ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އަރިއަތޮޅު އުތުރުބުރީ އުކުޅަހަށް ވަޑައިގެން، އުކުޅަހު ރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ކައުންސިލްތައް އިންތިޚާބުކުރެވި، ކައުންސިލްގެ މަސައްކަތްތައް ހިނގަން ފެށުމުން، ސަރުކާރުން ރަށްރަށުގައި ހިންގަވާ ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި ހިންގެވުމަށާއި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވާ ޚިދްމަތްތައް ކައުންސިލް މެދުވެރިކުރައްވައި ފޯރުކޮށްދެއްވުމަށް، ކައުންސިލްތަކުގައި ހަމަޖެހިފައވާ ހުންނަންޖެހޭ އިންތިޒާމްތަކާ ބެހޭގޮތުން ކައުންސިލްތަކާ މަޝްވަރާ ކުރެއްވުމަށް، އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ އުކުޅަހު ރަށު ކައުންސިލާ ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ސަރުކާރުން ލާމަރުކަޒީ އުޞޫލުން ހިންގަވަން ފަށްޓަވާފައިވާ ޕަބްލިކް ހެލްތްގެ މަސައްކަތްތައް ހަރުދަނާ ގޮތެއްގައި އުކުޅަހުގައި ހިންގެވުމާ ބެހޭގޮތުންނެވެ. ސަރުކާރުން މިހާރުވަނީ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއިން ރަށްރަށުގައި ހިންގަވަމުން ގެންދެވި ޕަބްލިކް ހެލްތްގެ މަސައްކަތްތަކަކީ، ރަށު ކައުންސިލްތަކުން ކުރައްވާ މަސައްކަތެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، އުކުޅަހުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ރަށު ކައުންސިލާއި، ސްކޫލް ބޯޑާއި، މެނެޖްމަންޓް ގުޅިވަޑައިގެން، ރަށުގެ ތަޢްލީމީ ފެންވަރު ރަނގަޅު ކުރެއްވުމަށް އިތުރު މަސައްކަތްތަކެއް ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ރަށު ކައުންސިލް މެންބަރުންގެ އަރިހުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން، ރަށުގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖައްސަވާފައިވާ ޕްރޮގްރާމްތަކާ ބެހޭގޮތުން ރަށު ކައުންސިލާއެކު، ރައީސުލްޖުމްހޫރިއްޔާ މަޝްވަރާ ބަދަލުކުރެއްވިއެވެ. މިގޮތުން، ރަށުގެ ނަރުދަމާގެ ނިޒާމާއި، ރަށުގެ ބަނދަރު ހައްދަވައި، ގިރާ ސަރަޙައްދު ޙިމާޔަތް ކުރެއްވުމުގެ ޕްރޮގްރާމާބެހޭ މަޢްލޫމާތު، ރަށު ކައުންސިލާއެކު ޙިއްސާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި، އުކުޅަހު ޞިއްޙީ މަރްކަޒަށާއި، ސްކޫލަށް ޒިޔާރަތް ކުރައްވައި، ރަށުގެ ޞިއްހީ ޚިދްމަތާއި، ތަޢްލީމު ފޯރުކޮށްދެއްވުމުގެ ވަސީލަތްތައް ހުރިނެތްގޮތް ބައްލަވާލެއްވިއެވެ.