ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދަވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލެއްވި ފުރުޞަތު އިއްޔެގެ ނިޔަލަށް ހަމަވިއިރު، 117 ބޭފުޅަކު އެކަމަށް ކުރިމަތިލައްވައިފިއެވެ. އެއީ، 98 ފިރިހެން ބޭފުޅުންނާއި، 19 އަންހެން ބޭފުޅުންނެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގައިވާ ގޮތުން ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށެވެ. އަދި އެޤާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަންގެ މެންބަރުން ޢައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އެބޭފުޅުންގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއްވައެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން އިތުރުކުރުމާއި، ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމާއި، ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ކަސްޓަމްސް މުވައްޒަފުންގެ ޚިދްމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި އަދި މުޢާމަލާތް ކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ، މިނިވަން ޤާނޫނީ ޝަޚުޞެކެވެ.