މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނެރުއްވައި ޢަމަލު ކުރައްވަމުން ގެންދަވާ މަނިޓަރީ ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ގޮތުން، ދިވެހިރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރިއެއްގެ ހުރިހާ އެއްޗެއްގެ އަގާއި، މަސައްކަތުގެ އަގާއި، ޚިދްމަތުގެ އަގާއި، ފީ އަދި ކުލިފަދަ ތަކެތީގެ އަގު އަދާކުރުމަށް، ރާއްޖޭގެ ރުފިޔާ ފިޔަވައި އެހެން ފައިސާއެއް ބޭނުންކުރުމަކީ މަނާކަމެއް ކަމަށްވުމާއެކު، އެހެން ފައިސާއަކުން މުޢާމަލާތު ނުހިންގުމަށް ބާރުއަޅުއްވައި، އެ އޮތޯރިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރްޙަބާ ވިދާޅުވެއްޖެއެވެ.

މިމަހުގެ 8 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރ ފަޒީލް ނަޖީބް މުޙަންމަދާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ކުރާ ހުރިހާ ވިޔަފާރީގެ މުޢާމަލާތްތައް ހިނގަންވާނީ ގަވާއިދުގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ފައިސާއިން ކަމަށް ވިދާޅުވެ، މިކަމަށް ބާރުއަޅުއްވައި ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވުމަށް، ގަވަރނަރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ މި އެދިވަޑައިގެން އެދިވަޑައިގަތުމުގެ މަތިން، އެމް.އެމް.އޭ އިން މިކަމާބެހޭ އިޢްލާނެއް ކުރައްވައި، މަސައްކަތްތަކެއް ފަށްޓަވާފައިވާތީ، އެކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައެވެ. އަދި އެމް.އެމް.އޭ.ގެ މިމަސައްކަތަށް، އެމަނިކުފާނު ކާމިޔާބީއަށް އެދިވަޑައިގަންނަވައެވެ.