މިއަހަރުން ފެށިގެން މަސްވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ފާހަގަކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މަސްވެރިންގެ ދުވަސް މިހާރު ފާހަގަކުރަމުންދަނީ، ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ކަމަށްވެފައި، އެދުވަސް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ދިމާވާތީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ކަމާބެހޭ ދާއިރާތަކާ މަޝްވަރާ ކުރެއްވުމަށްފަހު، ހުށަހެޅުއްވި ކަރުދާހާބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

އައްޑޫސިޓީގައި ޤާއިމް ކުރަމުންދާ ކޮންވެންޝަން ސެންޓަރ، ޓެންޑަރ އުޞޫލުން ބީލަމަށް ލައްވައިގެން، އެތަން ބަލަހައްޓާނެ ބަޔަކު ހޯއްދެވުމަށްޓަކައި އެ ސެންޓަރު، އައްޑޫސިޓީ ކައުންސިލާ ހަވާލު ކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.