުމަކީ، މި ބަދަލުތައް ގެނެސްގެން ކަންކަން ކުރަމުން ގެންދިޔުންކަން. އަޅުގަނޑުމެން ހުށަހަޅާފައި އަދި އަޅުގަނޑުމެން ދޫކޮށްފައި، ބަދަލުވެފައި، އެހެން ގޮތަކަށް އެކަން އޮވެފައި، ކަންކަން ކުރިއަށްދިޔުންކަން.

އަޅުގަނޑު ހުރިހާ ބޭފުޅުންނަށް ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މިރޭ އަޅުގަނޑު ނިންމާލުމުގެ ކުރީގައި، ފާހަގަކޮށްލަން ބޭނުން އިތުރު ކަމެއް. ފުރަތަމަ ކަމަކަށް ޑީ.އާރު.ޕީ.ގެ ލީޑަރ އަޙްމަދު ތަސްމީން ޢަލީއަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި، ތަސްމީން ޢަލީގެ މަޝްވަރާގެ މިޒާޖާއި އަދި އެބޭފުޅާގެ އުޞޫލުތަކަކީ، ސްޓޭޓްސްމަނެއް ކޮންމެހެން ގެންގުޅެންޖެހޭނެ އުޞޫލުތަކެއް.

ހަމަ މިއާ އެކީގައި އަޅުގަނޑު މިރޭ ފިކުރުކޮށް މިހުރީ، މާލީ އަދި އިޤްތިޞާދީ އިޞްލާޙުތައް ހުށަހެޅެމުން މިއަންނަ ވަގުތެއްގައި، އަދި ހަމަ އެހެންމެ، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އެކަން މިހާރު ބައްލަވާފައި އޮތުމާވެސް އެކުގައި، އެމް.އެމް.އޭ.ގެ ގަވަރނަރުގެ މައްޗަށް އިތުބާރު ނެތް ކަމަށް ސަރުކާރުން ހުށަހަޅާފައިވާނީ. އެމައްސަލަ ކުރިއަށް ގެންދިޔުމަށް އަޅުގަނޑަކަށް މިހާރަކު ނުފެނޭ. އަޅުގަނޑަށް ފެންނަ ފެނުމުގައި، އެކަން ފްލޯއަކަށް ގެންދާނެ ކަމެއް ނެތް. އަޅުގަނޑު އެ މަގަށް މާދަމާ މަޖިލީހުގެ ރައީސް އަރިހުގައި ސިޓީއަކުން ދަންނަވާނަން. އަޅުގަނޑަށް ފެންނަނީ، މިހާ ބޮޑެތި ބަދަލުތަކެއް އަޅުގަނޑުމެންގެ އިޤްތިޞާދީ އަދި މާލީ ނިޒާމަށް ގެންނަމުންދާއިރުގައި، ފަޒީލް ނަޖީބްގެ ތަޖްރިބާއާއި އަދި އެބޭފުޅާގެ މަސައްކަތްތައްވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެ ކަމަށް. އަދި އަޅުގަނޑު ދެކެނީ، ހަމަ އެބޭފުޅާއާ އެކީގައި އަޅުގަނޑުމެންނަށް މަސައްކަތް ކޮށްގެން ކުރިއަށް ދެވޭނެ ކަމަށް. އެހެންވީމާ، އެބަދަލުވެސް އަދި އެކަންވެސް ނުކުރުމަށް ސަރުކާރުން މިހާރު ނިންމާފައި އޮތް ވާހަކަ ދަންނަވަމުން، އަޅުގަނޑު މިރޭ ތިޔަބޭފުޅުންނާ ވަކިވެލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ. والحمد للّـه.