بســم اللّـه الرّحمـن الرّحيــم

السّـلام عليـكم

އަޅުގަނޑު މިއަދު އެންމެ ބޭފުޅުންނާ ބައްދަލު މިކޮށްލަނީ، މި ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ނިޒާމަށް މިވަގުތު ގެންނަންޖެހޭ ވަރަށް މުހިންމު ބަދަލުތަކެއް ގެނައުމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ އެކީގައި ބައެއް މަޢްލޫމާތު ޙިއްޞާކޮށްލުމަށްޓަކައި. ގެނެވޭ އެންމެ މުހިންމު އެއްބަދަލަކީ، ޓެކްސްގެ ނިޒާމަށް، ދައުލަތުގެ އާމްދަނީހޯދާ ގޮތަށް ގެނެވޭ ބަދަލުތަކެއް. އެނގިވަޑައިގަންނަވާނެ، ޒަމާނުއްސުރެ ފަށައިގެން ދައުލަތުގެ އާމްދަނީ ސަރުކާރަށް ހޯދަމުން މީގެކުރީގައި އެންމެ މައިގަނޑު ގޮތެއްގައި އައިސްފައި މިވަނީ އިމްޕޯޓް ޑިއުޓީގެ ޛަރީޢާއިން. ފަހުންއައިސް އަޅުގަނޑުމެންނަށް ޓުއަރިޒަމްގެ އާމްދަނީ ލިބެން ފެށުމުން، ޓުއަރިޒަމްގެ ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށްބޮޑުތަނުން އިތުރުވެގެންދިޔަ.

މިވަގުތު އަޅުގަނޑުމެންނަށް ދިމާވެފައިމިވާ ޙާލަތަކީ ނުވަތަ ދިމާވެފައިމިވާ ތަޖްރިބާއަކީ ދައުލަތުގެ އާމްދަނީއަށްވުރެ ދައުލަތުގެ ޚަރަދު ވަރަށްބޮޑުތަނުން ބޮޑުވެގެން ގޮސްފައިވާކަން. ޚާއްޞަ ގޮތެއްގައި، އަޅުގަނޑުމެންނަށް ދިމާވި ސުނާމީ ކާރިސާގެ ފަހުން އެވަގުތު، އެހިނދު ދައުލަތުގެ ޚަރަދު ބޮޑުކުރި މިންވަރުން އަޅުގަނޑުމެންނަކަށް އެ ޚަރަދު ތިރިކުރެވުނު ތަނެއް ނުފެނުނު. ޚަރަދު ބޮޑުކުރެވުނީ، އެއާ އެކީގައި ދައުލަތުގެ ވަރަށްގިނަ ކަންކަންވެސް ހިންގާން ފެށުމުގެ ސަބަބުން. އަދި އެހެންވީމާ، ވަރަށްގިނަ ބައެއްވެސް ޝާމިލްވާން ފެށީމާ، ދައުލަތުގެ ޚަރަދު ކުޑަކުރެވެންހުރި މިންވަރަކީ، ވަކިމިންވަރެއްކަން މިހާރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ސާފު. ސަރުކާރުގެ މުސާރައިގެ މިންވަރު ކުޑަކުރެވޭން އޮތީ، އަޅުގަނޑުމެންނަށް މިވަގުތު ކުޑަކުރެވޭން ހަމަ އޮތް މިންވަރަށް. ދައުލަތަށް އާމްދަނީ އިތުރުކޮށްގެން މެނުވީ އަޅުގަނޑުމެންގެ ރާއްޖެ މިއެދޭ އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިބޭނުންވާ ބަދަލު އަޅުގަނޑުމެންނަށް ހޯދަން އުނދަގޫވާނެ.

މިއަދު ސަރުކާރުގެ ޚަރަދު ފޫބައްދަމުން މިގެންދަނީ ވަރަށްބޮޑު ދަރަޖައަކަށް ކޮމާޝަލް ބޭންކްތަކަށް ޓްރެޜަރީ ބިލް ވިއްކައި، އެ ފައިސާ ބޭނުންކުރަމުން. ޓްރެޜަރީ ބިލް މެދުވެރިކޮށްގެން، ޑެފިސިޓް ފޫބައްދަމުން ގެންދިޔައީމާ، އަމިއްލަ ވިޔަފާރިތަކަށް ޢާންމު ބޭންކްތަކުން ފައިސާ ދޫކުރުން ވަރަށްބޮޑުތަނުން ދަތިވެ، މަދުވެގެންދަނީ. އެ ޙާލަތުން އަރައިގަނެވިގެން މެނުވީ، ޢާންމު ވިޔަފާރި ތަރައްޤީއެއް ނުވާނެ. ސަރުކާރުން ދެކެނީ ޢާންމު ވިޔަފާރި ތަރައްޤީވެގެން ނޫނީ، ވަޒީފާގެ ފުރްޞަތު ފަހިވެގެން ނުދާނެ ކަމަށް. އަދި ހަމައެހެންމެ، ޢާންމު ވިޔަފާރި ތަރައްޤީވެގެން މެނުވީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެން މިއެދޭ ތަރައްޤީ، އަޅުގަނޑުމެން މިއެދޭ ބަދަލު، އަޅުގަނޑުމެންނަށް ހޯދަން އުނދަގޫވާނެ. އާމްދަނީ އިތުރުކުރުމަށްޓަކައި ގެންނާންޖެހޭ ޤާނޫނީ އިޞްލާޙުތައް ގެނައުމަށް ސަރުކާރުން މިދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން. ހަމައެއާއެކީގައި ޢާންމު ވިޔަފާރި ހިންގުން ފަސޭހަ ކުރުމަށާއި، ވިޔަފާރީގެ މުޢާމަލާތްތައް ފަހިގޮތުގައި ހަލުވިކަމާ އެކީގައި ކުރިއަށް ގެންދިޔުމަށް ކޮންމެހެން ބޭނުންވާ، ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައްވެސް ސަރުކާރުން މިހާރު މިދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން.

