بســم اللّـه الرّحمـن الرّحيــم

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު، މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޢަލީ ރިޒާ، ރައްޔިތުންގެ މަޖިލީހުގެ އެހެންވެސް މެންބަރުން، އަދި ވަކިން ޚާއްޞަކޮށް، މިލަންދޫގެ ރަށު ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުންނާއި، ރަށު ކައުންސިލްގެ ރައީސާއި، އަތޮޅު ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުންނާއި އަދިވެސް ސަރުކާރުގެ އިސްކޮށް ޤައުމީ އިދާރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި އަދި ހަމަ އެހެންމެ ވަކިން ޚާއްޞަކޮށް، މިރަށުގެ ލޮބުވެތި ރައްޔިތުން.

السّـلام عليـكم

އަޅުގަނޑު މިލަންދޫ ރައްޔިތުން އަރިހުގައި ދަންނަވާލަން އޮތީ، އަޅުގަނޑުގެ ޙަޔާތުގައި އަޅުގަނޑަކީ ދުވަހަކުވެސް ފަސޭހަ ކަންކަން ކުރި މީހެއް ނޫން. ދުވަހަކުވެސް އަޅުގަނޑަކަށް ކަމެއް ފަސޭހައިން ކުރުމަކަށް ދިމާވެފައެއްވެސް ނުވެސްނެތް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، އަޅުގަނޑު މިރޭ ތިޔަބޭފުޅުންގެ ކުރިމަތީގައި ހުއްޓި މިހުންނަނީ، މި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މީގެ 4 އަހަރު ކުރިއަށް ތިޔަބޭފުޅުން އަމިއްލަފުޅަށް ވިސްނަވައިލެއްވިޔަސްވެސް، ފިކުރު ހިންގަވައިލެއްވިޔަސްވެސް ތިޔަބޭފުޅުންވެސް ހީފުޅުކުރައްވާފައެއް ނޯންނާނެ، މިރޭ މިތަނުގައި އަޅުގަނޑު ތިޔަބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި ވާހަކަ ދައްކަން ހުރެދާނެ ކަމަކަށް.

ތިޔަބޭފުޅުންގެ ރަށް ތަރައްޤީނުވެދާނެ ކަމަށް، ތިޔަބޭފުޅުންނަށް ކުރިއެރުން ނުލިބިދާނެ ކަމަށް ހީވާންވީ ހަމަ އެއްވެސް ސަބަބެއް ނެތް. އަޅުގަނޑަށް މި ވެރިކަމުގައި، އަޅުގަނޑުމެންގެ ޕާޓީއާ އެކުގައި މި ސަރުކާރަށް މިރަށުގެ ތަރައްޤީ ނުހޯދޭންވީ ހަމަ އެއްވެސް ސަބަބެއް އަޅުގަނޑަކަށެއް ނުވިސްނޭ. އަޅުގަނޑުމެން ދެކި ތިބީ، އަދިވެސް އަޅުގަނޑުމެން ދެކި ތިބެނީ، އަތޮޅެއްގައި މަރްކަޒީ ރަށަކާއި، އަތޮޅު ކައުންސިލްގެ އިދާރާއަކާއި އަދި ޤައުމީ އިދާރާއެއް ހުންނަންޖެހޭނެއޭ. ލާމަރްކަޒީ ޤާނޫނު ލާޒިމް ކުރަނީ، މިދެންނެވި ތިންބާވަތުގެ ތަންތަންވެސް ހުރުމަށް. އޭގެތެރެއިން ސަރުކާރުން ދެކިތިބީ، އަދިވެސް ސަރުކާރުން ދެކެނީ، ރަށު ކައުންސިލްގެ އިދާރާއަކީ، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތަނެއްގައި ހުންނަންޖެހޭ ތަނެއް ކަމަށް. މަރްކަޒީ ރަށަކީ، 2007 ވަނަ އަހަރު ޤާނޫނުއަސާސީ ފާސްކުރެވުނުއިރުގައި ހުރި އަތޮޅުވެރިކަން ކުރާ ރަށްރަށް. ޤައުމީ އިދާރާއަކީ އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ތަނެއްގައި ހުންނަންވާ ތަނެއް. އަޅުގަނޑުމެންނަކަށެއް ނެތް، ލާމަރްކަޒީ އުޞޫލުގެ ކުރީގައި މި ރާއްޖެ ހިނގި ގޮތް އެއީ ބައްޓަން ކަމަށް ދެކިގެނެއް ކަންބޮޑުވެވޭކަށްވެސް އަދި އުފާވެވޭކަށްވެސް.

