ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަކުރަމުންދާ މެއި މަހުގެ 1 ވަނަ ދުވަހަކީ، މިއަހަރުން ފެށިގެން ރަސްމީ ބަންދު ދުވަހެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. މިކަން މިގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައިވެސް މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަކަށްވާތީއާއި، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ރާއްޖޭގެ އެކިފަރާތްތަކުން ތަފާތު މަސައްކަތްތައް ކުރައްވަމުން ގެންދަވާތީ، މިކަމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވުމަށްފަހު، އެމަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވި ލަފައާ ގުޅިގެންނެވެ. އެހެންކަމުން، އަންނަ މެއި މަހުގެ 1 ވަނަ ދުވަހަކީ، އަންނަ އާދީއްތަ ދުވަސް ކަމަށްވުމާއެކު، އެދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.

މެއި މަހުގެ 1 ވަނަ ދުވަހަކީ، ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައިވެސް ރަސްމީ ބަންދު ދުވަހެކެވެ.