އއ.ރަސްދޫގައި ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ފަރާތުން ޢިމާރާތްކުރި މިސްކިތް، "މަސްޖިދުލް ހުދާ" ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހުޅުއްވައިދެއްވައިފިއެވެ. މިސްކިތް ހުޅުއްވައިދެއްވީ މިއަދުގެ ހުކުރުނަމާދުގެ ކުރީގައެވެ.

އެއްފަހަރާ 600 މީހުންނަށް ނަމާދުކުރެވޭވަރުގެ ޖާގައިގެ މި މިސްކިތަކީ އއ.ރަސްދޫ މައިޒާންދޮށުގޭ ޙުސައިންކަލޭފާނުގެ ދަރިކަނބަލުން މަރުޙޫމާ އާމިނަތު ޙުސައިންކަލޭފާނު (ކޮލިގޭ އައިމިނާފާނު)ގެ ހަނދާނުގައި އެ މަރުޙޫމާގެ ޢާއިލާގެ ފަރާތުން އެންމެ މިޒަމާނުގެ ފެންވަރަށް ބިނާކުރައްވާފައިވާ މިސްކިތެކެވެ.

ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމުން، މިކަމުގެ ހަނދާނުގައި، ރަސްދޫ ރައްޔިތުންގެ ފަރާތުން ޔުނިވަރސަލް އެންޓަރޕްރައިސަސްއަށް ޚާއްޞަ ފިލައެއް އެރުވިއެވެ. މި ފިލައާ ހަވާލެވަޑައިގަތީ، ޔުނިވަރސަލް އެންޓަރޕްރައިސަސްގެ ޗެއަރމަން މުޙަންމަދު ޢުމަރުމަނިކެވެ. މި މިސްކިތް ފަރުމާ ކުރެއްވީ އަލްފާޟިލް އަޙްމަދު ޢައްބާހެވެ. މިސްކިތް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ.