ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ތާއީދު ކުރާ ތިންސަތޭކަ ނުވަތަ ހަތަރު ސަތޭކައެއްހާ މީހުން ބައިވެރިވެގެން ރޭ މާލޭގައި ބޭއްވި ހަމަނުޖެހުން ބޮޑު މުޒާހަރާ، ސަރުކާރުން ކުށްވެރި ކުރައްވައިފިއެވެ.

މި މުޒާހަރާގައި ބައިވެރިވި މީހުން، ފުލުހުންނާ ދިމާއަށް ގަލާއި، ފުޅިއާއި އެނޫންވެސް ތަކެތި އުކުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކަށް ހާނީއްކަވެ، ފިހާރަތަކަށާއި، ޢާންމު ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މުޒާހަރާގައި ބައިވެރިވި ފަރާތްތަކުން ދިން މި ހަމަލާތަކާ ގުޅިގެން، ފުލުހުން މި މުޒާހަރާ ރޫޅާލުމަށްޓަކައި، ކަރުނަ ގޭސް ބޭނުންކޮށް، ބައެއް މީހުން ހައްޔަރު ކުރިއެވެ.

2008 ވަނަ އަހަރު، ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކާއެއްގޮތަށް ބޭއްވުނު ފުރަތަމަ އިންތިޚާބު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކާމިޔާބު ކުރައްވައި، ރާއްޖޭގެ ރައީސް ކަމަށް އިންތިޚާބު ވެވަޑައިގެންނެވުމާ ހަމައަށް، މައުމޫން ޢަބްދުލްޤައްޔޫމްވަނީ 30 އަހަރު ރާއްޖޭގެ ވެރިކަން ކުރައްވާފައެވެ.

ރޭ ބޭއްވެވި މުޒާހަރާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، މައުމޫން ޢަބްދުލްޤައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން ރޭ ހިންގި ބޮޑެތި ހަމަނުޖެހުންތައް ސަރުކާރުން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ޞުލްޙަވެރި ސިޔާސީ އެއްވުންތަކަކީ، ރާއްޖޭގެ ޅަފަތުގައިމިވާ ޑިމޮކްރަސީގައި ހުއްދަ، އަދި މަރުޙަބާ ކިޔާ ކަމެއް ކަމަށާއި، ނަމަވެސް ބޭނުމެއް ނެތްގޮތުގައި މަގުތަކުގައި އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދިޔުމަކީ، އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ޒުހައިރު ވިދާޅުވިއެވެ.

މުޅި އަހަރު ތެރޭގައި، ޞުލްޙަވެރި ސިޔާސީ އެއްވުންތަކާއި، އިޙްތިޖާޖް ކުރުމާއި، ޕެޓިޝަންތައް ހުށަހެޅުންފަދަ ވަރަށް ގިނަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގޭ. ކަމާއި، މިއީ ރާއްޖޭގެ ޑިމޮކްރަސީގެ ހަރުދަނާކަން ދައްކުވައިދޭ ކަންކަން ކަމަށް ޕްރެސް ސެކްރެޓެރީ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މައުމޫން ޢަބްދުލްޤައްޔޫމަށް ތާޢީދު ކުރާ ފަރާތްތަކުން މަގުމައްޗަށް ނުކުންނަ ކޮންމެ ފަހަރަކު ނިމިގެންދަނީ ހަމަނުޖެހުމާއި ލޭ އޮހޮރުވުމަކުންކަންވެސް ޒުހައިރު ފާހަގަކުރެއްވިއެވެ.