މި ރާއްޖެ ބަދަލުވަމުން މިދަނީ އަޅުގަނޑުމެން އެކަކުވެސް ނުދެކޭ ބާރު ސްޕީޑްގައި. އިއްޔެގައިވީ ކަމެއް ނޫން މިއަދުވަނީ. އިއްޔެގައި ދުށް މަންޒަރެއް ނޫން މިއަދު އަޅުގަނޑުމެންނަށް ފެންނަނީ. އަޅުގަނޑުމެންގެ ރާއްޖެ ބަދަލުވަމުންމިދާ މިންވަރުގައި، އިއްޔެވީގޮތް އެއީ، މިއަދު ވެދާނެ ގޮތް ކަމަށް ދެކިއްޖެނަމަ، އަޅުގަނޑު ދެކެނީ އެއީ، ބުއްދިވެރިކަމެއް ނޫން ކަމަށް. އަތޮޅެއް ޙަޤީޤަތުގައެއް ނެތް. އަތޮޅެއްގެ ވެރިކަމެއް ކުރާނެ ރަށެއް އެއީ، ވަރަށް ބޯދާ ވާހަކައެއް. އަތޮޅުވެރިކަމަކީ. މުޅި މި ޕާޓީއާއި މުޅި އަޅުގަނޑުމެންގެ ފަލްސަފާ ހުއްޓި އޮތީ، އަތޮޅުވެރިކަން ނެތިދިޔުމަށް. އަތޮޅުވެރިކަމަކީ ޙަޤީޤަތުގައި މާލޭގައި ތިއްބެވި ވެރިން އަތޮޅުތައް، ރަށްރަށް، އެބޭފުޅުންގެ ބާރުގެ ދަށަށް ފުރިހަމައަށް ގެނައުމަށްޓަކައި އެކުލަވައިލާފައި އޮތް އިދާރީ އޮނިގަނޑެއް. އަތޮޅެއްގައެއް ބިމެއް ނޯންނާނެ. ރަށެއްގައި އޮންނާނީ ބިން. އަތޮޅު ކައުންސިލްގެ ބިމެއް ނޯންނާނެ. އަތޮޅު ކައުންސިލަކީ އަތްލެވޭ އެއްޗެއް ނޫން ޙަޤީޤަތުގައި. ރަށު ކައުންސިލަކީ ސީދާ ތަނެއް. އެއީ ފަސްގަނޑެއް. އަޅުގަނޑުމެންގެ މާޒީގެ ފަލްސަފާ ބިނާކުރަމުން އައީ، މުހިންމީ އަތޮޅުތޯ، ރަށްތޯ، ޤައުމީ އިދާރާތޯ، މަރްކަޒީ ރަށްތޯ، އަތޮޅު ކައުންސިލްގެ އިދާރާތޯ. މިނުކުތާތަކުގެ މައްޗަކަށެއް ނޫން. އަޅުގަނޑުމެންގެ ވިސްނުން ހުރީ ރަށްރަށޭ އަޅުގަނޑުމެން ތަރައްޤީ ކުރާންޖެހޭނީ. އަތޮޅު އަތޮޅެއް ނޫނޭ. އަދި ހަމަ އެހެނެއް ނޫން އެކަނި، އަޅުގަނޑުމެން ދެކި މިތިބެނީ، ތަރައްޤީވާން ޖެހެނީ މީހާއޭ. ތަރައްޤީވާން ޖެހެނީ މިރަށުގެ، މިލަންދޫ މީހާއޭ. ތަރައްޤީއަކީ މީހަކަށްވާ ކަމެކޭ. އޭނާ ބަދަލުވުމޭ. އޭނާގެ ތަނަވަސްކަން އިތުރުވުމޭ. އޭނާގެ ޙަޔާތަށް އާ އުޖާލާކަމެއް ލިބުމޭ. އޭނާއަށް ރިވެތި ގޮތުގައި ދިރިއުޅެވޭގޮތްވުމޭ. އެ ތަރައްޤީއަށްޓަކައި ބޭނުންވާނީ މީހާ ތަރައްޤީވުން. ރަށުގެ ތަރައްޤީ ހޯދަން މިޖެހެނީ. ރަށުގެ ތަރައްޤީ ހޯދުމަށްޓަކައި ނުވަތަ އެ ތަރައްޤީ ރަށަށް ގެނެސްދިނުމަށްޓަކައި ރާވާ އިދާރީ ރޭވުންތައް ހުރޭ. ވެރިކަމުގެ ބާރު، އެކިގޮތްގޮތަށް ފޯރުކޮށްދިނުން. އަތޮޅުވެރިކަމަކީ ލާމަރްކަޒީ އުޞޫލުގައި، ވެރިކަމުގެ ބާރު ފޯރުކޮށްދެވޭނެ އިންތިޒާމެއް ނޫން.

