ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބަރޓް ބްލޭކާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ތަޢުލީމީ ދާއިރާއިން، އެމެރިކާއިން ރާއްޖެއަށް ފޯރުވައިދޭ އެހީތެރިކަން އިތުރު ކުރެއްވުމާ ބެހޭގޮތުންނެވެ.

މިގޮތުން، ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މިހާރު ޤާއިމް ކުރެވިފައިވުމާއެކު، ޔުނިވަރސިޓީ އިތުރަށް ހަރުދަނާ ކުރެއްވުމަށް، އެމެރިކާއިން އެކި ރޮނގުތަކުން އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެއިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ކުރައްވާ މަސައްކަތަށާއި، ބާރުގަދަ މަސްތުވާ ތަކެއްޗަށް ދެވިހިފާފައިވާ ޒުވާނުން އަނބުރާ މުޖްތަމަޢަށް ގެންނެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް، އެމެރިކާ ސަރުކާރާއި، އަމިއްލަ ޖަމާޢަތްތަކުން އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންވެސް ނައިބު ރައީސް، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓާއެކު މަޝްވަރާ ކުރެއްވިއެވެ. އަދި، ރާއްޖޭގައި ތަފާތު ކުށްތަކުގައި ހައްޔަރު ކުރެވޭ މީހުންނާމެދު ހަރުދަނާ ގޮތެއްގައި ދަޢުވާ ކުރުމުގައި ދައުލަތުގެ ވަކީލުންގެ ޤާބިލުކަން އިތުރުކުރެއްވުމަށް އެމެރިކާގެ އެހީތެރިކަން ހޯއްދެވުމާބެހޭގޮތުންވެސް ނައިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.