ތޫނު ހަތިޔާރު ބޭނުންކޮށްގެން މާލެއާއި އަތޮޅުތަކުގައި ހިންގާ މާރާމާރީއާއި، މީހުން މެރުމާއި ތަފާތު ގޭންގުތައް ހަދައިގެން މުޖުތަމަޢުގެ ތެރޭގައި ހިންގަމުންގެންދާ ކުށްތައް ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ޙަރަކާތްތަކެއް ހިންގުމުގެ ކަންތައް ވިލަރެސް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އުފެއްދެވި ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ފަރާތުން ރައްޔިތުން މަޖިލީހުގެ މެންބަރުންނާ މިއަދު ބައްދަލުކޮށް ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވުނު މިބައްދަލުވުން ފަށްޓަވައި ދެއްވުމުގެ ގޮތުން ނޭޝަނަލް ކްރައިމް ޕްރިވެންޝަން ކޮމިޓީގެ ޗެއަރޕާރސަން އަމީން ފައިޞަލް ދެއްކެވި ވާހަކަފުޅުގައި، މިބައްދަލުވުން އިންތިޒާމުކޮށްދެއްވި ކަމަށްޓަކައި ރިޔާސަތަށާއި ޙާޒިރުވެ ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުށްތައް މަދުކުރެއްވުމަށް، ރައްޔިތުންގެ މަޖިލީހުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރެއްވިއެވެ. ސަރުކާރުގެ މުހިންމު ހުރިހާ އިދާރާތަކަކާ ކްރައިމް ޕްރިވެންޝަން ކޮމިޓީން ބައްދަލުކުރައްވައި ކަމާބެހޭ މަޝްވަރާތައް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް އަމީން ފައިޞަލް ވިދާޅުވިއެވެ.

މަޖިލީހުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ، މިފަދަ ކޮމެޓީއެއް އުފެއްދެވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖެއަކީ، އަމާންތަނަކަށް ހެއްދެވުމަށް ކުރައްވަންޖެހޭ ހުރިހާ ކަމެއް ކުރެއްވުމަށް ތައްޔާރަށް ތިއްބެވި ކަމުގައި މެންބަރުން ވިދާޅުވިއެވެ.

މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ހެއްކާބެހޭ ބިލާއި، ޖިނާއީ އިޖުރާތުގެ ބިލާއި، ޤާނޫނުލް އުޤޫބާތުފަދަ ބިލްތަކަކީ، ފަންނީ ބިލްތަކަކަށްވުމުން އަވަހަށް ނިންމާލުމުގެ ބަދަލުގައި، ހެއްކާއި ބެހޭ ބިލާ، ޖިނާއީ އިޖުރާތުގެ ބިލުން ބޭނުންވާ ޚާއްޞަ ކަންތައްތައް ހިމަނައިގެން، މިހާރުން މިހާރަށް ފުލުހުންގެ މަސައްކަތަށް ފަސޭހަވާނެ ގޮތަކަށް ޑްރާފްޓް ކުރެވިފައިވާ ލެޖިސްލޭޝަނަކާއި، ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކާއި، ފުލުހުންނަށް މިކަންތައްކޮށް ނިންމޭނެ ވަގުތުގެ ތާވަލެއް ތައްޔާރުކޮށް، ވީއެންމެ އަވަހަކަށް މަޖިލީހަށް ފޮނުއްވައި ދެއްވުމުން، ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެއްވުމަށްފަހު އެކަން ކުރެވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވާނެކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ވިދާޅުވިއެވެ.

މިބައްދަލުވުން ނިންމަވާލެއްވުމުގެ ގޮތުން އަމީން ފައިޞަލް ވިދާޅުވީ، މުޅިޤައުމު އެކައްޗެއް ކިޔައިގެން މަސައްކަތް ކުރެވިއްޖެނަމަ ނުކުންނަ ނަތީޖާ ތަފާތުވާނެ ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން މެންބަރުންނަށް ދެއްވިއެވެ.