ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދަވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރްޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުއްވާލައްވައިފިއެވެ. މިފުރްޞަތު ހުޅުއްވާލައްވައި، އެ އޮފީހުން މިއަދު ނެރުއްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ އިޢްލާނުގައިވާ ގޮތުން، މި ފުރްޞަތު ހުޅުއްވާލައްވާފައިވަނީ، މިއަދުން ފެށިގެން މި މެއި މަހުގެ 29ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ޤާނޫނާއި ގަވާއިދަށް ޙުރްމަތްތެރިކޮށްހިތުން އިތުރުކުރުމާއި، ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް، މިނިވަންކަމާއެކު ތަޙްޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމާއި، ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ކަސްޓަމްސް މުވައްޒަފުންގެ ޚިދްމަތާ ބެހޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމުގެ މަޤްޞަދުގައި އުފެއްދެވި ކޮމިޝަނެކެވެ. މި ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމާއި އަދި މުޢާމަލާތް ކުރުމުގެ ޙައިޘިއްޔަތު ލިބިފައިވާ، މިނިވަން ޤާނޫނީ ޝަޚުޞެކެވެ.

ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވަނީ 5 މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި އެޤާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަންގެ މެންބަރުން ޢައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި އިޤްރާރު ދޫކުރުމާއި، ފޯމާއި އިޤްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8.30 ން މެންދުރުފަހު 3.30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ، www.presidencymaldives.gov.mv އެވެ.