ފުރަތަމަ ކޮމިއުނިޓީ ކެބިނެޓް، އަންނަ މެއި މަހުގެ 12ވާ ބުރާސްފަތި ދުވަހު އައްޑޫސިޓީގައި ބޭއްވެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައި، އެކަން އެގޮތަށް ނިންމެވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމިއުނިޓީ ކެބިނެޓަކީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން، ރައްޔިތުން ދިރިއުޅޭ އެކިސަރަޙައްދުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުން ކުރައްވާ ސުވާލުތަކަށް މަޖިލީހުގެ މެންބަރުން ޖަވާބުދާރީވެވަޑައިގަތުމަށްޓަކައި ބާއްވަވާ ބައްދަލުވުންތަކެކެވެ. އަދި މިއީ އެބައްދަލުވުމެއް ބާއްވަވާ ސަރަޙައްދެއްގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރްޞަތު ހުޅުވާލައިގެން ބާއްވަވާ ބައްދަލުވުމެކެވެ. އެހެންކަމުން، އައްޑޫސިޓީގައި މި ބާއްވަވާ ކޮމިއުނިޓީ ކެބިނެޓް، އައްޑުއަތޮޅާއި ފުވައްމުލަކު ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ބޭއްވެވުމަށް ނިންމެވިއެވެ. އަދި ކޮމިއުނިޓީ ކެބިނެޓް ބޭއްވެވުމަށްޓަކައި އިދާރީ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، ޤައުމީ އިދާރާތަކާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ކުރެއްވުމަށްވެސް ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އައްޑޫސިޓީގައި ބާއްވަވާ ކޮމިއުނިޓީ ކެބިނެޓްގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާނެ ކަންތައްތަކާއި، އަދި ރައްޔިތުން ވަޒީރުންނަށް ދަންނަވަން ބޭނުންވާ ސުވާލުތައް ދެންނެވޭނެ ފުރްޞަތު ފަހިކޮށްދެއްވޭނެ ގޮތްތަކާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤައުމީ މަރްކަޒު، ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގެ ނަމުގައި މަރްކަޒެއް ޤާއިމް ކުރެއްވުމަށްވެސް ނިންމެވިއެވެ. މިކަން މިގޮތަށް ނިންމެވީ، މި މަރްކަޒު އުފެއްދެވުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްއިން އެކުލަވައިލެއްވި ކަރުދާހެއްގެ މައްޗަށް މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ. ޒުވާނުންނަށް ކުޅިވަރާބެހޭ ތަމްރީނު ދިނުމާއި، އުނގަންނައިދިނުން މިހާތަނަށް އޮތީ، ޒުވާނުންނާއި ކުޅިވަރުގެ ކަންތައް ބަލަހައްޓާ ވުޒާރާގެ ދަށުން [ޒުވާނުންނާއި ކުޅިވަރު ކުރިއަރުވާ މަރްކަޒު] އިން ހިންގާ ޙަރަކާތެއްގެ ގޮތުގައި ކަމަށްވެފައި، ރާއްޖޭގައި ކުޅިވަރުގެ ދާއިރާ ތަރައްޤީވެ ފުޅާވަމުން ދިޔުމާއެކު، ކުޅިވަރުގެ ޤައުމީ މަރްކަޒެއް ރާއްޖޭގައި ޤާއިމް ކުރުމަކީ، ކުޅިވަރާބެހޭ ކަންތައް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ކޮންމެހެން ބޭނުން ކަމެއް ކަމުގައި މިއަދުގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގައި، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯއްދަވައި ދެއްވުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ]މީރާ] އިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، މަޖިލީހުގެ މެންބަރުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ އެކި ދާއިރާތަކުން ސަރުކާރަށް ލިބެންޖެހޭ ވަރަށްގިނަ ޢަދަދެއްގެ ފައިސާ ނުލިބި ހުރުމާއެކު، އެފައިސާވެސް ސަރުކާރުގެ ރެވެނިއުއަށް ވީހާވެސް އަވަހަކަށް ލިބޭނެ ގޮތަކަށް މަސައްކަތްތައް ގެންދެވުމަކީ، ރާއްޖޭގެ އިޤްތިޞާދަށް މިވަގުތު ލިބިފައިމިވާ ހީނަރުކަމަށްވެސް އަންނާނެ ވަރަށްބޮޑު ކުރިއެރުމެއް ކަމުގައި މަޖިލީހުގެ މެންބަރުން ވިދާޅުވިއެވެ.

މުޖްތަމަޢުގައި ހިނގަމުންދާ އެކި ކުށްތައް ހުއްޓުވުމަށް ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވިއެވެ. އަދި ވަޒީރުންގެ މަޖިލީހުން އެކޮމިޓީއާ ގުޅިވަޑައިގެން، އިތުރަށް މަސައްކަތް ކުރެއްވުމަށްވެސް ނިންމެވިއެވެ.