ރާއްޖޭގައި ކުޑަކުދިން ކަމަށް ބަލާ ޢުމުރު 18 އަހަރުން 15 އަހަރަށް ދަށްނުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއެވެ.

ކުޑަކުދިން ކަމަށް ބަލާ ޢުމުރު 15 އަހަރަށް ދަށްކުރުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނަށް ހުށަހެޅުނު އިޞްލާޙު ބަލައިގެންނެވުމަށް ފެނިވަޑައިނުގަންނަވާ ކަމުގައި މި ޖޫން 6 ވަނަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިންވަނީ ނިންމަވާފައެވެ. މިޤާނޫނަށް ހުށަހެޅުނު އިޞްލާޙު މިގޮތަށް ގެނެވިއްޖެނަމަ، ޢުމުރުން 15، 16 އަދި 17 އަހަރުގެ ކުދިންނަކީ، ބޮޑެތި މީހުންގެ ގޮތުގައި ބެލުމަށް ކޯޓުތަކަށާއި، ފުލުހުންނަށް ލާޒިމުވެގެންދާނެއެވެ.

މިކަމާ ބެހޭގޮތުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވި ގޮތުގައި، ކުޑަކުދިން، ބޮޑެތި މީހުން ބަންދުކޮށްފައި ބައިތިއްބާ ޖަލުތަކުގައި ބަންދު ކުރުމަކީ، ކުށް މަދުކުރެވޭ ކަމެއް ނޫން ކަމަށް ސްވިޑްން އާއި، އޮސްޓްރޭލިޔާފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގެ ތަޖްރިބާއިން ފެންނަން އެބައޮތް ކަމަށާއި، އޭގެބަދަލުގައި، އެހެން ހެދުމުން، އެ ކުދިން ބަދަލުވެގެން މިދަނީ، މުޅި ޢުމުރު ކުށުގެ މާޙައުލުގައި ހޭދަކުރާ ބޮޑެތި ކުށްވެރިންނަށް ކަމުގައެވެ.

އެފަދަ ޤައުމުތަކުގައި ކުށްކުރުން މަދުކުރެވިފައިވަނީ، ކުށްކުރާ ކުދިންނާމެދު ޚާއްޞަ ގޮތަކަށް ޢަމަލުކޮށް، އެފަދަ ކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމަށް ހިންގާ ޚާއްޞަ ޕްރޮގްރާމްތައް ހިންގައިގެން ކަމުގައި ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ. ރާއްޖޭގައިވެސް ކުށްކުރާ ކުދިންނަކީ، މުޖްތަމަޢަށް ފައިދާހުރި ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމަޢަށް ގެނައުމަށް ޕްރޮގްރާމްތަކެއް ހިންގަވަމުން ގެންދަވާކަން ޒުހައިރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޖިނާއީ ޢަދުލާބެހޭ ވަރަށްގިނަ ބިލުތަކެއް މިހާރުވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ކަމަށާއި، މި ބިލްތައް ފާސްވެގެން ދިޔުމަކީ، ރާއްޖޭގައި ކުށްކުރުން މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމުގައިވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.