ވިޔަފާރީގެ އަދި އިތުރު އެއްގުނަނަކީ ބިން. އެބިމުގެ މުޢާމަލާތް، ވިޔަފާރީގެ އުޞޫލުން ކުރެވޭނެ ގޮތް އަޅުގަނޑުމެން އެބަޖެހޭ ހޯދަން. ބިމަކީ ގަނެ ވިއްކި އަދި އޭގެ ވިޔަފާރީގެ މުޢާމަލާތް ކުރެވޭ އެއްޗަކަށް ނުވާހާ ހިނދަކު، ފުރިހަމަ ގޮތުގައި ވިޔަފާރި ކުރިއަރައި ދިޔުން އެއީ ދަތިކަމެއްކަން އިންސާނީ ތަޖްރިބާ ވަރަށް ބޮޑަށް މިއޮތީ ދެނެގަންފައި. އަޅުގަނޑުމެންނަށް މިއަދު މިބަދަލު ނުގެނެވިއްޖެނަމަ، އަޅުގަނޑުމެންގެ ރާއްޖޭގެ ސީދާ މުއްސަނދިކަން އަދި އަޅުގަނޑުމެންގެ ރާއްޖެއަށް ލިބެން އޮތް ރަނގަޅު ތަނަވަސްކަން އަޅުގަނޑުމެންނަށް ލިބިނުދާނެ ކިތަންމެ ގޮތްތަކެއް މެދުވެރިވެދާނެ.

ރަހުނުގެ ފަސޭހަކަމާއި، ބޭންކިންގ ނިޒާމް ފުރިހަމަ ކުރުމާއި އަދި ބޭންކިންގ ނިޒާމުގެ ތެރެއިން ވިޔަފާރީގެ ފުރްޞަތުތައް ފަހިކުރުމަށްޓަކައި ކޮންމެހެން ގެންނާންޖެހޭ ބަދަލުތަކެއްވެސް އެބަހުރި. ޤާނޫނަށް އެބަދަލުތައް ގެނައުމަށްވެސް ސަރުކާރުން މިދަނީ ރައްޔިތުންގެ މަޖިލީހަށް ބިލްތައް ހުށަހަޅަމުން. ސަރުކާރުން ޓެކްސްގެ ނިޒާމަށް އަދި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް މިގެނެވޭ ބަދަލުތައް މިގެނެވެނީ، ޢާންމު ވިޔަފާރިއަށް އޭގެ ފައިދާ ކުރާނެ ކަމުގެ ވަރަށް ފުރިހަމަ އިތުބާރާ އެކީގައި. ސަރުކާރުން ދެކެނީ ޓެކްސް ނެގުމުގެ ނިޒާމަށް އެންމެ ބޮޑަށް ތާއީދު ކުރާނީ ވިޔަފާރިވެރިން ކަމަށް. ސަރުކާރުން ދެކެނީ އަދި ޤަބޫލުކުރަނީ ދައުލަތުގެ މާލިއްޔަތަށާއި އަދި އެންމެހާ ފައިސާގެ ކަންކަމަށް ވެގޮސް މިއޮތްގޮތް އެންމެ ސާފުކޮށް އެނގިވަޑައިގެން ތިއްބެވި ބޭފުޅުންނަކަށްވާނީވެސް ވިޔަފާރިވެރިންކަން. އަދި ސަރުކާރުން ދެކެނީ، ދައުލަތުން ދެކެނީ މި ރާއްޖެ އަޅުގަނޑުމެން މިއަދު މިދެކޭ ތަނަވަސްކަން އަޅުގަނޑުމެންނަށް ހޯދައިދީފައި މިވަނީ، އެންމެބޮޑު ދައުރެއް އަދާކޮށްދީފައިވަނީވެސް ވިޔަފާރިވެރިންކަން. އެބޭފުޅުންގެ މަސައްކަތުން، އެބޭފުޅުންގެ ހީވާގި މަސައްކަތުން އަޅުގަނޑުމެންގެ ރާއްޖޭގެ ތަނަވަސްކަން ކިތަންމެ ތަނަކުން މިވަނީ އުފުލިފައި.