ތިޔަބޭފުޅުން ލާމަރްކަޒީ އުޞޫލުން ކަންކަން ހިނގާން ފެށީމާ އަދި ހިނގައި ކުރިއަށްދާން ފެށީމާ، ޤައުމީ އިދާރާއަށް ސީދާ ރަށްރަށާ މުޢާމަލާތް ކުރުމަށް ޤާނޫނު ވަރަށް ފަހިކޮށް ފުރްޞަތުދީފައި އޮތްއިރު، އަތޮޅު ކައުންސިލެއްގެ މުހިންމުކަން އަބަދުވެސް ލާމަރްކަޒީ އުޞޫލުގައި ގެއްލިދޭ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން މި ރާއްޖެ 7 ސަރަޙައްދަކަށް ބަހާލައި، 7 ސަރަޙައްދެއްގައި ސަރުކާރުގެ ހުރިހާ ވުޒާރާތަކެއް އިންތިޒާމް ކޮށްގެން ރަށްރަށަށް ޚިދްމަތް ދިނުމަށް ވިސްނީ، މިދެންނެވި ޙަޤީޤަތުގެ މައްޗަށް އަޅުގަނޑުމެން ތެދުވެ ތިބެގެން. އަޅުގަނޑުމެން މި ރާއްޖޭގެ ވެރިކަން ކުރުމާއި، އިދާރީ ހިންގުމުގެ ވިސްނުން މިގެންނަނީކީއެއް އަޅުގަނޑުމެންނަށް މި ރާއްޖެ ނޭނގިއެއް ނޫން. ރާއްޖޭގެ ޙަޤީޤަތްތައްވެސް، ރާއްޖޭގެ ތާރީޚުވެސް، ރާއްޖޭގެ ރަށްތައްވެސް، ކަނޑުކޮޅުވެސް، ރާއްޖޭގެ އެންމެހާ ރުއްގަސްވެސް އަޅުގަނޑުމެންނަށް ނޭނގިއެއް ނޫން. އަޅުގަނޑުމެންގެ ހިތްތަކުގައި ދެން ވެދާނެ ގޮތުގެ ތަޞައްވުރެއްވެސް އަބަދުވެސް އޮވޭ. އަޅުގަނޑު ނުދެކޭ، އަދި ނުވާނެ ކަމަށް ދުށް އިތުރު މަންޒަރެއް އަދިއެއް އިރާދަކުރެއްވިއްޔަކާއެއް ނުފެނޭ. ޙަޤީޤަތުގައި ކަންކަން ވަމުން މިދަނީ އަޅުގަނޑުމެން އުންމީދުކުރި ވަރަށްވުރެ މާ ރަނގަޅަށް، މާ ފުރިހަމައަށް. އެއްވެސް މީހަކު ނުދެކޭ، 30 އަހަރުގެ ދިގު ވެރިކަމަށްފަހު، ދެން އުފެދޭ ޑިމޮކްރެޓިކް ވެރިކަމަކީ، ތިން ހަތަރު މަހަކަށްވުރެ ގިނަ ދުވަހު ސަރުކާރު ހިންގުމުގައި، ވާރުގައި ތިބެވިދާނެ ބައެއް ކަމަކަށް. ދުނިޔެއަށް މި ވިސްނުމަށް އަޅުގަނޑުމެންގެ ރައްޔިތުން އަބަދުވެސް މި ގޮންޖަހަނީ. އަޅުގަނޑުމެންގެ ރައްޔިތުންގެ ވެރިކަން މިއަދު މިވަނީ ވަރަށް ރަނގަޅަށް ހަމަޖެހުމަކަށް ގެނެވިފައި. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަންކަން އެއީ ސަރުކާރުގެ ވިސްނުމާ އެއްގޮތަށް ފާސްވެގެންދާ ކަންކަން ކަމުގައި ދުވަހެއް ދުވަހަކަށް މިހާރު މިދަނީ ފެންނަމުން. ރަށްތައް ތަރައްޤީ ކުރުމުގައި، ރަށްރަށާ ސީދާ ގޮތުގައި ސަރުކާރަށް އަޅާލެވޭނެ ފުރްޞަތު، ލާމަރްކަޒީ އުޞޫލުން މިވަނީ ވަރަށް ރަނގަޅަށް ލިބިފައި.

މިލަންދޫ ތަރައްޤީވާނެ. އެކަމަކާއެއް އަޅުގަނޑު ޝައްކެއް ނުކުރަން. އަޅުގަނޑުމެންގެ ޕްރޮގްރާމްތައް މިރަށުގައި އަޅުގަނޑުމެން ފުރިހަމައަށް ހިންގާނެ. ރަށު ކައުންސިލްގެ އިދާރާ ބަހައްޓާނެ ތަނަކާއި ނުވަތަ ރަށު ކައުންސިލް ބައްދަލުވާނީ ކޮން ތަނެއްގައިތޯ، އަތޮޅު ކައުންސިލް ބައްދަލުވާނީ ކޮން ތަނެއްގައިތޯ، އެ މަޥްޟޫޢުގައި ޝަރްޢީ ނިޒާމުގެ ތެރެއިން ފުނަދޫ ކޯޓުން ނިންމާ ނިންމުން ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހުން ވަކާލާތު ކުރަމުން އެބަގެންދޭ. އަދި އެއަށްފަހު، ދައުލަތަށް އެނިންމި ނިންމުން އެއީ، ހިތްހަމަނުޖެހޭ ނިންމުމެއް ކަމުގައިވަނީނަމަ، އިސްތިއުނާފަށް ހުށަހެޅޭނެ. ހައިކޯޓަށްވެސް ހުށަހެޅޭނެ. އަދި ސުޕްރީމް ކޯޓަށްވެސް ހުށަހެޅޭނެ. މި އެންމެހާ ކޯޓުތަކުން ސަރުކާރުން ސާފުކުރަން، އޮޅުންފިލުވާން މި ބޭނުންވަނީ، ލާމަރްކަޒީ ޤާނޫނާއި، ޤާނޫނުއަސާސީގައި ލާމަރްކަޒީ އުޞޫލުން ރާއްޖޭގެ ރަށްތަކާއި، ސަރަޙައްދުތައް ހިންގުމުގައި ކަނޑައަޅާފައި މިއޮތް އުޞޫލުތައް، ކަނޑައަޅާފައި މިއޮތް މިންގަނޑުތައް ތަންފީޛުވެގެންދާއިރުގައި، އެކިއެކި ފަރާތްތަކުގެ ބާރުވެރިކަން ހުންނަންޖެހެނީ ކޮން ގޮތަކަށްތޯ އަޅުގަނޑުމެންނަށް އެނގުން. އެއީ ޝަރީޢަތުގެ ޙުކުމަކީ މި ޤާނޫނަށްޓަކައި، މި ނިޒާމަށްޓަކައި އަދި މިކަން ހިންގުމަށްޓަކައި ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑަށް ޔަޤީން، ފުނަދޫ މެޖިސްޓްރޭޓަކީވެސް ޤާނޫނީ ދައުލަތަކާއި އަދި ޤާނޫނީ ހެޔޮގޮތް ފުރިހަމައަށް ދެނެވަޑައިގަންނަވާނެ ބޭފުޅެއް. އެބޭފުޅާގެ ވިސްނުންފުޅުގެ މަތިންނެއް ނޫން އަދި އަމިއްލަ އިޙްސާސްތަކުގެ މައްޗަކަށް ބުރަވެހުރެ އެއްވެސް ފަނޑިޔާރަކު ކަމެއް ނިންމާފާނެ ކަމަކަށް އަޅުގަނޑެއް ނުދެކޭނަން. އަޅުގަނޑު ދެކޭނީ، ފަނޑިޔާރުންނަކީ އިންޞާފް ޤާއިމްކުރާނެ ބައެއް ކަމަށް. އަދި ޝަރްޢީ ނިޒާމް، މިދެންނެވި މަގަށް އެތުރިފައިވަނީ، މިދެންނެވި ސަބަބަށްޓަކައި.

