ވަކި ކެންޑިޑޭޓަކު އިންތިޚާބު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ނާޖާއިޒު ގޮތުގައި ނުފޫޒު ބޭނުން ނުކުރައްވާނެ ކަމުގައި ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވެއްޖެއެވެ. ބައެއް ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަމުން، ޒުހައިރު ވިދާޅުވީ، އެމް.ޑީ.ޕީ.ގެ ރައީސްކަމާއި ނައިބު ރައީސް ކަމަށް އަދި ދާއިރާތަކުގެ އިސް މަގާމުތަކަށް ކުރިމަތިލައްވާފައިވާ އެންމެހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރު ދެއްވައި މަރްޙަބާ ދަންނަވާ ކަމަށާއި، މި އިންތިޚާބުގެ ފަހުގެ ނިންމުންތައް ނިންމަވާނީ، މެންބަރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމުގެ ޙައްޤަކީ، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ފަރުދީ ޙައްޤެއް ކަމަށް ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.

އިސްމަގާމުތަކަކަށް އެމް.ޑީ.ޕީ.އިން މިބާއްވާ އިންތިޚާބަކީ، ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކުން ޝައުޤުވެރިކަމާއެކު ނަމޫނާއެއް ކަމަށް ދެކެވަޑައިގަންނަވާނެ އިންތިޚާބަކަށް ހައްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށްވެސް ޕްރެސް ސެކްރެޓަރީ ވިދާޅުވިއެވެ.