ސަރުކާރުގެ މުވައްޒަފުންނަށް މިހާރު އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ އެއްޗަކަށްވުރެ އަދި ހުރި ފުރުޞަތުތަކަށްވުރެ، ފަހި ފުރުޞަތުތަކެއް ހޯއްދަވައި ދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކުން ވީއްލެން ބޭނުންވާ މުވައްޒަފުންނަށް ހިންގަވާ ޚާއްޞަ ޕްރޮގްރާމެއްގެ ދަށުން އެމުވައްޒަފުންނަށް ޢިނާޔަތްތަކެއް ހަމަޖެއްސެވުމަށް މިދިޔަ ހަފްތާގައި ވަޒީރުންގެ މަޖިލީހުން ނިންމެވުމާ ގުޅިގެން، އެކަމުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަކީ، ދައުލަތަށް ލިބޭ އާމްދަނީގެ ވަކި ނިސްބަތަކަށް ދަރަޖަކުރެވޭ އަދަދެއްގެ މުވައްޒަފުންގެ ގޮތުގައި ކަންކަން ކަނޑައެޅިފައި އޮތުމަކީ، ފުރިހަމަ ގޮތުގައި ހިނގާ އިޤްތިޞާދެއް އަދި މާލީ ނިޒާމެއް ހިނގުމުގައި ކޮންމެހެން ބޭނުންތެރިކަމެކެވެ.

ދައުލަތަށް ލިބޭ އެއްޗެއްގެ ބޮޑު ބަޔަކީ، ރިކަރަންޓް ޚަރަދަށްވެއްޖެނަމަ ތަރައްޤީގެ ފުރުސަތުތައް އޮންނާނީ ވަރަށް ހަނިވެފައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެންމެ ރަނގަޅު ގޮތަކީ ދައުލަތުގެ އާމްދަނީ އެތައް ގުނައަކުން ބޮޑުކުރުން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، އެކަން ކުރުމަށް އަދިވެސް ދުވަސް ނަގާނެ ކަމަށާއި، ދައުލަތަށް ލިބޭ އާމްދަނީ، މިދިޔަ އަހަރަށްވުރެ އަދި މީގެ ތިން ހަތަރު އަހަރަށްވުރެ އެތައް ތަނަކުން އިތުރުވެއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭނުންވާ ބޮޑު ޖާގަ ފުރުމަށްޓަކައި ދައުލަތުގެ އާމްދަނީ މިހާރު މިލިބޭ އާމްދަނީއަށްވުރެ ދެގުނަ އެބަވާންޖެހޭ ކަމަށާއި، އެހިސާބަށް ދިޔުމަށްޓަކައި ސަރުކާރުގެ ރިކަރަންޓް ޚަރަދު ވަކި ހަމައެއްގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސަރުކާރުގެ މަޤްޞަދަކީ، ބޭނުމަކީ، މުވައްޒަފުންނަށް އެމީހުންގެ ދިރިއުޅުން ތަރައްޤީ ކުރެވޭނެ ގޮތްތަކެއް ހޯއްދަވައިދެއްވުމެވެ. ސަރުކާރުން ހިންގަވާ މެދު އަދި ކުދި ފަންތީގެ ވިޔަފާރީގެ ލޯނު ޕްރޮގްރާމުގައި ބައިވެރިވެ، ވިޔަފާރީގެ ރޮނގުން ކުރިއަށް ދިޔުމުގެ މަގު ފަހިކޮށްދެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރަށު ކައުންސިލްތައް އިންތިޚާބުވީފަހުން، އެކައުންސިލްތަކާ ބައްދަލުކުރެއްވުމަށް އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ކައުންސިލްތަކުގެ މަސައްކަތްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށްދާތަން މިދަތުރުފުޅުތަކުން ފެނިވަޑައިގަންނަވާ ކަމަށާއި، ވަރަށް ރަނގަޅު އެކުވެރި ރޫޙަކާއެކު، ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމުގެ ފުރިހަމަ މިސާލުތައް ދައްކަމުން ކައުންސިލްތައް ހިނގަމުންދާ މިންވަރު މާރަނގަޅު ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލައްވަމުން، މިހުޅަނގުގެ ވިއްސާރައިގައި ވީހާވެސް ބޮޑަކަށް ރަށްރަށް ފެހި ކުރެއްވުމަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ވަކިން ޚާއްޞަކޮށް އަލަށް ބިން އިތުރު ކުރި ރަށްރަށުގައި ވީހާވެސް ގިނައިން ގަސް ޖެހުމަކީ ކޮންމެހެން ބޭނުންތެރިކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.