އަޅުގަނޑުމެންނަށް މިމަސައްކަތުގައި ނާކާމިޔާބީއެއް ދިމާވި ކަމަކަށް އަޅުގަނޑެއް ނުދެކެން. އަޅުގަނޑު އުންމީދު ކުރަން، މިލަންދޫ ރައްޔިތުންނަކީވެސް ދެތިން ހަތަރު ކުޅި ކުރިއަށް ކުޅެވޭނެ ބައެއް ކަމަށް. އަޅުގަނޑަށް އެނގޭ. އެހެން ނޫންނަމަ، އަޅުގަނޑެއް އިރުއިރުކޮޅާ މިރަށަށް އަންނަހިތެއް ނުވާނެ. ތިޔަބޭފުޅުންނަށް ލިބިލައްވާފައިމިވާ މެންބަރަކީ، އަޅުގަނޑު ދަންނަވާނީ، ތިޔަބޭފުޅުންނަށްޓަކައި ނުހަނު ގިނަ މަސައްކަތްތަކެއް ކުރައްވާ މެންބަރެކޭ. އަޅުގަނޑު ގާތުގައި ހަފްތާއެއް ނުދާނެ، ދެތިންފަހަރަށް ތިޔަބޭފުޅުންނާ ގުޅޭ ހުރިހާ ވާހަކައެއް އަޅުގަނޑަށް ތަފްޞީލު ނުކޮށްދެއްވާ. އަދި އެހެންވީމާ، އަބަދުވެސް އަޅުގަނޑުމެންގެ މިޞްރާބު، އަޅުގަނޑުމެންގެ މީޒާން، މިރަށަށް ހުއްޓިފައި ހުންނާނެ. އަތޮޅު ކައުންސިލްގެ އިދާރާ ހުންނަ ރަށަށް ހުއްޓިފައި އޮންނާނީ އަތޮޅު ކައުންސިލް. މިރަށަށް ހުއްޓިފައި އޮންނާނީ އަޅުގަނޑު. ދެން އަޅުގަނޑުމެންނަށް އޭގެ ތެރެއިން ރައްޔިތުންނަށް ބޮޑު ފައިދާއެއްވާނީ، ކޮން ބައެއްގެ ނަޒަރިއްޔާތު މިރަށަށް ލިބުނީމާތޯ، އަޅުގަނޑު ދޫކޮށްލާނަން، ތިޔަބޭފުޅުން ނިންމަން. އަޅުގަނޑުމެންނަށް ތިޔަބޭފުޅުންނަށް، މިރަށަށް، މިރަށުގެ ތަރައްޤީއަށް ރާވާފައިމިވާ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ފަހަތަކަށް ނުޖެހޭނަން. އިރާދަކުރެއްވިއްޔާ، މާދަމާ އަޅުގަނޑު ރަށު ކައުންސިލާ ބައްދަލުކޮށް، މިރަށުގެ ތަރައްޤީއަށްޓަކައި މިހާރު ރޭވިފައިވާ ހުރިހާ ޕްރޮގްރާމްތަކާއި އަދި އެކަންކަން މިހާރު ގޮސްފައިވާ ހިސާބާއި، ދެން ކަންކަން ކުރިއަށްދާން އޮތް ގޮތް، ރަށު ކައުންސިލާ އެކީގައި އަޅުގަނޑުމެން މަޝްވަރާ ކުރާނަން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ބަނދަރުގެ މަސައްކަތް މިހާރު އެ ނިމެނީ. ބަނދަރުގެ މަސައްކަތް ނިމުމާއެކުގައި، ބަނދަރުމަތީގެ މަސައްކަތް، ބަނދަރުމަތީ ޕްރޮގްރާމް އިރާދަކުރެއްވިއްޔާ ފަށައިގަނެވޭނެ. އެމަޢްލޫމާތު އަޅުގަނޑުމެން ރަށު ކައުންސިލާއެކީގައި ޙިއްޞާ ކުރާނަން. އަދި މިރަށުގެ ސްކޫލްގެ ހޯލް ޢިމާރާތް ކުރުމުގެ މަސައްކަތުގައި، ހޯލްގެ ބޮޑުކުރަންޖެހޭ އަދި ސްކޫލުން އެދޭ ބޮޑުކުރަންޖެހޭ މިންވަރު ބޮޑުކޮށްދިނުމުގެ ކުރެހުންތައްވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ރަށު ކައުންސިލާއެކީގައި މާދަމާ ޙިއްޞާ ކުރާނަން. މިރަށުގެ ނަރުދަމާގެ މަސައްކަތް، ސަރުކާރުން ގެންދިޔުމަށް ފިކުރު ކޮށްފައި އޮތްގޮތާއި، ސަރުކާރުން މިހާރު ދެކޭގޮތުގައި، އޭގެ މަސައްކަތް ފަށައިގަނެވޭނެ ކަމަށް ލަފާކުރެވޭ ދުވަސްތަކެއްގެ ވާހަކައާ ގުޅޭގޮތުންވެސް އަޅުގަނޑުމެން ރަށު ކައުންސިލާ އެކުގައި ޙިއްޞާ ކުރާނަން. ހަމައެހެންމެ، މިރަށުގައި އެއްކިލޯ މީޓަރުގެ މަގު ހެދުމުގެ ކުރެހުންތައް މިހާރު މިވަނީ ނިމިފައި. އަޅުގަނޑު މާދަމާ އެ މަގާއި އަދި އެ ކުރެހުންތަކާ ގުޅޭގޮތުންވެސް ރަށު ކައުންސިލާ އެކުގައި ޙިއްޞާ ކުރާނަން.

މިރަށުގައި އަތޮޅު އޮފީހެއް އެޅުމަށް ތިޔަބޭފުޅުން ފަހަރެއްގައި ވިސްނެވިކަންނޭނގެ. އަޅުގަނޑެއް ނުވިސްނަން. އަޅުގަނޑު ވިސްނީ، މަލްޓި ޕަރޕަސް ބިލްޑިންގއެއް މިރަށުގައި އަޅަން. އަޅުގަނޑު ދުވަހަކުވެސް ތަނެއްގައި އަތޮޅު އޮފީހެއް އަޅާ ވާހަކައެއް ނުދައްކާނަން. ނުދައްކާނަން ހަމަ. ވާރު ނެގުމާއި، ވާރު ނަގާ އޮފީސް ހެދުމާއި އަދި އެތަނުގެ އަށިގެ އެޅުމާ، އެއީ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޫން. ވާރުގޭގައި އަށިގެއެއް ބަހައްޓައިގެން، އެ އަށިގޭގައި އަނދަގޮނޑިއެއް ބަހައްޓައިގެން، ވެރިކަން ކުރުން އެއީކީއެއް އަޅުގަނޑުމެން ދަންނަ އުޞޫލެއް ނޫން. މިތަނުގައި އަޅާ މަލްޓި ޕަރޕަސް ބިލްޑިންގއަކީ އަދި އެހެން ތަންތަނުގައިވެސް ބައެއްފަހަރަށް އެބަ އެ ޢިމާރާތް ކުރެވޭ، އިތުރު ގޮތްގޮތަށް، އިތުރު ބޭނުންތަކަށް. މިރަށުގެ ރަށު ކައުންސިލްގެ މަސައްކަތްތައް ހިންގުމާއި އަދި އެހެންވެސް އިތުރު މަސައްކަތްތައް ބައިވަރު ރަށުގެ ތަރައްޤީއަށް ހިންގުމަށް ބޭނުންވާ އެ ޢިމާރާތް، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން ސަރުކާރުން ޓެންޑަރ ކުރާނެ. ޓެންޑަރކޮށް އޭގެ މަސައްކަތް