މާދަމާ، އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ކޮމިއުނިޓީ ކެބިނެޓްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކި ސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބު ދެއްވައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި، ރައްޔިތުންގެ މަޝްވަރާ ހޯއްދެވުމަށް ބާއްވަވާ ބައްދަލުވުންތަކެކެވެ.

މާދަމާ މެންދުރުފަހު 1.30ގައި ހިތަދޫ މުޙިއްބުންދީން ސްކޫލްގައި ފެށޭ ކޮމިއުނިޓީ ކެބިނެޓްގެ ބައްދަލުވުމުގައި، އިޖްތިމާޢީ ދާއިރާއާއި، ޢުމްރާނީ ތަރައްޤީގެ ދާއިރާއާއި، ހެޔޮވެރިކަމުގެ ދާއިރާއާއި، އިޤްތިޞާދީ ދާއިރާ އިން ވަޒީރުން ޕްރެޒެންޓޭޝަންތައް ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމުންވަނީ ކަނޑައަޅުއްވާފައެވެ. މިއިން ކޮންމެ ޕްރެޒެންޓޭޝަނެއް ހުށަހެޅުއްވުމަށްފަހު، އެ ދާއިރާއަކާ ބެހޭގޮތުން ސުވާލު ކުރުމުގެ ފުރްޞަތު ރައްޔިތުންނަށް ހުޅުއްވައިލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އައްޑޫ ސިޓީއަށް މިކުރައްވާ ދަތުރުފުޅުގައި، މިއަހަރު އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާކް ސަމިޓަށްޓަކައި އައްޑޫ ސިޓީގައި ވަމުންދާ ތައްޔާރީތައްވެސް ބައްލަވާލައްވާނެއެވެ.