އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ރައްޔިތުން "ބިންވެރި" ކުރެއްވުމުގެ ސިޔާސަތުގެ ދަށުން، މާލޭގެ ރަށްވެހިންގެ ތެރެއިން ބޯހިޔާވަހިކަން ނެތް މީހުންނަށް، ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށާއި، މާލޭގައިވާ ހުސްބިންތައް އިޖްތިމާޢީ، އިޤްތިޞާދީ އަދި މުނިފޫހިފިލުވުމުގެ ބޭނުންތަކަށް ޚާއްޞަ ކުރައްވައިގެން ތަރައްޤީ ކުރެއްވުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގަވާ "ވެށިފަހިމާލެ ޕްރޮގްރާމް" މަޝްރޫޢުގެ މަސައްކަތްތައް ވިލަރެސް ކުރެއްވުމަށްޓަކައި "ވެށިފަހިމާލެ ޕްރޮގްރާމްގެ އޮފީސް" މި ނަމުގައި އޮފީހެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ. މި އޮފީސް ހިނގަމުންދާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަކި އޮފީހެއްގެ ގޮތުގައެވެ.

"ވެށިފަހިމާލެ ޕްރޮގްރާމްގެ އޮފީސް" ރައީސުލްޖުމްހޫރިއްޔާ މި އުފެއްދެވީ، ވެށިފަހިމާލެ ޕްރޮގްރާމަކީ،ވަރަށް ގިނަ ފަރާތްތަކެއްގެ ދައުރު އޮވެގެން ކުރިއަށް ގެންދެވޭނެ ޕްރޮގްރާމަކަށްވާތީއާއި، މި ޕްރޮގްރާމަކީ، ކުރިން ދެންނެވި މަޤްޞަދުތައް ޙާޞިލު ކުރެއްވުމަށް ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ޕްރޮގްރާމަކަށްވެފައި، މި ޕްރޮގްރާމްގެ މަސައްކަތްތައް، ވިލަރެސް ކުރާނެ އޮފީހެއް ހުރުމަކީ، މުހިންމު ކަމެއް ކަމުގައި ފެނިވަޑައިގަންނަވާތީއެވެ.