ފަށައިގަނެވޭނެ. އެ މަސައްކަތުގެ ތެރޭގައި އަޅުގަނޑު ރަށު ކައުންސިލާ އެކުގައި ޙިއްޞާ ކުރާނަން. އަޅުގަނޑަށް ފެންނަ ގޮތުގައި، މިދެންނެވި ޢިމާރާތުގައި ހިމެނޭ ގޮތަށް ގެސްޓްހައުސްއެއް ނުވަތަ ކުއްޔަށްދޭ ކޮޓަރި. އެބާވަތުގެ ކަމެއް ބެހެއްޓުމަކީ ބުއްދިވެރި ކަމަކަށްވާނެ. އަދި ރަށު ކައުންސިލަށް އެއިން ފައިސާއާއި އާމްދަނީވެސް ލިބޭ ކަމަކަށް ވެގެންދާނެ. އަޅުގަނޑު ރަށު ކައުންސިލާ އެކީގައި މިދެންނެވި ވިސްނުން ޙިއްޞާ ކުރާނަން. އެހެން ނަމަވެސް، ރަށު ކައުންސިލް، ކަންކަމުގައި ގޮތްގޮތް ނިންމައި، ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަން ކުރިއަށް ގެންދިޔުމުގެ ޕްލޭންތައް ސަރުކާރަށް ހުށަހަޅަމުން ގެންދާނީ. އަޅުގަނޑުމެންނަށް، އަޅުގަނޑަށް ފެންނަ ފެނުމުގައި، އަޅުގަނޑަކަށެއް އަދިއެއް ކަންބޮޑުވާވަރުގެ ކަމަކާ ދިމައެއްނުވޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑު ވަރަށް ދެރަވެސްވޭ، އަޅުގަނޑު ކަންބޮޑުވެސްވޭ މިކަމާ. އެއީ، ރިޒާ އެދިޔަ ދެތިން ހަތަރު ދުވަހު ދެރަވެފައި އިންވަރުން. އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑު ވަރަށް ބޮޑަށް އެއީ، އަޅުގަނޑު ދުށިން. އަޅުގަނޑުމެން އެންމެންނަށްވެސް އެ 7 ދުވަސް ފެންނާނެ. މާރިއަށްވެސް ފެނިވަޑައިގަންނަވާނެ. މޫސައަށްވެސް ފެނިވަޑައިގަންނަވާނެ. ރިޒާ އެ 7 ދުވަހު ރަށުން އެނބުރި މާލެ ދުރުވެ އެއިރުގައި އެ އުޅުއްވި ގޮތް، މާޔޫސްވެ. އަޅުގަނޑުމެން ހަމަ ހީކުރީ ކައިވެނީގެ ވަރަށްބޮޑު މައްސަލައެއް ޖެހުނީކަމަށް. ދެން އަޅުގަނޑުމެން ބެލިންވެސްމެ. ދެން އެއަކުންނެއް މާބޮޑަކަށް ސާފެއްނުވި. ދެން އަޅުގަނޑަށް ހަމަ ވީއެންމެ އަވަހަކަށް، އަޅުގަނޑު ހިތުލާހުރީ، އަޅުގަނޑު ތިޔަބޭފުޅުންނާ ބައްދަލުކޮށް، އަޅުގަނޑުވެސް އެބަހުރީމޭ. އަޅުގަނޑުމެންނެއް ނޫޅެމޭ ދާކަށް. އަޅުގަނޑު އެބަހުރިން ތިޔަބޭފުޅުންނާ އެކީގައި. އަޅުގަނޑުމެންނަށް ވަކި ނުވާނެ ކަމެއް، ދެން އެހެން ބަޔަކު، އެހެން ތަނެއްގައި ކޮށްފާނެ ކަމަކަށް އަޅުގަނޑެއް ޙަޤީޤަތުގައި ހަމަ ނުދެކެން.

