ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އަރިއަތޮޅު އުތުރުބުރީ ރަސްދުއަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ، ރަސްދުއަށް ކުރެއްވި ދަތުރުފުޅުގައި، ރަސްދޫގައި ހުންނަ އ.އ. އަތޮޅު ހޮސްޕިޓަލަށާއި، އ.އ. އަތޮޅު ތަޢްލީމީ މަރްކަޒަށް ވަޑައިގެން، ރަށުގެ ޞިއްޙީ ޚިދްމަތާއި، ތަޢްލީމު ފޯރުކޮށްދެއްވުމުގެ ވަސީލަތްތައް ހުރިނެތްގޮތް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އ.އ. އަތޮޅު ހޮސްޕިޓަލަށް ކުރެއްވި ޒިޔާރަތުގައި، ކައުންސިލް މެންބަރުންނާއި، އެ ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރަށުގައި ލިބެންހުރި ޞިއްޙީ ފަރުވާގެ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އަދި އެމަނިކުފާނު ތަޢްލީމީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައިވެސް، ރަށު ކައުންސިލް މެންބަރުންނާއި، ސްކޫލްގެ ބޯޑުގެ މެންބަރުންނާއެކު، ރަށުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ބަދަލުކުރެއްވިއެވެ. މިގޮތުން، ރަށުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، ރަށު ކައުންސިލާއި، ސްކޫލްގެ ބޯޑާއި މެނެޖްމަންޓް ގުޅިވަޑައިގެން، މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ރަސްދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްލަވާލެއްވިއެވެ. ރަސްދޫގެ ބަނދަރު މުޅިން ނިންމުމަށް ކަނޑައަޅުއްވާފައިވަނީ، މި ޖޫން މަހުގެ ނިޔަލަށެވެ.

ރައީސުލްޖުމްހޫރިއްޔާ، ރަސްދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިހާރުވަނީ އެ އަތޮޅު ތޮއްޑުއަށް ވަޑައިގެންފައެވެ.