މާދަމާ ބާއްވަވާ ވަޒީރުންގެ މަޖިލީހުގެ ޖަލްސާ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރުފަހު 1 ޖަހާއިރު ތިނަދޫ އާބާދީ މަރްކަޒުގައެވެ. މި ޖަލްސާގައި ތިނަދޫގެ ނަން ބަދަލުކުރުމަށް ތިނަދޫ ރަށު ކައުންސިލުން ހުށަހަޅުއްވާފައިވާ އިލްތިމާސާ ބެހޭގޮތުންނާއި، ތިނަދޫގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންނާއި، މަތި ދެކުނު ސަރަޙައްދުގެ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުން އޮންނާނީ މިޖަލްސާގެ ކުރިންނެވެ. މިބައްދަލުވުމުގައި ތިނަދުއާއި މަތި ދެކުނު ސަރަޙައްދުގައި ހިންގަވަން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.