ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮމަންވެލްތްގެ ޑެޕިޔުޓީ ސެކްރެޓަރީ ޖެނެރަލް މިސް މަސެގޯއާ މެސަޔަރ-މުވަންބާއާ ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި ޤާއިމުކޮށްފައިވާ ޑިމޮކްރަސީގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގައި، ކޮމަންވެލްތްގެ ލަފާފުޅާއި އެހީތެރިކަން ހޯއްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޑިމޮކްރަސީ ނިޒާމު ހަރުދަނާ ކުރެއްވުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ވިދާޅުވެ، މިކަމުގައި ކުރިމަތިވެފައިވާ ބައެއް ދަތިތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ކޮމަންވެލްތަކީ ރާއްޖެއަށް އަބަދުވެސް ވަރަށް އެހީތެރިކަންދޭ ޖަމާޢަތެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވަމުން، ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތް ވަރކްޝޮޕް ބޭއްވުމަކީވެސް، ކޮމަންވެލްތްގެ އެހީތެރިކަން ރާއްޖެއަށް އިތުރަށް ލިބިގެންދާނެ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް ވިދާޅުވިއެވެ.

ކޮމަންވެލްތްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިސް މެސަޔަރ-މުވަންބާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްކުރެވި، އެ ޑިމޮކްރަސީ ހަރުދަނާ ކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ވެދެއްވެން އޮތް އެހީތެރިކަމެއް ކޮމަންވެލްތުން ރާއްޖެއަށް ދެއްވަން ތައްޔާރަށް އޮތް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.