އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (އައި.އައި.ޔޫ.އެމް.)ގެ ގަވަރނަރުންގެ ބޯޑުގެ 91ވަނަ މަޖްލިސްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފްދުގެ ބޭފުޅުން، ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގެ ރިޔާސަތު ބެލެހެއްޓެވީ، ހަޔަރ އެޑިޔުކޭޝަން ކައުންސިލްގެ ރައީސް، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ، އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، ޚާއްޞަ ގޮތެއްގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް، އެކި ރޮނގުތަކުން އައި.އައި.ޔޫ.އެމް.ގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުންނެވެ. މިގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، އައި.އައި.ޔޫ.އެމް.ގެ ދެމެދުގައި ފެކަލްޓީ ސްޓާފުންނާއި، ދަރިވަރުން ބަދަލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ރާއްޖޭގެ ޔުނިވަރސިޓީގެ ޕްރޮގްރާމްތައް އައި.އައި.ޔޫ.އެމް.އިން އެކްރެޑިޓް ކުރުމާއި، ދެ ޔުނިވަރސިޓީ ގުޅިގެން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރުން ތަމްރީނު ކުރުމުގައި އައި.އައި.ޔޫ.އެމް.ގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ހަޔަރ އެޑިއުކޭޝަން ކައުންސިލާއި، އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް، އެ ޔުނިވަރސިޓީއިން އެހީތެރިވަވަޑައިގެންނެވުމަށް ތައްޔާރަށް އޮތްކަން ހާމަކުރެއްވިއެވެ. އަދި ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ހަރުދަނާ ކުރެއްވުމަށް ދިވެހި ސަރުކާރުން ކުރައްވާ މަސައްކަތަށް، އެ ބޯޑުގެ މެންބަރުން މަރުޙަބާ ވިދާޅުވިއެވެ.

އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ 91ވަނަ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައެވެ.