އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް.)ގެ ރިވިއު މިޝަންގެ ބޭފުޅުންނާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު މަޝްވަރާތަކުގައި، އައި.އެމް.އެފް.ގެ އެހީގައި ތިން އަހަރުގެ އިތުރު އިޤްތިޞާދީ ޕްރޮގްރާމެއްގައި ރާއްޖެ ބައިވެރިކުރުމަށް ސްޓާފް-ލެވެލްގައި އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އައި.އެމް.އެފް.އިން ހާމަކުރުމާ ގުޅިގެން، ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.

އައި.އެމް.އެފް.ގެ ރިވިއު މިޝަންގެ ބޭފުޅުން، މި މެއި މަހުގެ 10އިން 24އަށް ރާއްޖެއަށް ކުރެއްވި ޒިޔާރަތް ނިންމަވާލެއްވުމަށްފަހު، ނެރުއްވި ބަޔާނުގައި، ރާއްޖޭގެ އިޤްތިޞާދަށް ގެންނެވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ ބަދަލުތަކުގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށްއެޅި، ހަރުދަނާވެގެންދާނެކަން ފާހަގަކުރައްވާފައިވެއެވެ.

އައި.އެމް.އެފް.ގެ ބަޔާނުގައި، ދެމެހެއްޓެނިވި ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭނެ މަގުތައް ފަހިކޮށް، ދަރަނި ކުޑަކުރުމަށާއި، އިޤްތިޞާދު ކުރިއެރުވުމަށާއި، ތަކެތީގެ އަގު މައްޗަށްދާ މިންވަރު ނުވަތަ އިންފްލޭޝަން ދަށް ކުރުމަށް، މިފަދަ ހަރުދަނާ ފިޒިކަލް އަދި މަނިޓަރީ ސިޔާސަތެއް ހިންގެވުމުގެ މުހިންމުކަން ރާއްޖޭގެ ކަމާބެހޭ އިދާރާތަކުންނާއި، އައި.އެމް.އެފް.ގެ މިޝަނުން ގަބޫލު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން، ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް ސަރުކާރުން ހުށަހަޅުއްވާފައިވާ، މެދު ރާސްތާގެ ސިޔާސަތުތަކުގެ މަޤްޞަދަކީ، ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ އަރަނި ދަށަށް ގެނައުމުގެ ހަރުދަނާ މަގެއް ތަނަވަސްކުރެއްވުންކަން ސަރުކާރުން ފާހަގަކުރައްވާކަމަށްވެސް އައި.އެމް.އެފް.ގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ މާނައަކީ، ދައުލަތުގެ އާމްދަނީ އިތުރުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއި، ރުހުމާއެކު ތަންފީޒުކުރެވިގެންދާނޭ ސިޔާސަތުތަކާއި، ޚަރަދު ކުޑަކުރެއްވުމުގެ އިތުރު ސިޔާސަތުތަކާއެކު، ވަރަށް ބޮޑުތަނުން ޑެފިސިޓް ކުޑަވެގެން ދިޔުން ކަމުގައިވެސް އައި.އެމް.އެފް.ގެ ބަޔާނުގައިވެއެވެ.

އައި.އެމް.އެފް.ގެ ރިވިއު މިޝަންއާއި، ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ދެމެދު، އައި.އެމް.އެފް.ގެ އެހީގެ ޕްރޮގްރާމްގައި ރާއްޖެ ބައިވެރިކުރެއްވުމަށް ސްޓާފް-ލެވެލްގައި ވެވަޑައިގެންފައިވާ އެއްބަސްވުން ފުރިހަމަވާނީ، އައި.އެމް.އެފް.ގެ އެގްޒެކެޓިވް ބޯޑުން ފާސްކުރެއްވުމުންކަމަށާއި، އެގްޒެކެޓިވް ބޯޑުން ފާސްކުރެއްވުމުން، މި ކަމާބެހޭ ޕްރޮގްރާމެއް އައި.އެމް.އެފް.އަށް ހުށަހެޅުމުގެ ފުރުޞަތު ރާއްޖެއަށް ލިބިގެން ދާނެ ކަމުގައި އައި.އެމް.އެފް.ގެ ބަޔާނުގައި ވެއެވެ.