އަޅުގަނޑުމެން މިއަދު އެނބުރޭން މިއެދޭ އަދި އެނބުރުމަށް މިމަސައްކަތްކުރާ މިޞްރާބަކީ، މިހާރު މިހުރި މިންވަރަށްވުރެ އަދި އެތައް ގުނައަކުން އަޅުގަނޑުމެންގެ ފުއްދުންތެރިކަމާއި، އަޅުގަނޑުމެންގެ ތަނަވަސްކަމާއި މުއްސަނދިކަން އަރައިގެން ދެވެން އޮތް މަގަކަށް. މިމަގަށް ދިޔުމަށްޓަކައި ސަރުކާރުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، އެކުވެރި ދައުލަތްތަކާއި އަދި ދޭދޭ ފަރާތްތަކާ ނުހަނު ގިނަ މަޝްވަރާތައް ކުރިން. އަމިއްލަ ވިޔަފާރިވެރިންނާއި، ރާއްޖޭގެ ވިޔަފާރި ޖަމާޢަތްތަކާއި، އަދި ސިޔާސީ ޕާޓީތަކާއި އަޅުގަނޑުމެންނަށް ސަރުކާރަށް މިކަމުގައި މަޝްވަރާ ކުރެވެންހުރި ހުރިހާ ފަރާތަކާ ވާނީ މަޝްވަރާ ކޮށްފައި. ސަރުކާރުން މިނެރޭ ޕްލޭން، އަޅުގަނޑުމެންނަށް ނެރެވުނީމާ، މި އާމްދަނީތައް އަޅުގަނޑުމެންނަށް ހޯދުނީމާ، ސަރުކާރުން މިދެކެނީ 2012 ވަނަ އަހަރުގެ މުޅި ޖުމްލަ އާމްދަނީ އެއީ 14 ބިލިއަން ރުފިޔާއަށް އަރާނެ އާމްދަނީއަކަށް ހެދުމަކީ އެކަށީގެންވާ ކަމެއްކަން. އޭރުން ސަރުކާރުގެ ޚަރަދު ފޫބެދި، ސަރުކާރުން ކޮމާޝަލް ބޭންކްތަކަށް ބަރޯސާކުރަންޖެހޭ މިންވަރު ކުޑަވެ، ބަރޯސާނުކޮށް، އެ ބޭންކްތަކުގައިވާ ފައިސާ އަމިއްލަ ވިޔަފާރިއަށް ދޫކުރެވި، އެވިޔަފާރި، އަމިއްލަ ވިޔަފާރި ތަރައްޤީވެދާނެކަމީ، ސަރުކާރު ޝައްކުކުރާ ކަމެއް ނޫން.

ސަރުކާރުން މި ކުރިއަށްގެންދާ މާލީ ނިޒާމަކީ، މިދުނިޔޭގައިވެސް އާ ނިޒާމެއް ނޫން. އަދި މި ރާއްޖޭގައި އަޅުގަނޑުމެން އަލަށް ކުރަންއުޅޭ ކަމެއްވެސް ނޫން. ރާއްޖެފަދަ އާބާދީތައް އެކުލެވޭ އަދި ރާއްޖެފަދަ އިޤްތިޞާދީ ތަރައްޤީ، މި މިންވަރަށް ހޯދާފައިވާ ކިތަންމެ ޤައުމަކުން ވަނީ ނުހަނު ބޮޑެތި ކާމިޔާބުތައް ހޯދާފައި. މިދެންނެވި މި ސަރުކާރުން މިހާރު ގެނައުމަށް ނިންމައި، ގެންނަން މަސައްކަތް ކުރަމުންމިދާ ބަދަލުތަކާ އެކުގައި، އަޅުގަނޑު ދެކެނީ، މިއީ އަޅުގަނޑުމެންނަށް ވަރަށް އުފާވެރި ދުވަސްތަކެއް ކަމަށް. އަޅުގަނޑު ދެކެނީ، އަޅުގަނޑުމެންނަށް މިބަދަލު ގެނެވުމުން، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން މިއެދޭ ތަރައްޤީ އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ކަމަށް. އަޅުގަނޑު ދެކެނީ، މިބަދަލުތަކާ އެކީގައި، ދިވެހިރާއްޖެ ޙަޤީޤީ އިސްކޮޅަށް ހިންދެމިލެވި، ދިވެހި ރައްޔިތުންނަކީ، ފާގަތި، ތަނަވަސް، އުފާ ފާގަތި ކަމުގައި އުޅޭ ބަޔަކަށް އިރާދަކުރެއްވިއްޔާ ވެގެންދާނެ ކަމަށް.

ވަރަށް ބޮޑަށް ޝުކުރިއްޔާ!