ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުން ގެންދާ ކުށްތައް ހުއްޓުވުމަށް، ޤައުމީ ފެންވަރުގައި ޙަރަކާތްތަކެއް ހިންގުމުގެ ކަންތައް ވިލަރެސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފެއްދެވި ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން އިތުރު ބައެއް އެހެން މުއައްސަސާތަކާއި ބޯޑުތަކާ މިއަދު ބައްދަލުކުރައްވައި، ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ. އެ ކޮމިޓީން މިއަދު ބައްދަލުކުރެއްވީ، ކްލެމެންސީ ބޯޑާއި، ޕެރޯލް ބޯޑާއި، ޑްރަގް ޓްރީޓްމެންޓް ކޮމިޓީއާއި، ޑިޕާޓްމަންޓް އޮފް ޑްރަގް ޕްރިވެންޝަން އެންޑް ރިހެބިލިޓޭޝަން ސަރވިސަސްއާއެވެ.

އިސްކަންދަރުކޮށީގައި އޮތް މި ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމެޓީގެ ޗެއަރޕާރސަން އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، މާރާމާރީއާއި މީހުން މެރުމާއި، ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ކުރެވޭ މަސައްކަތުގައި، މި މުއައްސަސާތަކާއި ބޯޑުތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ. އަދި މި ބައްދަލުކުރެއްވުމުގެ މަޤްޞަދަކީ، ކުށް ސާބިތުވެގެން މީހެއްގެ މައްޗަށް ކޮށްފައިވާ ޙުކުމެއްގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޛުވެ ނިމުމުން، އެމީހެއްގެ އުޅުމަށާއި އަޚްލާޤު، އެބޯޑަކުން ނުވަތަ ކޮމިޓީއަކުން ބައްލަވާ މިންގަނޑަކުން ބެއްލެވުމަށްފަހު، މުޖުތަމަޢުގެ ރައްކާތެރިކަން ނުގެއްލޭނެގޮތެއްގެ މަތިން އަލުން އަނބުރާ މުޖުތަމަޢަށް ނުކުމެގެންދަނީ، މި މުއައްސަސާތަކާއި ބޯޑްތަކުގެ ތެރެއިން ކަމަށްވާތީ ކަމުގައި އަމީން ފައިޞަލް ވިދާޅުވިއެވެ.

ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން މިހާތަނަށް ބައްދަލުކުރެއްވި ފަރާތްތަކުންވެސް މި މަސައްކަތަށް ވަރަށް ފުރިހަމަ އެއްބާރުލެއްވުމެއް ދެއްވާފައިވާކަން އަމީން ފައިޞަލް ފާހަގަކުރެއްވިއެވެ. އަދި އެ ކޮމިޓީން އެދިވަޑައިގަންނަވާ ކަންތައްތައް، މިހިނދުން މިހިނދަށް ކޮށްދެއްވުމުގައިވެސް ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން އެފަރާތްތަކުން ދެއްވާފައިވާ ކަމުގައިވެސް އަމީން ފައިޞަލް ވިދާޅުވިއެވެ.

ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން މިއަދު ބައްދަލުކުރެއްވި މުއައްސަސާތަކާއި ބޯޑުތަކުގެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ޕްރިވެންޝަން ކޮމިޓީން ކުރައްވަމުން މިގެންދަވާ މަސައްކަތްތަކަކީ، ކޮންމެހެން ކުރައްވަންޖެހޭ މުހިންމު މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ. އަދި އެ މުއައްސަސާތަކާއި ބޯޑުތަކުގެ އެހީތެރިކަމާއި އެއްބާރުލެއްވުން ޕްރިވެންޝަން ކޮމިޓީއަށް ދެއްވާނެކަމުގައިވެސް އެބޭފުޅުން ވިދާޅުވިއެވެ. ހަމައެއާއެކު، ކުރިއަށް އޮތްތަނުގައި ބޯޑުތަކުގެ ބެއްލެވުމުގެ ދަށުން މުޖުތަމަޢަށް ދޫކުރައްވާ މީހަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެއްވެސް ކްރިމިނަލް ރެކޯޑެއް އޮތްމީހެއްތޯ ބައްލަވާފައި ނޫނީ ދޫނުކުރެއްވުމަށްވެސް ނިންމެވިއެވެ.

ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީން، މާދަމާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ، ހިއުމަން ރައިޓްސް ކޮމިޝަނާއި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނާއެވެ.