ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި، ސްރީލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައިވާ ގާތް ރަޙުމަތްތެރި ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުންނާއި، ދެޤައުމުން އަހަންމިއްޔަތުކަންދޭ ކަންތައްތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖޭގެ ދެކުނު ސަރަޙައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާނެ ކަންތައްތަކާ ބެހޭގޮތުންނާއި، ސަރަޙައްދީ ބައެއް މައްސަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިދަތުރުފުޅާ ގުޅޭ އިތުރު ތަފްޞީލު، މާދަމާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެއެވެ.