މިއަހަރު ރާއްޖޭގައި ސާކް ސަމިޓް ބޭއްވުމަށްޓަކައި، އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމް ކުރެވޭ ކޮންވެންޝަން ސެންޓަރު ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްލަވާލައްވައިފިއެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޑުއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކޮންވެންޝަން ސެންޓަރު އިމާރާތް ކުރެވެމުންދާ ސަރަޙައްދަށް މިއަދު ހެނދުނު ޒިޔާރަތް ކުރައްވައި، މި ސެންޓަރު ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ސާކް ސަމިޓް ބޭއްވުމަށްޓަކައި، އައްޑޫ ސިޓީގެ ހިތަދޫގައި ޤާއިމް ކުރެވޭ ކޮންވެންޝަން ސެންޓަރުގެ ބިންގާ، މިއަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހު އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީގެ ބައެއް މަގުތައް ރަނގަޅު ފެންވަރަކަށް ހެއްދެވުމުގެ މަޝްރޫޢު ކުރިއަށްދާގޮތް އިއްޔެ ބައްލަވާލައްވައި، މި މަޝްރޫޢު ކުރިއަށް ގެންދެވުމުގައި މަސްއޫލުވާ ފަރާތްތަކާ ބައްދަލުކުރައްވައި، މި މަޝްރޫޢު ކުރިއަށްދާ ގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

މީގެއިތުރުން، އެމަނިކުފާނު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރައްވަމުންގެންދަވާ ފުވައްމުލަކުގެ ވަފްދަކާ ބައްދަލުކުރެއްވިއެވެ.