އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިޔާ (އައި.އައި.ޔޫ.އެމް)ގެ ގަވަރނަރުންގެ ބޯޑުގެ 91 ވަނަ މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ވަފްދުގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އައި.އައި.ޔޫ.އެމް.އަކީ، ވަރަށް ގިނަ ދިވެހިން މަތީ ތަޢުލީމް ޙާޞިލް ކޮށްފައިވާ، އަދި މިހާރުވެސް ވަރަށް ގިނަ ދިވެހި ދަރިވަރުން މަތީ ތަޢުލީމް ޙާޞިލް ކުރަމުންގެންދާ ޔުނިވަރސިޓީއެއްކަން ފާހަގަކުރެއްވިއެވެ. އަދި 1983 ވަނަ އަހަރު އެ ޔުނިވަރސިޓީ އުފެދުނުފަހުން، އެ ޔުނިވަރސިޓީގެ ޚިދުމަތް، މި ސަރަޙައްދުގެ ޤައުމުތަކަށާއި، އިސްލާމީ ދުނިޔެއަށް ލިބެމުންދާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާއިމް ކުރައްވައި، ޔުނިވަރސިޓީ ހަރުދަނާ ކުރެއްވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާއިރު، ރާއްޖޭގެ ޔުނިވަރސިޓީއާއިއައި.އައި.ޔޫ.އެމް.އާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަކީ ރާއްޖެއިން ބޭނުންވާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، އައި.އައި.ޔޫ.އެމް.ގެ އެހީތެރިކަން ރާއްޖޭގެ ޔުނިވަރސިޓީއަށް ފޯރުވައި ދިނުމާއި، ދެ ޔުނިވަރސިޓީ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން، އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ ޚިޔާލު ބަދަލުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ އައި.އައި.ޔޫ.އެމް. ޤާއިމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ޤައުމުކަން ފާހަގަކުރައްވައި، ރާއްޖެއިން އެ ޔުނިވަރސިޓީއަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާއަށް، ޚާއްޞަގޮތެއްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ހަރުދަނާ ކުރެއްވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް އައި.އައި.ޔޫ.އެމް.އިން، ތައްޔާރަށް ތިއްބެވިކަން ހާމަކުރެއްވިއެވެ.

އައި.އައި.ޔޫ.އެމް.އަކީ، މެލޭޝިޔާ ސަރުކާރުގެ އިތުރުން، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯ.އައި.ސީ.)ގެ ބައެއް ޤައުމުތަކުގެ ބައިވެރިވުމާއެކު، 1983 ވަނަ އަހަރު ޤާއިމު ކުރެވިފައިވާ ޔުނިވަރސިޓީއެކެވެ. އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގައި، އޯ.އައި.ސީ.އާއި، މި ޔުނިވަރސިޓީގައި ބައިވެރިވާ 8 ޤައުމުގެ ސަރުކާރުގެ މަންދޫބުން ހިމެނެއެވެ. އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑަށް ދިވެހި ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބަކީ، ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙަންމަދު ޒަކީއެވެ. މިހާރު ރާއްޖެއަށް ޒިޔާރަތް ކުރައްވާ އައި.އައި.ޔޫ.އެމް.ގެ ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރޭގައި އެމަނިކުފާނު ހިމެނިވަޑައިގަންނަވައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިޞަލާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް މުޙަންމަދު ޝިހާބާއި، ފޮރިން ޕޮލިސީ އެޑްވައިޒަރ ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.