އަޅުގަނޑުމެން، އަޅުގަނޑު މިދަންނަވާހެން ކަންކަން ކޮށްފައި މިވަނީ އުނދަގުލުން. އަދި ނާދިރު ކަންކަން. ބަޔަކު މީހުން އެއްގޮތަކަށްވެސް ވެދާނެ ކަމަށް ނުދެކޭ ކަންކަން. ތިބާވަތުގެ ކަންކަމުގައި އުޅުމަކީ ހަމަ މުޅިން ބުއްދި ގޯސް ކަންކަން ކަމުގައި ޢާންމު ވިސްނުން ހުރި ކަންކަން. އެއީ ރާއްޖޭގެ ވެރިކަން. އަޅުގަނޑުމެންނަށް މިދެންނެވި ކަންވެސް ކުރެވޭގޮތަށް މަގުފަހިވެއްޖެ. އެހެންވީމާ، އަޅުގަނޑު ދެން ހަމަ ހިތަށްއަރަނީ، މިލަންދޫގެ ހުރި ބައެއް ކަންކަން ކޮށްލުމުގައި އެއީ، ދެން މާބޮޑު ކަމަކަށް ހަދައިގެން އަޅުގަނޑުމެން އުޅޭނެ ކަމެއްނެތޭ. އެއަށްވުރެ އަޅުގަނޑުމެންނަށް މާބޮޑަށް ކާމިޔާބު ކުރެވެން ޖެހޭނެއޭ.

އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑަށްފަހު މިކަމުގައި އަދި އެހެންވެސް ބައެއް ސިޔާސީ ކަންކަމާ ގުޅޭގޮތުން ތިޔަބޭފުޅުންނާ ވާހަކަ ދައްކަވައި ދިނުމަށް މިރޭ އެބަތިއްބެވި އަޅުގަނޑުމެންގެ ޕާޓީގެ ހަމަ ފްރޮންޓް ލައިން. ފުރަތަމަ ރޮނގުގައި ތިއްބެވި ހުރިހާ ބޭފުޅުން. މޫސަ އެބަހުންނެވި. އަޙްމަދު އެބަހުންނެވި. ޢީސަ އެބައިންނެވި. މާރި އެބައިންނެވި. އެބޭފުޅުން، ތިޔަބޭފުޅުންނާ އަޅުގަނޑަށް ޔަޤީން އަދި އަޅުގަނޑަށްވުރެ މާ ފުރިހަމައަށް ބައެއް ސިޔާސީ މަސްރަޙުގެ ވާހަކަތައް ތިޔަބޭފުޅުންނާއެކީގައި ޙިއްޞާ ކުރާނެ.

އަޅުގަނޑު ނިންމާލަމުންވެސް ދަންނަވާލަން ބޭނުމީ، އަޅުގަނޑުމެން ވެރިކަމުގައި މިތިބެނީ އެންމެ ބޭނުމަކަށްޓަކައޭ. މިކަމުގެ ޤަދަރާއި ޢިއްޒަތަށްޓަކައެއް ނޫން. މީގެ އަރާމަކަށްޓަކައެއްވެސް ނޫން. ލައްޒަތަށްޓަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ހަމައެކަނި ބޭނުމަކީ، ރައްޔިތުންނަށް ޚިދްމަތްކޮށްދިނުން. އަޅުގަނޑުމެން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމަށް. އެކަން ކުރުމުގައި، މި ޕާޓީއާއި މި ސަރުކާރު އަވަދިނެތި އުޅޭނެ ކަމުގެ ފުރިހަމަ ޔަޤީންކަމާއި އިތުބާރު، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާފާގަތި މާދަމައެއް ލިބުން. އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.

والحَمْـدُ لِلّـهِ. والســّلام عليــكم.
_______________________